ވީޑިއޯ ނުވަތަ ކޮމްޕިއުޓަރު "ގޭމެއް"ހެން ދިރިއުޅުމަކީ ވެސް ފާޑެއްގެ "ކުޅިވަރެ"ކެވެ. ކޮންމެ ގޭމެއްގައި ފަދައިން ހަޔާތުގެ ގޭމްގައި ވެސް ކުރީ ސަފުގައި ހުރުމަށް ގަވައިދުތަކެއްވެއެވެ. މި ބަލައިލަނީ ދިރިއުޅުމުގެ ގޭމްގައި އަބަދު ވެސް ކުރީ ސަފުގައި ހުރުމަށް ސަމާލުކަން ދޭންވީ 41 ގަވައިދަށެވެ.
- ޕްރައިވެސީއަކީ ތިބާއަށް ލިބޭނެ އެންމެ ބޮޑު ބާރެވެ. ތިބާގެ ޒާތީ ކަންތައްތައް އެހެން މީހުންނަށް ނޭނގޭ ނަމަ، ތިބާގެ އަމިއްލަ ކަންތައްތަކަކާ އެ މީހުންނަކަށް ނުބެހެވޭނެއެވެ. އަދި މިހެންވެ ތިބާގެ ދިރިއުޅުން ހަލާކުކޮށެއް ނުލެވޭނެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ މީހުންނަކީ އެ މީހުންގެ ހަޔާތުގައި ކޮންމެވެސް ކަހަލަ "ޑްރާމާ"އެއް ބޭނުންވާ ބައެއް ކަމެވެ. ތިބާގެ ދިރިއުޅުމުން ޑްރާމާތަކެއް ފެންނަ ނަމަ އެ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގާފާނެއެވެ.
- އެކަނިވެރިވުމާއި އެކަހެރިކަމަކީ ހަޔާތުގެ ދަތުރުގެ ބައެކެވެ. އެ ކަން ބަލައިގަންނާށެވެ. އެއީ ވެސް "އާޓެ"އްގެ ވައްތަރެކެވެ.
- ހަނދާނުގައި ބަހައްޓާށެވެ؛ ކޮންމެ ކަމަކީ ވެސް ވަގުތީ އެއްޗެކެވެ. ހަޔާތަކީ ވެސް އަވަސް ދުވެއްޔެއްގައި ކުރިއަށްދާ އެއްޗެކެވެ. އެހެންކަމުން ހަރުދަނާކަމާއި ހިތްތިރިކަމުގެ ސިފަ ގެންގުޅުންމަތީ ދެމިހުންނާށެވެ.
- ތިބާއަށް ދިމާވާނެ ހުރިހާ އެންމެންނަކީ ވެސް ތިބާއަށް ނޭނގޭ އެ މީހުންގެ އަމިއްލަ ހަނގުރާމަތަކެއް ކުރަމުންދާ ބައެކެވެ. އެ މީހުންނާމެދު ހިތްހެޔޮކޮށް ހިތާށެވެ. ހިތްހެޔޮކަމަކީ ތިބާގެ އަތުން ހަރަދެއް ދާނެ ކަމެއް ނޫނެވެ.
- ތިބާގެ ބައިވެރިޔާއަކީ ތިބާގެ ލޯގަނޑެވެ. އެހެންކަމުން ތިބާ ބައިވެރިޔަކު ހޯދާއިރު ވިސްނުންތެރިކަމާއެކު އެ ކަން ކުރާށެވެ. ބައިވެރިޔާ އަގުކުރާ ކަންތައްތަކަކީ ކޮބައިކަން ދެނެގަންނާށެވެ. އެ ބައިވެރިޔާގެ ޖިސްމާނީ ސިފައިގެ ރީތިކަމަށް ވެސް ތިބާ ބަލާ ފަދައިންނެވެ.
- އެހެން މީހުންގެ ޖަޒުބާތުތަކާއި އިހުސާސްތަކަށް ވުރެ ވެސް ތިބާގެ ނަފުސާނީ ދުޅަހެޔޮކަމަކީ އެންމެ މުހިންމު އެއްޗެވެ. އެ ކަން ގުރުބާން ކުރެވޭކަށް ނޯންނާނެއެވެ. އެއީ ދަހިވެތިކަމާއެކު ނަމަވެސް ހިމާޔަތްކޮށް ރައްކާތެރިކުރަން ޖެހޭ ކަމެކެވެ. އެއީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމެވެ.
