Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަނދާނުން ނައްތައިނުލެވޭނެ ނަމަވެސް މައާފުކުރާނެ ގޮތް

ކޮންމެ މީހަކީ ވެސް ހިތުގައި ޒަހަމްތަކަކާއެކު ހަޔާތައިގެން ކުރިއަށްދާ މީހެކެވެ. ބައެއް ލަކުނުތައް ކުޑައެވެ. ނަމަވެސް އަނެއް ބައި ލަކުނުތައް ފުނެވެ. މައާފު ކުރުމަކީ މުހިންމު ކަމެއް ކަމަށް ސިކުނޑިއަށް ވިސްނުނަސް ޖަޒުބާތުތަކަކީ ހިތުން ނުފިލާނެ އެއްޗެކެވެ. އެހެނަސް ނަފުސުގެ ނަފުސާނީ ފަރުވާއަށް މައާފު ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ހިތުގެ ބައެއް ޒަހަމްތައް ރަނގަޅުވުމަކީ ނުވާނެ ކަމެއް ކަމަށް ހިތަށް އެރިއަސްމެއެވެ. ބައެއް ފަހަރަށް ހީކުރެވޭނީ އަފޫ ކުރުމަކީ އެ ވޭނަށް ދެވޭ ތަރުހީބެއް ކަމަށެވެ. ނުވަތަ އޭގެ އަސަރު ކުޑަކޮށްލަން ކުރެވޭ މަސައްކަތެއްހެނެވެ. ނުވަތަ އަމިއްލަ ނަފުސަށް ވެވޭ ހިޔާނާތެއްހެނެވެ. ސިކުނޑި އާއި ހިތުގެ މި ވާދެމުމުގެ ހަނގުރާމައެއް ތިބާއަށް ކުރިމަތިވެފައިވާ ނަމަ، ކިޔައިލަން އެންމެ ރަނގަޅުވާނީ ލީސާ ޓާކާސްޓް ލިޔެފައިވާ ފޮތް "ފޮގިވިން ވަޓް ޔޫ ކާންޓް ފޮގެޓް"އެވެ. މާނައީ "ހަނދާނުން ނައްތައިނުލެވޭނެ ކަންތަކަށް މައާފުކުރުމެ"ވެ.

މި ފޮތުގައި ސީދާސާދާ ނުވަތަ ފަސޭހަ ޖަވާބުތަކެއް ނުދެއެވެ. މި ފޮތް ކިޔައިލުމުން ހީވަނީ ކަނުއަނދިރީގެ ތެރޭގައި ހުއްޓާ ލޯތްބާއެކު މީހަކު އެހީގެ އަތެއް ދިއްކޮށްލާހެންނެވެ. ވޭނުގައި އުޅޭ މީހަކު އެ ވޭނުގައި އުޅޭކަން ބަލައިގަންނަ ހާލުގައެވެ. އެ ވޭނުން އަރައިގަތުމަށްޓަކައި އެ މީހަކު ކުރަމުން އަންނަ މަސައްކަތް ގަބޫލު ކޮށްގެންނެވެ. އަދި، އެ ވޭން ހަނދާން ނައްތައިލުމުގެ ބަދަލުގައި ހަޔާތައިގެން ކުރިއަށް ދެވޭނެ ގޮތަކަށް އެ ވޭނީ މާޒީ ހަނދާނުގައި ބެހެއްޓިދާނެ ގޮތް ކިޔައިދީގެންނެވެ. މިއީ ތަފާތު ގޮތަކަށް ވޭންތައް ހަނދާން ކުރާނެ ގޮތެކެވެ. މިއިން ލިއްބައިދެނީ ހިތާއި ސިކުނޑިއަށް ފަރުވާއެވެ. އަދި ވޭނުން މިނިވަން ވެއްޖެ ކަމުގެ އިހުސާސެވެ. މައާފު ކުރުމުގެ ކަވި އަދި އޮޅުންބޮޅުން ގިނަ ހާލަތްތަކުގައި އެ ކަން ކުރެވިދާނެ ގޮތުގެ ދެލިކޮޕީއެއް ލީސާ ހުށަހަޅައިދެއެވެ.

