ބައެއް އިޖުތިމާއީ ކަންތައްތަކަކީ ކޮންމެހެން މީހަކު ނުކިޔައިދިނަސް އަމިއްލަ އާއްމު ވިސްނުން ނުވަތަ "ކޮމަން ސެންސު"ން އެނގެންޖެހޭ "ގަވައިދު"ތަކެކެވެ. މި ބަލައިލަނީ ތިބާ މުޖުތަމައުގެ ތެރޭގައި އުޅޭއިރު އަމަލުކުރަންޖެހޭ މި ފަދަ 50 ކަމަކަށެވެ.
- މީހަކު ވާހަކަދައްކަމުން އަންނަނިކޮށް އޭނާ ބުނާ އެއްޗެއް ބުނެ ނިމެންދެން މަޑުކޮށްލައިށެވެ. އޭނާ ބުނަމުން އަންނަ ޖުމްލައެއް މެދުކަނޑައިނުލައިށެވެ.
- އަބަދުވެސް "ޝުކުރިއްޔާ" ބުނަން ހަނދާންކުރާށެވެ.
- މީހަކު ހުންނަ ސިފައަކަށް ކޮމެންޓް ނުކުރާށެވެ. ނަމަވެސް އޭނާގެ ރީތިކަން ނުވަތަ އޭނާގައި ހުންނަ ރަނގަޅު ސިފައަކާ ބެހޭ ގޮތުން ކޮމެންޓް ކުރުން އެންމެ ރަނގަޅެވެ.
- ކިއު ތަރުތީބަށް އިހުތިރާމް ކުރާށެވެ. ކިއު އޮއްވައި އެ ކިއު ފަޅައިލައި ކުރިއަށް ނާރާށެވެ. ތިބާއަށްވުރެ ކުރިން އައި މީހުންނަށް އިހުތިރާމް ކުރާށެވެ.
- ފޯން ކުރުމުގެ ކުރިން މެސެޖެއް ފޮނުވައިށެވެ. ތިބާ ގުޅަން ބޭނުންވާ މީހާ އެ ވަގުތު ހުރި ހާލަތެއް ތިބާއަކަށް ނޭނގޭނެ ނޫން ހެއްޔެވެ.
- މަސައްކަތުގެ މާހައުލުގައި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގައި އުޅޭ މީހުންނާ ތިބާގެ ޒާތީ މައުލޫމާތު އެހާ ބޮޑަށް ހިއްސާ ނުކުރާށެވެ.
- އަނބުރާ ދޭން އެއްޗެއް "ބޮރޯ"ކޮށްފި ނަމަ، ވީ އެންމެ އަވަހަކަށް އެ އެއްޗެއް އަނބުރާ ދޭށެވެ.
- މީހަކު ނުވަތަ ބަޔަކާއެކު އެއް ތަށްޓަކުން ކެއުމުގައި ހިއްސާވާ ނަމަ "ޑަބަލް ޑިޕް" ނުކުރާށެވެ. މިސާލަކަށް، ތިބާ އާއި އެހެން މީހަކު އެއް ސައިތަށްޓަކަށް ބިސްކޯދު ޖަހައިގެން ކަނީއެވެ. ބިސްކޯދެއް އެ ތަށްޓަށް ލައިފައި ނަގާ ތިބާގެ އަނގައަށް ލުމަށް ފަހު އެއް ބައި ބިންދައިލައި އެ ދިރުވާލުމަށް ފަހު ބާކީ އިން ބައި އަލުން އެ ތަށީގެ ތެރެއަށް ނުޖަހައިށެވެ. މިއީ ތިބާގެ ފަރާތުން އަނެކާއަށް ޖަރާސީމު ފެތުރޭނެ ގޮތެކެވެ. އަދި އާއްމު އިޖުތިމާއީ ނަޒަރަކުން ބަލާއިރު އަނެކާ ފަކުރު ގަތްފާނެ ކަމެކެވެ. މީގެ އިތުރުން އަނެކާއަށް ހީވެދާނީ ތިބާއަކީ ސަފުތާހިރު ކަމަށާއި ހައިޖީންއަށް ސަމާލުކަން ނުދޭ މީހެއްކަމެވެ.
