ތިބާ ތިޔަ އުޅެނީ ބޮޑު ދޮގުތަކެއްގެ ތެރޭގައި ކަމަށް ވެދާނެއެވެ. މުޖުތަމައާއި ފިލްމްތަކާއި ނިކަމެތި ފިރިހެނުން ތިބާއަށް ވިސްނައިދީފައިވަނީ ތިބާގެ ފަހަތުން އުޅޭ ޕެޓެއްގެ ގޮތަށް ތިބާ ވެސް އަންހެނުންގެ ފަހަތުން އަޅުވާލައިގެން އުޅެން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް އަންހެނަކު ނުލިބޭނެ ކަމެވެ.
ތިބާގެ ފަރާތުން ކަންތައްތަކެއް ސާބިތުކޮށްދީ، ތިބާ ހިތްކިޔާ އަންހެނަކަށް ފޮނިދައްކައި، އޭނާއަށް އެއްޗެހި ގަނތްދީ އެ ފަދަ ގޮތްތަކުން ސަމާކުލަން ނުހޯދައިފި ނަމަ އެއްވެސް އަންހެނަކު ތިބާއަށް ނުލިބޭނެ ކަމަށް ތިބާއަށް ހީވެފައި އޮންނަނީ މިހެންވެއެވެ.
ވިސްނައިލައިށެވެ. ތިބާއަށް އަންހެނުން އިހުތިރާމް ނުކުރުމާއި ހަބަރެއްދަބަރެއް ނުވެ ވަކި ސަބަބެއް ނުދައްކާ ކުއްލިއަކަށް ގުޅުން ކަނޑައިލުން ނުވަތަ އެ އަންހެނަކު ތިބާ "ގޯސްޓް"ކޮށްލުމާއި ތިބާއަކީ އޭނާއަށް ލިބިފައިވާ އެތައް ފުރުސަތެއްގެ ތެރެއިން އޭނާ އިހުތިޔާރުކުރާ މީހެއް ކަމަށްވެފައިވަނީ މި ފަދަ ގޮތްގޮތަށް ތިބާ އުޅޭތީއެވެ.
އިންޓަނެޓުގައި ސްލޭންގް ނުވަތަ ބާޒާރުމަތީ ބަހެއް ގޮތަށް އެ ބުނާ "ސިމްޕް"އަކަށް ތިބާވެފައިވުން ހުއްޓުމަކަށް ގެންނަމާ ހެއްޔެވެ؟ ސިމްޕޭ މި ބުނީ އަންހެނެއް ދެކެ ލޯބި ނުވެ ހަމައެކަނި ޝަހުވަތުގެ ގުޅުމެއް ބާއްވަން، އެ އަންހެންމީހާ ތިބާގެ އިހުސާސްތަކަށް އެއްވެސް އަޅާލުމެއް ނެތް ހާލުގައި ވެސް ތިބާ އޭނާއަށް ހައްދުން ނެއްޓޭ ވަރަށް ހަމްދަރުދީވުމާއި ސަމާލުކަން ދޭން މީހެއްގެ ގޮތަށެވެ.
މިއީ މި ތާކުންތާކު ނުޖެހޭ އުޅުން ތިބާ ދޫކޮށްލަންވީ ދަނޑިވަޅެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފުސުގެ ޔަގީންކަމާއި ލީޑަޝިޕް އިސްކޮށްގެން ބައިވެރިޔަކު ހޯދަން މަސައްކަތް ކުރަންވީ ވަގުތެވެ. މި ބަލައިލަނީ މި ގޮތުގެ މަތިން ތިބާއަށް އަމަލުކުރެވިދާނެ ހަތް ގޮތަށެވެ.
1. ތިބާއަކީ މީހެއްކަން ސާބިތުކޮށްދޭނީ ތިބާ ލޯބި ހޯދަން ތިޔަ އުޅޭ އަންހެންމީހާގެ ފަރާތަކުން ނޫނެވެ.
