Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ކޮންމެހެންވެސް ތަބާވާންޖެހޭ އާއިލީ ގަވައިދުތަކެއް

އިންސާނީ ޙަޟާރަތު ނުވަތަ ސިވިލިޒޭޝަން ކުރިއަރަނީ އިޖުތިމާއީ ގޮތުންނާއި ސަގާފީ ގޮތުން ތަރައްގީވެ ތަހުޒީބުވުމުންނެވެ. މި ކަމުގެ ބިންގަލަކީ އާއިލާއެވެ. އާއިލާތައް ރަނގަޅަށް ބިނާ ނުވެއްޖެ ނަމަ އެ ގައުމެއްގައި ހަމަޖެހުމެއް އަދި ކުރިއެރުމެއް ނޯންނާނެއެވެ. މި ބަލައިލަނީ ހަމަޖެހޭ އަދި އަމާން އާއިލާއެއް ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފަރުދީ ގޮތުން ކޮންމެހެން ކުރަން ޖެހޭ 30 ކަމެއްގެ މައްޗަށެވެ.

  1. ހެނދުނު ހޭލެވުމާއެކު އާއި ރޭގަނޑު ނިދުމުގެ ކުރިން އެކަކު އަނެކަކާ ސަލާންކޮށް ސަލާން ބަލައިގަންނާށެވެ.
  2. ކާމޭޒަށް ފޯން ނުގެންނާށެވެ. ކާއިރު ސަމާލުކަން ދޭންވާނީ އެކަކު އަނެކަކާ ވާހަކަ ދައްކައި، ގުޅުން ބަދަހިކުރުމަށެވެ.
  3. އުމުރާއި ކެރިކުޅަދާނަ ކަމަށް ބެލުމާއެކު އެ މީހަކަށް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ގޭތެރޭގެ ކަންތައްތައް ކުރުމުގައި ހިއްސާވާށެވެ.
  4. އަނެކާގެ ޒާތީ ތަކެއްޗަށް އިހުތިރާމްކުރާށެވެ. ފަހުން ދޭ ގޮތަށް އެއްޗެއް ބޮރޯކުރަންވާނީ އެ މީހެއްގެ އިޒުނަ ހޯދައިގެންނެވެ.
  5. ތިބާގެ އަތުން ތަނެއް ނުސާފު ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ ތަން ސާފުކޮށްލައިށެވެ.
  6. ދެބަސްވުމެއްގެ މެދުތެރޭގައި އުޅޭއިރު ވެސް އެކަކު އަނެކަކާ ވާހަކަދައްކަން ވާނީ މަޑުމައިތިރިކަމާއެކު ހަމަޖެހިލައިގެން ތިބެއެވެ.
  7. ތިބާގެ ނިޔަތް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އަނެކާއަށް ދެރައެއް ދެވިއްޖެ ނަމަ އޭނާގެ ކިބައިން މައާފަށް އެދެންޖެހޭނެއެވެ.
  8. ގޭތެރެ އާއި އާއިލާގެ ކަންތައްތައް ރާވައި މައްސަލަތައް ހައްލުކުރަން ހަފުތާއަކު އެއް ފަހަރު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ބައްދަލުވުމެއް ބާއްވާށެވެ.
  9. އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި އެ މީހަކަށް އަމިއްލަ ވަގުތު ދޭންޖެހޭނެއެވެ. މިއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ.
  10. އަނެކާ އަމިއްލައަށް އެދުމުގެ ކުރިން ވެސް ތިބާ އޭނާއަށް ކަންތައްތަކުގައި އެހީތެރިވާންވާނެއެވެ.
  11. ގޭތެރޭގައި ހިންގާ ކާފިއުތަކަށް ތަބާވާށެވެ. އެއްބަސްވެފައިވާ ރޭވުންތަކަށް އިހުތިރާމްކުރާށެވެ. އިތުބާރު އުފެއްދޭނީ މި ގޮތުގެ މަތިންނެވެ.
  12. ގެއިން ބޭރަށް ދަމުން ވެސް ކޮންމެވެސް ކަހަލަ ސަލާމެއް ކޮށްލައިށެވެ. އަދި ގެއަށް އާދެވުމުން އެހެން މީހުންގެ ހާލު ބަލައިލައިށެވެ.
  13. ގޭގައި ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކަށް ކޮށްދޭ ކަންތައްތަކުގެ ޒިންމާ އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހަމަހަމަކޮށް ބަހައިލައިށެވެ.
  14. އާއިލާގެ ހުރިހާ މެންބަރުން އެކުގައި އެއް ވަގުތެއް ހޭދަކުރާ އިރުގައި ޓީވީން ބަލާނީ ކޮން އެއްޗެއް ކަމާއި އަދި ކުޅޭނީ ކޮން ކުޅިވަރެއްކަން ނިންމުމުގައި ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް ރާވައިލައިށެވެ.
