ޗިލާޕިއާ ނުވަތަ އިނގިރޭސި ގޮތަށް ކިޔާ ނަމަ ޓިލާޕިއާއަކީ ރާއްޖޭގެ ގިނަ ފެންގަނޑުތަކުން ފެންނަ މަހެކެވެ. މިސްކިތްތަކުގެ ވަޅުތަކާއި ކުޅިތަކާއި އަދި ޕާކްތަކުގެ ފެންގަނޑުތަކުގައި ވެސް ވަރަށް ފަސޭހައިން ދިރިއުޅޭ އެއްޗެކެވެ. ސަލްޓަން ޕާކްގައި ކާޕްތަކާއި ކެޓްފިޝްތަކާއެކު އުޅޭއިރު މިއީ އެހެން މަސްމަހާ ނުބެހި، ވަރަށް ސުލްހަވެރި ގޮތެއްގައި އެކަނިހަށްޓަށް އުޅޭ މަހެއްކަން އެނގެއެވެ.
ޗިލާޕިއާ ވިހެމާއި ހެދިބޮޑުވުން:
ޗިލާޕިއާ ފުރާފުރިހަމަ ވުމަށް ނަގަނީ ގާތްގަނޑަކަށް ތިން މަހާއި އަށް މަހާ ދޭތެރޭގެ މުއްދަތެކެވެ. ބިސް އެޅުމަށްޓަކައި ފިރިހެން ޗިލާޕިއާ، ފެންގަނޑުގައި ހުންނަ ގާތަށް އަތުރައިލައިގެން ކާތަށްޓެއްގެ ބައްޓަމައަށް ހާއްޔެއް ހަދައެވެ. އަދި އެހެން ފިރިހެން ޗިލާޕިއާތަކުން އެ ހާލި ދިފާއުކޮށްދެއެވެ.
އަންހެން ޗިލާޕިއާ ހާއްޔަށް ގާތްގަނޑަކަށް 1،500 ބިސް އެޅުމުން ފިރިހެން ޗިލާޕިއާ އެ ބިސްތައް ދަރިމައިކުރަނީ އެ ސޮރުގެ މަނި އެ ބިސްތަކުގެ މައްޗަށް ފަތުރައިލައިގެންނެވެ. ދެން އެ ބިސްތައް ވިހަންދެން އަންހެން ޗިލާޕިއާ އެ ސޮރުގެ އަނގައަށް ލައިގެން 10 ވަރަކަށް ދުވަހު އަނގައިގައި ގެންގުޅެއެވެ. އެ ދުވަސްތަކުގައި އަންހެން ޗިލާޕިއާ އިންނަނީ ނުކައެވެ. މިއީ ޝިކާރަވެރިންގެ ކިބައިންނާއި ތިމާވެށީގެ ނުރައްކާތަކުންނާއި އަދި އެހެނިހެން ގޮތްގޮތުން ދަރިންނަށް އިތުރަށް ރައްކާތެރިކަން ދޭން ޗިލާޕިއާ ކުރާ ކަމެކެވެ.
ބިހުގެ ގޮބޮޅީގައިވާ ކާނާ ހުސްވަންދެން ދަރިން އުޅެނީ މަންމަގެ އަނގައިގެ ތެރޭގައެވެ. ދެން ދަރިންގެ ސައިޒު ހަތަކާއި 10 މިލިމީޓަރާ ދޭތެރޭގެ ސައިޒަށް ބޮޑުވެ، ބިހުގެ ގޮބޮޅި އެއްކޮށް ހުސްވުމުން، މަންމަގެ އަނގައިން ދަރިންތައް ނުކުމެއެވެ. ނަމަވެސް އެތައް ހަފުތާއެއް ވަންދެން ވެސް ދަރިން އުޅެނީ މަންމަގެ ގާތުގައެވެ. އެއީ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ މަންމަގެ އަނގައިގެ ތެރެއިން އަލުން ހިމާޔަތް ހޯދުމަށެވެ. އަމިއްލަ ހާލަތުގައި އަމިއްލަ ނަފުސު ދިފާއުވުމަށް ކުޅެދެންދެން ދަރިން އުޅެނީ މިހެންނެވެ. މަންމަގެ އަނގައިގެ ރައްކާތެރިކަން ދީގެން ޗިލާޕިއާ ވިހައި ހެދިބޮޑުވުމަކީ ޗިލާޕިއާގެ ހަޔާތް ދިގުދެމިގެންދިއުމަށް ލިބޭ ގުދުރަތީ މުހިންމު އުކުޅެކެވެ.