މިހެންވެ، އެހެން މީހަކު ތިބާ "ވެލިޑޭޓް"ކޮށްދޭނެ ކަމަށް ހީނުކުރާށެވެ. އަންހެނަކު ހޯދުމަށް ކެތްނުލަވައިގަތްފައިވާ ނަމަ އެ ކަން އެ އަންހެންމީހާއަށް އިހުސާސްކުރެވޭނެއެވެ. އެ އަންހެންމީހާގެ ރުހުން ތިބާ ބޭނުންވާ ކަމަށް ތިބާ ދައްކާ ނަމަ އެ އަންހެންމީހާ ތިބާއާމެދު ޝައުގުވެރިއެއް ނުވާނެއެވެ. އެ ގޮތުން މެސެޖް ފޮނުވުމުގައި ވެސް ތިބާ އަބަދު އިސްނުނަގާށެވެ. ތިބާ ކުރާ ކަންތައްތަކުގެ ސަބަބުތައް މާބޮޑަށް އޭނާއަށް ކިޔައިދޭން ނޫޅޭށެވެ. އަދި އޭނާ ތިބާއަށް ދޭ ސަމާލުކަމަކީ އިނާމެއް ކަމަށް ނުބަލާށެވެ. ހަގީގަތުގައި އިނާމަކީ ތިބާއެވެ. އޭނާ ހޯދަން ޖެހޭ އެއްޗެކީ ތިބާއެވެ. އެހެންކަމުން ތިބާއަކީ އެހެން މީހުންނަށް މުހިންމު އިނާމެއްގެ ގޮތުގައި އަމަލުކުރަން ފަށާށެވެ.
2. ތިބާގެ ހަޔާތާއި ދިރިއުޅުން ފުރަތަމަ އެއްޗަކަށް ހަދާށެވެ.
"އަގުބޮޑު ފިރިހެނަކަ"ށް އަންހެނުން ފަހަތުން ދުވާކަށް ވަގުތެއް ނުވާނެއެވެ. އެ ފަދަ ފިރިހެނަކީ ކާމިޔާބާއި ބާރާއި މާލީ މިނިވަންކަން ހޯދުމަށް ދުވާ މީހުންނެވެ. ތިބާއަކީ އޮއްޓަރެއް ނެތް މީހެއް ނަމަ ތިބާއާމެދު އެއްވެސް އަންހެނަކު ޝައުގުވެރިވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެހެންކަމުން ތިބާގެ ކެރިއަރު ބާރުގަދަކުރާށެވެ. ތިބާގެ ހަށިގަނޑުގެ ސިފަ ރީތިކުރާށެވެ. އަދި ތިބާގެ ސިކުނޑިއަކީ ވިސްނުންތެރި ގުނަވަނަކަށް ހަދާށެވެ. ފުރަތަމަ ތިބާގެ ހިލާފަތް އިމާރާތްކުރާށެވެ. އެ ހިސާބުން އޭގެ ބަޔަކަށްވާން އަންހެނުން ބޭނުންވާނެއެވެ.
3. ތިބާ އަންހެނުންނަށް ދޭ ސަމާލުކަން ކޮންޓްރޯލުކުރާށެވެ.
ސަމާލުކަން ލިބުމަކީ އަންހެނުންގެ ދިރިއުޅުމުގެ ބައެކެވެ. އޭނާ ސޯޝަލް މީޑިއާގައިކުރާ ޕޯސްޓްތަކަށް އަބަދު "ލައިކު" ދީ، އޭނާގެ ފޮޓޯތަކަށް ކޮމެންޓުކޮށް، އަދި މި މޭރުމުން އޭނާގެ ފޯން ތަޣައްޔަރުކޮށްލުމުން ތިބާއަށް އެ ހިސާބުން ވެސް ތިޔަ ނާކާމިޔާބުވީއެވެ. އެހެންކަމުން ފަހަތަށް ފިޔަވަޅެއް އަޅާލާށެވެ. އެހެން ފިރިހެނުން އޭނާއަށް އެ ދޭ "އޮބްސެޝަން" ނުވަތަ ނުނެއްޓިގެން އުޅޭ ކަހަލަ ސަމާލުކަމެއް ތިބާ ނުދެނީ ކީއްވެތޯ އޭނާ ވިސްނައިލަން ދޫކޮށްލާށެވެ. ސަބަބަކީ ތިބާ ސަމާލުކަން ދިނުން މަދުކޮށްލާ މިންވަރަކަށް އޭނާ ތިބާގެ ސަމާލުކަން ބޭނުންވާ މިންވަރު އަންނާނީ އިތުރުވަމުންނެވެ.