މި އަލިއަޅުވައިލަނީ، މި ގޮތުން ކުރެވިދާނެ ކަމަށް، އޭނާ ފާހަގަކޮށްފައިވާ ހަތް ކަންތަކަށެވެ:

  1. މައާފު ކުރުމަކީ ހަނދާން ނައްތައިލުމެއް ނޫނެވެ. ނުވަތަ ތިބާއަށް އަނިޔާވެރިވި މީހާ ތިބާއަށް ދިން ވޭނަށް ނުވަތަ ޒަހަމަށް އުޒުރު ވެރިވާން އޭނާއަށް ފުރުސަތު ދިނުމެއް ވެސް ނޫނެވެ. މިއީ މައާފު ކުރުމާއި ހަނދާން ނައްތައިލުމާ ދެމެދު ހުރި ފަރަގެވެ. ބައެއް މީހުންނަށް ހީވަނީ މައާފު ކުރުމާއި ހަނދާން ނައްތައިލުމަކީ އެކައްޗެއްހެނެވެ. ހަގީގީ މާނައިގައި މައާފު ކުރުމަށްޓަކައި އެ މީހާ ތިބާއަށް ދިން ޒަހަމްގެ ހަނދާން ނައްތައިލަން ޖެހޭނެ ކަމަށެވެ. ލީސާ ބުނާ ގޮތުން މައާފު ކުރުމަކީ ތިބާއަށް ދިން ވޭނަކީ ނުވާ ކަމެއް ކަމަށް ހެދުން ނޫން ކަމަށެވެ. އަދި ޒަހަމް ދިން މީހާ އެ ކަން ކުރުމުގައި އުޒުރެއް އޮތް ކަމެއް ކަމަށް ވެސް ބެލުން ނޫން ކަމަށެވެ. ލީސާ ބުނާ ގޮތުން މައާފު ކުރުމުގެ މައުނަވީ ސިފައަކީ ތިބާގެ އަދުގެ ދިރިއުޅުން މާޒީން ހިސޯރުކޮށްފައި އޮތް އޮތުން ނައްތައިލުމެވެ. ތިބާގެ މިހާރުގެ ދިރިއުޅުމަށް އެ ޒަހަމުން ނުފޫޒު ނުފޯރާނެ ގޮތް ހެދުމެވެ.
  2. މައާފު ކުރުމަކީ އެއް ފަހަރުން ދެވޭ މަންޒިލެއް ނޫނެވެ. އެއީ ކަޑައްތު ކުރަން ޖެހޭ މަރުހަލާތަކެކެވެ. މިހެންވެ، މައާފު ކުރުމުގެ ދަތުރުގައި ކެތްތެރިވާންޖެހެއެވެ. އެ ކަމަށް ވަގުތު ނަގާނެކަން ދަންނަންޖެހެއެވެ.
  3. އެންމެ ފުން ޒަހަމްތަކަކީ ތިބާ އެދޭ އެދުންތައް ނުފުދުމުން ވެސް ކުރެވޭ އިހުސާސްއެކެވެ. އެންމެ ބޮޑަށް އިތުބާރުކުރާ މީހާ ތިބާ ހިތާމަ ކުރާ ގޮތަކަށް ކަންތައްތައް ކުރުމުންނެވެ. އެހެންވުމުން ތިބާގެ ނަފުސަށް ލިބިފައިވާ ސަލާމަތްތެރިކަން ނެތިގެން ހިނގައްޖެކަމުގެ އިހުސާސެއް ކުރެވޭނެއެވެ. އަދި ތިބާ އޭނާއަށް ކުރި އިތުބާރުގައި އޭނާ ކޮޅުފައިން ޖެހިކަމުގެ އިހުސާސް ވެސް ކުރެވޭނެއެވެ. މި ކަން ތިބާއަށް ފަހުމްވުމަކީ މުހިންމު ކަމެކެވެ. އެއިރުން ތިބާގެ ނަފުސު ދެކެ ތިބާ ވާ ލޯތްބާއި ތިބާއަށް ޒަހަމް ދިން މީހާއާމެދު ހަމްދަރުދީ ވާ ހާލުގައި ވެސް ތިބާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ކުރެވޭނެއެވެ.
