ހަޔާތަކީ ކުރު އެއްޗެކެވެ. ނޭނގި ހުއްޓައި އެއް ދުވަހަކު ތިބާއަށް ކުރިމަތިލާން ޖެހޭނީ ތިބާ އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ދޫކޮށްލަން ޖެހޭ ވަގުތަށެވެ. މިއީ ކޮންމެ މީހެއްގެ ހަޔާތަށް ވެސް ނައިސް ނުދާނެ ދުވަހެކެވެ. ވަގުތަކީ ތިބާގެ ފުރާނައަށް ބަލައިގެން ހިނގާ އެއްޗެއް ނޫނެވެ. އެހެންކަމުން ބުއްދިވެރިންގެ ގޮތަކީ ދިރިއުޅުމުގެ ހުރިހާ މަރުހަލާތަކެއް ރާވައިގެން ކުރިއަށްގެންދިއުމެވެ. އެ ގޮތުން މި ބަލައިލަނީ ތިބާ އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތާ ދުރުވާން ޖެހޭ ދުވަހުން ފެށިގެން ތިބާގެ ދިރިއުޅުމުގެ ކުރިމަގު ރާވާލެވޭނެ ގޮތްތަކަށެވެ.
- ކޮންމެވެސް ދުވަހަކުން ތިބާ ރިޓަޔާ ކުރާނެއެވެ. ވަޒީފާއިން މުސްކުޅި ކުރާނެއެވެ. މަސައްކަތަށް ނުދާނެއެވެ. އޮފީހެއްގައި ނުފޫޒު ފޯރުވޭނެ މަގާމެއްގައި ނުހުންނާނެއެވެ. ތިބާގެ އާމްދަނީ ވެސް މަދުވާނެއެވެ. މިހެންވެ ތިބާ ވަޒީފާއިން ވަކި ވާނެ ދުވަސް މުސާރަ ދޭ ރަސީދުން އަބަދުވެސް ބަލަމުންގެންދާށެވެ.
- ކޮންމެ އަހަރަކު ލިބޭ 30 ދުވަހުގެ ޗުއްޓީ އަބަދުވެސް ނަގާށެވެ. ޗުއްޓީ ހޭދަކުރުމުގައި ތިބާ ކުރާ ކަންތައްތަކަކީ ތިބާ ރިޓަޔާ ކޮށްފައި ކުރާނެ ކަންތައްތަކެވެ. ތިބާ ކުރިހާ ހުރިހާ ވެސް ކަމަކީ ނިދުން ނުވަތަ ޓީވީ ބެލުން ކަމަށް ވާ ނަމަ ތިބާ ރިޓަޔާ ކުރުމަށް ފަހު ވެސް ކުރުން އެންމެ އެކަށީގެންވާނީ އެ ދެ ކަމެވެ. މިއީ ތިބާގެ ހިތުގެ ރިހުން ސަލާމަތް ކޮށްދޭނެ ދެ ކަމެއް ނޫނެވެ. ތިބާގެ ޗުއްޓީގައި ކޮންމެވެސް ކަމެއް އުނގެނޭށެވެ. އެ ކަމުން ފައިދާ ކުރާނެއެވެ. އޮފީހުގެ މަސައްކަތް ނިންމައިލައިފައި ލިބޭ ވަގުތުތަކުގައި ކޮންމެވެސް ކަމެއް ދަސްކުރާށެވެ. އެ ލިބޭ ހުސް ވަގުތުތައް ނިދުމާއި ދެބައޮޑުވުމާއި ޓީވީ ބެލުމުގައި ބޭކާރު ނުކޮށްލާށެވެ! ތިބާއަށް ލިބޭ ހަފުތާބަންދު ވެސް ހަމަ މިފަދައެވެ. އޭގެން އެ ލިބޭ ހުސް ވަގުތުތައް ވެސް ފައިދާ ހުރި ގޮތެއްގައި ބޭނުންކުރާށެވެ. ތިބާގެ ވަގުތުތައް އުފެއްދުންތެރި ގޮތްތަކެއްގައި ހޭދަކުރުމުން ފަހުން އެ ކަމަށް ތިބާ ތިބާގެ އަމިއްލަ ނަފުސަށް ޝުކުރު ކުރާނެއެވެ.
