Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދުވަހީ ދިރިއުޅުން ހަމަޖެއްސިދާނެ ވަރަށް ފައްކާ ގޮތްތަކެއް

ދުވަހުގެ ކަންތައްތައް ހަމަޖައްސައިލެވޭނެ "ޗީޓު ކޯޑު"ތަކެއްވެއެވެ. މިއަށް "ލައިފް ހެކްސް" ވެސް ކިއިދާނެއެވެ. މި ބަލައިލަނީ ދުވަހުގައި ކުރަން ޖެހޭ ކަންތައްތައް ފަސޭހަ މަގުން ކޮށްލެވޭނެ ވަރަށް ފައްކާ 30 ގޮތަށެވެ.

  1. އަވަހަށް ހޭލާށެވެ. ގިނަ ވަގުތު ހޭދަކުރަން ލިބުމުން ސްޓްރެސްވާލެއް ކުޑަވާނެއެވެ.
  2. އަމިއްލައަށް ތަންމަތިއަޅައިށެވެ. ކުދިކުދި ކާމިޔާބީތަކުން ދުވަސް ރަނގަޅުވާން ފަށާނެއެވެ.
  3. ހޭލުމަށް ފަހު ފުރަތަމައިނުން ވެސް ފެން ބޯށެވެ. ހަށިގަނޑުގެ ހަކަތަ އިތުރުވާނެއެވެ.
  4. ދުވަހުގެ ކަންތައްތައް ރާވާލާށެވެ. އެއިރުން އެންމެ ފަހު ވަގުތުގައި ކުރަންޖެހޭ ކަންތައްތައް ހަނދާނުން ކައްސައެއް ނުލާނެއެވެ.
  5. "ދެ މިނެޓްގެ ގަވައިދު" ބޭނުންކުރާށެވެ. ކުދިކުދި ކަންތައްތައް އެންމެ ފުރަތަމަ ކޮށްލައި ނިންމައިލައިށެވެ.
  6. ރީތިކޮށް ހެދުންއަޅައިށެވެ. އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ފެށޭނީ ތިބާ ބޭރުފުށަށް ވެސް ފެންނަން ހުންނަ ގޮތަކުންނެވެ.
  7. ގިނަގިނައިން ހިނިތުންވާށެވެ. ތިބާ އާއި އެހެން މީހުންގެ ވެސް މޫޑު ބަދަލުކޮށްލާނެއެވެ.
  8. "ނޫނެކޭ" ބުނަން ދަސްކުރާށެވެ. ތިބާގެ ވަގުތާއި ހަކަތަ ސަލާމަތްކުރެވޭނެއެވެ.
  9. ނަގުދު ފައިސާ ގެންގުޅޭށެވެ. ހަރަދުކުރެވޭ މިންވަރު މަދުވާނެއެވެ.
  10. ފޯނަށް އަންނަ ނޮޓިފިކޭޝަންތަކުގެ އަޑު ކަނޑައިލައިށެވެ. އެ ވަގުތު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުން ތިބާގެ ހިޔާލުތައް އެހެން ދިމަދިމާއަކަށް އަނބުރައެއް ނުލާނެއެވެ.
  11. އެލާމް އާއި ރިމައިންޑާ ބޭނުންކުރާށެވެ. ކުރަން ހުންނަ ކަންތައްތައް މަތިން ހަނދާނެއް ނުނެތޭނެއެވެ.
  12. ފުން ނޭވާލާށެވެ. އަބަދުވެސް ސިކުނޑިއަށް އަރާމާއި ހަމަޖެހުން ލިބޭނެއެވެ.
  13. ހަނދާންކުރަން ބޭނުންވާ ކަންތައްތައް ލިޔެލައިފައި ބަހައްޓާށެވެ. މެމޮރީ ނުވަތަ ހަނދާންކުރުން އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރާތީއެވެ.
  14. "އަންޑޫ ސެންޑް" ބޭނުންކުރާށެވެ. ފޮނުވޭ އީމޭލްތަކުގައި ހުންނަ ކުށް އަލުން ރަނގަޅުކޮށްލެވޭނެއެވެ.
  15. ވާހަކަ ދައްކާ ވަރަށްވުރެ އަޑުއަހާވަރު އިތުރުކުރާށެވެ. ވާހަކަ މަދުކުރުމުން ކަންތައްތައް ދަސްވާ މިންވަރު އިތުރުވާނެއެވެ.
  16. "ބެޗް ޓާސްކް" އުކުޅު ބޭނުންކުރާށެވެ. މާނައަކީ އެކި ކަންތައްތައް އެއްފަހަރާ ކުރާއިރު ވެސް އެއް ވައްތަރެއްގެ ކަންތައްތައް އެ ވަގުތަކު ކުރުމެވެ. "މަލްޓި ޓާސްކް" ނުވަތަ ތަފާތު ބާވަތްތަކުގެ ކަންތައްތައް އެއްފަހަރާ ކުރުމަކީ އުނދަގޫ ކަމެކެވެ.
  17. ހަށިގަނޑު ހަރަކާތްތެރިކުރުވާށެވެ. ހިނގާށެވެ. ސްޓްރެޗް ކުރާށެވެ. އަރާމުކުރާ ވަގުތު ފިޔަވާ އެހެން ވަގުތުތަކުގައި ކޮންމެވެސް އަމަލެއްކުރުންމަތީ ދެމިހުންނާށެވެ.
