ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ދިވެހީންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަން ފެށި އެއް ބަހަކީ ސްޓްރެސްއޭ ބުނުމަކުން ދޮގަކަށް ވާނޭހެއްޔެވެ؟ ސްޓްރެސްއޭ މީހުން ކިޔައި އުޅެނީ ދިރިއުޅުމުގައި ދިމާވާ ފިކުރުބޮޑުވުންތަކާއި، ނަފުސާނީ އުނދަގޫތަކަށެވެ. އެންމެ ފުރަތަމަ މި ބަސް ބޭނުންކުރަން ފެށިއިރު އެއީ މާ ބޮޑު އަހައްމިއްޔަތު ކަމެއް ދޭން ޖެހޭ ކަމެއް ކަމަކަށް މީހުންނަކަށް ނުދެކެވެއެވެ. ނަމަވެސް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި މީހުން ސްޓްރެސްއާ މެދު ދެކޭ ގޮތް ބަދަލު ވެއްޖެއެވެ. ސަބަބަކީ އޭގެ ސަބަބުން ލިބެނީ ނަފުސާނީ ގެއްލުން އެކަންޏެއް ނޫންކަން މީހުންނަށް ގަބޫލުކުރެވެން ފަށައިފިއެވެ.
މިއަދުގެ މުޖުތަމައުގައި މީހުންނަށް ދިމާވާ ހުރިހާ ޖިސްމާނީ ބަލިތަކާ ހާލަތެއްގެ މުގުލުގައިވަނީ ސްޓްރެސްއެވެ. ހިތުގެ މައްސަލައެއްގައި ޑޮކްޓަރަށް ދެއްކިޔަސް ލަފާދޭނީ ފިކުރުބޮޑުވާ ކަންކަމާ ދުރަށް ދިއުމަށެވެ. ލޭމައްޗަށް ދިޔަޔަސް ހަމަ އެއްވާހަކައެކެވެ. ބަލިވެ އިނުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ވެސް ދެނީ ހަމަ އެއްލަފައެކެވެ. އެހެން ކަމުން ސްޓްރެސްއަށް މީހުންގެ ސަމާލުކަން ހުއްޓިފައިވަނީ ކީއްވެގެންކަން ސާފުކޮށް އެނގެއެވެ.
ގިނަ މީހުންނަށް ވިސްނިފައިވަނީ ސްޓްރެސްއަކީ ދުރުހެލިވާން ޖެހޭ ކަމެއް ކަމުގައެވެ. ނަމަވެސް މި ވިސްނުން ގެންގުޅެގެން ލިބޭ ހައްލަކަށް ވުރެން ބޮޑީ ގެއްލުމެވެ. މީހުންނަށް ނުވިސްނޭ އެންމެ މުހިންމު އެކައްޗަކީ ސްޓްރެސްއަކީ އެއްވެސް މީހަކަށް އެއާ ދުރަށް ދެވޭނޭ އެއްޗެއް ނޫންކަމެވެ.
ސްޓްރެސްއަކީ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކަށް ހަށިގަނޑާއި ސިކުނޑިން ކުރިމަތިލުމަށްޓަކައި އުފައްދާ ހާލަތެކެވެ. އެއީ ދިމާވެދާނޭ ކަމަކަށް ތައްޔާރުކުރުވުގެ ގޮތުން ގެނުވާ ކުއްލި ހާލަތެއް ގޮތުގައި ވިސްނުމުން އޭގެ ހަގީގަތް މީހުންނަށް އޮޅުންފިލަން ފަސޭހަވާނެވެ. މި ހާލަތު މެދުވެރިވަނީ ރައްކަލަކަށް ޓަކައެވެ. އެހެން ވެއްޖެނަމަ މި ހާލަތު ދުރަށް ކޮއްޕައިލެވޭނީ ކިހިނެތް ހެއްޔެވެ؟
ސްޓްރެސްއާ ދުރުވާން އުޅެގެން ނާކާމިޔާބުވުމުން އިތުރަށް މިހާލަތު ގޯހުންގޯހަށް ދާން ފަށައިކަމަށް ދިރާސާތަކުން އެނގެއެވެ. ނަމަވެސް ސްޓްރެސް އެއީ ގުދުރަތީ ނިޒާމުގެ ތެރެއިން ހަށިގަނޑު އުފައްދާ ހާލަތެއްކަން އެނގެން ފެށުމުން ސްޓްރެސްއާ މެދު ދެކޭގޮތް ބަދަލުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. މިއީ އެނގުން ވަރަށް މުހިންމު ކަމެކެވެ.
