Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ބައްޕަ އަހަރެންގެ "ދަރިފުޅަކަށް" ބަދަލުވީ ހިނދު…

އަހަރެންގެ ގެއަށް ބައްޕަ އައުމުން ބައްޕައަށް ކޮޓަރިއެއް ދިނީމެވެ. ނަމަވެސް މާ ގިނަ ދުވަހަކު ބައްޕަ މަޑުކުރާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.

ބައްޕަ އައީ ކުޑަވަރެއްގެ ސޫޓުކޭހެއް ހިފައިގެންނެވެ. އޭގައި ވަނީ އެންމެ ދެ ގަމީހާއި ފައިވާން ޖޯޑަކާއި ކުރިން ގެންގުޅުނު ހަމުން ހަދައިފައިވާ ވޮލެޓަކާއި ފާހާނާއަށް ދާން ލާ ރޯބެކެވެ. އެ ހެދުމަކީ އެތައް ދަހަރެއް ކުރިން އަހަރެންގެ މަންމަ ބައްޕައަށް ގަތްދިން ރޯބެކެވެ.

ވޭތުވެދިޔަ މަހު ބައްޕަ އުޅެމުން އައީ އަހަރެންގެ ގޭގައެވެ. އެއީ ހަމަހިމޭން މީހެކެވެ. އޭނާގެ އުމުރުން 90 އަހަރު ވެއްޖެއެވެ.

ކޮފީ ތަށީގައި ހިފައިގެން އިންނަ އިރު ވެސް އެއް އިރެއްގައި ބައްޕަގެ ވަރުގަދަ އަތް މިހާރު ތުރުތުރުލައެވެ. އަދި އެއް އިރެއްގައި ޔަގީންކަމާއެކު އަޅަމުން ދިޔަ ފިޔަވަޅުތައް މިހާރު ތަޅުންގަނޑު މަތިން ހިނގާއިރު ދުވެލި މަޑުވެފައި، ފަރުވާތެރިއެވެ.

ދޮރުތައް ކައިރީގައި ބައްޕަ މަޑުކޮށްލައެވެ؛ އެއިން ދޮރަކުން ވަނުމުގެ ކުރިން ކޮންމެވެސް ކަމެއް ހަނދާނަށް އަންނަ ފަދައިންނެއެވެ.

ކުޑަދޮރުން ބޭރު ބަލަން ވެސް އެތައް ގަޑިއިރަކު އިނދެއެވެ. ވައިގެ ތެރޭގައި ގަސްތައް ހެލޭ ގޮތަށެވެ. އަދި ބައްޕަ ތުންތަޅުވަމުންދެއެވެ. ހަމައެކަނި އޭނާއަށް ފެންނަ މީހެއް ފަދަ "މީހެއް"ގެ ކަންފަތްބުޑަށް މަޑުމަޑުން ވާހަކަ ކިޔައިދޭ ފަދައިންނެވެ.

ބައްޕަ އަހަރެންގެ ދަރިންނާ ދިމާއަށް ހިނިތުންވެލައެވެ. އެކަމަކު ބައެއް ފަހަރު އެ ކާފަދަރިންގެ ނަންތައް ބައްޕަ ހަނދާނެއް ނުހުރެއެވެ.

ކާ މޭޒު ދޮށުގައި އިންނަ އިރު ބައްޕަ ތުންފުހިތައް ފަތްޖަހައިލައެވެ. އަހަރެން ކުޑަ އިރު ކަންތައް ކުރި ފަދައިންނެވެ.

އެތައް އަހަރެއް ވަންދެން އަހަރެން ނުޖަހާ ލަވަތައް ބައްޕަ ހޫނ އަޅުވައެވެ.

ބައްޕަ މިހާރު އެއީ އަހަރެންނަށް ބައިސްކަލު ދުއްވަން ދަސްކޮށްދިން ޒަމާނުގެ މީހާއެއް ނޫނެވެ. ހަލާކުވި ހުރިހާ އެއްޗެއް ހަން ބޯވެފައިވާ އަތުން ހަދައިދިން އިރުގެ މީހާއެއް ނޫނެވެ. އަހަރެން ކުޑަ އިރު އޭނާގެ ކޮނޑުމަތީގައި އުފުލި މާޒީގެ މީހާއެއް ނޫނެވެ.

ނަމަވެސް، މި ހުރިހާ ބަދަލުތަކާއެކު ވެސް، އެއީ ހަމަ އަހަރެންގެ ބައްޕައެވެ. އަދި މިހާރު، އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް، އަހަރެން އޭނާ ބޭނުންވާ ވަރަށްވުރެ އޭނާއަށް އަހަރެންގެ ބޭނުންޖެހިފައިވާވަރު ބޮޑެވެ.

ބައްޕައަށް އެންމެ ކަމުދާ ސުރުވާ އަހަރެން ކައްކައިދެމެވެ. އޭނާގެ ފައިވާނަށް ހޫނުކަން ގެނައުމަށް އުނދުން ކައިރީގައި އެ ފައިވާންޖޯޑު ބަހައްޓަމެވެ.

ބައްޕަގެ ސިކުނޑިއަށް އުނދަގޫކުރާ ހުވަފެންތަކުން ހޭލެވޭއިރަށް އަހަރެން އޭނާ ހިތްހަމަޖައްސައިދޭން އޭނާގެ އަތުގައި ހިފައިލައިގެން އިންނަމެވެ.

ބައްޕަ ދެކެ ލޯބިވާކަމަށް އަހަރެން ބުނަމެވެ. މިއީ ފުދޭވަރާ ކައިރިވާ ވަރަށްވުރެ ވެސް މަދުން އަހަރެން އޭނާއާ ދިމާއަށް ބުނެވިފައިވާ ބަސްކޮޅެކެވެ.

އަހަރެން ފުރަތަމަ ބިރުގަތެވެ. ކުރިން ބައްޕަ އުޅުނީ އަބަދުވެސް ވަރަށް މިނިވަންކޮށް އުޅޭ މީހެއް ގޮތަށެވެ. އޭނާއަކީ އެއިރު ވަރަށް ވަރުގަދަ އަދި ހަރުދަނާ ޝަހުސިއްޔަތެކެވެ. ނަމަވެސް މިހާރު އަހަރެންނަށް އިހުސާސް ކުރެވެނީ ހަމައެކަނި ޝުކުރުވެރިކަމެވެ. ބައްޕައާއެކު ހޭދަކުރެވޭ ކޮންމެ ވަގުތަކަށެވެ. ބައްޕައާއެކު ހިއްސާ ކުރެވުނު ހުރިހާ ހަނދާންތަކަށެވެ. ބައްޕަ އަހަރެންނަށް ދިން ލޯބި އަނބުރާ ބައްޕައަށް އަހަރެން ވެސް ދޭން ލިބޭ ކޮންމެ ފުރުސަތަކަށެވެ.

އެހެން ގޮތަކަށް ބުނާ ނަމަ މިއަދު އަހަރެންނަށް ލިބިފައި މި ވަނީ އުމުރުން 90 އަހަރުގެ "ދަރިފުޅެ"ކެވެ.

ބައްޕައަށް އަހަރެން އަޅައިލައިނަމެވެ. އެއް އިރެއްގައި ބައްޕަ އަހަރެންނާމެދު ވެސް އަޅައިލުން ބެހެއްޓި ފަދައިންނެވެ.

ބައްޕާއެވެ. އަހަރެންނާއެކު ހޭދަކުރެވޭނެ އެންމެ ގިނަ ދުވަހަކު އަހަރެންގެ ގާތުގައި ހުންނާށެވެ.

  • ތަރުޖަމާއެއް