އުމުރުން 40 އިން މައްޗަށް ދިޔައިމަ ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއްވެއެވެ. މި ބަލައިލަނީ އޭގެ ތެރެއިން ހަތް ކަމަކަށެވެ.
- ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުންނަ މިންވަރު ގަވައިދުން ބަލަން ޖެހެއެވެ.
- ކެއުމުގައި ވީ އެންމެ މަދެއްކޮށް ބޭނުންކުރާ ތަކެތި ވެއެވެ. އެ ގޮތުން ލޮނު، ހަކުރު، ޕްރިޒަވެޓިވް އަޅައިފައި ހުންނަ މަހާއި ކާނާ، ރޯސްކޮށްފައި ހުންނަ ރެޑް މީޓް، ބިހާއި ކިރުގެ ބާވަތްތަކުން ހަދައިފައި ހުންނަ ތަކެތި އަދި ސްޓާޗް އެކުލެވޭ ތަކެއްޗެވެ.
- ކެއުމުގައި ގިނަ ކުރަންވީ ތަކެތި ވެސްވެއެވެ. އެއީ ފެހި ފަތް، ތަރުކާރީ، ތޮޅި، މޭވާ އަދި ނަޓް ނުވަތަ އޮށުގެ ބާވަތްތަކެވެ.
- ނަފުސާނީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. އެއީ އުމުރު، މާޒީ އަދި ވޭނީ ކެކުޅުންތައް ހަނދާން ނައްތައިލައިފައި ކުރިމަގަށް ބަލައިގެން ހަޔާތައިގެން ކުރިއަށް ދިއުމެވެ.
- ތިބާއަކީ ވަރުގަދަ ނުވަތަ ނިކަމެތި މީހެއް ނަމަވެސް ހަޔާތަށް ކޮންމެހެން ބޭނުންވާ ހަތަރު ކަމެއްވެއެވެ. އެއީ ތިބާ ދެކެ ހަގީގީ ލޯބިވާ ރަހްމަތެރިން، ތިބާއަށް އަޅާލާ އާއިލާ މެންބަރުން، ރަނގަޅު މަގުން ވިސްނުން ގެންގުޅުން އަދި އަމާންކަން ލިބިގެންވާ ގެއެއްގައި ދިރިއުޅުމެވެ.
- ސިއްހީ ދުޅަހެޔޮކަމަށް ބޭނުންވާ ހަތަރު ކަމެއްވެއެވެ. އެއީ ރޯދަ ހިފުން، ހިނިތުންވުން ނުވަތަ ހުނުން، ހިނގުން ނުވަތަ ކަސްރަތުކުރުން އަދި ހަށިގަނޑުގެ ބަރުދަން ލުއިކުރުމެވެ.
- އާއްމު ދިރިއުޅުމުގައި ސަމާލުކަން ދޭން ޖެހޭ ހަ ކަމެއްވެއެވެ. އެއީ ބަނޑުހައިވަންދެން ނުކައި ނުހުރުން، ކަރުހިއްކައިގަންނަންދެން މަޑުނުކޮށް ދިޔާ އެއްޗެހި ބުއިން، ނިދިޖެހުމުގެ ކުރިން ނިދުން، ވަރުބަލިކަން އިހުސާސްކުރެވުމުގެ ކުރިން އަރާމުކުރުން، ބަލިވުމުގެ ކުރިން މެޑިކަލް ޗެކްއަޕް ހެދުން އަދި މައްސަލައެއް ދިމާވުމުގެ ކުރިން މާތް ﷲއަށް ދުއާ ކުރުމެވެ.
މި ކަންތައްތަކަށް ސަމާލުކަން ދީފި ނަމަ، އުމުރުން 40 އިން މައްޗަށް ދިއުމުން ވެސް، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ.
- ތަރުޖަމާއެއް
