Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: އަނެކާގެ ހެޔޮކަން ބަލައިނުގަތުން

މީހަކު އޭނާ ދަންނަ ސަލާންޖަހާ މީހަކަށް ކޮންމެ މަހަކު 1،000 ޑޮލަރު ދީ އުޅުނެވެ. މި ގޮތަށް ދުވަސްތަކަކަށް ކަންތައްތައް ކުރިއަށްދިޔައެވެ. ދެން، އެއް ދުވަހަކު ސަލާންޖަހާ މީހާއަށް ދޭ އަދަދު މަދުކޮށްލިއެވެ. މި ފަހަރު ދިނީ 750 ޑޮލަރެވެ.

ސަލާންޖަހާ މީހާއަށް މި ކަމުން ހައިރާންކަމެއް ލިބުނެވެ. އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ: "އެއްޗެއް ނުލިބުމަށްވުރެ 750 ޑޮލަރު ވެސް ރަނގަޅެއް ނޫން ހެއްޔެވެ." މިހެން އަމިއްލަ ނަފުސަށް ބުނެލުމަށް ފަހު އޭނާ އެ ތަނުން ދިޔައެވެ.

އޭގެ އެއް މަސް ފަހުން އެއްކަލަ މީހާ ސަލާންޖަހާ މީހާއަށް ދިނީ އެންމެ 500 ޑޮލަރެވެ.

މި ކަމުން ސަލާންޖަހާ މީހާއަށް ލިބުނީ އަނެއްކާވެސް ހައިރާންކަމެކެވެ! އޭނާއަށް ފައިސާ ދޭ މީހާއާ ދިމާއަށް ބުންޏެވެ: "ތިބާ ކުރިން އަހަރެންނަށް ދީ އުޅުނީ 1،000 ޑޮލަރެވެ. ދެން ތިބާ އެ އަދަދު 750 ޑޮލަރަށް މަދުކޮށްލީމުއެވެ. މިހާރު ތިޔަ ދިނީ 500 ޑޮލަރެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެ ކަމުގެ ސަބަބު ބުނެދީފާނަން ހެއްޔެވެ؟"

ފައިސާ ދޭ މީހާ ބުންޏެވެ: "މާޒީގައި އަހަރެންގެ ދަރިން ޅައެވެ. އަދި އަހަރެން ތަނަވަހެވެ. އެހެންވެ ތިބާއަށް 1،000 ޑޮލަރު ދެވެން އޮތެވެ. ދެން އަހަރެންގެ އަންހެން ދަރިފުޅު ބޮޑުވެ، ޔުނިވާސިޓީއަށް ކިޔަވަން ވަނެވެ. ޔުނިވާސިޓީގެ ހަރަދުތައް ވަރަށް ބޮޑެވެ. އެހެންވެގެން އަހަރެން ތިބާއަށް ދޭ ވަރު 750 ޑޮލަރަށް މަދުކޮށްލީއެވެ."

ފައިސާ ދޭ މީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ: "ދެން އަހަރެންގެ ފިރިހެން ދަރިފުޅު ވެސް ބޮޑުވިއެވެ. އަދި ޔުނިވާސިޓީއަށް ތައުލީމު ހާސިލުކުރަން ވަނެވެ. އަދި އަހަރެން ކުރަން ޖެހޭ ހަރަދުތައް އިތުރުވިއެވެ. އެހެންވެ ތިބާއަށް ދޭ ފައިސާ 500 ޑޮލަރަށް މަދުކޮށްލީއެވެ."

މިހާހިސާބުން ސަލާންޖަހާ މީހާ ސުވާލުކުރިއެވެ: "ތިބާގެ ހުންނަނީ ކިތައް ދަރިން ހެއްޔެވެ؟"

ޖަވާބުގައި ފައިސާ ދޭ މީހާ ބުންޏެވެ: "ހަތަރެކެވެ."

ސަލާންޖަހާ މީހާ ދެން ބުންޏެވެ: "އެހެންވީއިރު ތިބާ އެ ހުރިހާ ދަރިންނަށް ތައުލީމު ދޭނީ އަހަރެން ގުރުބާންކޮށްފައި ހެއްޔެވެ؟"

މި ކުރު ވާހަކައިން ލިބޭ އިބުރަތްތެރި ފިލާވަޅަކީ މީހެއްގެ ހެޔޮކަން އޭގެ ގޮތުގައި ބަލައިގަތުމުގެ މުހިންމު ކަމެވެ. އެއްވެސް މީހަކަށް ނުވާ ވަރުން އެހެން މީހުންނަށް އެހީއެއް ނުވެވޭނެއެވެ. އެހެންކަމުން އެ ކަން ބަލައިގަތުމަކީ މުހިންމު ކަމެކެވެ.

  • ތަރުޖަމާއެއް