ޗިލާޕިއާގެ އުމުރު އަދި އާބާދީ ހިފަހައްޓާ ގޮތް:
ރާއްޖެ ކަހަލަ ހޫނު މާހައުލުތަކުގައި ގާތްގަނޑަކަށް 30 ޑިގްރީ ސެލްސިއަސްގައި އުޅުމަށް އާދަވެފައިވާ ޗިލާޕިއާގެ އުމުރަކީ ގާތްގަނޑަކަށް 10 އަހަރެވެ. ދަނޑުވެރިން ވިއްކަން ފަށަނީ އެ ސޮރުގެ ބަރުދަން ބައި ކިލޯ ހަމަވީމައެވެ. ކުދި ފެންގަނޑުތަކުގައި އެ ސޮރުމެންގެ އަދަދު ގިނަވެ، ވާދަވެރިކަން ބޮޑުވެ، ސައިޒުގެ ގޮތުން އިތުރަށް ބޮޑުވާނެ ކާނާގެ ވަސީލަތް ނުލިބެން ފަށައިފި ނަމަ، އާބާދީ އިތުރުވިޔަ ނުދިނުމަށް ބޭނުން ކުރާ ގުދުރަތީ އުކުޅަކީ "ސެކްސް ރިވާސަލް" ނުވަތަ ޖިންސު ބަދަލުކުރުމެވެ.
އެ ގޮތުން ބިހުން އުފަންވާ ވަގުތު ފިރިހެން ޖިންސުގެ ހޯމޯނެއް އެ ސޮރުގެ ކާނާގައި ދަނޑުވެރިން ހިމެނުމުން އެ ސޮރުމެން ހެދިބޮޑުވަނީ "ފެނޮޓިޕިކް" ފިރިހެން އެއްޗެހީގެ ގޮތުގައެވެ. ޔައުނީ އަންހެން ކްރޮމޮސޯމް ހުރި ނަމަވެސް، ފިރިހެން ޖިންސީ ގުނަވަން ފަޅައެވެ. އިންސާނުންނަށް މި ފަދަ ހޯމޯން ފަރުވާ ދިނުމުން، އެސް.އާރް.ވައި ޖީން ލިބުމުން، އަންހެން ކްރޮމޮސޯމް ހުންނަ ގުދުރަތީ ގޮތުން އަންހެނުންގެ ގޮތުގައި އުފެދިފައިވާ އަންހެނުންގެ ވެސް، އެ އަންހެނުންގައި ފިރިހެން ޖިންސީ ގުނަވަން އުފެދި، ތުނބުޅި ފަޅައި، އޭނާގެ އަޑު ބަރުވެއެވެ.
އެހެންކަމުން ޖިންސު ބަދަލުކުރާ ފަރުވާ ދިނުމުން ޗިލާޕިއާގެ އާބާދީ އެއް ހަމައެއްގައި ހިފެހެއްޓި އަދި އެ ސޮރުމެން މާކެޓު ކުރަން ފަސޭހަވެއެވެ. ސަބަބަކީ އަންހެން ޗިލާޕިއާއަށްވުރެ ފިރިހެން ޗިލާޕިއާ ހެދިބޮޑުވާ ދުވެލި އަވަސްވެފައި، ސައިޒުގެ ގޮތުން އަންހެން ޗިލާޕިއާއަށްވުރެ ފިރިހެން ޗިލާޕިއާ ބޮޑުވީމައެވެ.