- ތިބާގެ ރިޓަޔާ ކުރުމަށް ތިބާ އިންވެސްޓް ކުރާށެވެ. ތިބާގެ ދަރިންނަކީ ތިބާގެ ދިރިއުޅުމުގެ މައްޗަށް ބަރޯސާކުރަން ހޯދި އިންވެސްޓްމެންޓެއް ނޫނެވެ. ތިބާގެ ދަރިންނާއި ތިމާގެ މީހުންނާއި ރަހްމަތްތެރިންގެ ފަރާތުން އެހީ ލިބޭނެ ކަމަށް އުއްމީދު ނުކުރާށެވެ. އެ ގޮތަށް ބަލައިގެން އުޅެފި ނަމަ އެއީ ބޮޑު ރިސްކެކެވެ. އެ ކަން އެހެން ނުވެދާނެއެވެ. ތިބާ ތިބާގެ އަމިއްލަ ނަފުސަށް އަޅައިލައިގެން އުޅުމަށް ތައްޔާރަށް ހުންނާށެވެ. ކޮންމެ މީހަކު ވެސް އެ މީހަކު އަމިއްލައަށް ޒިންމާވާންޖެހޭ ކަންތައްތައް ހުންނާނެއެވެ. ތިބާއަށް މާބޮޑު އެހީއެއް އެހެން މީހުންނަކަށް ނުވެވޭނެއެވެ. ސަލާން ޖެހުމުގައި ހަޔާތް ވޭތު ކުރާ ނަމަ ތިބާގެ ޝަރަފާއި ތިބާއަށް މީހުން ކުރާ އިހުތިރާމް ގެއްލޭނެއެވެ.
- ތިބާ ރިޓަޔާ ކުރުމަށް ފަހު ވޭތުކުރާނެ ދުވަސްތަކުގައި ކުރާނެ ކަމެއްގެ ގޮތުގައި ތިބާ މިހާރު ވަޒީފާގައި އުޅޭ ދުވަސްކޮޅުގައި ވެސް ކޮންމެވެސް ކަހަލަ ހޮބީއެއް އިހުތިޔާރު ކުރާށެވެ. ކުކުޅު ގެންގުޅޭށެވެ. ނުވަތަ ދަނޑު ހައްދާށެވެ. ނުވަތަ ފިހާރައެއް ހިންގާށެވެ. ކަރުދާސްކޮޅެއްގައި ދޭ ބޭކާރު ސެޓްފިކެޓްތަކެއްގެ ބަދަލުގައި ތިބާއަށް އާމްދަނީ ލިބޭނޭހެން ތިބާގެ ނަފުސު "މާކެޓު"ކުރެވިދާނެ ދާއިރާތަކުން މަސައްކަތް ދަސްކުރާށެވެ.
- ތިބާ ރިޓަޔާ ކުރުމަށް ފަހު ދިރިއުޅޭނީ ކޮން ތަނެއްގައި ހެއްޔެވެ؟ ގެއެއް ބިނާ ކުރާށެވެ. ގެއެއް ނުވަތަ ފްލެޓެއް ކުއްޔަށް ނުހިފާށެވެ. އަދި ސަރުކާރުން ދީފައިވާ އެޕާޓްމަންޓެއް ދޫކޮށްލަން ޖެހުނަސް އެ ކަން ކުރާށެވެ. ތިބާ ވިސްނަން ވާނެ ކަމަކީ ރިޓަޔާ ކުރުމުން ތިބާގެ އާމްދަނީ ދަށަށް ދާން ފަށައިފައިވާ ދަނޑިވަޅެއްގައި އަދި އާމްދަނީއަށް ވާނެ ގޮތެއް ކުރިއަށް ކިޔަން ނޭނގޭ ވަގުތެއްގައި ގޭގެ ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތުގެ "އަޅަކަށް" ތިބާ ވެދާނެ ކަމެވެ.
- ތިބާއަށް ބަލަދު އަރާނެ މީހުންގެ ތެރޭގައި ތިބޭނީ ކޮން ބައެއް ހެއްޔެވެ؟ ތިބާ ރިޓަޔާ ކުރާއިރު ތިބާގެ ދަރިން ތިބޭނީ 18 އަހަރުވެފައެވެ. އަދި އެ ކުދިން އެ ކުދިންގެ ކަންތައްތައް އަމިއްލައަށް ނިންމޭ ހާލަތުގައެވެ.
