Support Us

ކޮލަމް: މީތިނުކިޔާތި

ފްލައިޓް ނައްޓާލާއިރާއި ޖައްސާއިރު ފާހާނާ ބޭނުންކުރުން މަނަލީ ކީއްވެޔޯ؟

ފްލައިޓެއް ނައްޓާލާއިރާއި ޖައްސާއިރު ފާހާނާ ބޭނުން ނުކުރެވޭނެ ކަމަށް ކެބިން ކުރޫއިން އަންގާ މުހިންމު ސަބަބުތަކެއްވެއެވެ. އެ ގޮތުން ފާހާނާގައި ފަސިންޖަރަކު އުޅޭ ނަމަ ފްލައިޓް ނައްޓާލާށާއި ޖައްސަން އެއީ ޕައިލެޓުންގެ މައްޗަށް ގާނޫނީ ގޮތުން މަނާކަމެކެވެ. މި ކަމުގެ އެންމެ މުހިންމު ސަބަބަކީ ސަލާމަތީ ފިޔަވަޅުތަކެވެ.

ފްލައިޓް ނައްޓާލާ އަދި ޖައްސާ ވަގުތަކީ އެ ފްލައިޓަކަށް ކުރިމަތިވެދާނެ އެންމެ ސީރިއަސް ވަގުތެވެ. އޭވިއޭޝަން ނުވަތަ ވައިގެ ދަތުރުފަތުރުގައި ހާދިސާތައް އެންމެ ގިނައިން ހިނގަނީ މި ވަގުތުތަކުގައެވެ. ސަބަބަކީ ކުއްލިއަކަށް ފްލައިޓްގެ ހަރަކާތްތަކަށް ބަދަލު ގެންނަން ޖެހުމާއި ވައިގެ ހަލަބޮލިކަން ނުވަތަ ޓާބިއުލަންސް ކުރިމަތިވުމާއި އަދި ކުއްލި ހާލަތު ނުވަތަ އެމަޖެންސީތަކުގައި ސީޓުގައި ރަނގަޅަށް ސީޓު ބެލްޓް އަޅައިގެން ތިބުމަކީ ފަސިންޖަރުންނަށް ރައްކާތެރިކަން ލިބޭނެ ގޮތް ކަމަށްވާތީއެވެ.

މިހެންވެ މި ކަހަލަ ސީރިއަސް ވަގުތެއްގައި ފަސިންޖަރުންގެ ރައްކާތެރިކަމަށް އޭވިއޭޝަނާ ބެހޭ އިދާރާތަކުން ވަނީ ހަރުކަށި ގާނޫނާއި ގަވައިދު ހަދައިފައެވެ. އެއީ ފްލައިޓް ނައްޓާލާއިރާއި ޖައްސާއިރު ފަސިންޖަރުން ސީޓުގައި އިށީނދެ އިނދެ، ސީޓު ބެލްޓް އަޅުވައިގެން ތިބުމެވެ.

ފަސިންޖަރުންގެ ރައްކާތެރިކަމުގެ އިތުރުން ކެބިން ކްރޫއިންގެ ސަލާމަތަށް ވެސް އޭވިއޭޝަނާ ބެހޭ އިދާރާތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. އެ ގޮތުން އެ މުވައްޒަފުން ތިބެން ޖެހެނީ ޖަމްޕް ސީޓުގައި އިށީނދެގެންނެވެ. އެމަޖެންސީއެއް ދިމާވެދާނެ ކަމަށް ތައްޔާރަށެވެ. ކެބިން ތެރޭގައި ފަސިންޖަރުން ހިނގާބިނގާވެ އުޅުމުން ކެބިން ކްރޫއިންގެ މަސައްކަތަށް ހުރަސްއެޅިދާނެތީއެވެ. އަދި މިހެންވެ ހާދިސާއެއް ހިނގާފާނެ ވަގުތެއްގައި ކެބިން ކްރޫއިންނަށް އެ މައްސަލަ ވަގުތުން ހައްލުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ފްލައިޓްގެ ސްޓެބިލިޓީއަކީ ވެސް އޭވިއޭޝަން އިދާރާތަކުން ސަމާލުކަން ދީފައިވާ ކަމެކެވެ. ފަސިންޖަރުން ކެބިން ތެރޭގައި ހިނގާބިނގާވެ އުޅުމުން، މަތިންދާބޯޓުގެ ބެލެންސަށް ބުރޫއަރާފާނެއެވެ. މި ކަން ބޮޑަށް ދިމާވެދާނީ ކުދި ބޯޓުތަކުގައެވެ.

އެމަޖެންސީއެއްގައި ކުއްލިއަކަށް، އަވަހަށް، އަދި ތަރުތީބުން ފަސިންޖަރުން މަތިންދާބޯޓުން ބާލުވަން ޖެހިއްޖެ ނަމަ، ހުރިހާ އެންމެން ހަމަތޯ ބަލައި، އެ އެންމެން ފްލައިޓުން ނެރެން މަގުފަހިކުރެވޭނީ ވެސް ހުރިހާ ފަސިންޖަރުން ސީޓުގައި އިށީނދެއިނދެ ތިބީމައެވެ.

އެހެންކަމުން ފްލައިޓެއް ނައްޓާލާއިރާއި ޖައްސާއިރު ފާހާނާ ބޭނުން ނުކުރެވޭ ގޮތަށް ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ގާނޫނާއި ގަވާއިދު ހަދައިފައިވަނީ ފަސިންޖަރުންނާއި ކެބިން ކުރޫއިންގެ ރައްކާތެރިކަމަށެވެ.

  • ތަރުޖަމާއެއް