ޗިލާޕިއާ ކާނާ ހޯދާ ގޮތް:
ޗިލާޕިއާއަށް ބޭނުންވާ ވިޓަމިންތަކާއި މިނެރަލްތައް އެ ސޮރު އެތައް ވަސީލަތްތަކަކުން ހޯދައެވެ.
ގުދުރަތީ މާހައުލުތަކުގައި ޗިލާޕިއާގެ ކާނާއަކީ ފެންގަހާއި ފެނުގައި އުޅޭ ކުދި ސޫފިތަކެވެ. އެ ގޮތުން އަލްގީ، ފައިޓޮ-ޕްލެންކްޓަން، ޒޫ-ޕްލެންކްޓަން، ކުނިވަމުންދާ ފެންގަހާއި ފެނުގައި އުޅޭ ސޫފީގެ ހަށިގަނޑުތަކާއި އަދި ކިސަޑު ވެސް ކައި އުޅެއެވެ. އެ ސޮރުގެ ދިގު ގޮހޮރަކީ ގަސް އެކުލެވޭ މާއްދާތައް ހަޖަމު ކުރުމަށް ގުދުރަތީ ގޮތުން ވަރަށް ރަނގަޅު ނިޒާމެކެވެ.
އެކުއަކަލްޗާ ނުވަތަ މަސް ގެންގުޅޭ ދަނޑުތަކުގައި ގެންގުޅޭ ޗިލާޕިއާއަށް ޒުވާރި ފަދަ ގޮވާމުގެ ބާވަތްތަކާއި ސޯއި-ބީން، ބަތް، ކަފަގަހުގެ އޮށް، ޕީނަޓް އަދި ކޮފީ ޕަލްޕް ފަދަ ތަކެތި ވެސް ކާންދެއެވެ. މީގެ އިތުރުން ދަނޑިއަލުވި، ކައްޓަލަ، އުއްދަނޑި އަދި ފަޅޯ ވެސް ޗިލާޕިއާ ކައެވެ.
މިހެންވެ، އިންސާނުންގެ ސިއްހީ ދުޅަހެޔޮކަމަށް ބޭނުންވާ އޮމެގާ-3 އަދި އޮމެގާ-6 ފެޓީ އެސިޑް ވެސް ޗިލާޕިއާގައި ހުރެއެވެ. އިންސާނުންގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މި މުހިންމު ދެ މާއްދާ އަހަރެމެންގެ ހަށިގަނޑުން ގުދުރަތީ ގޮތުން ނުއުފައްދައިދޭތީ އަހަރެމެން މި ދެ މާއްދާ ހޯދަން ޖެހެނީ ބޭރު ތެރެއިންނެވެ. މިހެންވެ ގުދުރަތީ ނިޒާމު ނުވަތަ "ނޭޗާ"ގައި އަހަރެމެން އިންސާނުން އަހަރެމެންގެ ތިމާވެއްޓާއި އެހެނިހެން މަހުލޫގުންނާ ގުޅި ލާމެހިފައި އަދި އެ ސޮރުމެންނާއި އެ ގުދުރަތީ ވެށީގެ ނިޒާމުތަކުން ނުވަތަ "އިކޯ-ސިސްޓަމް"ތަކުން އަހަރެމެންނާއި އެހެން މަހުލޫގުން ވަކި ނުކުރެވޭ މިންވަރު މި ކަމުން ދޭހަކޮށްދެއެވެ.
އޮމެގާ ފެޓީ އެސިޑްތަކަކީ އަހަރެމެންގެ ސެލްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމުން ފެށިގެން ގުނަންތައް ދުޅަވުމުން ވެސް ސަލާމަތްކޮށްދޭ އެސިޑްތަކެވެ.
އޮމެގާ-3 ފެޓީ އެސިޑް މާއްދާގެ ފައިދާތައް:
އޮމެގާ-3 ހުންނަ މަސްދަރުތަކަކީ ގަސްގަހާގެއްސާއި މަސްމަހާމެއްސާއި އަދި "ސީފުޑް" ނުވަތަ ކަނޑުގެ ދިރުންތަކެވެ. މިއީ އިންސާނާގެ ސިކުނޑި އާއި ލޮލަށް މަންޒަރު ނަގައިދޭ ރެޓީނާ އާއި ފިރިހެނާގެ "ސްޕާމް" ނުވަތަ ދަރިފަނީގެ ސެލްތަކަށް ކޮންމެހެން މުހިންމު މާއްދާއެކެވެ.
