Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގިތި އަނބާއި ދޮން އަނބުގެ ވާހަކަ

މި ފޮޓޯއިން ފެންނަ ދެ އަނބު ރަމްޒުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އެއް ކްލާހެއްގައި އުޅުނު ދެ ކުދިންނަށް ވެދާނެއެވެ. ނުވަތަ އެއް އުމުރުގެ ދެ މީހުންނަށް ވެސް ވެދާނެއެވެ. ނުވަތަ އަދި އެކުގައި އުޅެ ބޮޑުވި ދެ މީހުންނަށް ވެސް ވެދާނެއެވެ.

ދެ އަނބަށް ވެސް ކާނާ ލިބެމުން އަންނަނީ އެއް ގަހަކުންނެވެ. އެކަމަކު އެއް އަނބުގެ ކުރިން އަނެއް އަނބު ދޮންވީއެވެ. އޭގެ މާނައަކީ އެ ދެ ކުދިން އެއް ސްކޫލަކަށް ދިޔަ ކަމަށް ވެދާނެއެވެ. ނުވަތަ އެއް ވިޔަފާރިއެއް ފެށުމުގައި ބައިވެރިވި ދެ މީހުން ކަމަށް ވެދާނެއެވެ. ނުވަތަ އެކުގައި ބޮޑުވި ދެ މީހުން ކަމަށް ވެސް ވެދާނެއެވެ.

ނަމަވެސް އާހިރުގައި ހަޔާތުގައި "އެއްޗަކަށްވުމުގައި" އެކަކު ކުރި ހޯދީ ކަމަށް ވެދާނެއެވެ. އެކަމަކު ފާހަގަ ކުރެވޭ އެއް ކަމެއް އެބައޮތެވެ: ގުދުރަތީ ނަޒަރަކުން ބަލައިފި ނަމަ، މި ދެ އަނބުގެ ތެރެއިން މީހުން ބިންނާނީ ދޮން އަނބެވެ. ގިތި އަނބު އަދި ގަހުގައި ދޮން ވަންދެން ބައިންދައިފައެވެ.

ތިބާއަކީ މުދައްރިސެއް ނަމަ ބައެއް ފަހަރަށް ތިބާގެ ދަރިވަރުން ތިބާއަށްވުރެ ކުރިން ކަންތައްތައް ކުރަން ފަށާ ތަން ފެނިދާނެއެވެ. މިސާލަކަށް، ތިބާއަށްވުރެ ކުރިން ތިބާގެ ދަރިވަރުން ކާރު ދުއްވަން ދަސްކުރުމެވެ.

ދޮން އަނބާ ދޯޅުވެ، ގިތި އަނބު އެކަހެރި ކުރުމުގައި އެހެން ސަބަބުތައް ވެސް ވެދާނެއެވެ. އެ ގޮތުން، ގިތި އަނބު ދޮންވެ، ދޮން އަނބަށްވުރެ ފަހުން ގަސްދޮށަށް ވެއްޓުނަސް، މި ވަގުތު ގިތި އަނބާ މީހުން ގާތް ނުވެދާނެއެވެ.

އެހެންކަމުން، ގިތި އަނބުގެ ގޯހީ ކޮން ކަމެއް ހެއްޔެވެ؟ ޖަވާބަކީ ހަމަ އެއްވެސް މައްސަލައެއް ނެތް ކަމެވެ. ވާ ގޮތަކީ ގިތި އަނބުގެ ވަގުތު އަދި ނުޖެހޭ ކަމެވެ.

ގިތި އަނބު ރަމްޒުކޮށްދެނީ ތިބާ ކަމަށް ވެދާނެއެވެ. ތިބާގެ ގާތް ރަހްމަތްތެރިން ކަމަށްވާ ދޮން އަނބުތައް މިހާރު އުޅެނީ ބޮޑެތި ކާރުތަކުގައި ކަމަށްވެދާނެއެވެ. މުއްސަނދި މީހުންނާ ކައިވެނިކޮށްގެންނެވެ.

ނަމަވެސް ތިބާގެ ކުރިއެރުމާއި ތަރައްގީ ދެން އޮތީ ތިބާގެ ހިޔަނި ތިބާއާ ގާތުގައިވާ ވަރަށް ވުރެ ވެސް ކައިރީގައި ކަމަށްވެދާނެއެވެ!

މިހާރު ގިތި އަނބަށް ކުރަން ޖެހިފައިވާ ހަމައެކަނި ކަމަކީ ނުވެއްޓި ގަހުގައި އިނުމެވެ. ޖެހޭ ގަދަ ވައިގައި ވެސް ގަހުގައި ތަތްކޮށްލައިގެން އިނުމެވެ. މިހާރު އިން ތަނުގައި އިނުމެވެ. އެހެން ދިމަދިމާއަށް ބެލުމެއް ނެތިއެވެ. ތިޔަ ތަނުގައި އިންނާށެވެ. އަދި ކާނާ ނަގަމުންދާށެވެ.

ދޮން އަނބު ބިންމައްޗަށް ވެއްޓުނު ވަގުތު އެ ދޮން އަނބަށް ސަލާން ކިޔުން ވެސް އެންމެ ރަނގަޅެވެ. އެ ދޮން އަނބަށް މީހުންގެ ހިތްކިޔާ މަންޒަރު ފެނިފައި އެ ކަމާ ހަސަދަވެރި ނުވާށެވެ. ތިބާގެ ވަގުތެއް އަދި ނުޖެހެއެވެ.

ތިބާގެ ރަހްމަތްތެރިން ކާރުގައި އުޅޭއިރު ތިބާ އަދި އުޅެނީ ފައިމަގުގައި ކަމަށް ވިޔަސް އެއީ ބޯގޮވަންވީ ވަރުގެ ކަމެއް ނޫނެވެ. މާތް ﷲއަށް ކުއްތަން ވާށެވެ. ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ރަނގަޅު ވަގުތު ޖެހުމުން، ތިބާ ވިދާބަބުޅާނެއެވެ. އަދި ތިބާ ވިދަން ފެށުމުން، ކުރިން އެ ވެއްޓުނު ދޮން އަނބުގެ މަތިން މީހުން ހަނދާން ނެތުނުތާ އެތައް ދުވަހެއް ވެދާނެއެވެ.

އޭ ގިތި އަނބާއެވެ! ތިބާ ތިޔަ އުޅެނީ އެހެން މީހެއްގެ ތަގުދީރާ ވާދަކުރާކަށެއް ނޫނެވެ. ތަގުދީރުގައި ހުރި ގޮތެއް ފެންނަން ލަސްވެދާނެއެވެ. ނަމަވެސް އެއީ ފާޅުނުވެ ނުދާނެ އެއްޗެކެވެ.

  • ތަރުޖަމާއެއް