ހަށިގަނޑުގެ މަސްތައް ވިރި، ދެރަވެ، ބާރު ގޮސް އަދި މުސްކުޅިވުމުން ރަނގަޅަށް މަސައްކަތް ނުކުރުމަށް ކިޔަނީ ސާކޮޕީނިއާއެވެ. ތިބާގެ ހާލަތު ހުރި ގޮތުން މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވެދާނެއެވެ.
ސާކޮޕީނިއާ މައްސަލަ ހައްލު ކުރެވިދާނެ ހަތަރު ގޮތެއްވެއެވެ. އެއީ:
- ކޮޅަށް ތެދުވެ ހުރެވޭ ނަމަ ނުއިށީންނާށެވެ. އިށީނދެ އިނދެވޭ ނަމަ ނުއޮށޮންނާށެވެ.
- އުމުރުން ދުވަސްވީ މީހަކު ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި ނަމަ އޭނާއަށް އިތުރަށް އަރާމު ބޭނުންވާ ކަމަށް އޭނާގެ ގާތުގައި ނުބުނާށެވެ. އެނދުމަތިން ނުތެދުވެ އޮންނަން އިރުޝާދު ނުދޭށެވެ. އެއީ އޭނާއަށް ފައިދާ ކުރާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ލައްވައި ހިނގައިލަން އޭނާއަށް އެހީވާށެވެ. ނަމަވެސް އެއީ އޭނާގެ ގައިގައި ވަރު ހުރި ނަމައެވެ. ހަފުތާއެއް ވަންދެން އެނދުން ނުތެދުވެ އޮވެއްޖެ ނަމަ ހަށިގަނޑުގެ މަސްތަކުގެ ފަސް ޕަސެންޓް ވިރިގެން ނެތިގެންދެއެވެ. އަދި މުސްކުޅި މީހުންނަށް އެ ގެއްލުނު މަސްތައް އަލުން ހޯދޭކަށް ނޯންނާނެއެވެ. ހަރަކާތްތެރި މުސްކުޅި މީހުންނަށްވުރެ އާއްމު ގޮތެއްގައި އެހެން މީހުންގެ އެހީ ހޯދައިގެން އުޅޭ މުސްކުޅި މީހުންގެ ހަށިގަނޑުގެ މަސްތައް މާ އަވަހަށް ވިރެން ފަށައެވެ.
- ސާކޮޕީނިއާއަކީ އޮސްޓިއޮޕޮރޮސިސް އަށްވުރެ ނުރައްކާތެރި ބައްޔެކެވެ. އޮސްޓިއޮޕޮރޮސިސްއަކީ ކަށީގެ ބާރު ދެރަވުމަށް މެދުވެރިވާ ކަށީގެ ބައްޔެކެވެ. އަދި މިހެންވެ ކަށި ފީވެއެވެ. މި ކަމުގެ ސަބަބުން ކަށި ބިންދައިގެން ދިއުން ފަދަ ކަންތައްތައް މުސްކުޅި އުމުރުގައި ދިމާވެއެވެ. މިހެންވެ އޮސްޓިއޮޕޮރޮސިސް ތަހައްމަލު ކުރަމުން ދަނީ ނަމަ ތިބާ އެންމެ މުހިންމު ކަމެއް ދޭން ޖެހޭނީ ބިންމައްޗަށް ނުވަތަ އެހެން ވެސް ތަނަކަށް ނުވަތަ އެއްޗެއްގެ މައްޗަށް ނުވެއްޓުމަށެވެ. ސާކޮޕީނިއާއިން ދިމާވާ އިތުރު ކަންތައްތަކުގެ ތެރޭގައި މުޅި ހަޔާތުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާއިރު ސާކޮޕީނިއާގެ ސަބަބުން މަސްގަނޑު ވިރެން ފެށުމުން ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދެއެވެ.
- މަސްތައް ވިރުން ނުވަތަ އެޓްރޮފީ އެންމެ އަވަހަށް މެދުވެރިވަނީ ދެ ފައިގެ މަސްތަކުގެ ހަރަކާތްތެރިކަން ދަށްވުމުންނެވެ. އެ ގޮތުން އިށީނދެ އިންނަ އިރު ނުވަތަ އޮށޯވެ އޮންނަ އިރު ދެ ފައި ހަރަކާތެއް ނުކުރާނެއެވެ. މި ކަމުގެ ނޭދެވޭ އަސަރު ސީދާ ކުރާނީ ދެ ފައިގެ މަސްތަކުގެ ބާރަށެވެ. މިއީ ހާއްސަ ގޮތެއްގައި ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.
ސިޑިން އެރުމާއި ފޭބުމާއި ހިނގާލަން ދިއުމާއި ދުވަން ދިއުމާއި އަދި ބައިސްކަލް ދުއްވުމަކީ ވަރަށް ރަނގަޅު ކަސްރަތުތަކެކެވެ. މި ކަމުގެ ސަބަބުން ހަށިގަނޑުގައި މަސްތައް އިތުރުކޮށްދެއެވެ.
މުސްކުޅި އުމުރުގައި ކޮލިޓީ ރަނގަޅު ހަޔާތެއް ދެމެހެއްޓުމަށް އަބަދުވެސް ހަށިގަނޑުގެ ހަރަކާތްތެރިކަން ދަމަހައްޓާށެވެ. ތިބާގެ މަސްތައް ބޭކާރުވާން ދޫނުކޮށްލާށެވެ. އެހެނީ މުސްކުޅިވުން ފެށެނީ ދެ ފައިން ފެށިގެން މައްޗަށެވެ. ސަބަބަކީ ހަށިގަނޑުގެ ހުރިހާ ބުރަދަނެއް އުފުލައި، ހިފަހައްޓައި ދެނީ ދެ ފައިންނެވެ. މިހެންވެ، ދެ ފަޔަކީ ދެ ތަނބު ކަހަލަ އެއްޗެކެވެ. ދެ ފައި އަބަދުވެސް ހަރަކާތްތެރިކޮށް، ބާރުގަދަކަންމަތީ ދަމަހައްޓާށެވެ.
އަހަރެމެން ކޮންމެ ދުވަހަކު މުސްކުޅިވަމުން އަންނަ އިރު އަހަރެމެންގެ ދެ ފައި އަބަދުވެސް ހަރަކާތްތެރިކަމާއެކު ބާރުގަދަކޮށް ހުންނަން ޖެހެއެވެ. އެންމެ ދެ ހަފުތާއަށް ވެސް ތިބާގެ ދެ ފައި ހަރަކާތެއް ނުކޮށް ހުރި ނަމަ ތިބާގެ މުޅި ހަށިގަނޑުގެ ހަގީގީ ބާރު 10 އަހަރުގެ ތެރޭގައި ގެއްލޭވަރަށް ގެއްލެއެވެ. މިހެންވެ ހިނގުމާއި ބައިސްކަލް ދުއްވުން ފަދަ ކަސްރަތުތައް އާއްމު ގޮތެއްގައި ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ކުރުކޮށް ބުނާ ނަމަ ކޮންމެ ދުވަހަކު ވެސް ހިނގާބިނގާވެ އުޅޭށެވެ!
- ތަރުޖަމާއެއް