  18. "ގޯ-ޓު" ހެދުންތަކެއް ގެންގުޅޭށެވެ. އެއީ ކޮންމެ ވަގުތަކު ކޮންމެ ހާލަތަކާ ވެސް ގުޅޭނެ ހެދުމެކެވެ. މިހެންވުމުން "ޑިޒިޝަން ފެޓީގު"ން ސަލާމަތްވާނެއެވެ. މާނައަކީ ނިންމަންޖެހޭ ނިންމުންތައް ގިނަވުމުން ސިކުނޑިއަށް އެ ލިބޭ ވަރުބަލިކަމުން ސަލާމަތްވާނެއެވެ.
  19. ބޮޑެތި ކަންތައްތައް ކުދި ފިޔަވަހިތަކަކަށް ބަހާލާށެވެ. އެއިރުން އެ ކަމެއް ފަށައިގަންނަން ފަސޭހަވާނެއެވެ.
  20. ކުއްލި ހާލަތްތަކަށް ހަރަދުކުރާނެ އެމަޖެންސީ ފަންޑެއް ތައްޔާރީ ހާލަތުގައި ބަހައްޓާށެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ.
  21. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއްޗެއް ކިޔައިލައިށެވެ. "ނޮލެޖް ކޮމްޕައުންޑް"ވާނެއެވެ. މާނައަކީ މައުލޫމާތަކީ މަތިމައްޗަށް އިތުރުވަމުން އަންނަ އެއްޗެކެވެ. ވަކި ދާއިރާއަކުން މައުލޫމާތު ހޯދަމުން އައި ނަމަވެސް މެއެވެ.
  22. މޫޑާއި އުފެއްދުންތެރިކަން ކުޑަވެދާނެތީ ދުވަހުގައި ކުރިމަތިވެދާނެ ހަކަތަ ދަށްވުމުގެ ހާލަތްތަކަށް އަބަދުވެސް ކޮންމެވެސް ކުދިކެއުމެއް ތައްޔާރުކޮށްފައި ބަހައްޓާށެވެ. އެއީ ލޭގައި ހަކުރު ހުންނަ މިންވަރު މަދު ނުވާނޭ ގޮތް ހެދުމަށެވެ.
  23. އިޖުތިމާއީ ކަންތައްތަކަށް ވަގުތު ދޭށެވެ. އެހެން މީހުންނާ ބާއްވާ ގުޅުންތަކަކީ މުހިންމު އެއްޗެކެވެ.
  24. "ޑޫ ނޮޓް ޑިސްޓާބް" ނުވަތަ ލަފުޒީ މާނައިން ނަމަ "އުނދަގޫ ނުކުރާށޭ" މި ކަމުގެ ބޭނުން ތިބާ ވެސް ހިފާށެވެ. ތިބާގެ ހަޔާތަށް ބޭނުންވާ ކަންތައްތަކުން ސަމާލުކަން އެހެން ދިމަދިމާއަށް ނޭނބުރޭނެ ގޮތް ހެދުމަށްޓަކައެވެ.
  25. ހިތް އުފާވާނެ މިއުޒިކް އަޑުއަހާށެވެ. ވަގުތުން މޫޑު ރަނގަޅުވާނެއެވެ.
  26. ސްކްރީނުން ބަލައިގެން ކުރަންޖެހޭ ކަންތައްތައް ނިދުމުގެ ކުރިން މަދުކޮށްލާށެވެ. މިސާލަކަށް ފޯނާ ކުޅުން ނުވަތަ ޓީވީ ބެލުމެވެ. އެއިރުން ހަމަޖެހިލައިގެން ނިދޭނެއެވެ.
  27. ފޯނަށް ޖަވާބު ދޭއިރު ހިނިތުންވެގެން ހުންނާށެވެ. ތިބާގެ އަޑުގައި އުފާވެރިވެކަމާއި ހިތްހަމަޖެހުން އެކުލެވޭނެއެވެ.
  28. މީހަކާ ވާހަކަދައްކާއިރު އޭނާގެ ނަން ބޭނުންކުރާށެވެ. މުހާތަބު ކުރެވޭ މީހާއާ ގުޅުން ރަނގަޅުވާނެއެވެ.
  29. ބިލްތައް ދެއްކުމާއި ފައިސާ ސޭވްކުރުން އޮޓޮމެޓިކުން ކުރެވޭ ގޮތަށް އެކައުންޓު ހަމަޖައްސައިފައި ބަހައްޓައިށެވެ. ޖޫރިމަނާ ދައްކަން ޖެހޭ ފަދަ ހާލަތްތަކެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އާމްދަނީ ވެސް އިތުރުވަމުން އަންނާނެއެވެ.
  30. ހުރިހާ ކަމަކަށް ޝުކުރުވެރިވާ ހާލު ދުވަސް ނިންމައިލައިށެވެ. މާ އުފަލުގައި ނިދައިލެވޭނެއެވެ.

މި ބަލައިލި 30 ކަމަކުން އެނގެނީ ދުވަހުގެ ދިރިއުޅުމަށް "ޝޯޓް ކަޓް" ނުވަތަ އަވަސް މަގުތައް އިހުތިޔާރުކޮށްގެން ދުވަހުގެ ޕްރޮގްރާމްތައް މާ ރަނގަޅަށް ރާވާލެވޭނެ ކަމެވެ. މި ގޮތަށް ޝެޑިއުލް ހަމަޖައްސައިލުމުން އެއްވެސް ކަމެއް އަތުން ދޫނުވެ، ބޮއްސުންލައިގެން ނުގޮސް ދުވަސް ނިންމައިލެވޭނެއެވެ.

  • ތަރުޖަމާއެއް