Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ކުރަތްޕަކުން ލިބުނު އިބުރަތް

"ކުރަފި ތިއަރީ"އަކީ ހަޔާތް ތަރައްގީކުރަން ލިބޭ އިބުރަތްތެރި ފިލާވަޅެކެވެ.

އެއް ދުވަހަކު މީހަކު ރެސްޓޯރަންޓަކަށް ވަނެވެ. ކޮފީ ބޯން އިންދާ އިވުނީ އަންހެނަކު ހަޅޭއްލަވައިގަތް އަޑެވެ.

ބަލައިލިއިރު ކޮންމެވެސް ދިމާއަކުން އައިސް ކުރަތްޕެއް އެ އަންހެންމީހާގެ ގައިގައި ޖެއްސީއެވެ. ބިރުން ގޮސް އަންހެންމީހާ ގަދައަށް ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އަޑު ހުރީ ތުރުތުރުލައިފައެވެ. އޭނާ ދެން ކޮޅަށް ތެދުވެ ފުންމަން ފެށިއެވެ. ހަށިގަނޑުގައި ޖައްސައިފައި އިން ކުރަފި ފޮޅާލެވޭތޯ މަސައްކަތް ކުރަމުން އައެވެ.

އަންހެންމީހާ މި ގޮތަށް "ރިއެކްޓް"ކުރުން ވެގެން އައީ ބައްޔެއް ފެތުރުން ކަހަލަ ކަމަކަށެވެ. އޭނާގެ ގްރޫޕްގައި ތިބި އެންމެނަށް ވެސް ހާސްކަން ލިބުނެވެ.

އެންމެ ފަހުން އެ އަންހެންމީހާއަށް އެ ކުރަފި ފޮޅާލެވުނެވެ. ނަމަވެސް އެ ސޮރު ދެން ޖެއްސީ އޭނާގެ ގްރޫޕްގެ އެހެން އަންހެނެއްގެ ގައިގައެވެ. ދެން ހަޅޭކުގެ "ޑްރާމާ" ކުރިއަށް ގެންދިޔައީ ކުރަފި ފަހުން ޖެއްސި އަންހެންމީހާއެވެ.

އެ ގްރޫޕްގެ ހިމާޔަތަށް ވެއިޓަރަކު އަވަސްވެގަތެވެ. އެ ކުރަފި ދެވަނައަށް ޖެއްސި އަންހެންމީހާ އެ ކުރަފި ފޮޅާލުމުން އެ ކުރަފި ދެން ޖެއްސީ ވެއިޓަރުގެ ގައިގައެވެ.

މި ކަމުން ވެއިޓަރަކަށް މާބޮޑު އަސަރެއް ނުކުރިއެވެ. އޭނާ ހުރީ ހަމަޖެހިލައިގެންނެވެ. އޭނާގެ ގަމީހުގައި ކުރަފި ހަރަކާތް ކުރަމުން އައި ގޮތަށް ބަލަން ފެށިއެވެ. ދެން އޭނާގެ އަތުން ކުރަފީގައި ހިފިއެވެ. އަދި ގޮސް ރެސްޓޯރަންޓުން ބޭރަށް އެ ކުރަފި އެއްލައިލިއެވެ.

ރެސްޓޯރަންޓަށް ވަތް އެއްކަލަ މީހާ މި ހުރިހާ މަންޒަރެއް ބަލަން މަޑުމަޑުން ކޮފީއެއް ބޯން އިނެވެ. އަދި އެ ތަނުގައި ހިނގި ޑްރާމާ ހައިރާންކަމާއެކު ބަލަމުން އައެވެ. އޭނާ ހިތާހިތާ ސުވާލުކޮށްލިއެވެ: މި ޑްރާމާ ހިނގީ އެ ކުރަފި އެ އަންހެނުންތައް ބިރުގަންނަވާލުމުން ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ އެ ވެއިޓަރަށް އެ ކުރަފީގެ ސަބަބުން އުނދަގުލެއް އިހުސާސް ނުވީ ކީއްވެ ހެއްޔެވެ؟ އެއްވެސް ކަހަލަ ޑްރާމާއެއް ނުކުޅެ، އެ ވެއިޓަރު އެ ކުރަފި ޑްރާމާގެ ހަލަބޮލިކަން ނިމުމަކަށް ގެނައި ނޫން ހެއްޔެވެ؟