- އެއްވެފައި ތިބި ބައެއްގެ ތެރެއިން މަގުފަޅައި ކުރިއަށްދާ ނަމަ "އެކްސްކިއުޒް މީ"އޭ ބުނާށެވެ. (މިއާ އެންމެ ގާތްކުރާ ދިވެހި ލަފުޒަކީ "މައާފު ކުރައްވާ"އެވެ.)
- އާއްމު ތަންތާނގައި އުޅޭއިރު އެހެން މީހުންނާ ދިމާއަށް "ސްޓެއާ" ނުވަތަ ކަޅި ޖަހައި ނުލައި ނުބަލާށެވެ. ނުދަންނަ މީހުންނާ ދިމާއަށް ތިބާ ބެލުމުން އެ މީހުންނަށް އުނދަގޫތަކެއް އިހުސާސްވުން އެކަށީގެންވެއެވެ.
- އަމިއްލަ ޒާތީ އެއްޗެއް ނުވަތަ މިއުޒިކް ފަދަ ތަކެތި އަޑުއެހުމަށް ހެޑްފޯން ނުވަތަ އިއާބަޑް ބޭނުންކުރާށެވެ.
- އާއްމު ފާހާނާތައް ބޭނުންކޮށްފައި ފްލަޝް ކުރަން ނުވަތަ ފެން އަޅައި ނަޖިސްތައް ނައްތައިލަން ހަނދާންކުރާށެވެ.
- ބަހުގައި ނުވަތަ ރޭލުގައި ދަތުރުކުރާއިރު، ތިބާއަށްވުރެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް، ތިބާ އިށީނދެ އިން ސީޓު ނުވަތަ ގޮނޑި ދޭށެވެ. އޭގެ ތެރޭގައި ނުކުޅެދޭ މީހުންނާއި މާބަނޑު މީހުންނާއި މުސްކުޅި މީހުންނާއި ކުޑަކުދިން ހިމެނެއެވެ.
- އަތްޖޯޑުކޮށް ސަލާންކުރަން މީހަކު އަތްދިއްކޮށްފި ނަމަ، އޭނާގެ އަތާއި ތިބާގެ އަތް ޖޯޑުކޮށް، ސަލާންކޮށްލައިށެވެ. ތިބާ އެހެން ނުހައިދައިފި ނަމަ ތިބާ އޭނާ ބަލައިނުގަތްފިކަމާއި އޭނާއަށް ތިބާ އިހުތިރާމް ނުކުރާކަން އޭނާއަށް އިހުސާސް ކުރެވިދާނެއެވެ. މިހެންވުމުން އޭނާ ލަދުގަތްފާނެއެވެ. އަދި މި ކަމުން ދޭހަވާނީ ތިބާއަކީ އިޖުތިމާއީ އިލްމް ނޭނގޭ މީހެއް ކަމެވެ.
- އެހެން މީހަކާ ބައްދަލު ކުރާއިރު ނުވަތަ އޭނާ ބާއްވާ ހަފުލާއަކަށް ދާއިރު، ތިބާ އެހެން މީހަކު ގެންދަން ބޭނުން ނަމަ، އެ ބައްދަލު ކުރާ ނުވަތަ ހަފުލާ ބާއްވާ މީހާގެ ހުއްދަ ކުރިން ހޯދައިށެވެ.
- ތިބާގެ އަތުން އެއްޗެއް ހަލާކުވެއްޖެ ނަމަ ހަމަ އޭގެ އެއްޗެއް ނުވަތަ އޭގެ ބަދަލުގައި އެ ގަނެވޭ ވަރަށް ފައިސާ، އޭގެ ވެރިޔާއަށް ދޭށެވެ.
- ފާހާނާގައި ފެން ހިންދާ ހޮޅީގެ ޑްރެއިން ނުވަތަ މަތިގަނޑު މަތީގައި ޖަމާވާ ތިބާގެ ގައިން ފައިބާ އިސްތަށިތައް ނަގައި ސާފުކޮށްފައި ބަހައްޓައިށެވެ. ތިބާގެ ފާހާނާ އެހެން މީހަކު ބޭނުންކުރަން ފުރުސަތު ދީފި ނަމަ އެ ތަން ފެނިފައި އެ މީހާ ފަކުރުގަތްފާނެތީއެވެ. މީގެ އިތުރުން އެ މީހަކަށް ހީވާނީ ތިބާއަކީ ސާފުތާހިރުކަމަށް ނުވަތަ ހައިޖީންއަށް ލޯބި ނުކުރާ މީހެއްކަމެވެ.