- ތިބާއަށް ބޭނުންވަނީ އިތުރު ވަގުތެއް ނޫނެވެ. ތިބާއަށް ބޭނުންވަނީ ތިބާގެ ސަމާލުކަން ދަމައިގަންނަ ބޭކާރު ކަންތައްތައް ނުވަތަ "ޑިސްޓްރެކްޝަން"ތަކާ ދުރުވުމެވެ. މުހިންމު ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ތިބާގެ ހަޔާތް ކާމިޔާބުވާނެ ގޮތެވެ.
- ތިބާގެ ވަގުތު ސަލާމަތް ކުރުމަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރާށެވެ. ކޮންމެ ކޮންމެ މީހަކީ ތިބާގެ ވަގުތުން ބައެއް އެޅުންހާ މުހިންމު މީހުންނެއް ނޫނެވެ.
- ތިބާގެ އަގު ހަގީގަތުގައި ވަޒަންކުރާ މީހުން ތިބާގެ ގާތުގައި ގެންގުޅޭށެވެ. ތިބާ ބަލައިގަތުމާއި ތިބާއަށް އިހުތިރާމު ކުރުމަކީ އެހެން މީހުންގެ ކިބައިން ތިބާ ސަލާންޖަހަން ޖެހޭ ކަމެއް ނޫނެވެ.
- "ސެލްފް-ލަވް" ނުވަތަ އަމިއްލަ ނަފުސު ދެކެ ލޯބިވުމަކުން އޭގެ މާނައަކީ ތިބާއަކީ ދަހި މީހެއް ނޫން ކަމެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
- ތިބާއަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ލުއިކޮށްދޭ މީހުންނަކީ ހަޒާނާތަކެއް ކަމަށް ދެކޭށެވެ. އެއީ މި ދުނިޔޭގައި މަދު ޖަވާހިރުތަކެކެވެ.
- ތިބާގެ ރައްޓެހިންނާއި ރަހްމަތްތެރިން ކަނޑައަޅަންވާނީ ފަރުވާތެރިކަމާއެކުއެވެ. ރަނގަޅު މީހުން ތިބާއަށް ކާމިޔާބު ލިއްބައިދޭނެއެވެ. ނުރަނގަޅު މީހުން ތިބާ ވައްޓައިލައިނެއެވެ.
- ސިކުނޑިއަށް ލިބޭ އަމާންކަމަކީ އަގުނުކުރެވޭނެ އެއްޗެކެވެ. ސިކުނޑިއަށް ލިބޭ ހަމަޖެހުން ކޮންމެ ގޮތަކުން ނަމަވެސް ރައްކާތެރިކުރާށެވެ.
- ލޯބި ހޯދުމަށް ފަހަތުން ނުދުވާށެވެ. ތިބާގެ ހަޔާތައިގެން ސީދާސާދާކޮށް ކުރިއަށް ދާށެވެ. ތިބާއަށް ރަނގަޅު މީހަކު އަންނާނެއެވެ.
- ތިބާއާއެކު ނަފުސު ތަރައްގީކޮށް، ދެ މީހުން އެކުގައި އުމުރު ހޭދަކޮށް، ދެ މީހުން އެކުގައި މުސްކުޅިވާން ބޭނުންވާ މީހަކު ތިބާގެ ބައިވެރިއެއްގެ ގޮތުގައި ހޯދާށެވެ. އެކަކު ވާން ވާނީ އަނެކަކު އަބަދުވެސް އެންމެ އުހަށް ގެންގޮސްދޭ މީހާއަށެވެ.
- "ރިގްރެޓް" ނުވަތަ ކުރެވުނު ކަމަކުން ނުވަތަ ދިމާވި ގޮތުން ފަހުން ދެރަވާ ދެރަވުން ނުގެންގުޅޭށެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ ފިލާވަޅެކެވެ. ނާކާމިޔާބީ އާއި ފޭލިވުމަކީ ވެސް ލިބޭ އިބުރަތްތަކެވެ. ތިބާގެ ގައިން ހިރަފުސް ފޮޅައިލައިށެވެ. އަދި ކުރިއަށް ދާށެވެ.
