ތިބާގެ ދަރިފުޅު ކުޑަ އިރު އޭނާއާމެދު ކަންތައްތައް ކުރެވޭ ގޮތުން އޭނާ ބޮޑު ވާނީ އެންމެ ރަނގަޅު މީހެއްގެ ގޮތުގައެއް ނޫނެވެ. މި ބަލައިލަނީ ދަރިފުޅު ކަންތައްތައް ކުރާ ގޮތާމެދު ތިބާއަށް އަމަލު ކުރެވޭ ގޮތަކުން އޭނާ ރަނގަޅު ނޫން މީހެއްގެ ގޮތުގައި ބޮޑުވުމަށް ފުރުސަތު ހުޅުވޭ އަށް ކަމަކަށެވެ.
- ދަރިފުޅު ބޭނުންވާ ހުރިހާ އެއްޗެއް އޭނާއަށް ނުދޭށެވެ. އެއިރުން އޭނާއަށް ހީވާނީ އޭނާ ބޭނުންވާ ހުރިހާ އެއްޗެއް ލިބުމަކީ އޭނާގެ ހައްގެއް ކަމަށެވެ.
- ދަރިފުޅު ބޭއަދަބީ ބަހެއް ބުނެފި ނަމަ އެ ކަމާ ނުހޭށެވެ. އެއިރުން އޭނާ ބޮޑުވަމުން އަންނަ އިރު އޭނާއަށް ވިސްނޭނީ އިހުތިރާމް ނުކުރުމަކީ ޒާތެއްގެ މުނިފޫހިފިލުވުމެއް ކަމަށެވެ.
- ދަރިފުޅުގެ އަމަލުތައް ނުރަނގަޅު މަގުން ހުންނަ ނަމަ އެ ކަން ރަނގަޅުކުރާށެވެ. ނަމަވެސް އެއީ އޭނާއާ ދިމާއަށް ހަޅޭއްލަވައި އެއްޗެހި ކިޔައިގެނެއް ނޫނެވެ. ބަސްނޭހުން ފަދަ ކަންތައްތައް އަޅާނުލާ ދޫކޮށްލައިފި ނަމަ އޭނާއަށް ހީވާނީ މުޖުތަމައުގައި ތަބާވާން ޖެހޭ ގާނޫނާއި ގަވައިދުތަކެއް ނެތް ކަމަށެވެ.
- ދަރިފުޅު ހަދާ ކޮންމެ ގޯހެއް ރަނގަޅު ކުރަން ތިބާ ނޫޅޭށެވެ. އެއިރުން އޭނާއަށް ހީވާނީ އޭނާ ޒިންމާ ނަގަން ޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެހެން މީހުން ކަމަށެވެ.
- ދަރިފުޅު ޓީވީން ބަލަން ބޭނުންވާ ހުރިހާ ޕްރޮގްރާމެއް ބެލިޔަ ނުދޭށެވެ. އެއިރުން އޭނާއަށް ހީވާނީ ކުޑަކުއްޖަކަށް ވުމާއި ބޮޑު މީހަކަށް ވުމުގައި ތަފާތެއް ނެތް ކަމަށެވެ.
- ދަރިފުޅު ބޭނުންވާހާ ފައިސާއެއް އޭނާއަށް ނުދޭށެވެ. އެއިރުން އޭނާއަށް ހީވާނީ ފައިސާއަކީ ފަސޭހައިން ލިބޭ އެއްޗެއް ކަމަށެވެ. އަދި މިހެންވެ ވައްކަން ކުރަން ވެސް ޖެހިލުމެއް ނުވާނެއެވެ.
- އަވަށްޓެރިންނާއި މުދައްރިސުންނާއި އަދި ފުލުހުންނާ ދެކޮޅަށް ދަރިފުޅު ކުރާ ކަންތައްތަކުގައި އޭނާއާ އެއްކޮޅަށް ނާރާށެވެ. އެއިރުން އޭނާއަށް ހީވާނީ އަބަދުވެސް ރަނގަޅު މަގުގައި ހުރީ އޭނާ ކަމަށެވެ. ނުބައި މަގުގައި ތިބީ އަނެއް މީހުން ކަމަށެވެ.
- ތިބާ މިސްކިތަށް ދާއިރު ދަރިފުޅު ގޭގައި ބަހައްޓައިފައި ނުދާށެވެ. އެއިރުން އޭނާއަށް ހީވާނީ ކަލަކު ވޮޑިގެން ނުވާ ކަމަށެވެ.
މި ބަލައިލި އަށް ކަމަކީ ބައެއް މައިންބަފައިން ފަސޭހަ ކޮށްލައިފައި ދޫކޮށްލާ ކަންތައްތަކެކެވެ. ނަމަވެސް މި ގޮތަށް ކަންތައްތައް ކުރުމުން ތިބާގެ ދަރިފުޅު ބޮޑުވާނީ މުޖުތަމައާ އިދިކީލި މީހެއްގެ ގޮތުގައެވެ. އެހެންކަމުން ދަރިއަކު ލިބުމުން އޭނާ ބަލާބޮޑުކުރާއިރު މި އަށް ކަމަކީ ކޮންމެހެން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެކެވެ.
- ތަރުޖަމާއެއް