- ލިފްޓަށް ތިބާ ވަންނަން ވާނީ އޭގައި ތިބި މީހުން ނިކުތުމުންނެވެ.
- ކައި ނިންމައިފައި، ތަށިން ބޭރަށް ދިޔަ އެތިކޮޅުކޮޅު ނަގައި ސާފުކޮށްލައިށެވެ. މޭޒުމަތިންނާއި ބިންމަތިންނެވެ. މިއީ ތިބާގެ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެކެވެ. އަދި އެ މޭޒު ބޭނުންކުރާނެ އެހެން މީހުންނަށް ވެސް އިހުތިރާމް ކުރުމަށެވެ.
- އަނެކާ ފޯން ބޭނުން ކުރަމުން އަންނަ އިރު އެ ފޯންގެ ސްކްރީން ތިބާއަށް ރަނގަޅަށް ފެންނަ ހިސާބުގައި މަޑުނުކުރާށެވެ. އެއީ އޭނާގެ ހުއްދަ ނުހޯދާ ނަމައެވެ. މިއީ އެ މީހާގެ ޕްރައިވެސީ އާއި ޒާތީ ކަންތައްތަކާ ގުޅިފައިވާ ކަމެކެވެ. އޭނާގެ ހުއްދަ ނެތި އޭނާގެ ފޯންގެ ސްކްރީނަށް ބެލުމުން އޭނާއަށް އުނދަގޫ ކަމެއް އިހުސާސް ކުރެވިދާނެއެވެ. އަދި އެހެނަސް މިއީ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަމެކެވެ. ތިބާ އޭނާއަށް އިހުތިރާމް ނުކުރާކަމުގެ ނިޝާނެކެވެ.
- އެހެން މީހުންގެ ވަގުތަށް އިހުތިރާމް ކުރާށެވެ. ތަންތަނަށް ލަހުން ގަޑިޖެހިގެން ނުދާށެވެ.
- މީހަކު ކިހިނބި އަޅައިފި ނަމަ އެ ކަމާ ގުޅޭ ދުއާ ކިޔައިށެވެ.
- ބަޔަކާއެކު ތިބޭއިރު އެ ތަނުން ވަކި މީހެއްގެ ކަންފަތްބުޑުގައި ސިއްރު ނުބުނާށެވެ.
- ކިއުއެއްގައި ހުންނަ އިރު ކުރިމަތީގައި ހުންނަ މީހާއަށް އެކަށީގެންވާ މިންވަރަކަށް ހުސް ޖާގަ ދޭށެވެ.
- ހޮޓަލެއް، ގެސްޓްހައުސެއް ނުވަތަ އެހެން ތަނެއްގައިވިޔަސް، "ޑޫ ނޮޓް ޑިސްޓާބް" (ނުވަތަ ލަފުޒީ މާނައިގައި ނަމަ "އުނދަގޫ ނުކުރޭ") މި ބޯޑު އެ މީހަކު އެ މީހެއްގެ ކޮޓަރީގައި އަޅުވައިފައިވާ ނަމަ، އޭނާގެ އެދުމަށް އިހުތިރާމް ކުރާށެވެ. ޓަކި ނުޖަހައިށެވެ. ނުވަތަ ބެލް ނުޖަހައިށެވެ. އެ މީހާ ބޭނުންވި ގޮތަށް އޭނާ އެކަނިހަށްޓަށް ދޫކޮށްލައިށެވެ.
- ސިނަމާގައި ފިލްމް ބަލަން އިންނަ އިރު ބައިވެރިޔާއާ ވާހަކަ ނުދައްކާ ހިމޭނުން އިންނާށެވެ. އެ ފިލްމް ބަލަމުން އަންނަ އެހެން މީހުންނަށް އުނދަގޫ ވެދާނެތީއެވެ.
- ކެއްސާއިރު އަނގަ މަތީގައި ހުރަހެއް އަޅައިށެވެ.