އަހަރުމެންގެ ހަޔާތުގައި ދިމާވާ ދަތިތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ހަށިގަނޑުން އުފައްދާ ހާލަތަކާ މެދު ދުޝްމަނަކާ މެދު ވިސްނާ މޭރުމުން ވިސްނައިނަމަ، އެ ބިރުވެރިކަމުގެ ސަބަބުން އަނެއްކާ އެ ހާލަތު ގޯސްވާން ފަށައެވެ. އެހިސާބުން ހަށިގަނޑުން އަމިއްލަ ހަށިގަނޑުގެ ދިފާއީ ނިޒާމާ ތަޅައިފޮޅަން ތައްޔާރުވެއެވެ. މީގެ ސަބަބުން ހަށިގަނޑަށް އެތައް ނުރައްކަލެއް ކުރިމަތިކުރުވައެވެ.
ނަމަވެސް ސްޓްރެސްއަކީ ސަބަބަކަށްޓަކައި މެދުވެރިވާ ކަމެއް ކަމުގައި ދެކެން ފެށުމުން މީހާގެ ހަށިގަނޑާއި ސިކުނޑީގެ ހުށިޔާރުކަމާ މެދު ވިސްނި އެކަމަށް ޝުކުރުވެރިވުމުގެ ވިސްނުން އަށަގަނެއެވެ. އެ ހިސާބުން އެއީ ތިމާގެ ހިމާޔަތުގައިވާ ނިޒާމެއްކަން ވިސްނި އެ ހިމާޔަތުގެ ނިވާފަތްގަނޑުގައި ވާ މީހެއް ގަބޫލުކުރެވި އެކަމުން އިހުސާސްކުރެވޭ ރައްކާތެރި ކަމުގެ ސަބަބުން ސްޓްރެސް ދަށަށް ދާން ފަށައެވެ.
މިއީ ތާކުންތާކުން ޖެހޭ ވާހަކައެއް ނޫނޭ ވިސްނުނު ނަމަވެސް ސައިންސުގެ ދިރާސާތަކުން ދެނެގެނެވިފައިވާ ވަރަށް ބޮޑު ހަގީގަތެކެވެ. އެންމެ މަޝްހޫރު އެއް ދިރާސާއެއްގައި 30،000 މީހުންގެ ހަޔާތް ގަވާއިދުން އަށް އަހަރު ދުވަހު ތަހުލީލުކުރިއެވެ. އެ ދިރާސާއިން ހާމަވެގެން ދިޔައީ ސްޓްރެސް ތަޖުރިބާކުރާކަން އެނގި އަދި ސްޓްރެސްއަކީ ތިމާއަށް ގެއްލުން ލިބޭކަމެއްކަން ގަބޫލުކުރި މީހުން އެހެން މީހުންނަށް ވުރެން އަވަހަށް މަރުވާ ކަމެކެވެ. ނަމަވެސް ސްޓްރެސްވާކަން އެނގި އެކަމަކު އެއީ މާބޮޑު ކަމެއް ކަމަށް ނަހަދައި އުޅޭ މީހުން ގިނަ ދުވަހު ދިރިތިބެއެވެ.
މިދެބައި މީހުންގެ ހަމައެކަނި ތަފާތަކީ އެ ދެބައިމީހުން ސްޓްރެސްއަށް ދޭ މާނައިގެ ތަފާތެވެ. މިއަދު މި މުޖުތަމައުގައި ހަށިގަނޑަށް އަންނަ ކުޑަ ލޮޅުމެއް ވެސް ގުޅުވައިލެވެނީ ސްޓްރެސްއާއެވެ. ނަމަވެސް މިފަދަ ބާރެއް ސްޓްރެސަށް ދީގެން ކޮންޓްރޯލު ނެތް އެއްޗެއްގެ އަޅުވެތިކަމުގައި އުޅެވޭކަން މީހުންނަކަށް ނުވިސްނެއެވެ. އާ ކަންކަމާ، އުނދަގޫތަކާއި، ތަކުލީފާއި، ވަރުބަލި ކަމާ ކުރިމަތިލާން ޖެހުނީމައި ކޮންމެ އިންސާނެއްގެ ހަށިގަނޑުންވެސް އެކަމަށް ތައްޔާރުވަށް އިޖާބަ ދޭނެއެވެ. ހިތް ތެޅޭނެއެވެ. ކޮނޑަށް ތަދުވާނެއެވެ. ބޮލުގައި ރިއްސާނެއެވެ. މިއީ ހަށިގަނޑު ރަނގަޅުކަން ދޭހަކޮށްދޭ ނިޝާންތަކެވެ. މިއީ މާބޮޑަށް ވިސްނައި އެކަމަށް ފިޔަވަޅުތަކެއް އަޅަން ދުވަންޖެހޭ ކަންކަމެއް ނޫނެވެ.
