ކާމިޔާބު ނުލިބޭނެއޭ ހިތަށް އަރާ ހިސާބަށް ވެސް ބައެއް ފަހަރު ތިބާގެ ދިރިއުޅުން ދާނެއެވެ. ނަމަވެސް މިއީ ރަނގަޅު ހީއެއް ނޫނެވެ. މި ފަދަ ހާލަތަކަށް ތިބާގެ ހަޔާތް ގޮސްފި ނަމަ މި ބަލައިލަނީ ދެން އަމަލު ކުރެވިދާނެ ހަތް ގޮތަކަށެވެ.
- ހަނދާން ކުރާށެވެ. އެއީ ވެސް މަރުހަލާއެކެވެ. ދާއިމީ ކަމެއް ނޫނެވެ. މި ކައުނާ ހިސާބުން ފެށިގެން ތިބާގެ އާއްމު ދިރިއުޅުމުގައި ވެސް އަންނާނީ ގިރާކުރެވޭނެ ހަރުފަތްތަކެކެވެ. ދަތި އުނދަގޫ ދުވަސްތަކަކީ ވެސް މަރުހަލާއެކެވެ. އެއީ ދާއިމަށް ދެމިގެންވާ ކަމެއް ނޫނެވެ. ހަޔާތަކީ ދުނިޔޭގެ ބިންތައް އޮންނަ ފަދައިން "ޕީކްސް އެންޑް ވެލީސް" ނުވަތަ "ކުންނުތަކާއި ވާދީ"ތައް ހުންނަހެން އެނބުރެމުން އަންނަ ބޮޅެކެވެ. އެހެންކަމުން ހަނދާން ކުރަންވީ ކަމަކީ ތިބާއަށް ވެސް ކުރިމަތިވާނީ ރަނގަޅު ދުވަސްތަކާއި ރަނގަޅު ނޫން ދުވަސްތައް ކަމެވެ. މިއަދު ތޫފާނެއްގެ ތެރޭގައި ހުންނަން ޖެހުނަސް އެނގެން މުހިންމު ކަމަކީ އެ ތޫފާން ވެސް އައި ގޮތަކަށް ދާނެ ކަމެވެ. އަދި ތިބާގެ ސިކުނޑިއަކީ އުޑު ފަދަ އެއްޗެއް ގޮތުގައި ދެކޭށެވެ. މޫސުން ބަނަ ވިޔަސް ނުވަތަ ރަނގަޅަސް އެ އުޑަކަށް ކުރާ އެއްވެސް އަސަރެއް ނޯންނާނެއެވެ. އުޑު އޮންނާނީ އެ އޮތް ގޮތަށް ހަމަޖެހިލައިގެންނެވެ.
- ތިބާއަކީ ތިބާ ހީކުރާ ވަރަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ މީހެކެވެ. ތިބާގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެ ކަމަށް ހީވިޔަސް އެއީ ހަގީގަތުގައި ކުށްހީއެކެވެ. ކޮންމެ އިންސާނެއްގެ ނަފުސުގައި ވެސް ހައްދުފަހަނަޅާ ވަރަށް ކެތްތެރިކަމުގެ ސިފަ ލައްވައިފައި ހުރެއެވެ. "ސަވައިވަލް" ނުވަތަ ދިރިހުރުމުގެ ބާރެއް ގޮތުންނެވެ. ހަޔާތުގެ ހުޅުކޮޅު ދެމެހެއްޓުމަށްޓަކައެވެ. ތިބާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި ނުރަނގަޅު ދުވަސްތައް ވެސް ގިރާ ކުރުމުގައި 100 ޕަސެންޓް ކާމިޔާބު ހޯދީމެއްނޫން ހެއްޔެވެ؟ މިއީ ތިބާގެ ނަފުސުގެ ތެރޭގައި ބާރެއް ހުރުމުން އޭގެން ނުކުތް ރަނގަޅު ނަތީޖާއެވެ. ތިބާގައިވާ "ޕޮޓެންޝަލް" ނުވަތަ ކެރިކުޅަދާނަކަން އެއީ ހުރިހާ މައްސަލައަކާ ވެސް ކުރިމަތިލެވޭނެ ގާބިލުކަމެކެވެ.