ސިކުނޑީގެ ދުޅަހެޔޮކަމަށް ބަލާއިރު ދަރިފުޅު ރަހިމުގައި އަށަގަންނަ ހިސާބުން ފެށިގެން އެ މީހަކު މަރުވަންދެން ވެސް އޮމެގާ-3 އަކީ ސިކުނޑިއަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. މިއީ "ކޮގްނިޝަން" ނުވަތަ މާހައުލާއި ކަންތައްތައް ދެނެގަތުމަށް ސިކުނޑިއަށް ބޭނުންވާ މާއްދާއެކެވެ. އެ ގޮތުން ސިކުނޑީގެ ނާރުތައް މަސައްކަތް ކުރުވުމަށާއި ސެލްތައް ދޭ ސިގްނަލްތައް ރަނގަޅުކޮށްދެއެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތަކަށް ވެސް އޮމެގާ-3 ބޭނުންވެއެވެ.
ލޮލުގެ ސިއްހަތަށް ބަލާއިރު "އޭޖް-ރިލޭޓަޑް މެކިއުލާ ޑިޖެނެރޭޝަން" ނުވަތަ އޭ.އެމް.ޑީއިން ސަލާމަތްވުމަށް އޮމެގާ-3 އެހީވެދެއެވެ. އޭ.އެމް.ޑީގެ ހާލަތު ސީރިއަސްވުމުން އުޅަނދުފަހަރު ދުއްވުމަށް ނުކުޅެދީ، މީހުންގެ މޫނު ދެނެގަނެ އެކަކު އަނެކަކު ވަކި ކުރުމަށް ދަތިވެ އަދި ކުދި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔާކަށް ނޭނގެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފެންނަ މަންޒަރުތަކުގެ ތަފުސީލެއް "ނުފެނެ"އެވެ.
މީގެ އިތުރުން އޮމެގާ-3 އަކީ ރާއްޖެ ބަލި ކަހަލަ ރިއުމަޓިޒަމް، އާތްރައިޓިސް، އަދި ބައެއް ބާވަތުގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމުގެ އިތުރުން "ޑްރައި އައި ޑިސީސް" ނުވަތަ ޑީ.އީ.ޑީ ޖެހުމުން ވެސް ދުރުކޮށްދެއެވެ. ޑީ.އީ.ޑީ ނުވަތަ ސައިންސް ނަމުން ކެރަޓޮ-ކޮންޖަންކްޓިވިޓިސް ސިކާގެ ސަބަބުން ގުދުރަތީ ގޮތުން ލޮލުގައި ކަރުނަ ނުއުފެދެއެވެ. ނުވަތަ އުފެދިފައި ވެސް މާ އަވަހަށް އާތްވަށް ވެގެން ދެއެވެ. މިހެންވުމުން ލޮލަށް އުނދަގޫ ވެ ފެނުމަށް ވެސް ދަތިވެއެވެ. ފަރުވާ ނުކޮށްފި ނަމަ އާއްމު ހަޔާތުގައި ދިރިއުޅެން ވެސް އުނދަގޫވާނެއެވެ.
އޮމެގާ-3 އަކީ ހިތުގެ ބައްޔާއި ހަކުރު ބަލި ނުވަތަ ޑައަބީޓީސް އަދި ކެންސަރުގެ ބައެއް ބާވަތްތައް އުފެދުމަށް މެދުވެރިވާ "އިންފްލެމޭޝަން" ނުވަތަ ގުނަންތައް ދުޅަވުމުން ސަލާމަތްކޮށްދޭ މާއްދާއެކެވެ. ހިތުގެ ބަލިން ސަލާމަތްކޮށްދެނީ ޓްރިގްލިސެރައިޑް ލެވެލް އާއި ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭ ދައުރުކުރާ ނިޒާމު ހަރުދަނާކޮށްދީ، ހިތު ވިންދު އެއް ހަމައެއްގައި ހިފަހައްޓައިދީ އަދި ލޭ ހޮޅިތައް ސަރުބީން ބެދުން ހުއްޓުވައިދީގެންނެވެ.
