Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލޯބީގައި ފިރިހެނުން ފަނާވަނީ މިހެންވެ

އަންހެނެއް ދެކެ އިޝްގީ ލޯބިވާކަން ސާބިތުކޮށްދޭން ވަރަށް ގިނަ ފިރިހެނުން ކުރާ ކަންތައްތަކުގެ ސަބަބުން މި ފަދަ ފިރިހެނުން ހަލާކުވެގެން ގޮސްފައިވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކުގެ ނިމުން އައީ ކަށްވަޅާ ހިސާބުންނެވެ. ނޫނީ ދަރަނިވެރިވުމުންނެވެ. ނޫނީ މާޔޫސްވުމުންނެވެ. ނުވަތަ ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތައް ޖެހިގެންނެވެ. މިހެންވެ، ޝަރުތުތަކަކާއެކު ވާ އިޝްގީ ލޯބީގައި ޖެހުމަކީ ބޮޑު މަޅިއެއްގައި ތާށިވުމެވެ.

ހަގީގީ ލޯތްބަކީ ޝަރުތުތަކެއް ނުވާ އެއްޗެކެވެ. މިސާލަކަށް، "އަހަރެން ދެކެ ތިބާ ލޯބިވާ ނަމަ މިވެނި އެވެނި ކަމެއް ކުރާށޭ"، މިހެން ބުނާ އެއްވެސް އަންހެނަކާ ގާތް ނުވާށެވެ. މި ފަދަ އަންހެނުން ބުނެފާނެއެވެ: "މިވެނި ކަމެއް ނުކޮށްދޭން ތިބާ ބޭނުންވަނީ އަހަރެން ދެކެ ތިބާ ލޯބިނުވާތީ"އެވެ. މިއިން ދޭހަވަނީ އޭނާގައި ސުލޫކީ އަދި އަހުލާގީ މިންގަނޑެއްގެ އިތުރުން ތެދުވެރިކަމާއި އިހުލާސްތެރި ކަމެއް ނެތް ކަމެވެ. އޭނާއަކީ ތިބާ ފާޑުފާޑުގެ މަޅީގައި ޖައްސަން އުޅޭ އަންހެނެއް ކަމެވެ.

އޭނާ ދެކެ ތިބާ ލޯބިވާކަން ސާބިތުކޮށްދޭން އޭނާ އެދޭ ނަމަ އޭގެ މާނައަކީ އޭނާ ތިބާ ދެކެ ލޯބި ނުވާ ކަމެވެ. އޭނާއަކީ ރަނގަޅު އިންސާނެއް ނޫން ކަމެވެ.

އަންހެނަކު ތިބާ ދެކެ ލޯބި ނުވާ ނަމަ، ތިބާ ކިތައްމެ ކަމެއް އޭނާއަށް ކޮށްދިނަސް އޭނާ ތިބާ ދެކެ ލޯތްބެއް ނުވާނެއެވެ. ތިބާ އޭނާގެ ކުރިމަތީގައި ކުޑަ ކަކޫ މައްޗަށް ތިރިވިޔަސް، އޭނާއަށް ތިބާ އެއްވެސް ކަމެއް ކޮށްދިންކަން އޭނާއަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އޭނާ ތިބާ ދެކެ ނަފުރަތު ކުރުން ވެސް އެކަށީގެންވެއެވެ.

ތިބާއަށް ހަގީގަތުގައި ހިތްކިޔާ އަންހެނަކު، އޭނާ ދެކެ ތިބާ ލޯބިވާކަން ސާބިތުކޮށްދޭކަށް އޭނާ ޝަރުތެއް ކަނޑައެއް ނާޅާނެއެވެ. އޭނާ ދެކެ ލޯބިވާކަން އޭނާއަށް ސާބިތުކޮށްދޭން ތިބާ އުޅޭ ނަމަ، އޭގެ މާނައަކީ ތިބާ ތިޔަ އުޅެނީ ތިބާ ދެކެ ލޯބީގެ ގޮތުން ޝައުގުވެރިކަމެއް ނެތް އަންހެނެއްގެ ފަހަތުންކަމެވެ.

ތިބާ ލޯބިވެރިއެއްގެ ގޮތުގައި ހުންނަން ހަގީގަތުގައި ބޭނުންވާ އަންހަނެކީ ކާކުކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. މި ފަދަ އެންހެނުންނަށް ތިބާ ކިތައްމެ ކުޑަ ކަމެއް ކޮށްދިނަސް، އެ ކަން ބަލައިގަނެ، އެ ކަމުގެ އަގުވަޒަންކޮށް، އޭނާގެ ފުރާނައިން އެ ކަން ރައްކާތެރިކުރާނެއެވެ. އަނެއްކޮޅުން އޭނާ ތިބާ ދެކެ ލޯބީގެ ގޮތުން ޝައުގުވެރި ނުވާ ނަމަ، ތިބާ ކިތައްމެ ބޮޑު އަދި މުހިންމު ކަމެއް ކޮށްދިނަސް އޭނާއަށް އެ ކަމެއް ނުފުދޭނެއެވެ.

ހަގީގަތަކީ މިއެވެ. އެހެންކަމުން، އަންހެނެއްގެ ގާތުން ލޯތްބަށް ދުވަހަކު ވެސް އާދޭސް ނުކުރާށެވެ. އަންހެނެއްގެ ހިތް ފަތަހަ ކުރަން ފައިސާ ހަރަދު ނުކުރާށެވެ. އަދި ތިބާ ދެކެ ލޯބިވާން އަންހެނަކަށް ބާރު ނާޅާށެވެ.

މިއާ ހިލާފަށް ތިބާގެ އަމަލުތައް ބަހައްޓައިފި ނަމަ ތިބާއަށް ވޭން ލިބޭނެއެވެ. މި ދުނިޔެ ތިބާއަށް ނަރަކައަކަށް ބަދަލުވާނެއެވެ.

ލޯތްބަކީ ގުދުރަތީ ގޮތުން އޭގެ ޒާތުގައި އުފެދޭ އެއްޗެކެވެ. އެއީ ދެ މީހުންގެ ދެމެދުގައި އަހުދެއްވެގެން ގާއިމުކުރާ މުއާހަދާއެއް ނޫނެވެ. އެއީ މަޝްވަރާކޮށްގެންނާއި ބާގެއިންކޮށްގެން ހޯދޭނެ އެއްޗެއް ނޫނެވެ. އެ ކަން ވާން އެ ކަމުގެ ގުދުރަތީ އިޖުރާއަތްތަކަށް ދޫކޮށްލައިށެވެ.

މި ދުނިޔެއަކީ އުޅެން ފަސޭހަ ތަނެއް ނޫނެވެ. ހަގީގަތަކީ މިއެވެ. ނެތް އެއްޗެއް އެއީ އޮތް އެއްޗެއް ކަމަށް ދެކިގެން އޭތި ހޯދަން ނޫޅޭށެވެ. ތިބާގެ ވިސްނުންތެރިކަން އިސްކުރާށެވެ.

  • ތަރުޖަމާއެއް