މަރުވާން ކައިރިވުމުން ތިބާގެ ހަށިގަނޑަށް އެކަން އިހުސާސް ކުރެވޭކަން އެނގޭހެއްޔެވެ؟ ދާދި ފަހުން ކުރި ދިރާސާއަކުން އެކަން މި ވަނީ ހާމަވެފައެވެ.
މަރުވާން ކައިރިވުމާއެކު އިންސާނާގެ ހަށިގަނޑު "ބްރޭކް ޑައުން" ނުވަތަ އެހާ ކުރިން ވެސް ޒާތަކަށް ކުނިވާން ފަށައެވެ. މިއާއެކު "ޕިއުޓްރަސީން" ކިޔާ ވިހަ ވަހެއް ގައިން ބޭރުކުރަން ފަށައެވެ. މި ވިހަ އިންސާނާގެ ސިކުނޑިއަށް ދެނެގަނެވެއެވެ.
އިނގިރޭސި ވިލާތުގެ ކެންޓަބެރީގައި ހުންނަ ޔުނިވާސިޓީ އޮފް ކެންޓްގެ ނަފުސާނީ އިލްމާ ބެހޭ ސްކޫލްގެ ދިރާސާކުރުންތެރިޔާ އަހްނޯޑު ވިސްމަން އާއި އެމެރިކާގެ އާކަންސޯ ސްޓޭޓްގެ ރަސަލްވިލްގައި ހުންނަ އާކަންސޯ ޓެކް ޔުނިވާސިޓީގެ ބިހޭވިއަރަލް ސައިންސަސް ޑިޕާޓްމަންޓްގެ ދިރާސާކުރުންތެރިޔާ އިލާން ޝިރާ ވިދާޅުވީ އެހެން މަހުލޫގުން ފަދައިން އިންސާނުންނަށް ވެސް ވަސް ޖެހުމުން އެއާ އެއް ގޮތަށް ކަންތައްތައް ކުރަން އެނގޭ ކަމަށެވެ.
"މިއީ ދިރިހުރުމަށްކުރާ މަސައްކަތުގެ ތެރެއިން އުކުޅެއް. ޕިއުޓްރަސީންގެ ވަސް ޖެހުމުން އިންސާނުން އެ ވަހާ ދުރުވާން މަސައްކަތްކުރޭ،" ދިރާސާގައި ބުނެފައިވެއެވެ.
މި ކަން އެނގުނީ ދިރާސާގައިކުރި ތަހުލީލުގައި ޕިއުޓްރަސީން ވަހަށް މީހުން ހުށަހެޅުމުން އެ މީހުން އެ ވަހާ ދުރުވާން މަސައްކަތްކުރުމުންނެވެ.
"ނުރައްކަލެއް ދިމާވުމުން އެހެން މަހުލޫގުން ވެސް އެ ކަމުން ސަލާމަތްވާން އުޅޭހެން އިންސާނުން ވެސް ޕިއުޓްރަސީން ވަހާ ދުރުވާން މަސައްކަތްކުރޭ،" ދިރާސާގައި ބުންޏެވެ.
ވިސްމަން އަދި ޝީރާގެ ދިރާސާގައި ބުނެފައިވަނީ ބައެއް ވަސްތަކާމެދު މީހުން ހިތްހަމަޖެހި އަނެއް ބައި ވަސްތައް މީހުންނަށް ކަމުނުދަނީ ކީއްވެ ކަމެއް އަދި ނޭނގޭ ކަމަށެވެ.
"ވަހުގެ ސަބަބުން އަހަރެމެންގެ ޖަޒުބާތުތަކާއި އަހަރެމެންނަށް ކަމުދާ އެއްޗެއްސާއި ވަސް ޖެހުމުން އަހަރެމެން ކަންތައްތަކާމެދު ދެކޭ ގޮތަށް ފޯރާ ނުފޫޒުތަކަކީ ކޮބައިކަމެއް އަދި ނޭނގޭ،" ދިރާސާގައި ބުނެފައިވެއެވެ.
ދިރާސާގައި އިތުރަށް ބުނެފައިވަނީ ވަހަކީ އޭގެ ޒާތުގައި ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށާއި ނަމަވެސް ވަހެއް ދުވުމުން އެ ވަގުތު އެ މީހަކު ހުރި މާހައުލަކާމެދު ސަމާލުކަން ދޭ މިންވަރު އިތުރުވާ ކަމަށެވެ.
* ތަރުޖަމާއެއް
