Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގާތް މީހުން ހިތުގައި ނުޖައްސައިވޭތޯ ބަލަންޖެހޭ ސަބަބަކީ މިއީ

ތިބާގެ ނިޔަތް ސާފުކޮށް އޮންނަ ހާލު އެހެން މީހަކަށް ދެރައެއް ދެވިއްޖެއްޔާ އޭނާގެ ފަރާތުން ކުއްލި ހަރަކާތެއް ނުފެނިދާނެއެވެ. އޭނާ އަޑުއުފުލައި އެއްޗެއް ނުބުނާނެއެވެ. އޭނާ ތިބާއަށް ތުހުމަތުތަކެއް ނުކުރާނެއެވެ. އޭނާ އެ ކަންތައް ކަންތައްގަނޑަކަށް ހަދައެއް ނުލާނެއެވެ.

އޭނާގެ ހިތަށް ލިބުނު ޒަހަމައިގެން އޭނާ ކުރިއަށްދާނީ ހަމަހިމޭން ހާލަތެއްގައެވެ. އޭނާ ތިބާއަށް މަރުހަބާ ކިޔައި އަދި ލޯތްބާއެކު އަމަލު ކުރަމުން އަންނާނެއެވެ. އެއީ އެންމެ ކުރީއްސުރެ ވެސް އޭނާ ތިބާއަށް ދައްކަމުން އައި މޫނެވެ.

ނަމަވެސް އޭނާގެ ހިތުގެ އެންމެ ފުނުގައި ކޮންމެވެސް ކަމެއް ބަދަލުވާނެއެވެ.

އޭނާ ތިބާއާ ދުރަށް ޖެހެން ފަށާނެއެވެ. ބަދަލުހިފުމުގެ ރޫހެއްގައެއް ނޫނެވެ. ނަމަވެސް މިހާރު ކަންތައްތައް ހުރި ގޮތުގެ ހަގީގަތް ގަބޫލުކުރާ ހާލުގައެވެ.

މަޑުމަޑުން އޭނާ ތިބާއާ ދުރުވާނެއެވެ. ކަންތައްތައް ކައްކާލާ ފަދަ ސަލާމެއް ކޮށްފައެއް ނޫނެވެ. އަދި އެއަށް ފަހު އޭނާ އެނބުރި ފަހަތަކަށް ނުބަލާނެއެވެ.

މިއީ ތިބާއަށް ފުރިހަމައަށް އިތުބާރުކުރި މީހުންނެވެ. ތިބާގެ އަގު އިހުލާސްތެރިކަމާއެކު ބަލައިގަތް މީހުންނެވެ.

އެ ފަދަ މީހެއްގެ އިތުބާރު ތިބާ ނަގައިލުމުން، އެ އިތުބާރު ކުދިކުދިވެގެންދާނީ ކުއްލިއަކަށް ނޫނެވެ. އެ އިތުބާރު މަޑުމަޑުން ފުހެވެމުންދާނީއެވެ. އެއީ އޭނާގެ ސިކުނޑީގެ ހަމަޖެހުމާއި އަމާންކަން ރައްކާތެރި ކުރުމަށް އެ ނޫން ގޮތެއް ނެތިގެންނެވެ.

އޭނާ އަދިވެސް ލޯތްބާއި ހެޔޮކަމާއެކު ތިބާއާމެދު އަމަލުކުރަމުން އަންނާނެއެވެ. ނަމަވެސް އޭނާ ދެން ދުވަހަކު ވެސް ތިބާއާމެދު ކުރިން ދެކުނު ގޮތަކަށް ނުދެކޭނެއެވެ.

ހަނދާންކުރާށެވެ. ރަނގަޅު މީހަކު ގެއްލުވައިލުމަކީ ތިބާއަށް އަލުން އަނބުރާ ރަނގަޅު ކުރެވޭނެ ގެއްލުމެއް ނޫނެވެ.

އެހެންކަމުން އޭނާ ތިބާގެ ގާތުގައިވާ ހިނދު އޭނާ ރަނގަޅަށް ބަލައިގަންނާށެވެ. ސަބަބަކީ އޭނާ ތިބާގެ ގާތުން ދުރަށް ހިނގައްޖެ ނަމަ އޭނާ އަނބުރާ ނާންނާނެއެވެ.

  • ތަރުޖަމާއެއް