ސްޓްރެސްއާ މިއަދު މީހުން ދެކޭ ގޮތް ބައްޓަން ވެފައިވާ ގޮތުން ކޮންމެ މީހަކުވެސް ކަންތައް ކުރަނީ ސްޓްރެސްއާ ދުރުހެލިވާށެވެ. ދުވަން ދިޔުމާއި މެޑިޓޭޝަން ހެދުމާއި، ތެރަޕީ ނެގުމާއި، ފާޑުފާޑު ވޯކްޝޮޕްތަކުގައި ބައިވެރިވެގެން މީހުން ދައްކައި ވާހަކަ އަޑު އެހުމާއި ސޯޝަލް މީޑިއާ އަތްފުނާއަޅައި މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރުން ކޮށްއުޅޭ ކަންކަމުގެ ތެރޭގައި ހިމެނެއެވެ. މިއިން ކޮންމެ ކަމަކީވެސް އެކަމުގެ ޒާތުގައި ފައިދާ ހުރިކަންކަމެވެ. ނަމަވެސް މިއިން ކޮންމެ ކަމެއްގެ އާހިރު މަގުސަދަކީ ތިމާގެ ދިފާއުގައި ހަށިގަނޑަށް އައިސްފައިވާ ކުއްލި ހާލަތެއް އުވައިލަން މަސައްކަތްކުރުމެވެ. މި މޭރުމުން ކަންކަން ކޮށްގެން ލިބޭ ފައިދާއަކަށް ވުރެން ބޮޑީ ގެއްލުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ސުވާލަކީ ސްޓްރެސްގެ ސަބަބުން ލިބޭ ގެއްލުން މަދުކުރުމަށް ކުރެވޭނޭ ކަމަކީ ކޮބައިބާއެވެ؟ ކުރީ ޒަމާނުގައި މީހުން ކަންކަން ކުރި ގޮތްގޮތަށް ކަންކަން ކުރަން ގޮވައިލުމަކީ ބޯދާ ގޮތްތަކަށް ތާއިދުކުރުމޭ ބުންޏަސް ހަގީގަތުގައި މި ނުރައްކާތެރި ގެއްލުންތައް ކުރިމަތި ކުރުވާ ހާލަތުން ރެކެވެން އޮތީ އޭރު ކަންކަން ކުރި ގޮތްގޮތަށް ރުޖޫއަވެގެންނެވެ.
ސްޓްރެސް ހަށިގަނޑުން މަދުކޮށްލާ އެންމެ ބޮޑު އެއް ކަމަކީ އެކުވެރި މާހައުލެއްގައި މީހާއަށް ދިރިއުޅެވޭ ކަމުގެ ޔަގީންކަން ލިބުމެވެ. ތިމާގެ ވަށައިގެންވާ މީހުންނަކީ ތިމާދެކެ ލޯބިވާ، ތިމާއަށް އަޅައިލާނޭ، ތިމާގެ ކަންކަމުގައި އުޅެދޭންތިބި ބައެއްކަން އެނގެނީ އެކުގައި އެންމެން އެއްވެ އުޅޭ އެއްވުން ތަކުންނެވެ. ކުރީ ޒަމާނުގައި މީހުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ ގުޅުން ބަދަހިވާ އެތައް ހާލަތެއް އޮވެއެވެ. ނަމަވެސް މިއަދު އެ ހާލަތްތައް ވަނީ މަދުވެފައެވެ. ގުޅުންތައް ބަދަހިވެގެން ދަނީ ސޯޝަލް މީޑިއާއިންނެވެ. ހަގީގަތުގައި ޖިސްމާނީ ގޮތުން ގާތް މީހުންގެ ކައިރީގައި ހޭދަކުރުމަކީ ވަރަށް ބޮޑަށް މީހާގެ ސްޓްރެސް ހޯމޯނުތައް ދަށްކޮށްލައި ކަމެކެވެ.
ކުރީ ޒަމާނުގައި މީހުންނާ ދިމާވާ ކޮންމެ ވަގުތަކީ ތިމާގެ ދަތި ހާލުގެ ވާހަކަ އެމީހުންނާ ހިއްސާކުރާ ވަގުތަކަށް ނުވެއެވެ. މިހާރު ނަމަ މީހަކު ކަންބޮޑުވުމެއްގެ ތެރޭގައި އުޅޭނަމަ އެމީހަކަށް މީހުންނާ އެވާހަކަ ހިއްސާކުރަން ބާރު އަޅައެވެ. މީހުންނާ ވާހަކަ ހިއްސާކުރުމަކުން ގޯހެއް ނެތެވެ. ނަމަވެސް ތިމާގެ ވާހަކަ ތާއަބަދު މީހުން ކައިރީގައި ދައްކައިހަދައި ނަމަ އެކަމަށް ހައްލެއް ލިބުމަށް ވުރެން ގާތީ އެކަމުގެ ސަބަބުން މީހާއަށް އިތުރު ތަކުލީފެއް ލިބުމެވެ. ނަމަވެސް މީހުންނާ ދިމައިވާ ދަނޑިވަޅު އެމީހުންގެ ވާހަކަތައް އަޑުއަހައިލާ ހެދުމުން ތިމާގެ މައްސަލައިގެ މުހިންމުކަން ބޮޑުތަނުން ކުޑަވެ ދުނިޔޭގައި ތިމާގެ ޖާގައަކީ ކޮބައިކަން ތަސައްވުރު ވެގެން ދާން މަގުފަހިވެއެވެ.
