Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މި މީހުންގެ ތިރީ ތުންފަތަށް ކިހިނެއްވެފަ؟

އިތިއޯޕިއާގެ މުރްސީ ބާގައިގެ ބައެއް އަންހެނުންގެ ތިރީ ތުންފަތް އާދަޔާ ހިލާފަށް ދިގެވެ. މިއީ ގުދުރަތީ ކަމެއް ނޫނެވެ. މިއީ ޒަމާނުއްސުރެ އެ މީހުންގެ ތެރޭގައި އޮންނަ ސަގާފަތެއްގެ ތެރެއިން އެ މީހުން ކުރާ ކަމަކުން ވާ ގޮތެކެވެ.

މުސްކުޅި އަންހެނުންވެގެން އުމުރުން 15 ނުވަތަ 16 އަހަރުވާ އަންހެންކުދިންގެ ތުންފަތުގެ ދެ މިޔަކަން ކުޑަކޮށް ކަފައިލައެވެ. ދެން މަށި ނުވަތަ ލަކުޑިން ހަދައިފައިވާ ތަށްޓެއް ލައްވައެވެ. މި ތަކެތި ޒީނަތްތެރިކުރުމަށް ފަވާފައިވާ ނުވަތަ ކުލަ ޖައްސައިފައިވާ ކުރެހުންތައް ހުރެއެވެ. މިއީ އެ އަންހެނެއް އަމިއްލައަށް ބޭނުންވާ ގޮތް ނުވަތަ އިޖުތިމާއީ ހައިސިއްޔަތު ދައްކައިދޭން ވެސް އިހުތިޔާރު ކުރެވޭ ގޮތެކެވެ.

ދުވަސްތައް ދާ ވަރަކަށް ތުންފަތް ބޭރަށް ނުކުންނަ ވަރަކަށް ލައްވާ ތަށި ބޮޑުކުރަމުން ގޮސް އާދަޔާ ހިލާފު ބޮޑު ތަށްޓަކަށް ބަދަލުކޮށްލައެވެ. އެ ގޮތުން ބައެއް ފަހަރަށް ތިރީ ތުންފަތް 12 ސެންޓިމީޓަރަށް ވެސް ދިގުވެއެވެ.

މުރްސީގެ މި ސަގާފަތަކީ ދުނިޔޭގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް ސަގާފަތެވެ. މި ޒަމާނުގެ ބައެއް މުރްސީ އަންހެންކުދިން މި ބޯދާ ސަގާފަތް ބަލައެއް ނުގަނެއެވެ. މިހެންވެ، އިހުއްސުރެ މި ފަދަ އާދަޔާ ހިލާފު ކަމެއް މުރްސީ ބާގައިގެ މީހުން ކުރަން ފެށީ ކީއްވެތޯ ބަލައިލުމަކީ ޝައުގުވެރި ކަމެކެވެ.

ތިރީ ތުންފަތް ބޮޑުކުރަން ތަށި ލައްވަން ފެށީ މުރްސީ އަންހެނުންގެ އައިޑެންޓިޓީއެއްގެ ގޮތުގައެވެ. ތާރީހީ ގޮތުން ބަލާއިރު މި ކަން ފެށުނު ކަމަށް ބެލެވެނީ ހުޅަނގުގެ ގައުމުތަކުން އެފްރިކާގެ މީހުން އަޅުންގެ ގޮތުގައި ގެންދަން ފެށުމުން، ހުޅަނގުގެ ގައުމުތަކުގެ މީހުންނަށް ކަމުނުދާނެ ސިފައަކަށް ހުރުމަށް ކަމަށް ބެލެވެއެވެ. ދެން، ދުވަސް ވީ ވަރަކަށް މި ކަން ބަދަލުވެގެން އައީ މޫ ލާފައިވާ ސަގާފީ ރަމްޒަކަށެވެ.