- ތިބާ އެ މީހެއްގެ ގާތުގައި ހުރުން އެއީ އެ މީހާއަށް ލިބޭ ޝަރަފެއް ކަމުގައި ދެކޭ މީހުންގެ ފަހަތުން ލޯތްބާއި އެކުވެރިކަން ހޯދަން ދުވާށެވެ.
- ދުވަހަކު ވެސް އަމާން ނުދޭށެވެ. ގޮންޖެހުން ބޮޑެތި ވަގުތުތައް ކޮންމެ މީހަކަށް ވެސް ކުރިމަތިވާނެއެވެ. ކޮޅަށް ތެދުވެ ކުރިއަށް ދާށެވެ.
- ވަރުބަލިވެއްޖެ ނަމަ ފަހަތަށް ފިޔަވަޅެއް އަޅައި މަޑުޖެހިލައިފައި ތިބާގެ ނަފުސު އަލުން "ރިޗާޖް"ކޮށްލައި ޖިސްމާނީ އަދި ނަފުސާނީ ހަކަތަ ހޯދާށެވެ. އެއްގޮތަކަށް ވެސް ހިތްވަރެއް ނުލައި އެއްވެސް ކަމަކުން ބަރީއަ ނުވާށެވެ.
- ބައެއް ފަހަރު ވަރުގަދަ އެނބުރި އައުމަކުން އަންނަން ތިބާ މަންޒަރުން ގެއްލެން ޖެހޭނެއެވެ.
- އެހެން މީހުންނަށް ލިބޭ ކާމިޔާބީތަކުން ފިލާވަޅު ލިބިގަންނާށެވެ. ނަމަވެސް އެ މީހުންނަށް ހެދޭ ގޯސްތަކުން ތިބާގެ ވިސްނުންތެރިކަން ރަނގަޅު ކުރާށެވެ.
- އުފާވެރިކަން ބޭނުން ހެއްޔެވެ؟ އެހެން މީހެއްގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެގެން ނޫޅޭށެވެ. އެއްވެސް މީހަކީ ތިބާއަށް އެއްޗެއް ދޭން ނުވަތަ ކަމެއް ކޮށްދޭން ބަލަދުއަރައިފައިވާ ބައެއް ނޫނެވެ.
- ކޮންމެ ކަމެއް ވެސް އެންމެ ފަހުން ނިމޭނީ ރަނގަޅަށެވެ. މިހެންވެ، ސިކުނޑި ރަނގަޅު މަގުގައި ބަހައްޓާށެވެ.
- ކާމިޔާބު ކުރަން ބޭނުންވާ ކަމެއް ކުރުމުގައި ދެމިހުންނާށެވެ. ކާމިޔާބުވުން އޮންނާނީ ދާދި ގާތުގައެވެ. މިސާލެއްގެ ގޮތުން ބުނާ ނަމަ ގަލެއް ގާނަމުންދާ ނަމަ އޭގެ ތެރޭގައިވާ ޖަވާހިރު ލިބޭނެއެވެ.
- އެހެން މީހަކާ ނުވަތަ ބަޔަކާ ގުޅިގެން ކުރާ މަސައްކަތަކީ އަބަދުވެސް ޝައުގުވެރިކަން ދެމެހެއްޓޭނެ ކަމެކެވެ.
- "އޯވާ-ތިންކިން" ނުވަތަ ކަމަކާ މާބޮޑަށް ނުވިސްނައިށެވެ. ހާއްސަކޮށް ތިބާ ތިބާގެ ގޮތުގައި ބަލައިނުގަންނަ މީހުންނާއެކު އުޅޭ އިރުއެވެ.
- އެއްވެސް މީހަކު އެހީ ނުވެއްޖެ ނަމަ ތިބާ އަމިއްލައަށް އިސްނަގާށެވެ. ޝަކުވާ ކުރުމުން ވާނެ ފައިދާއެއް ނޯންނާނެއެވެ.
- ތިބާގެ ތަރައްގީއައިގެން އުޅޭށެވެ. އެއީ ތިބާގެ ހަޔާތަށް ތިބާއަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓެވެ.