4. ފަހަތުން އުޅުން ރަނގަޅު ނޫން ކަމަށް ފެންނަ އަންހެނުންގެ ބަދަލުގައި އެހެން އަންހެނުން ހޯދާށެވެ.
ތިބާއަށް ސަމާލުކަން ނުދޭ ކޮންމެ އަންހެނެއްގެ ބަދަލުގައި ތިބާއަށް ސަމާލުކަން ދޭނެ އެހެން އަންހެނުން އުޅޭނެއެވެ. ތިބާގެ ދިރިއުޅުމަކީ ފުދިފައިވާ ހަޔާތެއްކަން ދެއްކުމުން ރަނގަޅުވާނެއެވެ. ތިބާގެ ސިކުނޑީގެ ވިސްނުން ބަހައްޓާނީ މި ގޮތަށެވެ. ތިބާއަކީ ކުޅޭކުޅޭ މީހަކަށް ހަދައިފި ނަމަ ތިބާ އޭނާ ދޫކޮށްލައިފައި ދާށެވެ. އޭނާގެ ހިޔާލު ބަދަލުވޭތޯ މަސައްކަތް ނުކުރާށެވެ. އޭނާގެ ލޯތްބަށް ސަލާންނުޖަހާށެވެ. އެހެން މީހެއްގެ ހަޔާތަށް ތިބާއަށް ގަދަކަމަކުން ނުވަދެވޭނެއެވެ. ވެދާނެ އެއް ގޮތަކީ ތިބާ އޭނާގެ ފަހަތުން ނޫޅޭ ތަން ފެނުމުން އޭނާ ތިބާ ފަހަތުން ދުވުމެވެ.
5. ތިބާގައި ކޮންމެވެސް ކަހަލަ ގޮތް ނޭނގޭ "މިސްޓްރީ" ސިފަތަކެއް ގެންގުޅޭށެވެ.
އަންހެނުން ޝައުގުވެރިވާނީ ކުރިއަށް ކިޔަން ނޭނގޭ ކަންތަކާއެވެ. ތިބާ ދެން ކުރަން އުޅޭ ކަންތައްތަކާއި ތިބާގެ އިހުސާސްތަކާއި ނުވަތަ ތިބާއަކީ ކޮންމެ ހިނދެއްގައި ވެސް އޭނާއަށް ލިބިދާނެ މީހެއް ކަމަށް އޭނާއަށް ފެންނަން ފަށައިފި ނަމަ ތިބާގެ މަތިން އޭނާ ފޫހިވެ "ބޯޑު"ވެދާނެއެވެ. އެހެންކަމުން ތިބާގެ އަމަލުތައް ކުރިއަށް ކިޔަން ނޭނގޭ ގޮތަށް އުޅޭށެވެ. ތިބާ ކަންތައްތައް ކުރާނެ ގޮތަކީ ކޮބައިކަން "ގެސް"ކުރަން ނުވަތަ ހިޔާލުކުރަން އޭނާއަށް ދޫކޮށްލާށެވެ. ތިބާ އަބަދު އޭނާގެ ގާތަށް ނާދެވެނީ ކީއްވެ ކަމާމެދު އޭނާ ވިސްނަން ދޫކޮށްލާށެވެ. ތިބާ އަބަދުވެސް ތިބާގެ ދިރިއުޅުމުގެ އަމާޒުތަކަށް ތިބާ ސަމާލުކަން ދިނުންމަތީ ހުންނަނީ ކީއްވެ ކަމާއި އެހެން އަންހެނުން ތިބާއަށް ހިތްކިޔަނީ ކީއްވެ ކަމާމެދު ކަންބަލާހިތްވުމުގެ އިހުސާސެއް އޭނާގެ ސިކުނޑީގައި އަށަގަންނަވާށެވެ.
6. ތިބާގެ ހަޔާތަށް އިންވެސްޓުކުރަން އޭނާއަށް ދޫކޮށްލާށެވެ.
