Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މަލާމާތް ރައްދުނުވާ ގޮތަށް އަލުން ކިޔައިދޭނެ ގޮތްތައް

ބްރެޒިލްގެ ލިޔުންތެރިޔާ ރެޖިނަލްޑޯ އޮސްނިލްޑޯއަކީ ވިޔަފާރި އާއި ޓެކްނޮލޮޖީ އަދި މުއާސަލާތީ ދާއިރާގެ އިލްމްވެރިޔެކެވެ. އޭނާ ލިޔެފައިވާ ފޮތް "ހައު ޓު ސޭ ދި އޮބްވިއަސް ވިތައުޓް ބީން ރޫޑް: ދި އާޓް އޮފް ކްލިއާ އެންޑް އޮބްޖެކްޓިވް ކޮމިއުނިކޭޝަން"ގައި ކިޔައިދެނީ ފަސޭހައިން އެނގެން ހުންނަ ކަންތައްތައް، މުއާމަލާތް ކުރެވޭ މީހާއަށް މަލާމާތް ރައްދުނުވާ ގޮތަކަށް، އަލުން ބުނެދޭނެ އުކުޅުތަކަށެވެ.

މި ބަލައިލަނީ އޭނާގެ ފޮތުގައި ފާހަގަކޮށްފައިވާ ހަތް ނުކުތާއަށެވެ.

  1. ތިބާ ބޭނުންކުރާ ބަސްމަގާމެދު ސަމާލުވާށެވެ. "އެނގޭނޫންހޭ" ނުވަތަ "ސާފުނޫންހޭ" މި ފަދަ އިބާރާތްތައް ބޭނުންނުކުރާށެވެ. އެހެން ނޫނީ އަނެކާއަށް އިހުސާސް ކުރެވޭނީ އޭނާއަށް އެނގޭ އެއްޗެއް ނޭނގިގެން އުޅޭތީ ތިބާ އަލުން ކިޔައިދެނީ ކަމަށެވެ.
  2. ތިބާ އާއި އަނެކާގެ ބައިވެރިވުން ވެސް އޮތްކަން ހާމަވާ ގޮތަށް ބަސްމަގު ބައްޓަން ކުރާށެވެ. "އަހަރެމެން" ކަހަލަ އިބާރާތްތައް ބޭނުންކޮށްގެންނެވެ. މިސާލަކަށް، "މިއަދު ވަރަށް ހޫނުކަން އަހަރެމެންނަށް އިހުސާސް ކުރެވޭ ދޯއެވެ." މި ގޮތަށް ބަސްމަގު ބެހެއްޓުމުން އަނެކާ އެކަހެރިކޮށްލާކަމުގެ އިހުސާސެއް އޭނާއަކަށް ނުކުރެވޭނެއެވެ.
  3. ބަޔާނެއްގެ ސިފަ ޖެހިފައިވާ ބަސްމަގު ބޭނުންކުރުމުގެ ބަދަލުގައި، ޖަވާބަށް ވާސިލުވާނޭ ކަހަލަ ގޮތަކަށް އަނެކާއާ ސުވާލުކުރާށެވެ. އެއިރުން އަނެކާއަށް ތިބާ އިހުތިރާމް ކުރާކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެއެވެ.
  4. ވާހަކަ ދެކެވެނީ ކޮން މަސްރަހަކަށް ބިނާކޮށްކަން ހާމަކުރާށެވެ. ބުނާ އެއްޗެއް ބުނުމުގެ ސަބަބު ދައްކާށެވެ. މިހެން ހެދުމުން ތިބާގެ ނިޔަތް ސާފުވުމުގެ އިތުރުން އަނެކާއަށް ކަންތައްތައް ދޭހަވާ ދޭހަވުން ތިބާ ބަލައިގަންނަކަން އޭނާއަށް އިހުސާސްވާނެއެވެ.
  5. ސީދާކޮށް ބަސްބުނާށެވެ. ނަމަވެސް އެއީ އިހުތިރާމާއެކުއެވެ. މި ގޮތަށް މުއާމަލާތް ކުރުމުން އަނެކާއަށް ތިބާގެ މެސެޖް ފޯރާނީ އޭނާއަށް ތިބާ މަލާމާތް ނުކުރާކަން އޭނާއަށް އިހުސާސްވާ ގޮތަށެވެ.
  6. ތިބާއަށް ފަހުމްވާ ކަމެއް އަނެކާއަށް ފަހުމް ނުވެދާނެކަން ދަންނާށެވެ. އަނެކާއަށް ހަމްދަރުދީވާ ގޮތަށް ތިބާގެ ބަސްމަގު އަތުރާށެވެ. މި ގޮތަށް އަމަލުކުރުމުން އަނެކާއަށް ލިބިފައިވާ މައުލޫމާތާއި އޭނާގެ އިހުސާސްތަކަށް އިހުތިރާމް ކުރެވޭ ގޮތަށް ތިބާގެ ބަސްމަގު އަތުރާލެވޭނެއެވެ.
  7. ތިބާ ވާހަކަ ދެއްކުމުގެ ކުރިން އަނެކާ ދައްކާ ވާހަކަ ކަނުލާއަޑުއަހާށެވެ. އެއިރުން އަނެކާ ދައްކާ ވާހަކަ ތިބާއަށް ފަހުމްވެ، އޭނާގެ ހިތުގައި ނުޖެހޭނެ ގޮތަށް ތިބާގެ މަސްމަގު އަނބުރާލަން ފަސޭހަވާނެއެވެ. ތިބާ ދޭ ޖަވާބަކީ އޭނާއަށް ވެސް ބަލައިގަނެވޭ ވާހަކައަކަށް ވާނެއެވެ. ތިބާ ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަކަށް އަނެކާއަށް އިހުސާސެއް ނުވާނެއެވެ.

މި ހަތް ނުކުތާއަށް އަމަލުކުރުމުން ތިބާގެ މުއާމަލާތް ކުރުމުގެ ހުނަރުތައް އިތުރުވާނެއެވެ. ތިބާ ދޭ މެސެޖްތައް އަނެކާ ހިތުންރުހުމުން ބަލައިގަންނާނެއެވެ. އެއީ އަނެކާއަށް އެނގޭ ކަންތައްތަކެއް އަލުން އޭނާއާ މަޝްވަރާކުރާ ހާލެއްގައި ވިޔަސްމެއެވެ.

  • ތަރުޖަމާއެއް