Support Us

ކޮލަމް: މީތިނުކިޔާތި

އެމެރިކާގެ ރައީސުން ސޮއިކުރައްވަން ގިނަ ގަލަންތަކެއް ބޭނުންކުރައްވަނީ ކީއްވެ؟

ރަސްމީ ލިޔެކިޔުންތަކުގައި ސޮއި ކުރައްވަން އެމެރިކާގެ ރައީސުން ގިނަ އަދަދެއްގެ ގަލަން ބޭނުންކުރައްވައެވެ. ބައެއް ފަހަރަށް އެއް ފަހަރާ އެތައް ލިޔުމެއްގައި ސޮއި ކުރެއްވުމަށެވެ. ސުވާލު އުފެދެނީ މިއީ ކީއްވެތޯއެވެ. އަދި މި ފަދަ ގަލަންތަކަށް ދެން ހައްދަވަނީ ކިހިނެތް ހެއްޔެވެ؟

މި ކަންތައް އާއްމުންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މި ފަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ޕާލަމަންޓް ތެރޭގައި އިންނަވާ، އެގްޒެކެޓިވް އޯޑަރުތަކެއްގައި ސޮއި ކުރެއްވުމަށް ފަހު، ހާޒިރުވެ ތިބި މީހުންނަށް ގަލަންތައް އުއްކެވީމައެވެ. ރިޔާސީ ހުވާ ކުރެއްވުމަށް ފަހު އެގްޒެކެޓިވް އޯޑަރުތަކުގައި ސޮއި ކުރެއްވުމަށް ފަހު މީގެ ކުރިން އެއްވެސް ރައީސެއް ގަލަންތައް އާއްމުންނާ ދިމާއަކަށް ނުއުއްކަވައެވެ.

އެގްޒެކެޓިވް އޯޑަރަކީ ގާނޫނު ހަދާ މަޖިލީހުގެ ނުރުހުމުގައި ވެސް ރައީސަކު ތަންފީޒު ކުރައްވަން ބޭނުންވެވަޑައިގަންނަވާ ނިންމެވުންތައް އަމަރުކުރައްވާ ލިޔުމެކެވެ. ނަމަވެސް މި ފަދަ އަމުރުތަކަށް ހުރަސްއެޅޭނެ ގޮތްގޮތް ހުރެއެވެ. އެއީ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންތައްތަކަށް ޕާލަމަންޓުން ބަޖެޓު ނުދިނުމެވެ. ނުވަތަ އެ ނިންމެވުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކޯޓަށް ދިޔުމެވެ.

ޓްރަމްޕް ބޭނުން ކުރެއްވީ "ޝާޕީ" މަރުކާގެ ގަލަމެވެ. އެއީ އޭނާގެ އެދިވަޑައިގަތުމުގެ މަތިން އެ ކުންފުނިން ހަދައިދިން ގަލަންތަކެކެވެ.

މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގްޒެކެޓިވް އޯޑަރެއްގައި ސޮއި ކުރެއްވުމަށް ފަހު ހާޒިރުވެ ތިބި މީހުންނަށް ގަލަމެއް އެއްލަވަނީ

ޓްރަމްޕްގެ ކުރިން ވެރިކަމުގައި ހުންނެވި ޖޯ ބައިޑެން ބޭނުންކުރެއްވީ "ކްރޮސް ކަންޓްރީ 2″ މަރުކާގެ ގަލަންތަކެކެވެ.

އެމެރިކާގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެމެރިކާގެ ރައީސުން ގިނަ އަދަދެއްގެ ގަލަން ބޭނުން ކުރެއްވުން އެއީ އެމެރިކާގެ ސަގާފަތެއް ކަމަށެވެ. އެތައް ދަހަރެއްގެ ދިގު ތާރީހެއް އޮންނަ ކަމެއް ކަމަށެވެ.

ސޮއި ކުރެއްވުމަށް ފަހު އެ ވަގުތަކު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ހައްދަވާ ގޮތަކީ ސޮއި ކުރެއްވި އެގްޒެކެޓިވް އޯޑަރު ނުވަތަ ގާނޫނު ފަދަ ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ބައިވެރިވި ފަރާތްތަކަށް އެ ގަލަންތައް ހަދިޔާއަކަށް ދެއްވަނީއެވެ. އެއީ އެ މީހުންނަށް ދެވޭ ތާރީހީ ހަނދާނެއްގެ ގޮތުގައެވެ.

ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނީ ބައެއް ފަހަރަށް އެއް ޑޮކިއުމެންޓެއްގައި ވެސް އެތައް ގަލަމަކުން ސޮއި ކުރައްވައިފައި ހުރި ކަމަށެވެ.

"މިއީ ކޮން ރައީސެއް ފެއްޓެވި ކަމެއްކަން އެނގޭކަށް ނެތް. ގަލަންތަކުން ގާނޫނުތަކުގައި ސޮއި ކުރެއްވުމަށް ފަހު، އެ ގާނޫނުތައް ތައްޔާރު ކުރުމުގައި ބައިވެރިވި ފަރާތްތަކަށް، ތާރީހީ ތަރިކައެއްގެ ގޮތުގައި އެ ގަލަންތައް ދެއްވަނީ،" އެމެރިކާގެ ތާރީހު ދިރާސާ ކުރާ ފަރާތަކުން ބުންޏެވެ.