- ބޮޑެތި އަމާޒުތަކަށް ވާސިލުވުމަށް ވެސް ފުރަތަމަ ޖެހޭނީ ހިންދިރުވައިލައިފައި ކުދިކުދި ފިޔަވަޅުތަކެއް އަޅާށެވެ. މިއީ އިހުސާސް ނުކުރެވޭވަރުގެ ފިޔަވަޅުތަކަކަށް ވެސް ވެދާނެއެވެ. އެހެނަސް މިއީ ހަމަ ފިޔަވަޅުތަކެކެވެ. ފިނިހަކަ ދުވެލީގައި ދިޔަޔަސް، ކުރިއަށް ދިއުމުގައި ދެމިހުންނަ ނަމަ، އަޅާ ކޮންމެ ފިޔަވަޅަކުން، ތިބާގެ އަމާޒުތަކާ ހަމައަށް ފޯރާނެއެވެ. މުހިންމީ ހުއްޓިނުލައި ކުރިއަށް ދިއުމެވެ. މިހެންވެ، ލިބޭ ކޮންމެ ކުޑަ ކާމިޔާބީއެއް ވެސް ފާހަގަ ކުރާށެވެ. އަދި މަޑުމަޑުން ނަމަވެސް ހިތްވަރާއެކު ކުރިއަށް ދާ ނަމަ ޖަހަމުން އަންނަ ރޭހުގެ ނިމޭ ރިބަނާ ހަމައަށް ދެވޭނެއެވެ. ކުރިން ނުވަތަ ފަހުން ވިޔަސްމެއެވެ. އެހެންކަމުން މުހިންމީ ކުރިއަށް ދިއުމުގައި ފަސްނުޖެހުމެވެ.
- "ކީއްވެ"– މިއީ ތިބާގެ އަމިއްލަ ނަފުސާ ކޮށްލުން މުހިންމު ސުވާލެކެވެ. ތިބާގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ އަމާޒުފަތްގަނޑުތަކާ ހަމައަށް ދިއުމަށް ތިބާ ނިންމީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލު ކުރާށެވެ. ތިބާ އެ ފަދަ ކާމިޔާބީތަކެއް ހޯދުމަށް ނިންމީ ކީއްވެކަން ދެނެގަނެ، އެ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
- ފޭލިވުމަކީ ކާމިޔާބަށް ވާސިލުވުމަށް ގިރާކުރަން ޖެހޭ ހަރުފަތެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ނާކާމިޔާބީއާ ކުރިމަތިލުމުން އެ ލިބެނީ ހަޔާތުގެ މުހިންމު ފިލާވަޅެކެވެ. ކޮންމެހެން ބޭނުންތެރި އިބުރަތެކެވެ. އެ ކަމުން އެއްޗެއް ދަސްނުވާ ނަމަ، ތިބާގެ ނަފުސުގެ ތަރައްގީއަށް މުހިންމު ތަޖުރިބާތަކެއް އެ ގެއްލުނީއެވެ. މިހެންވެ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވުން މުހިންމެވެ. ތިބާ ކުޑަ އިރު ވެސް ހިނގަން ދަސްކުރީ ގުނާ އަދަދު ނުކުރެވޭ ވަރަށް ވެއްޓިފައިކަން ހަނދާންކުރާށެވެ. ކާމިޔާބު ލިބޭ ކޮންމެ މީހެއްގެ ހަޔާތަށް ބެލި ނަމަވެސް ފެންނަން ހުންނާނީ އޭނާ ގިރާ ކުރި ދަތިކަން ބޮޑު ހުރަސްތަކެވެ. ގޮންޖެހުންތަކެވެ. ތިބާ ވެސް ދިރިއުޅުމާ ކުރިމަތިލައި ކުރިއަށް ދާށެވެ. އެ ލިޔެވެމުން އަންނަނީ ތިބާގެ ހަޔާތުގެ ތަޖުރިބާތަކެވެ. ތިބާގެ ހަޔާތުގެ ވާހަކައެވެ.
- "ސެލްފް-ކެއާ" ނުވަތަ ތިބާގެ ނަފުސަށް އަމިއްލައަށް ހިތްހެޔޮކަމާއެކު ރަނގަޅު ފަރުވާތައް ދޭށެވެ. ތިބާގެ ހަޔާތުގެ އަސްލު ބައިވެރިއަކީ ވެސް ޚުދު ތިބާއެވެ. ތިބާގެ ދުޅަހެޔޮ ކަމަށް ތިބާ އަމިއްލައަށް ނުކުރި ކަމެއް އެހެން މީހަކު ކޮށްދޭނެ ކަމަށް މަޑުނުކުރާށެވެ. ތިބާގެ އަމިއްލަ ނަފުސަށް އަޅާލައި، އެ ނަފުސު ތަރައްގީ ކުރާށެވެ. މިއީ ގޮންޖެހުން ބޮޑު ދުވަސްވަރު ވަކިން މުހިންމު ކަމެކެވެ. އެ ގޮތުން ރަނގަޅު ކާނާ ކައިބޮއެ އުޅޭށެވެ. ގަވައިދުން ކަސްރަތު ކުރާށެވެ. ފުރިހަމަ ނިދި ހޯދާށެވެ. ލޯބިވާ މީހުންނާއެކު އޮންނަ ގުޅުން ގަވައިދުން ދަމަހައްޓާށެވެ. ތިބާއަށް އުފާވެރިކަން އިހުސާސް ކުރެވޭ ކަންތައްތަކުގައި މަސްއޫލުވެގެން އުޅޭށެވެ. އެއީ ތިބާގައި ހުންނަ ދަހިވެތިކަމުގެ ސިފައެއް ނޫނެވެ. އެއީ ތިބާ ސަލާމަތުން ހުރުމާ ގުޅިފައިވާ ކަމެކެވެ. ތިބާގެ ނަފުސުގެ ދުޅަހެޔޮ ކަމަކީ ހަގީގަތުގައި އެންމެ މުހިންމު އެއްޗެވެ.
