Support Us

ކޮލަމް: މީތިނުކިޔާތި

ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށް އެތުލީޓުން ޓްރެކްގައި ދުވަނީ ކީއްވެ؟

ޝައުގުވެރިކަމަކީ މީގެ ގަރުނަކަށްވުރެ ކުރިން އެތުލީޓުން ޓްރެކްގައި ދުވީ ގަޑީގެ ކަށި އެނބުރޭ ކޮޅަށްކަމެވެ. ޒަމާނީ އޮލިމްޕިކް ކުޅިވަރުތަކުގައި ގްރީސްގެ ވެރިރަށް އެތެންސްގައި 1896 ގައި 200 މީޓަރު، 400 މީޓަރު އަދި 800 މީޓަރު ދުވުމުގައި ވެސް އެތުލީޓުން ދުވީ ގަޑީގެ ކަށި އެނބުރޭ ކޮޅަށެވެ.

ނަމަވެސް މި ގޮތަށް ދުވުމުން ގިނަ އެތުލީޓުންނަށް ހަށިގަނޑަށް އުނދަގޫތަކެއް އިހުސާސްކުރެވުނެވެ. އެއީ އަދި ހަމައެކަނި އުނދަގޫތަކެއް ނޫނެވެ. ވޭން ވެސް ތަހައްމަލުކުރާ ކަމަށް އެ މީހުން ބުންޏެވެ.

މި މައްސަލަ ކުރިމަތިވުމުން 1913 ގައި އެތުލެޓިކްސް ހިންގާ އިދާރާތަކުން ރަސްމީ ގޮތުން ޓްރެކްގައި ދުވާ މިސްރާބު ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށް ބަދަލުކުރިއެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް ހިފަހައްޓަމުން އަންނަނީ މި އުސޫލުގައެވެ.

ސައިންސުން މިހާރު އެނގޭ ގޮތުގައި މިއީ ރަނގަޅު ނިންމުމެކެވެ. ސަބަބަކީ ގުދުރަތީ ހުރިހާ ނިޒާމެއްގައި ވެސް ތަކެތި އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

ގަޑީގެ ކަށި އެނބުރޭ ގޮތާ އިދިކޮޅަށް އިރުގެ ވަށައިގެން ޕްލެނެޓްތައް އެނބުރޭ ގޮތް ދައްކުވައިދޭ ކުރެހުމެއް

މިސާލަކަށް، އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރަނީ މި ގޮތަށެވެ. އެޓޮމް ނުވަތަ ޒައްރުގެ ނިއުކްލިއަސް ވަށައިގެން އިލެކްޓްރޯންތައް ވެސް އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

މީގެ އިތުރުން ގުދުރަތީ ވަރަށް ބޮޑެތި ނިޒާމުތަކުގައި ވެސް ތަކެތި އެނބުރެނީ މި ގޮތަށެވެ. މިސާލަކަށް، ހަނދު ދުނިޔެ ވަށާ އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ. އިރުގެ ވަށައިގެން ދުނިޔެ ވެސް އެނބުރެނީ މި ގޮތަށެވެ. އަދި އަހަރެމެންގެ އިރުގެ ނިޒާމު ކަމަށްވާ ސޯލާ ސިސްޓަމްގައި ވެސް، ދުނިޔެއާ އެއްފަދައިން، އެހެން ޕްލެނެޓްތައް ވެސް އިރުގެ ވަށައިގެން އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

މިއަށްވުރެ ތަންކޮޅެއް ބޭރަށް ޖެހިލާއިރު އަހަރެމެންގެ އިރާއި މުޅި ސޯލާ ސިސްޓަމް ވެސް އަހަރެމެން މި އުޅޭ ގެލެކްސީ ނުވަތަ މަޑިކިލަނބުގައި އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

އަދި ހަމަ މިއަށްވުރެ ދުރަށް ޖެހިލާއިރު މި ކައުނުގައި ހުރިހާ މަޑިކިލަނބުތަކެއް ވެސް އެނބުރެނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

މީގެ އިތުރުން ބައެއް ދީނީ ސަގާފަތްތަކަށް ބަލާއިރު ވެސް ކަންތައްތައް ކުރަނީ މި ގުދުރަތީ ނިޒާމާ އެއްގޮތަށެވެ. މިސާލަކަށް، ކައުބަތުﷲ ގެފުޅުގެ ވަށައިގެން މުސްލިމުން ވޭތުވެދިޔަ 1،400 އަހަރު ތަވާފު ކުރަމުން އަންނަނީ ގަޑީގެ ކަށި އެނބުރޭ ކޮޅާ އިދިކޮޅަށެވެ.

މީގެން ދައްކައިދެނީ މި ނިޒާމަކީ އިއްތިފާގެއް ނޫން ކަމެވެ. މިއީ އާއްމު ކަމަކަށް ވެފައިވާއިރު މީގެން ދައްކައިދެނީ މި ކަމުގައި އިތުރު ހަގީގަތްތަކެއް ވާކަމެވެ. އެ ގޮތުން، އެތުލީޓުން ޓްރެކްގައި އެ ދުވާ މިސްރާބަކީ ގުދުރަތުގެ އަސާސީ ރާގެއްގެ ދަށުން ދުވާ ނިޒާމެކެވެ.

  • ތަރުޖަމާއެއް