- މަތިންދާބޯޓުގައި އިންނަ އިރު ސީޓުގެ އާމްރެސްޓް ނުވަތަ އަތްގަނޑު އެއްކޮށް ނުހިފައިށެވެ. ޖެހިގެން އިންނަ މީހާއަށް ވެސް، އޭނާ އަތް އަޅައިގެން އިނދެލާނެ ޖާގަ ދޭށެވެ. މިއީ އޭނާއަށް އިހުތިރާމް އަދާކުރުމެވެ. އަދި އޭނާއަށް ވެސް އެ ދަތުރަކީ ހިތްހަމަޖެހިގެން ކުރެވޭ ދަތުރަކަށް ހެދުމަށް ތިބާ ވާ ހިއްސާއެކެވެ.
- މަގުމަތީގައި އުޅަނދެއް ދުއްވަމުންދާއިރު ލޭނު ބަދަލުކުރާ ނަމަ ކުރިން ސިގްނަލް ދޭށެވެ.
- މަސައްކަތުގައި ނުވަތަ ވަޒީފާގައި އުޅޭ މާހައުލަށް އިހުތިރާމް ކުރާށެވެ. އެއީ ތިބާއާއެކު މަސައްކަތްކުރާ މުވައްޒަފުންނާއި ބޭރުން އަންނަ މީހުން ވެސް ބޭނުންކުރާ ތަނެކެވެ.
- ދުވާރު މަތީގައި ހުރެގެން މީހަކާ ވާހަކަދައްކާ ނަމަ ހިނގާ މީހުންނަށް ވެސް ޖާގަ ދީގެން ހުންނާށެވެ.
- ތަނަކަށް ވަންނަން ބަލައިއިރު އެ ތަނުގެ ދޮރު ލައްޕައިފައި ހުރި ނަމަ ފުރަތަމަ އެ ދޮރުގައި ޓަކި ޖަހައިށެވެ.
- އަނބުރާ ދޭން ބޮރޯކުރި ފޮތެއް އަނބުރާ ދޭންވާނީ އެ ފޮތް ތިބާ ގެންދިޔައިރު އޮތް ރަނގަޅު ހާލުގައެވެ.
- ތިބާ ބޭނުންކުރި އެއްޗަކުން އުފެދުނު ކުންޏެއް ތިބާ ދަތުރުކުރި އުޅަނދެއްގެ ތެރެއަށް ދޫކޮށްލައިފައި ނުދައިށެވެ.
- އެލާޖީއެއް ހުރި ނަމަ ނުވަތަ ވަކި ބާވަތެއްގެ އެއްޗެހި ނުކެވޭ ނަމަ އެ ކަން ސިއްރުނުކޮށް ތެދުވެރިކަމާއެކު ހާމަކުރާށެވެ.
- އެހެން މީހަކު ނުވަތަ ބަޔަކާއެކު ބޭރުން ކައިފި ނަމަ ބިލަށް އެރި ފައިސާގެ މިންވަރު އިންސާފުން ބަހައިލައިށެވެ.
- ތިބާ އާއި އެހެން މީހަކު ނުވަތަ ބައެއްގެ ތެރޭގައި ތިބާ ހުންނައިރު އެހެން މީހަކާމެދު ދެބައޮޑުވާ، އެ މީހެއްގެ ނުބައި ވާހަކަ އާއި ޒާތީ ކަންތައްތަކާމެދު ވާހަކަ ނުދައްކާށެވެ. މި ފަދަ ވާހަކަ ދައްކާނީ އެ މީހަކު ތިބާގެ ގާތުގައި ހުންނަ އިރުއެވެ.
- އާއްމު ތަނެއްގައި ހުންނަ އިރު ލައުޑްސްޕީކަރަށް ލައިގެން ފޯނުން މީހުންނާ ވާހަކަ ނުދައްކައިށެވެ.
- ޕަބްލިކް ޓްރާންސްޕޯޓު ނުވަތަ ބަހާއި ރޭލު ފަދަ އާއްމު ދަތުރުފަތުރުކުރާ އުޅަނދުތަކުގައި ދަތުރުކުރާއިރު ތިބާ އެ އުޅަނދަކަށް ވަންނަންވާނީ އޭގައި ތިބި ފަސިންޖަރުން ނުކުތުމަށް ފުރަތަމަ ޖާގަ ދީފައެވެ.
