ދުނިޔޭގެ އެންމެ މުއްސަނދި ތިން މަހުޖަނުން ތެރޭގައި ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްގެ މިލްކިއްޔާތުގައި 215 ބިލިއަން ޑޮލަރު (3،310 ބިލިއަން ރުފިޔާ) އެބަހުއްޓެވެ. ނަމަވެސް މިއީ އޭނާގެ ހަމައެކަނި ހާއްސަކަމެއް ނޫނެވެ. އޭނާގެ ހާއްސަ ގަވައިދެއް، ދުނިޔޭގައިވާ އޭނާގެ 1.5 މިލިއަން މުވައްޒަފުންނަށް ހަމަޖައްސައިފައިވެއެވެ. އެއީ ކޮންމެ ޓީމަކަށް ދެ ޕިއްޒާއަށްވުރެ ގިނައިން ކެއުން މަނާކޮށްފައިވުމެވެ.
މިއީ މުވައްޒަފުން ޑައެޓުކުރަން މަޖުބޫރުކުރުމުގެ މަގުސަދުގައި އޭނާ ކުރި ކަމެއް ނޫނެވެ. ނަމަވެސް މިއީ އޭނާގެ ވިޔަފާރި ކާމިޔާބުވުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ.
މި ކަމުގެ ފަހަތުގައި ވަރަށް ސާދާ ބޭނުމެއްވެއެވެ. ޖެފްގެ ބޭނުމަކީ އޭނާގެ ކޮންމެ ޓީމެއްގައި ވީ އެންމެ މަދު އަދަދަކަށް މީހުން ބައިތިއްބައިށެވެ. މިހެން ހެދުމުން ކޮންމެ ޓީމަކަށް ވެސް އެ ޓީމެއް ހާއްސަވާ މަސައްކަތަށް ފުރިހަމަ ސަމާލުކަން ދޭން ފަސޭހަވެއެވެ. މާ ގިނަ ކަންތައްތަކަށް އެއްފަހަރާ ސަމާލުކަން ދޭން ނުޖެހޭތީއެވެ. އެހެންކަމުން، ދެ ޕިއްޒާ ރަމްޒުކޮށްދެނީ، ކޮންމެ ޓީމެއްގައި މީހުންގެ އަދަދު މަދު ކަމެވެ.
މިހެން ހެދުމުން ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތުގެ ސާފު ތަސައްވުރެއް ކޮންމެ މުވައްޒަފަކަށް ލިބެއެވެ. ބޮޑެތި ބައްދަލުވުންތަކަށް ވަނުމުގެ ބަދަލުގައި އެ މުވައްޒަފެއްގެ ޓީމު މެންބަރުންނާއެކު ގިނަ ވަގުތު ހޭދަކުރުމުން ކޮންމެ މުވައްޒަފެއްގެ އުފެއްދުންތެރިކަން އިތުރުވެއެވެ. މިހެންވަނީ ކޮންމެހެން ޓީމު މެންބަރުންގެ މައްޗަށް ބަރޯސާވުމަކުން ނޫނެވެ. ނަމަވެސް ޓީމުގައި މަސައްކަތް ބަހާލައިފައިވާ ގޮތް އެނގުމުން އެ މީހަކު ކުރަން ޖެހޭ މަސައްކަތެއް އެ މީހަކަށް ރަނގަޅަށް ދޭހަވެ، އެ ކަމުގައި މުޅިން މަސްއޫލުވެގެން އުޅެން އެ މީހަކަށް ހިތްވަރު ލިބޭތީއެވެ.
މިހާ ހިސާބުން އުފެދިދާނެ ސުވާލަކީ ދެ ޕިއްޒާ ފުދޭނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެމެޒޯންގެ ކޮންމެ ޓީމެއްގައި ތިބެނީ 10 ނުވަތަ އެއަށްވުރެ މަދު މުވައްޒަފުންނެވެ. ޓީމެއްގެ އަދަދު މިއަށްވުރެ އިތުރުކުރަން ޖެހިއްޖެ ނަމަ ޖެފް ހަދާ ގޮތަކީ އެ ޓީމެއް އަލުން ބައިބައިކޮށްލައިފައި އެއިން ކޮންމެ ޓީމަކާ ހަވާލުކުރަނީ ތަފާތު މަސައްކަތެކެވެ.
މި ހުރިހާ އުސޫލެއް މި ގޮތަށް ހަމަޖެއްސުމުން ކޮންމެ ޓީމަކަށް ވެސް އިތުރު ވަގުތު ކަސްޓަމަރުންގެ ގާތުގައި އެ މީހުންނަށް ހިދުމަތް ދިނުމަށް އެ ފުރުސަތާއި ވަގުތު ލިބެއެވެ. އެ ކަސްޓަމަރަކު ބޭނުންވާ ހިދުމަތެއް ސީދާ ދެނެގަނެވެއެވެ. އަދި ކަސްޓަމަރުންގެ އެދުމާ އެއްގޮތަށް އެމެޒޯންގެ ހިދުމަތްތައް ބައްޓަން ކުރަން މަގުފަހިވެއެވެ.
ނަމަވެސް ދެން އޮތް ސުވާލަކީ އަނެއްކާވެސް އެއްކަލަ ކުރިން ކުރެވުނު ސުވާލެވެ: ދެ ޕިއްޒާއިން ބަނޑު ފުރޭނީ ކިތައް މީހުންގެ ހެއްޔެވެ؟ ކައިގެން ބަނޑުފުރުމުގެ އިހުސާސް ކުރެވޭނީ ކިތައް ފޮތި ކައިލީމާ ހެއްޔެވެ؟ ޕިއްޒާއެއް އެއްކޮށް ކައިލެވޭ މީހުން ވެސް އުޅޭ ނޫން ހެއްޔެވެ؟ ފަހަރުގައި ޖެފް ގެންގުޅޭ ކުންފުނި ހިންގުމުގެ އުސޫލުތަކުގެ ސިއްރުވަނީ ހަމައެކަނި އޭނާގެ ބަނޑު ތެރޭގައި ފޮރުވިފައި ކަންނޭނގެއެވެ.
- ތަރުޖަމާއެއް