އަހަރެން ކައިވެނި ކުރީ އުމުރުން 25 އަހަރުގައެވެ. ޕީ.އެޗް.ޑީއަށް ކިޔަވައި ނިމުނީ އުމުރުން 27 އަހަރުގައެވެ. އަދި އަހަރެން ޔުނިވާސިޓީ ޕްރޮފެސަރަކަށްވީ އުމުރުން 40 އަހަރުގައެވެ.
އެހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައެވެ! އާނއެކެވެ. އަހަރެންގެ ވަށައިގެން ހުރިހާ ކަމެއް ވެސް ވީ އަވަހަށެވެ. ނަމަވެސް ކަންތައްތަކަށް އަހަރެންނަށް އިސްކަން ދެވުނީ ރަނގަޅު އުސޫލަކުން ނޫންކަން ވިސްނެނީ މިހާރެވެ.
ކެރިއަރު ކުރިއެރުވުމަށް ދެވުނު ސަމާލުކަމާހުރެ އެހެން ހުރިހާ ކަމަކަށް އަހަރެންނަށް ދެވުނީ ކަނުލޮލެކެވެ. ހުރިހާ ކަމެއް ފަހުމްވީ ގޯސްކޮށެވެ.
އަހަރެންގެ ވާހަކަ މި ހިއްސާ ކުރަނީ ޒުވާން އުމުރުގެ އެހެން މައިން ވެސް އަހަރެންނަށް އެޅުނު ކަހަލަ ޅަ އެއްޗެއް ނޭޅުމަށް އިލްތިމާސްކުރުމުގެ ނިޔަތުގައެވެ.
ލެކްޗަރާއަކާއި އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާގައި އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރީމެވެ. އަހަރެން ބިޒީވީވަރުން އަހަރެންގެ ދަރިންނާ ދިމާއަށް ވެސް ބުނެވޭ އަތްމަތީ ބަހަކަށްވީ އެ އިބާރާތެވެ: "އަހަރެން ބިޒީ"އެވެ.
މާމަގެ ހައިސިއްޔަތުން އަހަރެންގެ ދަރިން ބެލުމުގައި އެންމެ ފުރަތަމަ އެހީވީ އަހަރެންގެ މަންމައެވެ. އެ ކުދިންގެ އުމުރުން ހަމަ 10 އަހަރު ވީ ތަނާ އަހަރެން އެ ކުދިން ބޯޑިން ސްކޫލަށް ފޮނުވައިލައިފީމެވެ. އެއިރުން އަހަރެންނަށް އެ ކުދިން ބަލާކަށް ނުޖެހޭނެ ނޫން ހެއްޔެވެ. އަހަރެންގެ ފިރިމީހާ މި ކަމާ ދެކޮޅުހެދިއެވެ. ނަމަވެސް ކޮންމެ ކަމެއް ނިންމުމުގައި ވެސް އަހަރެން ކާމިޔާބު ހޯދަމެވެ.
އަހަރެންގެ ތިބެނީ ދެ ފިރިހެން ދަރިންނާއި އެއް އަންހެން ދަރިއެކެވެ. އަހަރެންގެ ދަރިންނާ އަހަރެންނާ މާ ރަނގަޅު ގުޅުމެއް ނޯވެއެވެ.
އަހަރެންގެ ފިރިމީހާ އާއި ދަރިންނާއި އަދި އާއިލާއާއެކު ރަނގަޅު ގުޅުމެއް އަހަރެންނަށް ނުބޭއްވި އޮތީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އެއިރު އަހަރެންނަކަށް ނުވިސްނެއެވެ. އަހަރެންނަށް ހުރިހާ ކަމެއް ރޭކާލާން ފެށީ މީގެ ފަސް އަހަރު ކުރިން އަހަރެންނަށް ބައެއް ކަހަލަ އިހުސާސްތަކެއް ކުރެވެން ފެށުމުންނެވެ. އެއީ ކުށެއް ކުރެވިއްޖެކަމުގެ އިހުސާސް އާއި އެކަނިވެރިވެފައިވާކަމުގެ އިހުސާސް އާއި އަބަދުވެސް ހިތްއަވަސްވެފައި ހުންނަކަމުގެ އިހުސާސްއެކެވެ.
އަހަރެންގެ 60 ވަނަ އުފަން ދުވަސް ފާހަގަކުރަން އަހަރެންގެ ގާތަށް އައުމަށް އަހަރެންގެ ދަރިންނަށް ދައުވަތު ދިނީމެވެ.
ކެނެޑާގައި އުޅެމުން އައި ދެ ފިރިހެން ދަރިން ބުނީ އެ ދެ މީހުން "ބިޒީ" ކަމަށާއި އެ ދެ މީހުންގެ ދައްތަ، ނުވަތަ ދެކުނު އެފްރިކާގައި ދިރިއުޅެމުން އައި އަހަރެންގެ އަންހެން ދަރިފުޅު އަހަރެންގެ އުފަން ދުވަސް ފާހަގަ ކުރަން އަންނާނެ ކަމަށެވެ.