ޖަމާއަތުގައި ކުރާ ކަންކަމުގައި ބައިވެރިވާން ފެށުމުން ސައިންޓިފިކު ތަހުލީލުތަކުން ދައްކުވައި ގޮތުގައި ހަށިގަނޑުގައި އުފައްދާ ގުޅުންތައް ވަރުގަދަ ކުރާ ހޯމޯނުކަމަށް ވާ އޮކްސީޓޯސިން އުފައްދާލެއް އިތުރުވެއެވެ. އެ ހޯމޯނު އުފައްދަން ފެށުމުން މީހާގެ ހިތުގައި އެހެން މީހުންނާ މެދުގައި އޮންނަ ކުލުނު އިތުރުވެ މީހުންނަށް އަމިއްލަ އެދުމެއް ނެތި ކަންކަން ކޮށްދިނުމުގެ އެދުން އިތުރުވާން ފަށައެވެ.
އަހަރުމެންގެ ސަގާފަތުގައި މިހާރުވެސް މީސްމީހުންގެ މޫނުތައް މަތިން ހިތްހަމަ ޖެހުން ފެންނަށް ފަށައި އެއް ދުވަސްވަރަކީ ރޯދަ މަހެކެވެ. އެ މަހަކީ އެއްބަޔަކު އަނެއްބަޔަކާ ކެއުން ބުއިމުގެ މަޝްރުއޫތަކުގައި ބައްދަލުވެ، އެކަކު އަނެކަކަށް އެހީތެރިވެދޭން މަސައްކަތްކޮށް، މީހުން އެހެން މީހުންނާ މެދު ކަންތައް ކުރާގޮތާ މެދު ވިސްނައި، ދެބައޮޑުވުން ފަދަ އަމަލުތަކާ ދުރަށްދާ ދުވަސް ވަރެކެވެ. އަދި ނަމާދުތައް ޖަމާއަތުގައި ކުރުމަށް އެންމެންވެސް މަސައްކަތްކުރާ ތަރާވީސް ނަމާދަށް އާއިލާތަކާ ރަހުމަތްތެރިން އަތުގުޅައިލައިގެން ދާ މަހެވެ. އެ މަސް ނިމޭއިރު އެންމެ ސްޓްރެސްގެ ސަބަބުން ތަކުލީފު އުފުލަމުން ދިޔަ މީހާގެ ވެސް ސްޓްރެސް އޮޓޮމެޓިކުން މަދުވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކުރީ ޒަމާނުގައި އެކަކު އަނެކަކަށް އެހީތެރިވެގެން އެއް ބަޔެއް ގޮތުގައި ދިރިއުޅުނު ދިރިއުޅުމުގައި އުޅޭނަމަ ސްޓްރެސްގެ ހާލަތު ހަށިގަނޑުން މެދުވެރިއެއް ނުކުރާނެއެވެ. މިހާރުވެސް އަމިއްލަ މައްސަލަތައް މާތްކަލާނގެއާ ވަކީލު ކޮށްލައިފައި އެހެން މީހުންނަށް އެކި ކަންކަމުގައި އެހީތެރިވެދޭން އުޅޭ މީހުންގެ މޫނުމަތިން އުޖާލާކަން ފެނެއެވެ. އެމީހުންގެ މައްސަލަތައް މަދީ ކީއެއް ނޫނެވެ. ނަމަވެސް އެމީހުންނަށް އެކަންކަމާ މެދު ވިސްނައި ފިކުރުކޮށްގެން ވާނޭ މާބޮޑު ފައިދާއެއް ނެތްކަން އެނގެއެވެ. އެހެން ކަމުން އެމީހުންގެ ވަގުތު ހޭދަކުރަނީ އެ މައްސަލަތަކަށް ހައްލެއް ހޯދަން އުޅެ، ނާކާމިޔާބުވެ އެކަމުގެ ސަބަބުން އިތުރަށް މައްސަލަ ގޯސްކުރާކަށް ނޫނެވެ. އެމީހާގެ އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ އެހީ ފޯރުކޮށްދިނުމުގައެވެ. ތާއަބަދު އަމިއްލަ ނަފުސާމެދު ވިސްނައިގެން އިންސާނުންނަށް ކުރާ ފައިދާއަށް ވުރެން މާ ގެއްލުން ބޮޑެވެ.
