Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގައުމީ ލިޔުންތެރިންގެ ދުވަހާއި ފަނޑުވަމުންދާ ދިވެހި ބަސް

މިއަދު މުޅި ރާއްޖޭގައި ގައުމީ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު ހިތަށް އަންނަ ބޮޑު ސުވާލަކީ ދިވެހި ބަސް ފަނޑުވަމުން ދަނީ ކީއްވެ ބާވައެވެ؟

މި ސުވާލު ބައެއް ރަހްމަތްތެރިންނާ ކޮށްލުމުން ޝައުގުވެރި ހިޔާލުތަކެއް ލިބުނެވެ.

މިސާލަކަށް، "ލަފުލައިގެން ގެންގުޅުން"، "ދެ ފައި އެއްތާ ނުޖަހައި ހިނގުން،" "ޔަހްޔާ ކާޅު ހިފުން"، މި ފަދަ ބަސްތައް އެނގެނީ ފަހުގެ ޖީލުތަކުގެ ކިތައް މީހުންނަށް ހެއްޔެވެ؟

"މިއީ އަހަރެމެން ބޮޑުވަމުން އާއިރު ވާހަކަ ދެއްކުމުގައި ވަރަށް އާއްމުކޮށް ބޭނުން ކުރި ބަސްތައް،" އެއް ރަހްމަތްތެރިޔަކު ބުންޏެވެ.

އަހަރެމެންގެ "މަދާ ޓަންގް" ނުވަތަ މާދަރީ ބަސް ކަމަށްވާ ދިވެހި ބަސް، އިނގިރޭސި އަދި އެހެނިހެން ވެސް ބަސްބަހާ ހެދި އަހަރެމެން "ކޮމްޕްރޮމައިސް" ނުވަތަ ދޫކޮށްލައިގެން ނުވާނެއެވެ.

މި ބުނީ އިނގިރޭސި ބަސް މުހިންމު ނޫން ވާހަކައެއް ނޫނެވެ؛ އެއީ ވަރަށް މުހިންމު ބަހެކެވެ. ކޮންމެ ބެލެނިވެރިޔަކު އެ މީހުންގެ ދަރިފުޅަށް ދަސްކޮށްދޭން ޖެހޭ ބަހެކެވެ. ސަބަބަކީ އެއީ މުޅި ދުނިޔެ ވާހަކަ ދައްކާ ބަހެވެ. ނަމަވެސް، ހަމައެއާކު، އަހަރެމެން ދިވެހީން ވާހަކަ ދައްކާ، އަހަރެމެންގެ އަމިއްލަ ދިވެހި ބަހުގެ މުހިންމުކަމަށް އަހަރެމެންގެ ދަރިންނަށް ހިތްވަރު ދޭން ޖެހެއެވެ.

ބަހެއް ފަނޑުވުމަކީ ހަމައެކަނި އެ ބަހެއް ނެތިގެން ދިއުމެއް ނޫނެވެ. ދިވެހި ބަސް ވެސް ހަމަ މި ފަދައެވެ. ދިވެހި ބަސް ފަނޑުވުމުން އެ ހިސާބުން ނިމުނީއެއް ނޫނެވެ. އަހަރެމެންގެ ބަސް ފަނޑުވާ ވަރަކަށް އަހަރެމެންގެ ސަގާފަތް ވެސް މަޑުމަޑުން ގެއްލެމުން ދެއެވެ. އަދި ހަމައެކަނި ސަގާފަތެއް ނޫނެވެ. އަހަރެމެންގެ އާދަކާދަ ވެސް މެއެވެ. މިސާލަކަށް، ކަމެއްގެ ބޮޑު މަންޒަރުގެ މާނަ ދޭހަކޮށްދޭން، އަހަރެމެންގެ މި ދިވެހި ގައުމުގައި އަަހަރެމެންގެ މި ދިވެހި ބަހުގެ ސަގާފަތުގައި، އަހަރެމެންނަށް ހަމައެކަނި ދިވެހި ބަހުން ބުނެލެވޭ މަދު ލަފުޒުތަކަކުން އެ ކަމުގެ ބޮޑުކަން ހާމަކޮށްދެވޭއިރު، ދިވެހި ބަހުން ވާހަކަ ދެއްކުން ހުއްޓައިލުމުން އެ ކަން ވެސް އެ ގެއްލުނީއެވެ. ދެން ޖެހޭނީ ކޮންމެ ވެސް "ފަރަންޖީ" ބަހަކުން "ބޮޑު ހާސަރެއް އަމުނައިލައިގެން" ވަރަށް ބޮޑެތި ކަންތައްތައް ކިޔައިދޭން ދިގު "ޕެރެގްރާފް"ތައް ބޭނުންކޮށްގެން ކުދިކުދި ކަންތައްތައް ވެސް ޅަ ސިކުނޑިތަކަށް ވިސްނައިދޭށެވެ.

