Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލޯތްބަށް ހުރަސްއަޅާ މައްސަލައެއް އެބައޮތްތަ؟

ކައިވެނިކޮށްގެން އުޅޭ މީހުންގެ ދިރިއުޅުމަކީ ހުރިހާ ކަމެއް ހަމަޖެހިފައިވާ ދިރިއުޅުމެއް ކަމަށް ބައެއް މީހުން ހީކޮށްފާނެއެވެ. އެއީ ހަމަ ހަގީގަތުގައި ވެސް އެ ކަން އޮތް ގޮތް ހެއްޔެވެ؟

ހަގީގަތަކީ ތިބާ ލޯބީގެ ގޮތުން ގުޅުނު މީހާއާއެކު ދިރިއުޅުމަކީ އެހެން އެންމެން އެ ހީކުރާ ކަހަލަ ވަގުތުތަކެއް ނޫނެވެ.

ދެ މީހުން ކޮންމެ ދުވަހަކު ހެނދުނު ތެދުވާނީ އެކުގައި އެނދުގައި ހެނދުނުގެ ނާސްތާ ("ބްރެކްފަސްޓް އިން ބެޑް") ކުރާކަށް ނޫނެވެ.

ދެމަފިރިންނަށް ކޮންމެ ރެއަކު ނިދޭނީ އެކުގައި ބައްދައިލައިގެން އޮވެއެއް ވެސް ނޫނެވެ.

ޒަވާޖީ ހަޔާތަކީ ކޮންމެ ދުވަހަކު ގޭތެރެ ސާފުކޮށް ބަހައްޓައި، ތާޒާ ކެއުން ކޮންމެ ދުވަހަކުމެ ކައްކާ ދުވަހެއް ނޫނެވެ.

ކުދިކުދި ކަންތައްތަކާ ޒުވާބުކުރާނެއެވެ. މިސާލަކަށް، ކުނި ނެރެން ހަނދާން ނެތުނީ ކާކަށް ހެއްޔެވެ؟

ތިބާއަށް ނިދުނީ ވަރުބަލިކަމާ ހުރެއެވެ.

މާލީ މައްސަލަތަކުގައި ޒުވާބު ކުރެވެއެވެ.

ތިބާ ނިދާފައި އޮއްވާ ބެޑްޝީޓު ކަހައިލަފާނެއެވެ. ދެން ތިބާ އޮންނާނީ ފިނިބޮޑުވެފައެވެ.

އެކަމަކު މި ހުރިހާ މައްސަލަތަކާއެކީ ވެސް ކޮންމެ ދުވަހަކުމެ ތިބާގެ ބައިވެރިޔާ ގެއަށް އައުމަށް އެދެވެއެވެ. ތިބާ ދެކެ ލޯބިވާ އަދި ތިބާއަށް އަޅާލާ ބައިވެރިޔާއަކީ އޭނާ ކަމަށްވާތީއެވެ.

ތިބާއަށް މަޖާކަމެއް ކުރެވޭ ހިނދު ތިޔަ ދެމަފިރިން ގާތަށް ހިނިއަންނާނެއެވެ. އެއީ ދެމަފިރިން ގާތްކަމުންނެވެ.

ރޭގަނޑުގެ ނާސްތާ ކައްކާނީ އެކުގައެވެ. ވާހަކަ ދައްކަމުންނެވެ. ހާސްކަން ބޮޑު ދުވަހެއްގެ ހަނދާންތައް ނައްތައިލުމަށެވެ.

ނަފުސާނީ ނުވަތަ ޖަޒުބާތީ ކާރިސާއެއް ކުރިމަތިވި ނަމަވެސް، އެ ބައިވެރިޔާ ހުންނާނީ ތިބާގެ ގާތުގައެވެ. ތިބާގެ ގައިގައި ބައްދާލާނެއެވެ. އަދި ބުނާނެއެވެ: "ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ." އަދި ތިބާ އެ ކަން ގަބޫލުކުރާނެއެވެ.

ބައެއް ފަހަރަށް އޭނާ ތިބާ ސިކުނޑި ސުމަކަށް ދުއްވާލާ ހިސާބަށް ގެންދިޔަސް ތިބާ އޭނާ ދެކެ ލޯބިވާނެއެވެ. ތާކުންތާކު ނުޖެހޭ ކަންތައްތަކާމެދު އަބަދުމެ އަރައިރުންވާނެއެވެ. ނަމަވެސް މިއީ ގިނަ ބަޔަކު ހަޔާތުގައި ހޯދަން އުޅޭ ފަދަ ލޯތްބެކެވެ.

ތިޔަ ދެމަފިރިންގެ ގުޅުން ހަލާކުކޮށްލަން މީހުން މަސައްކަތްކުރާނެއެވެ.

ތިޔަ ދެމަފިރިންގެ ދެމެދުގައި އޮންނާނީ އެންމެ ފުރިހަމަ، އެންމެ ރަނގަޅު، "ޕާފެކްޓް" ގުޅުމެއް ނޫނެވެ. ކޮންމެ ދުވަހަކު އެ ގުޅުން ބެލެންސްކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް އެއީ އަޖައިބުން ފުރިފައިވާ ގުޅުމެކެވެ. އެއީ ތިބާއަށް ލިބޭނެ އެންމެ ރަނގަޅު ތަޖުރިބާއެވެ. ސަބަބަކީ ފަސޭހައިން ލިބޭ އެއްޗެއްގެ އަގެއް ނޭނގޭނެތީއެވެ. ކޮންމެ ދުވަހަކު ތިބާގެ ބައިވެރިޔާއާ ދިމާއަށް މިހެން ބުނަން ހިތަށް އަރަނީ އެހެންވެގެންނެވެ: "ކޮންމެ ކަމެއް ވިޔަސް، އަހަރެމެން ދިރިއުޅޭ ގޭގެ ތެރެއިން ތިބާ ފެނުމަށް އަހަރެންނަށް އެދެވެއެވެ."

  • ތަރުޖަމާއެއް