Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: 2025 އަށް އަޒުމް ކަނޑައަޅަން އަދިވެސް ރަނގަޅު 20 ކަންތައް

މި އަހަރުގެ ދެވަނަ މަސް ކަމަށްވާ ފެބްރުއަރީ ކުރިއަށްދާއިރު ބައެއް މީހުން އަދިވެސް 2025 އަށް ލަނޑުދަނޑިތަކެއް ކަނޑަނާޅާ އެބަތިއްބެވެ. މި ބަލައިލަނީ އަދިވެސް ކުރިއަށްގެންދަން ރަނގަޅު 20 އަމާޒުފަތްގަނޑަށެވެ.

  1. ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަލަން ލިބިދާނެ ހުރިހާ ފުރުސަތެއް ނައްތައިލައިށެވެ.
  2. ކޮންމެ ހަފުތާއަކު ތިން ފަހަރު ނުވަތަ ހަތަރު ފަހަރު ކަސްރަތު ކުރާށެވެ.
  3. ތިބާގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ އިރުޝާދު އެކުލެވޭ ފޮތެއް ނުވަތަ ތާރީހީ މައުލޫމާތު އެކުލެވޭ ފޮތެއްގެ 10 ސަފުހާ ކޮންމެ ދުވަހަކު ކިޔާލާށެވެ.
  4. ރުޅިއަކީ ތިބާގެ ރަހްމަތްތެރިއެއް ނޫނެވެ. ތިބާގެ މައްޗަށް ރުޅި ބާރު ފޯރުވުމުގެ ކުރިން ރުޅީގެ މައްޗަށް ތިބާގެ ބާރު ފޯރުވާށެވެ.
  5. ކޮންމެ ކަމެއްގެ ވެސް މަދުވެގެން 80 ޕަސެންޓް އާބާތުރަފިލުވައިފައި ބަހައްޓަން އަބަދުވެސް މަސައްކަތް ކުރާށެވެ.
  6. އެހެން މީހުންގެ ރުހުން ހޯދަން މޮޔައެއް އުޅޭ ގޮތަށް ނޫޅޭށެވެ. ހާއްސަކޮށް އިދިކޮޅު ޖިންސުގެ ޝައުގުވެރިކަން ހޯދުމުގެ ނިޔަތުގައެވެ.
  7. މަޖާ ކުރުމުގެ ކުރިން މަސައްކަތް ނިންމާލާށެވެ. ކުރަން ޖެހޭ ކަންތައްތައް ނިންމައިލުމަށް ފަހު ނޫނީ ކުރަން ބޭނުންވާ ކަންތައްތަކައިގެން މަސްއޫލު ނުވާށެވެ. ކުރަން "ޖެހޭ" އާއި ކުރަން "ބޭނުން" ކަންތައްތަކުގެ ފަރަގު ދެނެގަންނާށެވެ.
  8. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމެކެވެ. އެ ކަމާ ދުރުވާށެވެ.
  9. މައާފު ކުރާށެވެ. ނަމަވެސް މައާފު ކުރަން ދިމާވި ހާދިސާއިން ލިބުނު ފިލާވަޅު ހަނދާން ނައްތާނުލާށެވެ.
  10. އަމާޒެއް ކަނޑައަޅާށެވެ. ލަނޑުދަނޑިއެއް ހޯދަން އަޒުމް ކަނޑައަޅާށެވެ. އެ ކަން ހަގީގަތަކަށް ހެދުމަށް "ހަނގުރާމަ" ކުރާށެވެ.
  11. ތިބާއަށް ކުރާ އިހުތިރާމް ގެއްލިދާނެ ފުރުސަތެއް އެހެން މީހުންނަށް ނުދޭށެވެ.
  12. ތިބާގެ މާލީ ތަނަވަސްކަމަކީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ.
  13. ލޯބި ދަމަހައްޓަން ފައިސާ ބޭނުންކޮށްގެން އެ ލޯބި ގަންނަން ނޫޅޭށެވެ.
  14. "ހަގީގީ ފިރިހެނުން" މިއީ އުޅޭ ބައެއް ނޫނެވެ. މިއީ އެހެން މީހުންގެ ރުހުމާއި ލޯބި ހޯދަން ވަކި އުސޫލެއް ނެތި މަސައްކަތްކުރާ މީހުންނަށް މަލާމާތްކުރަން ބޭނުން ކުރާ ބަހެކެވެ. ތިބާގެ އަގެއް ހުރުމާއި އަގެއް ނެތުން ބިނާވަނީ ތިބާގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށެވެ.
  15. އަމިއްލަ ނަފުސު ދިފާއުކުރަން ދަސްކުރާށެވެ.
  16. ކިތައްމެ ފަހަރަކު ވެއްޓުނަސް އަލުން ތެދުވާށެވެ.
  17. ތިބާގެ ލޯބިވެރިޔާ ތިބާއާ ގުޅުން ކަނޑައިލައިފި ނަމަ، އޭނާ އަލުން ހޯދޭތޯ އުޅުމުގެ ބޭނުމެއް ނެތެވެ. އޭނާއާ ރަހްމަތްތެރިކަން ބޭއްވުމަކީ ވެސް މާނައެއް ހުރި ކަމެއް ނޫނެވެ. ސަބަބަކީ ދުނިޔޭގައި މި ވަގުތު އުޅޭ އަށް ބިލިއަން މީހުންގެ ތެރޭގައި ހަތަރު ބިލިއަން އަންހެނުންނާއި ހަތަރު ބިލިއަން ފިރިހެނުންވެއެވެ.
  18. ތިބާގެ ރަހްމަތްތެރިންނަށް ތިބާއާމެދު އަމަލުކުރެވޭނީ ދެ ގޮތުންކުރެ އެއްގޮތަށެވެ. އެއްގޮތަކީ ތިބާގެ ހަޔާތް ބިނާކޮށްދިނުމެވެ. އަނެއް ގޮތަކީ ތިބާގެ ހަޔާތް ބަރުބާދުކޮށްލުމެވެ. އެހެންކަމުން ރަހްމަތްތެރިން ގޮތުގައި ބައިތިއްބާނީ ކޮން ބައެއްކަން ކަނޑައަޅަންވާނީ ވިސްނުންތެރިކަމާއެކުއެވެ.
  19. ތިބާގެ މައިންބަފައިންނަށް އިހުތިރާމް ކުރާށެވެ. މި ދުނިޔެއަށް ތިބާ ގެނައީ އެ ދެމައިންނެވެ.
  20. މި އަހަރު ފެށީ ވެސް މާތްﷲގެ ރަހްމަތުންނެވެ. މި އަހަރު ނިންމަންވާނީ ވެސް އެ ކަލާނގެއަށް ކުއްތަންވެ ހުރެއެވެ.

މި ބަލައިލެވުނު 20 ކަންތައްތަކަކީ މި ދިޔަ ޖަނަވަރީ މަހު އެއް ވަނަ ދުވަހު 2025 އަށް އަމާޒުތަކެއް ކަނޑަނާޅައި އަދި ތިބި މީހުން އަމަލުކުރަން ރަނގަޅު ކަންތައްތަކެކެވެ. މި އަހަރުގެ ބާކީ އޮތް ބައި ހަޔާތް ބާއްޖަވެރިކަމާއެކު ކުރިއަށްގެންދިއުމަށެވެ.

  • ތަރުޖަމާއެއް