- މީހެއްގެ އަތުން އެއްޗަކަށް ނުވަތަ ކަމަކަށް އެދުމުގެ ކުރިން "ޕްލީޒް" ނުވަތަ އިހުތިރާމާއެކު އާދޭހެއް ބުނުމުގެ ލަފުޒެއް ބޭނުންކުރާށެވެ.
- ތިބާއަށް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ އެހެން ވެސް އެއްޗެއް ދައްކައިލަން މީހަކު އޭނާގެ ފޯން ތިބާއަށް ދީފި ނަމަ، އޭނާ ތިބާއަށް ދައްކަން ބޭނުންވި ސީދާ އެތި ބެލުމަށް ފަހު ފޯންގެ ގެލެރީގައި ހުރި އެހެނިހެން އެއްޗެހި ބަލަން ސްކްރޯލް ނުކުރާށެވެ.
- މީޓިންއެއް ނުވަތަ އެހެން ވެސް ބައްދަލުވުމެއްގައި ވެސް އިންނަ އިރު ފޯނަށް އަންނަ ކޯލާއި މެސެޖާއި އެހެނިހެން ނޮޓިފިކޭޝަން އެހެން މީހުންނަށް ނީވޭނެހެން ފޯން ސައިލެންޓަށް ލައިށެވެ.
- ތިބާއަށް "ނޫނެ"ކޭ ބުނަން އަނެކާ ނިންމާ ނިންމުމަށް އިހުތިރާމް ކުރާށެވެ.
- މީހަކާ ރައްޓެހިކަން ނުވަތަ ރަހްމަތްތެރިކަމުގެ ގުޅުން ގާއިމުވުމުން އޭނާ ތިބާއަށް ހިލޭ ކަންތައްތައް ކޮށްދޭންޖެހޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރާށެވެ.
- ޖިމްގައި ހުންނަ އިރު އަނެކާގެ ވޯކްއައުޓް މެދުކެނޑިދާނެ ފަދަ ގޮތަކަށް އޭނާއާ ޗެޓުކުރަން ނުވަތަ އަނގަތަޅަން ނުފަށައިށެވެ.
- އެހެން މީހަކާއެކު ތަނެއްގައި ހުންނަ ވަގުތު އެ ތަނުގައި ހުންނަ ޓީވީ، އޭސީ ނުވަތަ ފަންކާގެ ރިމޯޓް އެ މީހަކާ ހިއްސާކުރާށެވެ.
- ކުޑަ ކޮޓަރިއެއްގައި އުޅޭއިރު އަނެކާއަށް ވެސް ޒާތީ ޖާގަ ދޭށެވެ.
- މީހަކާ ނުވަތަ ބަޔަކާ ވާހަކަދައްކާއިރު ފޮނިނުކަނޑައިށެވެ.
- ތަނަކުން ނުކުންނައިރު މެހެމާންދާރީވި މީހާއަށް ޝުކުރު އަދާކުރާށެވެ.
- ތަނެއްގައި ހިދުމަތް ދޭން އުޅޭ މުވައްޒަފުންނާ އަބަދުވެސް އިހުތިރާމާއެކު އަމަލުކޮށް، މުއާމަލާތް ކުރާށެވެ.
މި ބަލައިލި 50 ކަމަކީ މުޖުތަމައެއްގައި އުޅޭއިރު އެ ތަނެއްގައި އުޅޭ އެހެން މީހުންނާމެދު އިހުތިރާމާއެކު މުއާމަލާތް ކުރެވޭނެ ގޮތްތަކެވެ. އަހުލާގީ ގޮތުން ރަނގަޅު މި މިންގަނޑުތަކުގައި ހިފެހެއްޓުމުން ތިބާގެ އަމަލުތައް ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ މަގަށް ސީދާވާނެއެވެ. އަދި ތިބާ އުޅޭ މާހައުލުގައި ދިރިއުޅުމުގައި ތިބާގެ ހަޔާތް ކާމިޔާބު މީހަކަށް ވާނެއެވެ.
- ތަރުޖަމާއެއް