އޮމެގާ-6 ފެޓީ އެސިޑް މާއްދާގެ ފައިދާތައް:
މިއީ ތަރުކާރީގައި ހުންނަ ތެލާއި ގަސްގަހުގެ ނަޓާއި އަދި އޮށުގައި ހުންނަ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ އެންމެ މުހިންމު މާއްދާއެވެ. ހަށިގަނޑުގެ ތަފާތު ނިޒާމުތައް ރަނގަޅަށް ހިންގުވައިދޭ މާއްދާއެވެ. އެ ގޮތުން ގުނަންތައް ދުޅަވުމުން ސަލާމަތްކޮށްދިނުމާއި ލޭ ގަނޑުވުން ހުއްޓުވައިދިނުމާއި އަދި ހަށިގަނޑުގެ މަސްތައް އޮމާންކަންމަތީ ދަމަހައްޓައިދީ، ހަމުގެ ސިއްހީ ދުޅަހެޔޮކަން ރައްކާތެރިކޮށްދެއެވެ.
ތަފާތު އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމުގެ އިތުރުން ޒަހަމްތައް ފަސޭހަވުމުގައި ވެސް އޮމެގާ-6 މުހިންމު ދައުރެއް ކުޅެއެވެ. ސިކުނޑި ފުރާފުރިހަމަވުމަށް އެހީތެރިވެދޭއިރު ފްލެކްސް އޮށާއި ޗިއާ އޮށާއި އަދި ވޮލްނަޓް އޮށް ކެއުން މުހިންމު ވަނީ މި ފަދަ ސަބަބުތަކަށްޓަކައެވެ.
ޗިލާޕިއާގެ ހަން، ފިހިފައިވާ އިންސާނުންގެ ހަމަށް ފަރުވާއެއްގެ ގޮތުގައި ބްރެޒިލްގައި ބޭނުންކުރަން ފެށުން:
އިންސާނުންގެ ފިހިފައިވާ ހަންގަނޑަށް ފަރުވާ ކުރުމަށް ތަފާތު ބާވަތްތަކުގެ މަސްތަކުގެ ހަން ބްރެޒިލްގައި ބޭނުން ކުރާއިރު ޑޮކްޓަރުން މިހާރު ވަނީ އިންސާނުންގެ ހަންގަޑު ފިހުމުން ލިބޭ ޒަހަމްތަކަށް ފަރުވާއެއްގެ ގޮތުގައި ޗިލާޕިއާގެ ހަން ވެސް ބޭނުން ކުރަން ފަށައިފައެވެ. މިއީ އަލަށް ހޯދައިގަތް އީޖާދީ ފަރުވާއެކެވެ.
ހަދާ ގޮތަކީ އިންފެކްޝަނާއި ބަލި ނުޖެހޭ ގޮތަށް ޗިލާޕިއާގެ ހަން ސްޓެރިލައިޒް ކުރަނީއެވެ. އަދި މީހާގެ ފިހިފައިވާ ހަންގަނޑުގެ މަތީގައި ޗިލާޕިއާގެ އެ ހަން އަޅަނީއެވެ. މިހެންވެ މިއީ ފޮތި ބެންޑޭޖްގެ ބަދަލުގައި ގުދުރަތީ ބަޔޮލޮޖިކަލް ބެންޑޭޖެއް ނުވަތަ ޑްރެސިންއެކެވެ.