ކޮފީ ބޯން އިން މީހާއަށް ދެން ރޭކާލީ މުހިންމު އަދި އިބްރަތްތެރި ފިލާވަޅެކެވެ. މައްސަލައަކީ އެ ކުރަތްޕެއް ނޫނެވެ. މައްސަލައަކީ އެ ކުރަތްޕާމެދު ހަމަޖެހިލައިގެން އަމަލުކުރުމަށް އެ އަންހެނުންގެ ގްރޫޕަށް ނޭނގުމެވެ.

ކޮފީ ބޯން އިން މީހާ މި ޑްރާމާއާމެދު އެތައް ގޮތަކަށް ވިސްނަމުން އައެވެ. އޭނާގެ ސިކުނޑިއަށް އުނދަގޫކުރަނީ ހަގީގަތުގައި އޭނާގެ ބައްޕަ ނުވަތަ ބޮސް ނުވަތަ އަނބިމީހާ ހަޅޭއްލެވުމުން ނޫންކަން އޭނާއަށް ފަހުމްވިއެވެ. ނަމަވެސް އެ ހަޅޭއްލެވުމުން އޭނާގެ ސިކުނޑިއަށް އުނދަގޫވާ އުނދަގޫވުން ހަޖަމުކުރަން ނޭނގޭތީކަން އޭނާއަށް ވިސްނުނެވެ.

ހަމަ މި މޭރުމުން އޭނާގެ ހަޔާތުގައި ދިމާވާ އެތައް ކަމަކާ އޭނާ ވިސްނަމުން އައެވެ. މިސާލަކަށް، ޓްރެފިކްގައި ތާށިވެފައި ހުންނަ އިރު އޭނާގެ ސިކުނޑިއަށް އުނދަގޫވަނީ އެ މައްސަލަ އޭނާގެ ސިކުނޑި ބަލައިނުގަންނާތީ ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކޮންމެ މައްސަލައެއް ވެސް އޭނާއަށް މައްސަލައަކަށްވަނީ އޭނާ އެ މައްސަލައާމެދު ކުރިމަތިލާ ގޮތުން ކަމެވެ.

މި ހާދިސާއިން އޭނާއަށް އެނގުނީ ހަޔާތުގައި ދިމާވާ ކަންތައްތަކާ ދެ ގޮތަކަށް ކުރިމަތިލެވިދާނެ ކަމެވެ. އެއް ގޮތަކީ މައްސަލައަކަށް "ރިއެކްޓް" ކުރާ ގޮތެވެ. އޭގެ އަނެއް ފަރާތަކީ އެ މައްސަލައަކަށް "ރެސްޕޮންޑް" ކުރާ ގޮތެވެ. މިއީ މުޅިން ތަފާތު ދެ ގޮތަކަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާމެދު ދެކި، އަމަލު ކުރާ ދެ ގޮތެވެ.

ރެސްޓޯރަންޓް ތެރޭގައި ހިނގި ހާދިސާއަށް ބަލާއިރު އަންހެނުންގެ ގްރޫޕުން ކުރީ "ރިއެކްޓް"އެވެ. ނަމަވެސް ވެއިޓަރު ކުރީ "ރެސްޕޮންޑް"އެވެ. ރިއެކްޓް ކުރުމަކީ ދުރާލާ ވިސްނާ ނުލައި ކުއްލިއަކަށް، ގުދުރަތީ ގޮތުން، އަމިއްލަ ބާރެއް ނެތި އަމަލު ކުރެވޭ ގޮތެވެ. ރެސްޕޮންޑް ކުރުމަކީ އަބަދު ވެސް ވިސްނުން ކުރިއަށް ނެރެ، ހަމަޖެހިލައިގެން ރަނގަޅަށް ވިސްނައިލުމަށް ފަހު އަމަލު ކުރާ ގޮތެވެ.

