ނޯޓް: މިއީ މި ދިޔަ މަހު 12 ވަނަ ދުވަހު ވެއްޓުނު، އެންމެ މީހަކު ސަލާމަތްވި، އެއާ އިންޑިއާ ފްލައިޓްގެ ހާދިސާއިން ހަތަރު ފިލާވަޅެއް ލިބުނު ކަމަށް ބުނެ ފޭސްބުކްގައި ކިއާރާ ޓާން ލިޔެފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.
އެއާ އިންޑިއާ ފްލައިޓް ވެއްޓުނީއެވެ. ބައެއް މީހުންނަށް މިއީ ހަމައެކަނި ކުއްލި ހަބަރެކެވެ. ނަމަވެސް އަހަރެންނަށް މިއީ ފުރާނަ ކައްކައިލި ހާދިސާއެކެވެ. ހަޔާތުގައި ކަންތައްތައް ކުރިއަށްދާނީ ގޮތްނޭނގޭ ގޮތަކަށް ކަމާއި ދިރިއުޅުމުގެ ނާޒުކުކަން އަލުން ހަނދާން ކޮށްދިން ކާރިސާއެކެވެ.
މި ހާދިސާއާ ގުޅޭ ހަތަރު މީހެއްގެ ހަޔާތަށް ބަލައިލައިނަމެވެ. އެ ހަތަރު މީހުންގެ ވާހަކައެވެ. ވަގުތާއި ހަޔާތުގެ މާނަ އާއި އަދި ކޮންމެ ހިނދުކޮޅެއް ވެސް ރަހްމަތުން ފުރިފައިވާކަން އެނގިގެން ދިޔަ ހަތަރު ވަރުގަދަ ފިލާވަޅެވެ.
ފުރަތަމަ ފިލާވަޅު:
އިނގިރޭސި ވިލާތަށް ހިޖުރަ ކުރުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުގައި ތިބި އާއިލާއެކެވެ. އެ މީހުންގެ ދިރިއުޅުން ދިޔައީ މި ކަމަށް ހުރަސްއަޅަމުންނެވެ. ނަގަން ޖެހޭ ޒިންމާތަކާއި ކަންތައްތައް ފަސްވުމާއި އަދި ނިންމަން ޖެހޭ ނިންމުންތައް ހުރީމައެވެ. އެ މީހުންނަށް އެންމެ ފަހުން މަތިންދާބޯޓާ ހަމައަށް ދެވުނެވެ. ނަމަވެސް ދަތުރުކޮށްފައި މަންޒިލަކަށް ނުފޯރިއެވެ.
އަހަރެންނަށް ދެން ރޭކާލިއެވެ؛ "ކޮންމެވެސް ދުވަހަކަށް" އަހަރެމެން ރޭވުންތައް ރާވަމުއެވެ. އެކަމަކު އަހަރެމެން އަބަދު އިންތިޒާރުގައި ތިބޭ ނަމަ އެ ބުނާ "ކޮންމެވެސް ދުވަހެއް" އެއްވެސް ދުވަހަކަށް ނުވާނެއެވެ.
ދެވަނަ ފިލާވަޅު:
އެ ފްލައިޓްގައި އިންނަން ޖެހޭ އަންހެނެއްގެ ވާހަކައެވެ. އޭނާއަށް އާދެވުނީ ގަޑިޖެހިގެންނެވެ. އެހެންކަމުން ޗެކް-އިން ނުކުރެވުނެވެ. ފްލައިޓަށް އެރޭތޯ އެތައް ފަހަރު އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް ރަސްމީ އިދާރާތަކުން އެ ކަމަށް ހުރަސްއެޅިއެވެ.
އޭނާ މާޔޫސްވިއެވެ. އޭނާގެ ގާތަށް ރުޅި އައެވެ. ބަލި ގަބޫލު ކުރަން ޖެހުމުގެ ހިތްދަތި އިހުސާސް ކުރެވުނެވެ. ނަމަވެސް ދެން ފަހުން އޭނާއަށް ރޭކަލީ އޭނާއަށް ފަހުން އާދެވުނު ކަމީ އިލާހީ ހިކުމަތްފުޅު ކަމެވެ.
އަހަރެންނަށް ރޭކާލީ އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް އަހަރެމެންނަށް އަބަދުމެ ނުލިބޭ ސަބަބުތައް ވެސް ވާކަމެވެ. އެއީ، އަހަރެމެންނަށް ލިބެން އެކަށީގެން ނުވާ ކަންތައްތައް މާތް ﷲ މޮޅަށް ދެނެވޮޑިގެންވާތީއެވެ. އެހެންކަމުން، ބައެއް ފަހަރު، އެ ކަލާނގެ އަހަރެމެންނަށް އެ ދެއްވާ "ނޫން" ބަސްފުޅަކީ، އަހަރެމެންގެ ދިރިހުރުމަށް މެދުވެރި ކުރައްވާ ސަބަބެވެ.
ތިންވަނަ ފިލާވަޅު:
ސަލާމަތްވި ހަމައެކަނި މީހާގެ ވާހަކައެވެ. މަތިންދާބޯޓު ދެ ފަޅި ވިއެވެ. ނަމަވެސް އެ ފިރިހެން މީހާއަށް އިނދެވުނީ އަލިފާން ހިފި ފަޅި ނޫން އަނެއް ބައިގައެވެ. ކާރިސާ ހިނގި ތަނުން ދުރަށް އޭނާއަށް ހިނގައިގަނެވުނެވެ. ބުރާންތިވެފައިވާ ހާލު ނަމަވެސް ފުރާނައާއެކުއެވެ. ސަލާމަތް ވާނެ ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަކުންނެވެ.