އަންހެނުންނަކީ އެ މީހުން މަސައްކަތްކޮށްގެން ލިބޭ އެއްޗެއްސާއި ކަންކަމުގެ އަގުވަޒަންކުރާ ބައެކެވެ. ޖަޒުބާތީ ގޮތުންނާއި ނަފުސާނީ ގޮތުގެ އިތުރުން މާލީ ގޮތުން ވެސް އޭނާ ތިބާއަށް އިންވެސްޓްކުރާނެ ގޮތް ހަދާށެވެ. ތިބާގެ ސަމާލުކަން ހޯދުމުގެ މަސައްކަތް އޭނާ ލައްވައި ކުރުވާށެވެ. އޭނާ ތިބާއަށް އިންވެސްޓް ކުރާ ވަރަކަށް އޭނާ ތިބާއާ ބާއްވާ ގުޅުން ވަރުގަދަވަމުން އަންނާނެއެވެ.
7. ތިބާގެ ބާރު ފޯރުވާނީ އޭނާގެ މައްޗަކަށް ނޫނެވެ.
ތިބާގެ ދިރިއުޅުމުގެ އަމާޒުތަކުގެ މައްޗަށެވެ. އަންހެނުންނަށް ކަމުދަނީ ވަކި އަމާޒުތަކެއް ފަހަތުން ދާ، ބާރާއި ނުފޫޒު ގަދަ މީހުންނެވެ. ތިބާއަކީ ހަޔާތުގައި ބޮޑެތި އަމާޒުތަކުގެ ބަދަލުގައި އާއި، ދުރަށް ރާވާ ރޭވުންތަކުގެ ބަދަލުގައި ހަމައެކަނި އަންހެނުންގެ ފަހަތުން ދުވާ މީހެއް ނަމަ، ތިބާއަކީ ލީޑަރެއްގެ ގޮތަކަށް އޭނާ ނުދެކޭނެއެވެ. އަންހެނުންގެ ސިކުނޑި އަމާޒުވެފައި ހުންނަނީ ހަރުދަނާ އަމާޒުފަތްގަނޑުތަކަކަށް ދިއުމަށް މަސައްކަތްކުރާ ފިރިހެނުންނަށެވެ. ތިބާގެ އެންމެ ފުރިހަމަ ސިފަތަކުން ތިބާ ޖަރީވާށެވެ. ދެން އޭނާ ތިބާގެ ފަހަތުން އަންނާނެއެވެ. ސަބަބަކީ އޭނާ ބޭނުންވާނީ ކޮންމެވެސް ވަރުގަދަ ކަމެއްގެ ބައިވެރިއަކަށްވާށެވެ.
ހަނދާންކުރާށެވެ: ޗަރުކޭސް ކުޅޭ ޖޯކަރެއްހެން ތިބާ ނޫޅޭށެވެ. މިހާރު ވެސް ތިބާއަކީ އޭނާއާއެކު "ޑޭޓު"ތަކުގައި ބޭރަށް ދާން އާދޭސްކުރާ މީހެއް ނަމަ ނުވަތަ މާ ގިނައިން ޓެކްސްޓު މެސެޖުތައް ފޮނުވައި މީހެއް ނަމަ ނުވަތަ ތިބާގެ އަގު ވެއްޓޭ ފަދަ ކަންތައްތައް ކުރާ މީހެއް ނަމަ، މި ވަގުތުން ވަގުތަށް ވެސް ތިޔަ ކަހަލަ ކަންތައްތައް ހުއްޓާލާށެވެ. ތިބާ ވާންޖެހޭނީ ތިބާގެ އަގުވަޒަން ނުކުރާ މީހުންނާ ދުރަށް ދާ މީހަކަށެވެ. އަންހެނުން ފަހަތުން ދުވާނީ، އެ މީހުންގެ ބޭނުމެއް ނެތް ކަމަށް ދެކޭ ފިރިހެނުންގެ ފަހަތުންނެވެ. އެހެންކަމުން މި ހަތް ގަވައިދު ދަސްކުރާށެވެ. އެއިރުން ތިބާ އަންހެނުންގެ ފަހަތުން ދުވާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ. ތިބާގެ ފަހަތުން ދުވާނީ އެ މީހުންނެވެ.
- ތަރުޖަމާއެއް