"އެއިރުން 'ކޮނޑު އޮތް ފުރޯ ވަލުން ހޯދުން’، 'ފަގީރު މީހާއަށް ގެރި ދިން ގޮތަށް’، 'ކަނދި ކަމަނާ މަސް ތެލުލުން' ފަދަ އިބުރަތްތެރި ހާދިސާތަކުން ލިބޭ ސުލޫކީ ފިލާވަޅުތައް ސީސާސާދާ ގޮތަކަށް، ކުރުކޮށް، ފޮނިކޮށް، ކިޔައިދޭނީ ކިހިނެތް؟" އެހެން ރަހްމަތްތެރިޔަކު ސުވާލު އުފެއްދިއެވެ.

ބަސް ވެސް "އިވޯލްވް" ނުވަތަ ބަދަލުވާ ގޮތާ އެއްގޮތަށް، އައު ޖީލުތަކުން އާ ބަސްތައް އާ ގޮތްތަކަށް ތައާރަފުކުރާނެއެވެ. އެއީ އެ ކުދިންގެ އަމިއްލަ ބަހުރުވަ ހުންނާނެ ގޮތެވެ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެކަމަކު ވެސް އެ ކުދިންނަށް އެނގުން މުހިންމު ކަމަކީ އެ ކުދިންގެ މާދަރީ ބަހުގެ "ރޫޓް" ނުވަތަ މޫތަކެވެ. މިހެންވުމުން އެ ކުދިން އައު ބަހުރުވަ ތައާރަފު ކުރާއިރު އެ އައު ބަސްތައް މާ ބޮޑަށް "ކްރިއޭޓިވް" ނުވަތަ "އީޖާދީ" ވާނެއެވެ.

އަހަރެމެން ދިވެހިން ތަރައްގީގެ އެންމެ ލާމަސީލު މިސާލެއްގެ ގޮތުގައި ބަލާ ސިންގަޕޫރުގައި، ސިންގަޕޫރު ބަސް އިނގިރޭސި ބަހާ މަސްހުނިކޮށްގެން އެ ގައުމުގެ ފަހުގެ ޖީލުތައް "ސިންގްލިޝް" ބަހުން ވާހަކަ ދައްކާ ގޮތަށް، އެއިރުން އަހަރެމެން ދިވެހިން ވެސް ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށްގެން ވާހަކަ ދައްކާނީ "ދިންގްލިޝް" ބަހުން ކަމަށްވުން އެކަށީގެންވެއެވެ. އެހެން ވެއްޖެ ނަމަ، ފަހަރުގައި "އަމާ ބުނީތީ ފަރަށް ދިއުމަ"ކީ ކޮބައިކަން އައު ޖީލުތަކަށް ވިސްނައިދޭން ފަސޭހަ ވެދާނެއެވެ. ސަބަބަކީ ބައެއް ޒުވާނުން މިހާރު ވެސް މައިންބަފައިން ކަމަކު ކިޔައިފި ނަމަ އެ ކަމެއް ކުރަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.