  15. ފާހަގަ ކުރާނީ އާއިލާގެ މެންބަރުންގެ ހަޔާތުގައި ދިމާވާ ބޮޑެތި ކަންތައްތައް އެކަންޏެއް ނޫނެވެ. ކުދިކުދި ކާމިޔާބީތައް ވެސް ފާހަގަ ކުރަންވާނެއެވެ. އަދި އެ ކަންތައްތައް ފާހަގަކުރުމުގައި ހުރިހާ މެންބަރުން ވެސް ބައިވެރިވާންވާނެއެވެ.
  16. ތިބާއަށް އެ ދުވަހަކު ދިމާވާ ރަނގަޅު ކަންތައްތަކުގެ ތެރެއިން ކޮންމެވެސް އެއް ކަމެއްގެ މައުލޫމާތު ނަމަވެސް އާއިލާގެ އެހެން މެންބަރުންނާ ހިއްސާކުރާށެވެ. ދުވާލަކު އެއް ފަހަރު ނަމަވެސް މި ގޮތަށް އަމަލު ކުރެވޭތޯ މަސައްކަތް ކުރާށެވެ.
  17. އާއިލާއަށް ދޭ "ކޮމިޓްމެންޓް"ތަކުގައި ހިފަހައްޓައިށެވެ. އެ ގޮތުން ދުރާލާ ރާވައިފައިވާ ހަފުލާތަކާއި އެހެނިހެން "އިވެންޓް"ތަކަށް ދާށެވެ.
  18. މައްސަލައެއް ޖެހިއްޖެ ނަމަ އަނެކާއަށް ހިތްބަރު ނުކުރާށެވެ. ނުވަތަ އެ މައްސަލައެއް ހިތުގައި ލައިގެން ނޫޅޭށެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ހުރެ އޭނާއާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާށެވެ.
  19. ފާޑުކިޔުމުގެ ބަދަލުގައި ބިނާކުރަނިވި "ފީޑްބެކް" ދޭށެވެ.
  20. ކޮންމެ މީހަކަށް ވެސް އޭނާއަށް ބޭނުންވާ އަމިއްލަ ވަގުތާއި އޭނާ ހަމަހިމޭނުން ހުރެލުމަށް ބޭނުންވާ ބޭނުމަށް އިހުތިރާމް ކުރާށެވެ.
  21. އާއިލާއިން އެކުގައި ހިންގާ ހަރަކާތްތަކަށާއި ކާ ގަޑިއަށް ލަސް ނުވެ، ކަނޑައަޅައިފައިވާ ވަގުތަށް ހާޒިރުވާށެވެ.
  22. ތިބާގެ ރޭވުންތަކާއި ހަރަކާތްތަކުގެ ޝެޑިއުލަށް އަންނަ ބަދަލުތައް ވަގުތު އޮއްވައި ކުރިން އެހެން މެންބަރުންނަށް އަންގައިށެވެ.
  23. އެހެން މީހަކު ވާހަކަ ދައްކާއިރު އޭނާގެ ވާހަކަ މެދުކަނޑައިނުލައިށެވެ.
  24. އެހެން މެންބަރުންނާ މެދު ހެޔޮ ބަސްތައް ބުނާށެވެ. އެއީ އޭނާ ތިބާމެންގެ ގާތުގައި ނެތް އިރު ވިޔަސްމެއެވެ.
  25. ގޭތެރޭގައި އެންމެން ޖަމާވާ ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ.
  26. ކޮންމެ މެންބަރެއްގެ ވެސް ފަރުދީ ޝަހުސިއްޔަތަށް ތައުރީފުކުރާށެވެ. އެއްވެސް މެންބަރަކާމެދު އިދިކީލި ގޮތަކަށް ދެކިގެންނުވާނެއެވެ. އަދި އެކަކު އަނެކަކާ އަޅާބަލައިގެންނުވާނެއެވެ.
  27. ތިބާއަށް ކަމެއް ކޮށްދިނުމުން އެ މެންބަރަކަށް ޝުކުރު އަދާކުރާށެވެ.
  28. ކުއްލި ހާލަތްތަކުގައި އަދި ހާސްކަން ކުރިމަތިވެދާނެ ސްޓްރެސް އެކުލެވޭ ވަގުތުތަކުގައި ހަމަޖެހިލައިގެން ހުރެ އަނެއް މެންބަރުންނަށް އެހީތެރިވެދޭށެވެ.
  29. ކުށުގެ ޒިންމާ އެހެން މެންބަރެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި އާއިލާއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރާށެވެ.
  30. ބުނާ ބަސްތަކާއި ކުރާ ހަރަކާތްތަކާއި އަމަލުތަކުން، އެހެން މެންބަރުން ދެކެ ތިބާ އަބަދުވެސް ލޯބިވާކަމުގެ އިޝާރާތްތައް ފާޅުކުރާށެވެ.

އިންސާނީ ޙަޟާރަތު ބިނާ ކުރުމުގައި ކޮންމެ އާއިލާއަކީ ވެސް އެ މުޖުތަމައުގެ މުހިންމު ތަނބެކެވެ. އަހަރެމެންގެ މުޖުތަމައަށް ތަހުޒީބާއި ތަރައްގީ އައުން ބިނާވެފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާވެ، ކޮންމެ އާއިލާއަކީ ވެސް އަމާން ދިރިއުޅުމެއް އުޅޭ ބަޔަކަށް ވުމުގެ މައްޗަށެވެ. މި ބަލައިލި 30 ކަމަކީ މި ފަދަ ހަމަޖެހޭ އާއިލާތައް މުޖުތަމައުގައި ބިނާކޮށް، ދެމެހެއްޓޭނެ ގޮތްތަކެވެ. އަހަރެމެން މަސައްކަތް ކުރަންވާނީ އިންސާނީ ޙަޟާރަތު ތަރައްގީ އާއި ތަހުޒީބުގެ މަގުގައި ދެމެހެއްޓުމަށެވެ.

  • ތަރުޖަމާއެއް