އިނގިރޭސި ވިލާތުގެ މަޝްހޫރު ގުދުރަތީ އިލްމްވެރިޔާ ޑޭވިޑް އެޓަންބްރޯއަށް ނިސްބަތްކޮށް މިހާރު ކުރެވޭ ސުވާލަކީ ރަތް ހިންޏާއި ކަޅު ހިންޏަކީ ދުޝްމިނުންތޯއެވެ.
މި ދެ ބާވަތުގެ ހިނި ފުޅިއަކަށްލާފައި ތަޅުވައިލުމުން ދެ ބާވަތުގެ ހިނި، އެއް ބާވަތް އަނެއް ބާވަތަށް ހަމަލާ ދީ، މަރައިލައި ކަމަށް އުމުރުން 98 އަހަރުގެ ޑޭވިޑް ވިދާޅުވެފައިވާ ކަމަށް ބުނެފައި ސޯޝަލް މީޑިއާގައި މީމްއެއް ވަނީ އެތައް ހާސް ފަހަރަކު ޝެއާކޮށްފައެވެ.
މި މީމްގައި ހިމަނާފައިވަނީ ޑޭވިޑްގެ ފޮޓޯއެއްގެ އިތުރުން ކަޅު ހިންޏަކަށް ފަސް ރަތް ހިނި ހަމަލާ ދޭ ތަނެވެ.
ލިޔުންކޮޅުގައި ބުނެފައިވަނީ މިހެންނެވެ: "ކަޅު 100 ހިންޏާއި ރަތް 100 ހިނި ފުޅިއަކަށް ލައިފި ނަމަ އެއްވެސް ކަމެއް ނުވާނެއެވެ. ނަމަވެސް އެ ފުޅި ގަދައަށް ހަލުވައިލައި މޭޒު މަތީގައި ބަހައްޓައިފި އެއް ހިނި އަނެއް ހިނި މަރައިލަން ފަށާނެއެވެ."
ޖޭމްސް ކުކް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ލޯރީ ލެކް އޭ.އެފް.ޕީއަށް ވިދާޅުވީ ދެ ބާވަތެއްގެ ހިނި ފުޅިއަކަށް ލައި އެ ފުޅި ތަޅުވައި ނުލި ނަމަވެސް އެ ދެ ބާވަތުގެ ހިނި އެއް ބާވަތް އަނެއް ބާވަތަށް ހަމަލާ ދޭނެ ކަމަށާއި ސަބަބަކީ އެއީ ދުޝްމިނުން ކަމަށެވެ.
އެޓަންބްރޯގެ ގާނޫނީ ވަކީލު މައިކަލް ރިޑްލީ އޭ.އެފް.ޕީއަށް ވިދާޅުވީ ދެ ބާވަތުގެ ހިނި އެއް ބާވަތް އަނެއް ބާވަތަށް ހަމަލާ ދޭނީ ފުޅި ތަޅުވައިލުމުން ކަމަށް އެޓަންބްރޯ ދުވަހަކު ވެސް ވިދާޅުނުވާ ކަމަށެވެ.
އެތައް ތަޖުރިބާކާރުން ވެސް ބުނެފައިވަނީ ލޯރީ ވިދާޅުވި ގޮތަށެވެ. ކެލިފޯނިއާ ޔުނިވާސިޓީގެ ޕްރޮފެސަރު ފިލިޕް ވޯޑް ވެސް އޭ.އެފް.ޕީއަށް ވިދާޅުވެފައިވަނީ އެ ގޮތަށެވެ.
"އެއް ބާވަތުގެ ހިންޏަށް އަނެއް ބާވަތުގެ ހިނީގެ ހަށިގަނޑުން ދުވާ ވަސް ވަކި ކުރަން އެނގޭ. މިހެންވެ ދެ ބާވަތެއްގެ ހިނި ނަމަ އެއް ބާވަތް އަނެއް ބާވަތާ މެދު ދެކޭނީ އެއީ ދުޝްމިނުން ކަމުގައި،" ވޯޑް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި މި މީމްގެ ހަގީގަތް ބަދަލުވެގެން އައީ އިބުރަތްތެރި ފިލާވަޅަކަށެވެ. އެއީ ރަތް ހިނި ގަބޫލު ކުރާނީ ދުޝްމިނަކީ ކަޅު ހިނި ކަމަށާއި ހަމަ އެ ގޮތަށް ކަޅު ހިނި ގަބޫލުކުރާނީ ދުޝްމިނަކީ ރަތް ހިނި ކަމަށެވެ. ހަގީގަތުގައި އަސްލު ދުޝްމިނަކީ ފުޅި ތަޅުވައިލި މީހާ ކަމަށެވެ. އަދި މި މޭރުމުން ބަލާއިރު މިއީ އިންސާނީ މުޖުތަމައަށް ހުރި އަގުހުރި އިބުރަތްތެރި ފިލާވަޅެއް ކަމަށެވެ. އެއީ އަހަރެމެން އެކަކު އަނެކަކާ ތަޅާފޮޅުމުގެ ކުރިން އަހަރެމެންގެ އަމިއްލަ ނަފުސާ ކުރަން ޖެހޭ މުހިންމު ސުވާލެއްގެ ވާހަކައެވެ: އެ ސުވާލަކީ ފުޅި ތަޅުވައިލީ ކާކު ހެއްޔެވެ؟
- ތަރުޖަމާއެއް