ރެސްޕޮންޑް ކުރުމަކީ ހަޔާތާމެދު ވިސްނާލަން އެންމެ ރަނގަޅު އަދި ރީތި ގޮތެވެ. އުފަލުގައި ހުންނަ މީހާ އެ ގޮތުގައި ހުންނަނީ އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންމެހެން ރަނގަޅަށް ދާތީއެއް ނޫނެވެ. ނަމަވެސް އޭނާގެ ހަޔާތުގެ ހުރިހާ ކަމެއް ދިމާވާނީ ރަނގަޅަކަށް ކަމަށް ގަބޫލުކުރާތީއެވެ.

ރިއެކްޓް ކުރުމާއި ރެސްޕޮންޑް ކުރުން މިއީ އެއް މާނައެއް އެކުލެވޭ ދެ ބަސް ކަމަށް ގިނަ ފަހަރަށް ގަބޫލު ކުރެވުން އެކަށީގެންވެއެވެ. ނަމަވެސް މިއީ ތަފާތު ދެ ކަމެކެވެ.

އެ ގޮތުން ރިއެކްޓް ކުރުމަކީ އޮޓޮމެޓިކުން އަމަލު ކުރެވޭ ގޮތެވެ. އެ ގޮތަށް ގިނަ ފަހަރަށް އަމަލު ކުރެވެނީ ޖަޒުބާތު ކުރިއަށް ނެރެވުމުންނެވެ.

އެއާ ހިލާފަށް ރެސްޕޮންޑް ކުރުމަކީ ވަގުތު ދީގެން ރަނގަޅަށް ވިސްނާފައި އަމާޒަކާއެކު ގަސްދުގައި އަމަލުކުރާ ގޮތެވެ. މަސްރަހު ދިރާސާކޮށް، އެ ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބަލައި، އެ ކަމާމެދު ކުރާނެ އަމަލަކީ ކޮބައިކަން ކުރިން ނިންމައި، އަމިއްލަ ބާރާއި އިހުތިޔާރުގައި، ޖަޒުބާތު ހުރި ގޮތާމެދު ވެސް ވިސްނައި، ހަމަ ބުއްދީގައި ހުރެގެން އަމަލު ކުރުމެވެ.

ކުރު ގޮތަކަށް ބުނާ ނަމަ، ރިއެކްޓް ކުރުމަކީ ޖަޒުބާތީ ގޮތުން ކުރެވޭ އަމަލެކެވެ. އެއާ ހިލާފަށް ރެސްޕޮންޑް ކުރުމަކީ ވިސްނުންތެރިކަމާއެކު އަމަލުކުރާ ގޮތެވެ.

މިސާލަކަށް، މީހަކު ތިބާއަށް މަލާމާތްކުރީއެވެ. މި ކަމާމެދު ދުރާލާ ވިސްނާ ނުލައި ތިބާއަށް، މާބޮޑު އިހުތިޔާރަކާ ނުލައި ކުރެވުން އެކަށީގެންވާ ކަމަކީ، އެ މީހަކާ ދިމާއަށް ރުޅިއައިސްގެން ކުއްލިއަކަށް ހަޅޭއްލަވައިގަތުމެވެ. އެއާ ހިލާފަށް ރެސްޕޮންޑް ކުރަން ތިބާ ދަންނަ ނަމަ، އިރުކޮޅަކު މަޑުކޮށްލައިފައި، ހާލަތަށް ބަލައިފައި، އެ މީހާ ތިބާއަށް މަލާމާތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް، ހަމަޖެހިލައިގެން ހުރެ މަޑުމަޑުން އެ މީހާއަށް ވިސްނައިދެވިދާނެއެވެ.

އެހެންކަމުން، ރިއެކްޓް ކުރުމުގެ ބަދަލުގައި ރެސްޕޮންޑް ކުރުން ބެލެވިގެންވަނީ ވިސްނުންތެރި ގޮތަކަށް، ކޮންމެ މަސްރަހެއްގައި އަމަލު ކުރުން އެންމެ ރަނގަޅު ގޮތް ކަމަށެވެ.

  • ތަރުޖަމާއެއް