އެހާ ހިސާބުން ތިރީ ތުންފަތް ދިގު އަންހެނުންނަކީ ރީތި އަންހެނުން ކަމަށް މުރްސީ މުޖުތަމައުގައި ބެލެވެން ފެށިއެވެ. އަދި އެ މީހުންގެ އަގު ވެސް އަރަން ފެށިއެވެ. މާނައަކީ ކައިވެނި ކުރަން ހުށަހަޅާ ފިރިހެނުން ރަން ކިޔުން ވެގެން ދިޔައީ އަގު ބޮޑު ކަމަކަށެވެ. ރަން ކިޔަނީ ގެރި ދީގެންނެވެ. ސަބަބަކީ ތިރީ ތުންފަތް ބޮޑުވުމުން މި ކަން ރަމްޒުކޮށްދެނީ އަންހެނެއްގެ ދަރިމައިވުމުގެ ސިއްހަތުގެ ދުޅަހެޔޮކަމާއި ހަށިގަނޑުގެ ބާރުގަދަކަމާއި ކައިވެންޏަށް ތައްޔާރުކަމަށްކަމަށް ބެލެވެއެވެ. މިހެންވެ، ތިރީ ތުންފަތް ދިގުކުރަން ދެކޮޅުހަދާ އަންހެނުންނަކީ ކަންނެތް އަދި ޒަވާޖީ ހަޔާތަކަށް ތައްޔާރު ނޫން އަންހެނުން ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެހެން މީހުންނަށް މިއީ ހައްދުފަހަނަޅާފައިވާ ސަގާފަތެއް ކަމަށް ބެލެވުނަސް، މުރްސީ މުޖުތަމައުން ދެކެނީ މިއީ ކެތްތެރިކަމާއި ކެރުންތެރިކަމާއި އަދި ވަފާތެރިކަން ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައެވެ. ބައެއް މުރްސީ މީހުން ގަބޫލުކުރަނީ މިއީ އާއިލާގެ ތެރޭގައި ސުލްހަ ވެސް ދަމަހައްޓައިދޭ ކަމެއް ކަމަށެވެ. ސަބަބަކީ އަންހެނުން ވާހަކަދެއްކުން މަދުކުރެވޭނެ ގޮތް ހެދުމުން ފިރިމީހާއާ ޒުވާބު ކުރުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށް ބަލައިފައެވެ.

މިއީ ކަންބަލާހިތްވާ މީހުން ހައިރާންވާ ކަމެއް ކަމަށް ވިޔަސް ނުވަތަ ތައުރީފުގެ ނަޒަރަކުން ބަލާ ކަމެއް ކަމަށް ވިޔަސް ނުވަތަ އަދި ހައިރާންކަމާއެކު ދެކޭ ކަމެއް ކަމަށް ވިޔަސް، އެނގޭ ކަމަކީ މި ކަމުން ދޭހަކޮށްދެނީ ޒީނަތްތެރިވުމާއި އެ މުޖުތަމައެއްގެ އައިޑެންޓިޓީ ބައްޓަންކުރުމުގައި ސަގާފަތުން ކުޅޭ މުހިންމު ދައުރެވެ. މިހެންވެ، މުރްސީ އަންހެނުންގެ ތިރީ ތުންފަތް ދިގުވުމަކީ އެ މީހުންގެ ރީތިކަމާއި އިޖުތިމާއީ ހައިބަތު ދައްކުވައިދޭ ކަމެއް ކަމަށް އެ ބާގައިން ދެކެއެވެ.

ފުރާވަރުގައި ފުރަތަމަ ފަހަރަށް ތިރީ ތުންފަތަށް ތަށި ލައްވާ ހިސާބުން ފެށިގެން އެއީ ބޮޑު އަންހެނަކަށް ވީ ކަމަށާއި އެ ކުދިން ކައިވެންޏަށް ތައްޔާރުވީ ކަމަށް އެ ބާގައިން ދެކެއެވެ.

ތިރީ ތުންފަތް ދިގުވަމުން ގޮސް އެންމެ ފަހުން ކާ ތަށްޓެއް ލެއްވޭ ވަރުވާއިރު މުރްސީ މީހުން ދެކެނީ އެއީ އިތިއޯޕިއާގެ އެހެން ބާގަތަކުގެ މީހުންނާ އެ މީހުން ތަފާތުކަން ދައްކައިދޭ ސަގާފަތެއް ކަމަށެވެ.

ތިރީ ތުންފަތް ދިގުކުރިއެއްކަމަކު ތުންފަތަށް ތަށި ލައްވަނީ ގިނަ ފަހަރަށް ހާއްސަ އިހުތިފާލުތަކަށެވެ. އެއީ ކައިވެނި ހަފުލާތަކަށާއި ފިރިހެނުންނަށް ކާން ދޭއިރުއެވެ. ތުންފަތް ތޮރުފައިފައި ތިބޭ ހުސްހަށިބައި އަންހެނުން އާއްމުންގެ ތެރެއަށް ނިކުންނަ އިރު ގިނައިން ތިބެނީ ތިރީ ތުންފަތަށް ތަށި ލައްވައިގެންނެވެ.

ޝައުގުވެރި އަނެއް ކަމަކީ ޒަވާޖީ ހަޔާތެއް ފަށާތާ އެތައް އަހަރެއް ފަހުން މި ފަދަ ތަށި ލުން ހުއްޓައިލަފާނެއެވެ. ނުވަތަ ފިރިމީހާ މަރުވުމުން ވެސް މި ގޮތަށް ތަށި ލެއްވުން ހުއްޓައިލަފާނެއެވެ. ސަބަބަކީ ބޭރުފުށުން ފެންނަ ރީތިކަން އާއްމު ގޮތެއްގައި ސަގާފީ ގޮތުން ގުޅުވައިލައިފައިވަނީ ފިރިމީހާ ގާތުގައި ހުންނަ އިރު އަނބިމީހާއަށް ގެނެސްދޭ ޒީނަތްތެރިކަމެއްގެ ގޮތުގައެވެ.