  4. މައާފު ކުރުމާއި އިތުބާރު ކުރުމަކީ ދެ ކަމެކެވެ. މައާފު ހަމަ ކުރުމާއެކު ޒަހަމް ދިން މީހާއަށް އަލުން އިތުބާރު ކުރަން ފަށާކަށް ނުޖެހޭނެއެވެ. މައާފު ކުރުމަކީ ޒަހަމް ދިން މީހާއާމެދު އުފެދިފައިވާ ނަފުރަތު ދޫކޮށްލުމަށް ތިބާ ނިންމުމެވެ. އިތުބާރަކީ އެ އިތުބާރު އަލުން އުފެދޭނެ ގޮތަށް އޭނާ ތިބާއާ މުއާމަލާތްކުރަން ފެށުމެވެ. މިއީ ވަގުތު ދީގެން ކުރެވޭނެ ކަމެކެވެ. މިހެންވެ ތިބާގެ ރައްކާތެރިކަމަށްޓަކައި އޭނާއާ ދޭތެރޭގައި އިންތަކެއް ބަހައްޓައިގެން އޭނާއަށް މައާފު ކުރެވިދާނެއެވެ.
  5. މައާފު ކުރުމަކީ ޒަހަމް ދިން މީހާގެ ފައިދާއަކަށް ތިބާ ކުރާ ކަމެއް ނޫނެވެ. މައާފު ކުރުމަކީ ތިބާގެ ނަފުސުގެ ހަމަޖެހުމަށްޓަކައި ތިބާ ކުރާ ކަމެކެވެ. ވިހަ ޖަޒުބާތުތަކުގެ ސަބަބުން ތިބާގެ ހިތް މިނިވަންކޮށް، ސިކުނޑި ސަލާމަތް ކުރުމަށްޓަކައެވެ.
  6. މައާފު ކުރުމުގެ މަރުހަލާގައި ތިބާ މާތް ﷲގެ ރަހުމަތުން ވާގި ހޯދަން ޖެހެއެވެ. ސަބަބަކީ ފުން ޒަހަމްތަކަކީ ހަމައެކަނި ތިބާގެ ނަފުސުގެ ބާރުން މައާފު ނުކުރެވިދާނެ ފަދަ ވޭންތަކެއް ކަމަށްވެދާނެތީއެވެ. މިހެންވެ އެ ކަލާނގެ ކިބައިން ރޫހީ ހިތްވަރު ހޯދަން ޖެހެއެވެ.
  7. މައާފު ކުރަން ނިންމުމަކީ ތިބާއަށް ލިބުނު ޒަހަމުން މިނިވަންވުމަށް ތިބާ ނިންމާ ނިންމުމެވެ. މިއީ ލީސާގެ ފޮތުގެ އެންމެ މުހިންމު ފިލާވަޅު ވެސްމެއެވެ. އޭނާ ދޭ މި އަގުހުރި މެސެޖަކީ މައާފު ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ވިޔަސް އެ ކަމުން ތިބާގެ ނަފުސު، ތިބާއަށް ލިބިފައިވާ ވޭނުން މިންޖު ކުރެވޭނެ ކަމެވެ. އެއީ މާޒީގެ ހިތްދަތިކަމާ ބަނދެވިފައިވާ ތިބާގެ ހަޔާތް އެ މާޒީން މިނިވަން ކުރުމަށް ލިބޭ ފުރުސަތެވެ. ތިބާގެ ހަޔާތަށް ލިބިފައިވާ ހިތިކަން ނައްތައިލެވުމެވެ. މާ ފުރިހަމަ އަދި މާނަވީ ހަޔާތެއް ދިރިއުޅުމަށް އަލުން މިނިވަންކަން ލިބުމެވެ. މިއީ ތިބާގެ ހަޔާތުގެ މައްޗަށް އޮތް ބާރު އަލުން ތިބާ ލިބިގަތުމެވެ. އުއްމީދާއި ހިތާއި ސިކުނޑީގެ ފަރުވާއާއެކު ކުރިއަށް ދިއުމަށް ލިބޭ މިނިވަންކަމެވެ.

މި ބަލައިލީ ތިބާއަށް ލިބިފައިވާ ވޭނާއި ޒަހަމުން ސިކުނޑި އާއި ހިތް ސަލާމަތްކޮށް، ހަޔާތައިގެން އަލުން ކުރިއަށް ދެވޭނެ ގޮތަށެވެ. ލީސާ ޓާކާސްޓް ލިޔެފައިވާ ފޮތް "ފޮގިވިން ވަޓް ޔޫ ކާންޓް ފޮގެޓް" ނުވަތަ "ހަނދާނުން ނައްތައިނުލެވޭނެ ކަންތަކަށް މައާފުކުރުން" މި ފޮތުން މި ކަމަށް ވަރަށް ރަނގަޅަށް، ތަފުސީލީ ގޮތަކަށް އަލިއަޅުވައިލައިފައިވެއެވެ.

  • ތަރުޖަމާއެއް