ވިކްޓޯރިއާ ވޯޓާ ލިލީ ނުވަތަ ސައިންސްގެ ނަމުން ނަމަ "ވިކްޓޯރިއާ އެމެޒޯނިކާ"އަކީ ސާފު ފެނުގައި ހެދޭ އާދަޔާ ހިލާފު ބޮޑު ގަހެކެވެ.
މިއީ ލޮޓަސްގެ ބާވަތެއް ނޫނެވެ. ލޮޓަސްގެ ފަތްތައް ފެނުން މައްޗަށް ވެސް އަރާއިރު، ވޯޓާ ލިލީ ބާވަތުގެ ގަހުގެ ފަތްތަކަކީ ފެން މަތީގައި އޮންނަ އެއްޗެކެވެ.
ވިކްޓޯރިއާ ވޯޓާ ލިލީއަކީ ސައިޒުގެ ގޮތުން ވަރަށް ބޮޑު ގަހެކެވެ. ހަގީގަތުގައި ވޯޓާ ލިލީ އާއިލާގެ ދެވަނައަށް އެންމެ ބޮޑު ބާވަތެވެ.
ފާހަގަކޮށްލެވޭ އެކައްޗަކީ އޭގެ ފަތެވެ. ފަތުގެ ފުޅާ މިނުގައި ތިން މީޓަރު ނުވަތަ ގާތްގަނޑަކަށް 10 ފޫޓު ހުރެއެވެ. މީހުން އޭގެ ފަތްތަކުގެ މައްޗަށް އެރުމުން ވެސް އެ ފަތްތައް ފެނު އަޑިއަކަށް ނުދެއެވެ.

މި ގަހުގެ މަލަކީ ގަޔާނާގެ ގައުމީ މަލެވެ. މި ގަސް ފެނިފައިވަނީ ގަޔާނާއިންނާއި ދެކުނު އެމެރިކާގެ ހޫނު ސަރަހައްދުތަކުންނެވެ.
ވިކްޓޯރިއާ ވޯޓާ ލިލީ ހައްދަނީ ރީތިކަމުންނެވެ. އަދި އޭގެ އޮށް ރޯސްކޮށްގެން ކެވެއެވެ.

މި ގަހުގެ އަނެއް ޝައުގުވެރިކަމަކީ 19 ވަނަ ގަރުނުގެ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޖޯސެފް ޕެކްސްޓަން، ވެރިރަށް ލަންޑަންގައި އިމާރާތް ކުރެއްވި ކްރިސްޓަލް ޕެލަސް ގަނޑުވަރު ފަރުމާކުރެއްވީ މި ގަހުގެ ފަތް ހުރި ގޮތަށް ބައްލަވައިގެންނެވެ. ޕާލަމަންޓް މެންބަރެއްގެ އިތުރުން ޖޯސެފަކީ ބަގީޗާ ހައްދަވައި، އިންޖިނިއަރިންގެ ރޮނގުން ތައުލީމު ލިބިލައްވައިފައިވާ އާރުކާޓީއެކެވެ. އެ ގޮތުން 1851 ވަނަ އަހަރު ހުޅުއްވި ކްރިސްޓަލް ޕެލަސްގެ އިމާރާތުގެ މަތީގައިވަނީ މި ގަހުގެ ފަތުގެ އެއްބައި ހުންނަ ގޮތަށް ޑިޒައިންކުރައްވައިފައެވެ. މި އިމާރާތް ވަނީ 1936 ގައި އެއްކޮށް އަނދައިފައެވެ.

ވިކްޓޯރިއާ ވޯޓާ ލިލީއަކީ ވަކި މާހައުލުތަކެއްގައި ހެދޭ ގަހެއް ކަމަށް ވިޔަސް ނެތިދިއުމުގެ ބިރެއް އަދި ނެތެވެ. މިހެންވެ ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހީގެ ލިސްޓަށް މި ގަސް އަދި ނުލައެވެ.