މުރްސީ މުޖުތަމައުގައި އަންހެނުން ތިރީ ތުންފަތް ދިގުކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫނެވެ. މި ކަން ކުރަން އެއްބަސްވުމާއި ނުވުން އާއްމު ގޮތެއްގައި ދޫކޮށްލައިފައި އޮންނަނީ ފުރާވަރުގެ އަންހެންކުދިންގެ އަތްމައްޗަށެވެ. ނަމަވެސް، މިހެން ބުންޏަސް، މި ކަން ކުރަން އިޖުތިމާއީ ގޮތުން މުޖުތަމައުން އެ ކުދިންނަށް ޕްރެޝަރު އޮވެއެވެ.

މުރްސީ އަންހެނުންގެ މި އާދަޔާ ހިލާފު ސަގާފަތް ބަލައިލުން މިހާރު ވެފައިވަނީ އެ މީހުން ދިރިއުޅޭ އޯމޯ ވާދީގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުމަކަށެވެ. އެ ގޮތުން ޓޫރިޒަމްގެ ސަބަބުން އެ މުޖުތަމައަށް އިގުތިސާދީ ފައިދާތަކެއް ލިބެއެވެ. ނަމަވެސް ސަގާފަތަކީ ގަނެވިއްކާ އެއްޗަކަށް ހެދުމާއި ޓޫރިސްޓުން ނަގާ ފޮޓޯތަކަށްޓަކައި މުރްސީ އަންހެނުންގެ ތިރީ ތުންފަތް ދިގުކުރާ މިންވަރު އިތުރުކުރުމަށް އޮތް ޕްރެޝަރަކީ ވެސް މިހާރު ބައެއް މީހުން ކަންބޮޑުވާ ކަމެކެވެ.

ޒުވާން ބައެއް މުރްސީ އަންހެނުން މިހާރު މި ސަގާފަތް ދަމަހައްޓަން ބޭނުމެއް ނުވެއެވެ. އެ މީހުން ދެކެނީ މިއީ މި ޒަމާނުގެ ދުނިޔެއާ ނުގުޅޭ އާދައެއްކަމަށެވެ. މި ކަމުގައި ހަގީގަތުގައި އެތައް ސަބަބުތަކެއްވެއެވެ. އެއް ކަމަކީ ވާހަކަދެއްކުމަށް އުނދަގޫވުމެވެ. މިސާލަކަށް، ސީނުގެ އަޑު ނެރުމަކީ އުނދަގޫ ކަމެކެވެ. މީގެ އިތުރުން ކެއުމަކީ ވެސް ބުރަ ކަމަކަށްވެއެވެ. އަދި ކުޅުހިކުން މިއީ އާއްމު ކަމެކެވެ. ކުޅަކީ ހަޖަމުގެ ނިޒާމަށް މުހިންމު އެއްޗަކަށްވާއިރު މި ގޮތަށް ތިރީ ތުންފަތް ދިގުކުރުމުން މިއީ ސިއްހަތަށް ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. މީގެ އިތުރުން މި ސަގާފަތުގެ ސަބަބުން ތިރީ ތުންފަތުގެ ސިއްހަތު ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ އިންފެކްޝަން ޖެހުން ވެސް އޮންނަނީ ކައިރީގައެވެ.

މުރްސީ އަންހެނުންގެ ތިރީ ތުންފަތް ދިގުކުރުމަކީ އެހާ ސީދާސާދާ ސަގާފަތެއް ނޫނެވެ. މިއީ އެ ބާގައިގެ ތަރިކައިގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައިވާ ޒީނަތްތެރިވުމާއި އިޖުތިމާއި ހައިބަތާއި އައިޑެންޓިޓީގެ އިތުރުން ފުރާފުރިހަމަވެފައިވާ އަންހެނަކަށްވިކަމުގެ ރަމްޒެއް ކަމަށް ދައްކައިދޭ ނިޝާނެކެވެ. ޓޫރިޒަމާއި ޒަމާނީ ތަރައްގީގެ ސަބަބުން މި އާދައަށް ގޮންޖެހުންތަކެއް މިހާރު ކުރިމަތިވެފައިވިޔަސް މި ސަގާފަތީ އަދިވެސް މުރްސީ މުޖުތަމައު އިތިއޯޕިއާގެ އެހެން ބާގަތަކާ ތަފާތުކަން ދައްކައިދޭ، މުރްސީ ސަގާފަތުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.

  • ތަރުޖަމާއެއް