ހަގީގީ ބާރު ހުންނަ މީހުން ސަމާލުކަން ހޯދާކަށް ނޫޅޭނެއެވެ. އަމިއްލަ ނަފުސުގެ ހައިބަތު ސާބިތުކޮށްދީ، އެ ކަމަށް ސަމާލުކަން ދިނުމަށް އެހެން މީހުންގެ ފަރާތަކުން ނޭދޭނެއެވެ. ހަގީގީ ބާރު އޮންނާނީ ރޭވުންތެރިކަމުގައެވެ. ކެތްތެރިކަމުގެ އަހުލާގުގައެވެ. އަދި އަމަލުކުރަންވީ ކޮން އިރަކުތޯ ސާފުވާ ވަގުތުގައެވެ. ބާރަކީ އަމަލުކުރުމެއް ނޫނެވެ. ނަމަވެސް އެއީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމާއި ކަންތައްތަކަށް ނަޒަރު ހިންގުމާއި އަދި ނިޔަތެއް ގާއިމުކޮށް އޭގެ މައްޗަށް އަމަލުކުރުމެވެ.
އަވަސްއަރުވާލުމުން އިނާމު ލިބޭ ޒަމާނެއްގައި ކެތްތެރިކަމާއި ދެމެހެއްޓެނި އަމަލުތަކުގެ އަގަށް މީހުން މިހާރު ނުބަލައެވެ. ނަމަވެސް ގިނަ ދުވަހަށް ދެމިގެން އަންނަނީ މި ސިފަތަކެވެ. މިއީ ވަގުތީ ނަތީޖާއަކަށްވުރެ ދެމެހެއްޓެނި ގޮތެއްގައި ފެންނަން ހުންނާނެ ނަތީޖާތަކެވެ. ކުއްލިއަކަށް ލިބޭނެ ކަހަލަ ކާމިޔާބީތައް ފަހަތުން ގިނަ ބަޔަކު ދުވާއިރު، ހަގީގީ ފައިދާ ލިބޭނީ ދުރާލާ ވިސްނައި، ރަނގަޅަށް ސަމާލުކަން ދިނުމުން ކަމަށް، ކުރިމަގަށް ވިސްނައިގެން އަމަލުތައް ބަހައްޓާ މީހުންނަށް ފަހުމްވެއެވެ. ވަގުތު ފާއިތު ވިޔަސް، ބަދަލެއް ނާންނާނީ ވިސްނުންތެރިކަމާއެކު ބިންގާ އަޅާ އަމަލުތަކުންކަން އެ ފަދަ މީހުންނަށް އެނގެއެވެ. ސަބަބަކީ ކުއްލިކުއްލިއަށް ނިންމާނިންމުންތަކަކީ ޕްރެޝަރެއް ކުރިމަތިވުމުން ފުނޑުފުނޑުވާނެ އެއްޗެކެވެ.
އަވަސްއަރުވައިލައިގެން އަމަލުކުރުމަށް އަންނަ ޕްރެޝަރު ބޮޑުވެދާނެއެވެ. މުޖުތަމައުން ކިޔަވައިދެނީ ކާމިޔާބަކީ ހުއްޓުމެއް ނެތި، ބާރަށް ކުރިއަށް ދާ، އަދި މަޑުޖެހުމެއް ނުގެންގުޅޭ މީހުންގެ އެއްޗެއް ކަމަށެވެ. އެކަމަކު ވަކި މިސްރާބެއް ނެތުމުން ކޮންމެ ކަމެއް ވެސް ވާނީ ވިއްސިވިހާއްޔެވެ. ހިތަށް އަރާ ކޮންމެ ކަމަކަށް، ސަމާލުކަން އަނބުރާލާ ކޮންމެ އެއްޗަކަށް އަދި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ބަސްބުނެ، އަމަލުކުރުމުން ބާރުވެރިކަމެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި އެ މީހެއްގެ ހަކަތަ ގެއްލި، އެއްވެސް ކަމެއްގައި މޮޅުވެ، އެ ކަމުން ކުރިއަރައިގެން ނުދާނެއެވެ. އެންމެ ރަނގަޅު ސިފައަކީ އަމަލުކުރުމުގެ ގާބިލުކަން ހުރުމެއް ނޫނެވެ. ނަމަވެސް އަމަލުކުރަންވީ ދަނޑިވަޅު އެނގުމެވެ.
ކޮންޓްރޯލް ކުރުމަކީ ބާރުގެ ބޭނުންކުރުމެއް ނޫނެވެ. އެއީ ފަހުމްވުމާ ގުޅިފައިވާ ކަމެކެވެ. ކޮންމެކޮންމެ ހާލަތަކީ އެއަށް ޖަވާބުދާރީ ވާންޖެހޭ ކަމެއް ނޫނެވެ. ކޮންމެކޮންމެ ވަގުތަކީ ވެސް އެއަށް އަމަލުކުރަން ޖެހޭ ދަނޑިވަޅެއް ނޫނެވެ. ކޮންމެ ކަމަކަށް އަމަލުކުރަން ވެއްޖެ ނަމަ އެ މީހަކު ވެގެންދާނީ އެހެން ހުރިހާ ކަމެއް އެ މީހެއްގެ މައްޗަށް ބާރު ފޯރުވާ މީހަކަށެވެ. އެއާ ހިލާފަށް ކެތްތެރިކަމާއި ދުރުވިސްނުން ގެންގުޅޭ މީހުންނަށް އެ މީހުންގެ އަމިއްލަ މަގެއް އެ މީހުންނަށް ކޮށޭނެއެވެ. އެންމެ ބާރުގަދަ މީހުންނަކީ ލިބޭ ކޮންމެ ފުރުސަތެއް ފަހަތުން ދުވާ މީހާއެއް ނޫނެވެ. ނަމަވެސް ލިބޭ ރަނގަޅު ފުރުސަތަކީ ކޮބައިތޯ ދަނެ، އެއަށް ފުރިހަމަ ސަމާލުކަން ދީގެން އަމަލުކުރާ މީހާއެވެ.
މަޑުން ހުރުމަކީ އަމަލު ނުކުރުން ކަމާއި ކެތްތެރިކަމަކީ ނެގިމަޑުވުން ކަމަށް ހީކުރާ މީހުން އެ ގޮތަށް ހީކުރަން ދޫކޮށްލާށެވެ. އެ މީހުން އެ ދެކޭ ގޮތަކީ ހަގީގަތް އޮތް ގޮތެއް ނޫނެވެ. އާހިރުގައި ކާމިޔާބު ލިބޭނީ ރާވައި، ޕްލޭންކޮށް އަދި ވަކި ނިޔަތެއްގެ މަތީގައި އިންތިޒާރުކޮށްގެން ހުންނަ މީހުންނަށެވެ. އެއީ ވަގުތީ ކެތްތެރިކަމެއް ނޫނެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އަމަލުތައް ބަހައްޓާ މީހުންނެވެ. ހަގީގީ ބާރަކީ އަވަސްއަރުވައިލުމުގެ ތެރޭގައިވާ ސިފައެއް ނޫނެވެ. އެއީ ހިމޭންކަމުގެ އަހުލާގުގެ ތެރޭގައިވާ އެއްޗެކެވެ. ކުރާ އަމަލަކީ އަދި އަޅާ ފިޔަވަޅަކީ ހަގީގީ ނަތީޖާ ނެރެވޭނެ ވަގުތުގައި އަމަލުކުރާ މީހުންނާ ރައްޓެހި އެއްޗެކެވެ.
- ތަރުޖަމާއެއް