ޗިލާޕިއާގެ ހަމަކީ ކޮލަޖެންއިން ފުރިފައިވާ އެއްޗެކެވެ. ކޮލަޖެންއަކީ އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނަ ޕްރޮޓީންގެ ބާވަތެވެ. މިއީ އިންސާނާގެ މުޅި ހަށިގަނޑުގެ ވިއުގަ ގުޅުވައިދޭ ޓިޝޫތައް ކަމަށްވާ ހަމާއި މަސްތަކާއި ޓެންޑަން، ލިގަމެންޓް އަދި ކަށިތައް ހެދިބޮޑުވެ، އެ ގުނަންތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މާއްދާއެވެ.
ހަށިގަނޑަށް ޖިސްމާނީ ގޮތުން "ސްޓްރަކްޗަރަލް ސަޕޯޓު" ނުވަތަ ގުދުރަތީ އިންޖިނިއަރިންގެ ނަޒަރަކުން ބަލާ ނަމަ، ހަށިގަނޑުގެ ގުނަންތަކާއި ނިޒާމްތައް ރޭވިފައިވާ ގޮތާއި ހިންގުވުމަށް ކޮލަޖެން ޕްރޮޓީނަކީ ކޮންމެހެން މުހިންމު މާއްދާއެކެވެ. މީގެ ތެރޭގައި ހަމުގެ "ފްލެކްސިބިލިޓީ" އާއި "އިލާސްޓިސިޓީ" ނުވަތަ ހަރަކާތް ކުރާއިރު ހަންގަނޑަށް ބާރު ނުވެ، ދޫކޮށް އެކި ދިމާލަށް ދަމާލުމަށާއި ކަށިތަކުގެ ބާރުގަދަކަން ދަމަހައްޓައި ދެނީ ވެސް ކޮލަޖެންއެވެ.
ކޮލަޖެން އާއި އޮމެގާ-3 ފެޓީ އެސިޑުން ފުރިފައިވާ ޗިލާޕިއާގެ ހަން، އިންސާނުންގެ ހަށިގަނޑުގެ ޒަހަމްތައް ރަނގަޅު ކޮށްދޭ އެއް ގޮތަކީ އެ ޒަހަމް "މޮއިސްޓް"ކޮށް ބަހައްޓައިދެއެވެ. މިހެންވެ "ޑްރައި"ވެ، ހިކި މުރަނަވުމުން ދުރުވުމުން އެ ޒަހަމްގެ ވޭން ކުޑަކޮށްދެއެވެ.
މީގެ އިތުރުން ޗިލާޕިއާ ހަމަކީ އިންފެކްޝަންތަކަށް ވެސް ހުރަސްއަޅައިދޭ "ފާރެއް" ނުވަތަ "ފަރުދާ"އެކެވެ.
އާއްމުކޮށް ދޭ ސިއްހީ ފަރުވާއަށް ވުރެ މަސްމަހާމެހީގެ ހަމުން ދޭ ފަރުވާއަކީ ހަރަދު ކުޑަ ކަމެކެވެ. އަދި މިއީ ގިނައިން ލިބެން ހުރި ވަސީލަތެކެވެ. ހާއްސަކޮށް، ދަނޑުވެރި ގޮތެއްގައި ޗިލާޕިއާ ގެންގުޅޭ ފެންގަނޑުތައް މިހާރު ދުނިޔޭގައި ގިނަވީމައެވެ.
އިންސާނުންނަށް އެކަށީގެންވާ ފަރުވާއެއްތޯ ދެނެގަތުމަށް ހިންގި ކްލިނިކަލް ޓްރައަލްތަކުގައި ނުވަތަ ތަހުލީލުތަކުން ހާމަވީ ޗިލާޕިއާ ހަމަކީ އުއްމީދީ ހައްލެއް ކަމެވެ. އިންސާނާގެ ފިހިފައިވާ ހަންގަނޑަށް ދެވޭ "އަނެއް" ފަރުވާއެއް ކަމެވެ. ހާއްސަކޮށް، ވަސީލަތްތައް މަދު ތަންތާނގައި އަތްފޯރާފަށުގައި ފޯރުކޮށްދެވިދާނެ ސިއްހީ ދުޅަހެޔޮކަމެއް ކަމެވެ.