އަހަރެންނަށް ރޭކާލީ އެއީ އެ ބުނާ ނަސީބު ކަމެވެ. އެއީ ހަޔާތުގެ މާނަ ކަމެވެ. އަދި އަހަރެންގެ ހިތަށް އައީ އީސާ އަލައިހިއްސަލާމަށް ބާވާލެއްވި އިންޖީލުގެ ތިން ވަނަ ސޫރަތުގެ އެއް ވަނަ އާޔަތުގައި ވަހީ ކުރައްވައިފައިވާ ބަސްފުޅެވެ: "ކޮންމެ ކަމަކަށް ވެސް ވަގުތެއް ވެއެވެ؛ އަދި އުޑުތަކުގެ ދަށުގައިވާ ކޮންމެ ހަރަކާތްތަކަކަށް ވެސް މޫސުމެއް ވެއެވެ."
އާނއެކެވެ؛ ސީދާސާދާ ގޮތަކަށް ބުނާ ނަމަ އެއީ އެ މީހާގެ ފުރާނަ ގެންދަވަން ހަމަޖައްސަވައިފައިވާ ވަގުތެއް ނޫނެވެ.
ހަތަރުވަނަ ފިލާވަޅު:
ދެން އޮތީ ސަލާމަތް ނުވި ހުރިހާ އެންމެންގެ ވާހަކައެވެ. އެތައް ހުވަންފެންތައް ދެކެމުން އައި އެތައް މީހުންނެވެ. އާއިލާތައް ވާ ބައެކެވެ. އެ މީހުންގެ ހަޔާތުގެ ވާހަކަތައް އަދި ނިންމައިލައިފައި ނުވާ މީހުންތަކެކެވެ.
އެ ދުވަހު ހެނދުނު ފުރުމުގެ ކުރިން އެ މީހުން ސަލާންގަލާން ކުރުމުގެ ގޮތުން ކޮންމެވެސް އެކަކަށް ނަމަވެސް ބޮސް ދީފައިވާނެ ކަންނޭނގެއެވެ. އެއީ އެ މީހުން އެންމެ ފަހު ވަގުތު އެންމެ ފަހުން ކުރާނެ ކަން ކަމަށް ނޭނގި ތިބި ހާލުގައެވެ.
އެ މީހުންގެ ކުރު ހަޔާތުން އަހަރެމެން ދިރިތިބީންނަށް އެނގެނީ ވަގުތަކީ އެއްވެސް ހާލެއްގައި ކަށަވަރު އެއްޗެއް ނޫން ކަމެވެ. މުސްކުޅި އުމުރަށް އަހަރެމެން ފޯރާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. "ލަހެއް ފަހެއް" އަންނާނެ ކަމީ އަހަރެމެންނަށް ވައުދުވެ ވޮޑިގެންފައިވާ ކަމެއް ނޫނެވެ. އަހަރެމެންނަށް ލިބެން އޮތްހާ ވެސް އެއްޗަކީ މި ދަނޑިވަޅުގެ މި ހިނދުކޮޅެވެ. ނޭވާ ލެވުމެވެ. ހިތުގައި ވިންދު ޖެހުމެވެ. ދިރިހުރުމަށް ހަމަ އެންމެ ފުރުސަތެކެވެ.
އެހެންކަމުން އަހަރެންނަށް ރޭކާލި ކަމަކީ އަހަރެމެންނަށް މިއަދުގެ މި ދުވަސް ލިބިފައިވާ ހިނދު، އަހަރެމެން ނޭވާ ލަމުން އަންނަ ހިނދު، ހަށިގަނޑު ވަރުގަދަކޮށް ހުންނަ އިރު، ކެރިކުޅަދާނަ ވެގެންވާ ހިނދު، މި ހުރިހާ ކަމެއް ބޭކާރު ނުކޮށްލުމުގެ މުހިންމު ކަމެވެ.
މިހެންވެ، "ޕާފެކްޓް" ނުވަތަ "އެންމެ ފުރިހަމަ" ހިނދުކޮޅަށް މަޑު ނުކުރާށެވެ. ލޯބި ވަންޏާ މި ވަގުތު ލޯބިވާށެވެ. މައާފަށް އެދެން ބޭނުމިއްޔާ މި ވަގުތު މައާފަށް އެދޭށެވެ. މައާފު ކުރަން ބޭނުން ނަމަ މި ވަގުތު މައާފު ކުރާށެވެ. ހުވަފެން ދެކެން ބޭނުން ނަމަ މި ވަގުތު ހުވަފެން ދެކޭށެވެ. ވާހަކަ ދައްކަން ބޭނުމިއްޔާ މި ވަގުތު ވާހަކަ ދައްކާށެވެ.
ސަބަބަކީ ހަޔާތަކީ ކުރިން ދޭ އިންޒާރުތަކަކާއެކު އަންނަ އެއްޗެއް ނޫނެވެ. އަދި އެހެންކަމުން، ބައެއް ފަހަރު، "ދެން އަންނަން އޮތް ވަގުތު" ދުވަހަކު ވެސް ނައިސްފާނެއެވެ.