- ހިތުގެ ސާފު ކަމާއެކު ކުރެވޭ މުއާމަލާތް ހަމަނުޖެހުންގަނޑަކާ ހިސާބަކަށް ނުދާނެއެވެ. ހުޅުވައިލައިގެން ކުރެވޭ ތެދުވެރި އަދި އިހުލާސްތެރި މުއާމަލާތްތަކަކީ މާތް އެއްޗެކެވެ.
- "އަހަރެން މިވެނި ކަމެއް ކުރާނީ މާދަމާ"އޭ ބުނުމަކީ ހަގީގަތުގައި ކަންތައްތައް ފަހަށް ބެހެއްޓުން ފޮރުވަންވެގެން ދައްކާ އުޒުރެކެވެ.
- އަބަދު އެއް ގޮތެއްގައި ހުރުމަށް އަމާޒު ނުހިފާށެވެ. އިތުރަށް މޮޅު ވާން ނުވަތަ އިތުރު ކާމިޔާބީތައް ހޯދުމަށް އަބަދުވެސް މަސައްކަތްކުރާށެވެ.
- ގަދަކަމުން ކަންތައްތައް ހިންގުވައިލުމަށްވުރެ ބައެއް ފަހަރު ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ހުރުމަކީ މޮޅު އިތުރު ގޮތެކެވެ.
- ތިބާގެ ހަޔާތުގެ ދަތުރު އެހެން މީހުންނަށް ފަހުމް ނުވެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ.
- ސިކުނޑިއަށް ފަރުވާ ދޭށެވެ. ތިބާއަކީ މާޒީގެ ވޭންތަކުގައި ބަނދެވިފައި ނުވާ މީހަކަށް ވުމަށްޓަކައެވެ.
- ހެޔޮ ވިސްނުމާއި އެހީތެރިކަމާއި މާނަވީ ގުޅުންތަކެއް ދެމެހެއްޓޭ ފަދަ ހަގީގީ ރަހްމަތްތެރިންނާ ގާތްކަން ބާއްވާށެވެ.
- މި ފަދަ ރަހްމަތެރިންނަކީ ހަމައެކަނި ވަގުތީ ގޮތުން ތިބާގެ ގާތުގައި އުޅޭ ބައެއް ނަމަ، ދާއިމީ ގޮތެއްގައި އެ މީހުން ދާން ބޭނުންވާ ދިމާއަކަށް ދިއުމަށް ދޫކޮށްލައިށެވެ.
- ތިބާގެ ހަޔާތަށް މީހުން އައިސް އަދި ދާނެއެވެ. ހަރުދަނާ ކަމާއެކު އެކަނިހަށްޓަށް އުޅެން ވެސް ދަސްކުރާށެވެ.
- ބޭނުން ޖެހިއްޖެ ހިނދުގައި އަމިއްލަ ނަފުސައިގެން އެކަހެރިވެލައިށެވެ. އަދި ނަފުސުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ސަމާލުކަން އަނބުރައިލައިށެވެ.
- އެހެން މީހުންގެ ބާރު ތިބާގެ މައްޗަށް ނުފޯރުމުން ތިބާއާމެދު އެ މީހުންގެ ހިތުގައި ނަފުރަތު އުފެދޭނެއެވެ. އެއީ އެ މީހުންގެ މައްސަލައެކެވެ.
- ތިބާގެ ތަރައްގީއަށް ސަމާލުކަން ދޭށެވެ. ތިބާގެ މޮޅުކަން ނުވަތަ ގަދަކަން އެހެން މީހުންނަށް ސާބިތުކޮށްދޭން އުޅޭނެކަމެއް ނެތެވެ.
- ތިބާގެ ނަފުސު ހަލާކުކޮށްލި ކަމެއްގެ ތެރެއަށް އަނބުރާ ނުދާށެވެ.
މި ބަލައިލީ ހަޔާތުގެ "ގޭމް" ނުވަތަ "ކުޅިވަރު"ގައި ކުރި ހޯދައިގެން ހުރެވޭނެ 41 ގޮތަށެވެ. މި ގޮތަށް އަމަލުތައް ބެހެއްޓުމުން ނާކާމިޔާބީތައް ގިރާކޮށް ކާމިޔާބު ދިރިއުޅުމެއް ލިބޭނެއެވެ.
- ތަރުޖަމާއެއް