އަހަރެންގެ އުފަން ދުވަސް އަންނަން ދެ ދުވަހަށް ވެފައި ވަނިކޮށް އަހަރެންގެ އަންހެން ދަރިފުޅު އަހަރެންނަށް މެސެޖެއް ފޮނުވިއެވެ. އެ މެސެޖްގައި ލިޔެފައިވަނީ މިހެންނެވެ:
"މަންމާއެވެ. އަހަރެންނަށް ތިކޮޅަށް ދެވެން ނެތުމުން އަހަރެން ވަރަށް ބޮޑަށް ދެރަވަމެވެ. އަހަރެންނަށް އެންމެ ވަގުތުކޮޅެއް ވެސް ހުސްކޮށްލެވޭކަށް ނެތެވެ. އަހަރެންގެ ފިރިމީހާ އަލަށް ހެދި ކްލިނިކްގެ ކަންތައްތަކަށް އަހަރެންގެ ސަމާލުކަން ބޭނުންވެއެވެ. އަދި މި ވަގުތު އަހަރެން މި އިނީ ބަލިވެއެވެ. އަހަރެން ވަރަށް ވަރަށް ބިޒީއެވެ. އަހަރެން ވެސް މި އިނީ ނުދަންނަ ގައުމެއްގައި އެކަނިވެރި ހާލަތެއްގައެވެ. މަންމާއެވެ. އަހަރެމެންނަށްޓަކައި ދުއާ ކޮށްދޭށެވެ. މަންމައަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ."
އަހަރެންގެ އަންހެން ދަރިފުޅު ފޮނުވި މި މެސެޖްގެ މާނައިން ލިބުނު ފުން ހިތާމައިން އަދިވެސް އަހަރެންނަށް މި އުޅެނީ ތަސައްލީއެއް ނުލިބިގެންނެވެ.
ފުރަތަމަ ކަމަކަށް ބަލާއިރު، އަހަރެންގެ ދަރިންނާ އަޅާލައި، އެ ތިން ކުދިންނާ ވާހަކަދައްކާ އުޅުމަށް އަހަރެންނަށް އެއިރު ވަގުތެއް ނުދެވުނެވެ. މިހާރު އެ ކުދިންގެ އަޅާލުމާއި އެ ކުދިން އަހަރެންނާ ވާހަކަދެއްކުމަށް އަހަރެންނަށް މި ވަނީ ބޭނުންޖެހިފައެވެ. ނަމަވެސް މިހާރު މި ކަންތައްތައް އަހަރެންނަށް ބޭނުންވި ހިނދު މި ކަންތައްތައް އަހަރެންނަށް ލިބޭކަށް ނެތެވެ. އޭގެ ބަދަލުގައި އަހަރެންގެ ތިން ދަރިން އަހަރެންގެ ޝިޔާރު އަހަރެންނާ ދިމާއަށް އަނބުރާ ފޮނުވައިލީއެވެ. އެއީ އެއްކަލަ ޝިޔާރެވެ: "އަހަރެން ބިޒީ"އެވެ.
އޭގެ މަހެއް ފަހުން އަހަރެންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނެވެ؛ އަހަރެންގެ ފިރިމީހާ ނިޔާވިއެވެ. ނިދީގައެވެ. ޖަނާޒާއަށް އައީ އެންމެ ފިރިހެން ދަރިއެކެވެ. އޭނާގެ އާއިލާ ނުގެނެއެވެ.
އަހަރެންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
އަހަރެންނަށް ކުރެވިފައިހުރި ހުރިހާ ކަމަކާ އަހަރެން ވިސްނައިލީމެވެ.
ބުރަކޮށް މަސައްކަތްކުރާ މީހަކަށްވުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މުހިންމު ހަގީގަތަކީ މިއެވެ: ދަރިން ބެލުމަކީ ގުރުބާނީތަކެއް ވާން ޖެހޭ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ތިބާގެ އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަހަލަ މަސައްކަތްތަކާ ދުރުވާށެވެ.
ފުރަތަމަ ކަމަކަށް ތިބާގެ ގޭތެރެ ހަރުދަނާ ކުރާށެވެ. ތިބާގެ ފިރިމީހާއަށާއި ދަރިންނަށް ވަގުތު ދޭށެވެ. ތިބާގެ އަމަލުތަކާއި ތިބާ ކަންތައްތަކާމެދު ދެކޭ ގޮތް ދައްކުވައިދީގެން އާއިލާގެ އެހެން މެންބަރުންގެ ހިތުގައި މާތްﷲއަށް ތަގުވާވެރިވުމަށް ހިތްވަރު ދޭށެވެ.
އަހަރެމެންގެ ދަރިން އަހަރެމެންގެ ބޭނުމަށް ޖެހޭ ދުވަހު އަހަރެމެން އެ ކުދިންނާއެކު ވަމާ ހިނގާށެވެ. މިއީ މިހާރު ހަރަދުބޮޑު ކަމަކަށް ވިޔަސް، އާހިރުގައި ކުރިމަގުގެ ފޮނި ނަތީޖާގެ އަގު މާ ބޮޑުވާނެއެވެ.
- ތަރުޖަމާއެއް