Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އެކްސް-ރޭ، ސީ.ޓީ ސްކޭން އަދި އެމް.އާރް.އައިގެ ތަފާތަކީ ކޮބާ؟

އެކްސް-ރޭއަކީ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގެ ޒަރީއާއިން ހަށިގަނޑުގެ ކަށިތައް ފަދަ ބުރަދަން އެކުލެވޭ ގުނަވަންތަކުގެ މަންޒަރުތައް ނަގައިދޭ ނިޒާމެކެވެ. އާއްމު ގޮތެއްގައި މި ފަދަ މަންޒަރުތައް ނަގައިދެނީ ކަށިތަކުގައި ލައި ރެނދުތަކާއި އިންފެކްޝަނާއި ޓިއުމާ އާއި އެހެނިހެން އާދަޔާ ހިލާފު ކަންތައްތަކުގެއެވެ. އެކްސް-ރޭއަކީ އަވަހަށް ނެގޭ، ނިސްބަތުން އަގުހެޔޮ އަދި ކޮންމެ ވަގުތެއްގައި ވެސް ނެގޭ އެއްޗެކެވެ.

ސީޓީ ސްކޭން ނުވަތަ ސީ.އޭ.ޓީ ނަމަކަށް ވެސް ކިޔާ ސްކޭނަކީ އެކްސް-ރޭ އާއި ކޮމްޕިއުޓަރުގެ އެހީގައި ހަށިގަނޑުގެ އެތެރޭގެ މަންޒަރު "ކްރޮސް ސެކްޝަން"ކޮށް ނުވަތަ ފަޅިފަޅިއަށް ނަގައިދޭ ސްކޭނެކެވެ. އާދައިގެ އެކްސް-ރޭއަކަށްވުރެ ތަފުސީލު މައުލޫމާތު ސީޓީ ސްކޭނުން ލިބެއެވެ. ކަށިތަކާއި ގުނަވަންތަކާއި ލޭ ދައުރުކުރާ ނާރުތަކާއި އަދި ސޮފްޓް ޓިޝޫތަކުގެ މަންޒަރުތައް ސީޓީ ސްކޭނުން ލިއްބައިދެއެވެ. އެތެރެ ހަށީގެ ޒަހަމްތަކާއި ޓިއުމަރާއި އިންފެކްޝަނާއި އަދި ބްލަޑް ކްލޮޓް ނުވަތަ ގަނޑުވެފައިވާ ލޭ ކޮޅޮކޮޅު ސީޓީ ސްކޭނުން ދައްކުވައިދެއެވެ.

އެމް.އާރް.އައިއަކީ ބާރުގަދަ މެގްނެޓިކް ފީލްޑަކާއި ރޭޑިއޯ ވޭވްތަކެއް ބޭނުންކޮށްގެން ސޮފްޓް ޓިޝޫތަކާއި ގުނަވަންތަކާއި އަދި ހަށިގަނޑުގެ ތެރޭގައިވާ އެއްޗެހީގެ ތަފުސީލީ މަންޒަރުތަކެއް ނަގައިދޭ ނިޒާމެކެވެ. ތަފާތު ބާވަތްތަކުގެ ސޮފްޓް ޓިޝޫތަކުގެ ދެމެދުގައިވާ ފަރަގުތައް ދައްކައިދެއެވެ. ސިކުނޑި، މައިބަދަ، ހުޅުތައް އަދި މަސްތަކުގެ މަންޒަރު ނެގުމަށް އެމް.އާރް.އައިއަކީ ހާއްސަ ގޮތެއްގައި ބޭނުންތެރި ނިޒާމެކެވެ. އެމް.އާރް.އައިއަކީ އަޔޮނައިޒިން ރޭޑިއޭޝަން ބޭނުންކުރާ ސިސްޓަމެއް ނޫނެވެ. މިހެންވެ އެމް.އާރް.އައި ހެދުމަކީ މާބަނޑު މީހުންނާއި ކުޑަކުދިންނަށް މާ ރައްކާތެރި ގޮތެކެވެ. ނަމަވެސް އެމް.އާރް.އައި ހަދަން ގިނަ އިރު ނަގައެވެ. އަދި އެއީ މާ ހަރަދު ބޮޑު ކަމެކެވެ. މީގެ އިތުރުން މައުދަންތަކުން ހަދައިފައިވާ އެއްޗެއްސާއި އެހެނިހެން އިމްޕްލާންޓް ކަހަލަ އެއްޗެހި ހަށިގަނޑަށް ލައްވައިފައިވާ ނަމަ މިއީ އެ ފަދަ މީހުންނަށް ހަދަން އެންމެ ރަނގަޅު އެއްޗެއް ނޫނެވެ.

  • ތަރުޖަމާއެއް