Support Us

ކޮލަމް: މީތިނުކިޔާތި

ވޯރެން ބަފެޓް: މަހުޖަނެއް، ނަމަވެސް ސާދާ ދިރިއުޅުމެއް

ވޯރެން ބަފެޓްއަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

އެމެރިކާގެ ނެބްރަސްކާ ސްޓޭޓްގެ އޮމަހާ ސިޓީއަށް އުފަން ވޯރެންގެ މިލްކިއްޔާތުގައި މި ދިޔަ މަހު 146 ބިލިއަން ޑޮލަރު (2،248 ބިލިއަން ރުފިޔާ) ހުރި ކަމަށް ވަނީ ދައްކައިފައެވެ.

ބާކްޝަޔާ ހެތަވޭ ގްރޫޕްގެ ދަށުން ވޯރެން އެތައް ވައްތަރެއްގެ ވިޔަފާރިކުރެއެވެ. އޭގެ ތެރޭގައި އިންޝުއަރެންސް، ރޭލު ދަތުރުފަތުރު، ފެނާއި ކަރަންޓު، ކާބޯތަކެތި އަދި އެހެން ވެސް ސިނާއަތްތައްވެއެވެ.

ނަމަވެސް އޭނާގެ އާދަޔާ ހިލާފު ކަމަކީ މި ހުރިހާ މުއްސަނދި ކަމަކާއެކު ވެސް އޭނާގެ އެއްވެސް ބޮޑާކަމާއި ކިބުރުވެރިކަން ނެތުމެވެ.

އެ ގޮތުން އުމުރުން މިހާރު 94 އަހަރުވެފައިވާ ވޯރެން އަދިވެސް ދިރިއުޅެނީ އޭނާ 1958 ގައި އެންމެ 31،500 ޑޮލަރު (485،100ރ.)އަށް ގަތް، އޮމަހާގައި ހުންނަ އާދައިގެ ގެއެއްގައެވެ.

ގިނަ ބިލިއަނަރުން އުޅެނީ ބޮޑެތި ގަނޑުވަރުތައް ފަދަ ގޭގޭގައެވެ. ނަމަވެސް ވޯރެންގެ ގޭގައި ހުންނަނީ އެންމެ ފަސް ކޮޓަރިއެވެ.

ވޯރެން ކަހަލަ މަހުޖަނަކަށް ބޭނުން ގެއެއް ގަނެލެވިދާނެއެވެ. އެކަމަކު އޭނާ އިހުތިޔާރުކުރީ ސީދާސާދާ ދިރިއުޅުމެއް އުޅޭށެވެ. އެއީ ކީއްވެ ހެއްޔެވެ؟

ވޯރެންގެ ބޭނުމަކީ މުއްސަނދި ލައިފްސްޓައިލެއްގައި އުޅެ، ދެއްކުންތެރި މީހަކަށް ވާކަށެއް ނޫނެވެ. އޭނާގެ ހަޔާތުގެ އަމާޒަކީ އޭނާގެ މިންގަނޑުތަކުގައި ހިފަހައްޓައިގެން އުޅުމެވެ. އެއީ މާލީ ތަނަވަސްކަމުގެ މުހިންމުކަން ދެނެގަނެ، ފައިދާ ހުރި ކަންތައްތަކަށް ވިސްނުންތެރިކަމާއެކު އިންވެސްޓްކޮށް، ހަގީގީ މާނައިގައި އުފާވެރިކަން ލިބޭނެ އިހުސާސްތަކުގައި ހިފެހެއްޓުމެވެ.

ވޯރެން ހިޔާރުކޮށްފައިވާ މަގުން ދައްކައިދޭ ހެއްކަކީ ކިތައްމެ މުއްސަނދި ނަމަވެސް ހައްދުފަހަނަޅާ ވަރަށް ހޭދަކޮށްގެން އުޅުމަކީ ދިރިއުޅުމަށް ރަނގަޅު އުސޫލެއް ނޫން ކަމެވެ. މި ކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ފައިސާއިން ހޯދާ ކާމިޔާބަކީ އަހަރެމެންކުރާ ހަރަދުތަކެއް ނޫންކަމެވެ. ނަމަވެސް އަހަރެމެން އަގުކުރާ ކަންތައްތައް ކަމެވެ.