ރައީސް ލިންޑަން ޖޯންސަން "ސިވިލް ރައިޓްސް އެކްޓް" ގާނޫނުގައި ސޮއިކުރެއްވުމަށް 75 ގަލަން ބޭނުން ކުރެއްވުމަށް ފަހު ގަލަންތައް ހާޒިރުވެ ތިބި މީހުންނަށް ބަހައިލައްވަނީ

އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ލިންޑަން ޖޯންސަންގެ ރިޔާސީ ކުތުބުހާނާ ބަލަހައްޓަވާ ޑިރެކްޓަރު މާކް ލޯރެންސް ވިދާޅުވީ މިއީ ތަންފީޒުކުރާ ގާނޫނުތަކަށް ލިބޭ ސަމާލުކަން، އެ ގާނޫނު ހެދުމަށް އެހީތެރިވެދިން ފަރާތްތަކާ ވެސް ހިއްސާ ކުރެއްވުމަށް އެމެރިކާ ރައީސުން ކުރައްވާ ކަމެއް ކަމަށެވެ.

"އެއީ މައްސަލަތައް ހައްލުކުރުމުގައި ބައިވެރިވި އެހެން މީހުންނާ ވެސް އެ ކަން ހިއްސާ ކުރައްވަން ރައީސުން ކުރައްވާ ކަމެއް،" މާކް ވިދާޅުވިއެވެ.

ރައީސް ޖޯންސަން 1964 ގައި ސިވިލް ރައިޓްސް ގާނޫނުގައި ސޮއިކުރެއްވުމަށް 75 ގަލަން ބޭނުން ކުރެއްވުމަކީ މި ކަމުގެ މިސާލެކެވެ.

ފަހުގެ ތާރީހަށް ބަލާއިރު އެފޯޑަބްލް ކެއާ އެކްޓް 2010 ގައި ތަންފީޒު ކުރެއްވުމަށް ރައީސް ބަރަކް އޮބާމާ ވަނީ 22 ގަލަން ބޭނުން ކުރައްވައިފައެވެ. އޭގެ ކުރިން 2009 ގައި އޭނާ ސޮއި ކުރެއްވި ފުރަތަމަ ގާނޫނު ކަމަށްވާ ލިލީ ލެޑްބެޓާ ފެއާ ޕޭ އެކްޓްގައި ސޮއި ކުރެއްވީ ހަތް ގަލަން ބޭނުން ކުރައްވައިގެންނެވެ. އެ ތަނުން އެއް ގަލަން ލިލީއަށް ދެއްވިއެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާ "ލިލީ ލެޑްބެޓާ ފެއާ ޕޭ އެކްޓް" ގާނޫނުގައި ސޮއި ކުރެއްވި ހަތް ގަލަން ތެރެއިން އެއް ގަލަން ލިލީއަށް ދެއްވަނީ

ރައީސް ޓްރަމްޕާ ހަމައަށް ގާނޫނުތައް އައި އިރު އޭނާ ވަނީ އާއްމު ގޮތެއްގައި އޭނާ ކަންތައްތައް ކުރައްވައިހެން އަނެއްކާވެސް އެމެރިކާގެ ސަގާފަތެއް މުގުރާލައްވައިފައެވެ. އެއީ ކުރީގެ ރައީސުން ބޭނުން ނުކުރައްވާ "ޝާޕީ" މަރުކާގެ ގަލަން ބޭނުން ކުރައްވައިގެންނެވެ.

ރައީސް ބައިޑެން ބޭނުން ކުރެއްވީ "ކްރޮސް ސެންޗަރީ 2″ ގަލަމެވެ. ރައީސް އޮބާމާ، ރައީސް ޖޯޖް ޑަބްލިޔު ބުޝް، ރައީސް ބިލް ކްލިންޓަން، ރައީސް ޖެރަލްޑް ފޯޑް އަދި ރައީސް ރޮނަލްޑް ރޭގަން ބޭނުން ކުރެއްވީ "ކްރޮސް ޓައުންސެންޑް" މަރުކާގެ ގަލަމެވެ.

"ކްރޮސް" މަރުކާގެ ގަލަންތަކެއް

ދެވަނަ ބޮޑު ހަނގުރާމަ ކުއްލިއަކަށް ހުއްޓުވައިލެއްވުމުގެ ނިޔަތުގައި ޖަޕާނަށް ދެ ނިއުކްލިއާ ބޮން އަޅަން ހުއްދަ ދެއްވި ރައީސް ހެރީ ޓްރޫމަން 1952 ގައި ވިދާޅުވެފައިވަނީ ރަނގަޅު ގަލަމެއް ގެންގުޅުން މުހިންމު ކަމަށެވެ. އެ ގޮތުން އޭނާގެ ރިޔާސީ ދައުރުގައި ރަސްމީ ލިޔެކިޔުންތަކާއި ސިޓީތަކުގައި ގާތްގަނޑަށް ދުވާލަކު 600 ފަހަރު ސޮއި ކުރައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ވެސް ބޭނުން ކުރެއްވީ "ޝާޕީ" ގަލަމެވެ. ޓްރަމްޕްގެ އެދިލެއްވުމުގެ މަތިން އެ ކުންފުނިން ވަނީ އޭނާއަށް ހާއްސަކޮށްގެން މީގެ ގަލަންތަކެއް ހަދައިދީފައެވެ. އެއިން ކޮންމެ ގަލަމެއްގައި ވަނީ އޭނާގެ ސޮއި ރަނުން ފަވައިފައެވެ.

"އަޅުގަނޑު ކުރިން ރަސްމީ ލިޔުންތަކުގައި ސޮއި ކުރަމުން އައީ ވަރަށް އަގުބޮޑު ގަލަމަކުން. އެހާ ފަސޭހައެއް ނޫން އޭގެން ލިޔާކަށް. 'ޝާޕީ' ގަލަމުން ލިޔަން މާ ފަސޭހަ. އަދި އެ ގަލަން މާ އަގު ވެސް ހެޔޮ،" އެޗް.ބީ.އޯ.ގެ ޑޮކިއުމެންޓްރީއެއްގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ވީޑިއޯ