- ރިޓަޔާ ކުރުމަށް ފަހު ބޮޑު ސިޓީއެއްގައި ނޫޅޭށެވެ. ނަމަވެސް އެއީ ތިބާއަށް އެ ވަރުގެ ފޯރުންތެރިކަމެއް ނެތް ނަމައެވެ. އުމުރުން 60 އަހަރު ވުމަށް ފަހު ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ފައިސާއިން ބޮޑު ސަހަރެއްގައި ދިރިއުޅުން ކުރިއަކަށް ނުގެންދެވޭނެއެވެ. އެ ތަނުގައި ވާހަކަ ދައްކާ ބަސްތަކާއި ހަލަބޮލިކަން ތިބާއަށް ބުރައަކަށް ވާނެއެވެ. ފުރުސަތު އޮތް ނަމަ ހަރަދު ކުޑަ އަދި ކުޑަ ޓައުނެއްގައި އުޅޭށެވެ. އެއީ ތިބާއަށް ލިބޭ ކުޑަ ޕެންޝަންގައި ދިރިއުޅުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
- ރިޓަޔާ ވާންވާއިރަށް ބިމެއް ނުވަތަ ބިންތަކެއް ހޯދައިފައި ބަހައްޓަން ވާނެއެވެ. އެއީ ކުއްޔަށް ދިނުމަށެވެ. ނުވަތަ ވިއްކައިލައިގެން "ފައިސާއަށް ބަދަލުކުރުމަ"ށެވެ. ރަނގަޅު ޑިވިޑަންޑެއް ނުވަތަ ފައިދާއެއް ލިބޭނެ ޝެއާ ނުވަތަ ހިއްސާ ރަނގަޅު ކުންފުނިތަކުން ގަނެފައި ބަހައްޓައިށެވެ. "ފައިސާ އަޅާ ގަސް"ތައް އިންދާށެވެ! ބަކަރި ހުއި ހައްޕާށެވެ. ތަރުކާރީ ހައްދާށެވެ. މި ޒާތުގެ ހަރަކާތްތަކުން ތިބާއަށް ހަމައެކަނި އާމްދަނީ ލިބޭނީކީ ނޫނެވެ. ނަމަވެސް ތިބާގެ ސިއްހަތު ސަލާމަތުން ވެސް ބަހައްޓައިދޭނެއެވެ.
- ސީދާސާދާ ދިރިއުޅުމެއް އުޅޭށެވެ. ރަށްފުށުގައި ހުރި ތިބާގެ ގޯތީގައި ގެއެއް ދުވަހަކު ވެސް ނާޅާ ނަމަ، ރިޓަޔާ ކުރުމަށް ތިބާއަށް ލިބުނު ފައިސާ އެ ކަމަށް ހޭދަ ނުކުރާށެވެ. ތިބާ އެ ތާނގައި ދާއިމަށް ދިރިއުޅެން ގަސްދު ނުކުރާ ނަމަ ނުވަތަ ތިބާ އާދަޔާ ހިލާފަށް މުއްސަނދި ނޫން ނަމަ، ނުލިބޭނެ އެ މުއްސަނދިކަމަކަށް ބަރޯސާކޮށްގެން، އެ ފަދަ ކަމެއް ކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. މިހެން ބުންޏަސް އާހިރުގައި ކަންތައްތައް ކުރާނެ ގޮތެއް އިހުތިޔާރު ކުރާނީ ހަމަ ތިބާއެވެ.
މި ނުވަ ނުކުތާއަށް ބަލައިލައި އިރު އުމުރު ކުރުވެގެން ގިނަ އަދަދެއްގެ ރިޓަޔާ ކުރާ މީހުން މަރުވާ ހަތަރު ސަބަބެއް ވެއެވެ. އެއީ:
ހ. ރިޓަޔާ ކުރަން ނަފުސާނީ ގޮތުން ތައްޔާރުވެފައި ނުވުން.
ށ. އެކަށީގެންވާ މިންވަރަށް މިލްކިއްޔާތުގައި ފައިސާ ނެތުން.
ނ. ޑިޕްރެޝަން ފަދަ ހިތާމަކުރުމުގެ ނަފުސާނީ ބައްޔެއް ޖެހުން.
ރ. ހައިޕާޓެންޝަން ނުވަތަ ޑަޔަބީޓީޒް (ހަކުރު ބަލި) ފަދަ މައްސަލަތައް ކުރިމަތިވުން. އެއީ ފިކުރު ކުރުމާއި ހާސްވުން ނުވަތަ އެންޒައިޓީ އާއި ކުރިމަގާމެދު ޔަގީންކަން ނެތުން އަދި ފައިސާގެ ޕްރެޝަރުތައް ކުރިމަތިވެގެން.
އެހެންކަމުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ ތިބާގެ ވަޒީފާގައި މަސައްކަތް ކުރަން އިންނަ މޭޒަކީ ދާއިމީ އެއްޗެއް ނޫން ކަމެވެ. މިހެންވެ ވަޒީފާއިން މުސްކުޅި ކުރެވޭ ދުވަހަށް ނުވަތަ ތިބާ ރިޓަޔާ ކުރާ ދުވަހަށް ދުރާލައި ދިރިއުޅުން ރާވާލާށެވެ.
- ތަރުޖަމާއެއް