- އެހެން މީހެއްގެ އެހީއަށް އެދުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެހެން މީހުންގެ މަދަދަށް އެދުމަކީ ލަދުވެތި ކަމެއް ނޫނެވެ. ހަނދާނުގައި ބަހައްޓާށެވެ. ހަމަ ކޮންމެ މީހަކީ ވެސް ގޮންޖެހުން ބޮޑު ދިރިއުޅުމުގެ މަގުގައި ހިނގަމުން ކުރިއަށް ދާ ބައެކެވެ. މިހެންވެ އާއިލާ އާއި ރަހްމަތްތެރިންނާއި އަދި ކައުންސެލަރުން ފަދަ އިންސާނީ އެހީ ދޭން ޕްރޮފެޝަނަލްކޮށް ތަމްރީން ލިބިފައިވާ މީހުންގެ ފަރާތުން ވެސް މަޝްވަރާ އާއި އިރުޝާދާއި ނަސޭހަތާއި އަދި އެހީ ހޯދުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ އެއްވެސް ވަރަކަށް ޖެހިލުންވާންވީ ކަމެއް ނޫނެވެ. ތިބާ ތަހައްމަލު ކުރަމުންދާ ވޭންތައް ތެދުވެރިކަމާއެކު އެ މީހުންނާ ހިއްސާ ކުރާށެވެ. ތިބާއަށް އެހީ ބޭނުންވެފައިވާ ދަނޑިވަޅުތަކުގައި އެ އެހީ ހޯދައި ލިބިގަންނާށެވެ.
މި ބަލައިލި ހަތް ކަންތަކުން އެނގެނީ ހަގީގީ ބާރަކީ ހަނުހުރެގެން ވޭނީ އުދާސްތަކެއް ތިބާ ތަޖުރިބާ ކުރަމުން ދިއުމެއް ނޫން ކަމެވެ. އެހީއަކަށް ބޭނުންވަނީ ކޮން ވަގުތެއް އައިސް ޖެހުމުންކަން ވެސް ތިބާއަށް އެނގެން ޖެހޭނެއެވެ. ތިބާގެ ހަނގުރާމަތަކުގައި ހަނގުރާމަ ކުރަން ޖެހިލުން ނުވާށެވެ. ކިތައްމެ އުނދަގޫ އަދި ދަތިތަކަކާ ކުރިމަތިލާން ޖެހުނަސް ދުވަހަކު ވެސް އުއްމީދު ކަނޑައިނުލައިށެވެ. އެހެނީ ކުޑަ ވަގުތުކޮޅެއް ނުވަތަ ކުޑަ ދުވަސްކޮޅެއް ފަހުން ނަމަވެސް ތިބާގެ ނަފުސުގެ ހުޅުކޮޅު އަލުން ރޯވާނެއެވެ. އަޑިގަނޑަކަށް ވެއްޓިއްޖެ ނަމަ އަރަން އޮންނާނީ އުސްގަނޑެކެވެ. އެ ނޫން ގޮތެއް ނޯންނާނެއެވެ. ކޮންމެ ކުންނަކާއި ވާދީއަކީ ބިމުގެ ސިފަ އޮންނަ ހަގީގީ ގޮތެވެ. އަދި ހަޔާތަކީ ވެސް ކުންނުތަކަކާއި ވާދީތަކެއް އެނބުރެމުން އަންނަ ބޮޅެކެވެ. މިހެންވެ، ހުރިހާ މައްސަލަތަކަކާއި ގޮންޖެހުންތަކުން ހަގީގަތުގައި ތިބާއަށް ނުކުމެވޭނީ އުފާވެފައި، ސިއްހަތު ރަނގަޅު، އަދި ވިސްނުން ތޫނު މީހެއްގެ ގޮތުގައެވެ. އާހިރުގައި އެނގެން މުހިންމު ކަމަކީ ހުރިހާ އިންސާނުންގެ ދިރިއުޅުން ހުންނަނީ ވެސް ހަމަ ތިބާގެ ހަޔާތް ވެސް ހުންނަ ގޮތަށެވެ. އެއިން އެއްވެސް މީހަކު އުއްމީދު ކަނޑަލައިގެން އުޅޭ ތަން ފެނޭ ހެއްޔެވެ؟
- ތަރުޖަމާއެއް
