Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބަބުރުވަސް ދުވާ އަސްލު ސަބަބަކީ މިއީ

ވަރަށް ރަނގަޅަށް ދޮވެފައި ހުންނަ އިރު ވެސް ކިހިލިފަތްދޮށުން ބަބުރު ވަސް ދުވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟

ދާހިއްލަނީ ހަށިގަނޑުގެ ހޫނުކަން ކޮންޓްރޯލް ކުރުމަށެވެ. މިއީ އާއްމު ކަމެކެވެ. ގުދުރަތީ ކަމެކެވެ. ހަމުގެ ބޭރު ފަށަލައަށް ހަށިގަނޑުން ފެން ފޮނުވައިލުމުން ހަށިގަނޑު ހޫނުކަން ކޮންޓްރޯލްވެއެވެ.

ހަށިގަނޑުގައި ހުންނަނީ ދާ ބޭރުކުރާ ދެ ވައްތަރުގެ ގުނަވަނެވެ:

  1. އެކްރައިން ގްލޭންޑް: މި ގުނަވަނުން ބޭރުކުރާ ދާ ސާފުވާނެއެވެ. އަދި ވަހެއް ނުދުވާނެއެވެ. ދާ ބޭރު ކުރާނީ ސީދާ ހަންގަނޑުގެ ބޭރަށެވެ.
  2. އެޕޮކްރައިން ގްލޭންޑް: މި ގުނަވަނުން ހަށިގަނޑުން ބޭރުކޮށްލާ ފެން އޮލަވެފައި، ހަށިގަނޑުގެ ބޭރުގައިވާ ޖަރާސީމު ނުވަތަ ބެކްޓީރިއާގައި ޖެހުމުން ނުބައި ވަސް ދުވާނެއެވެ. މި ގުނަވަނުން ހަށިގަނޑުން ދާ ބޭރުކުރާނީ އިސްތަށި ފަޅާފައި ހުންނަ ލޯވަޅުތަކުންނެވެ. ޒުވާނުންގެ ގައިން ނުބައި ވަސް ދުވަން ފަށަނީ ފުރާއުމުރުގައި މި ގުނަވަން މަސައްކަތް ކުރަން ފަށާތީއެވެ.

ކިހިލިފަތްދޮށުން ބަބުރު ވަސް ދުވުމުގައި ބައިވަރު ސަބަބުތައްވެއެވެ:

  1. ކަސްރަތު ކުރުމުން ދާހިއްލައެވެ. ހަށިގަނޑުގެ ހޫނުކަން މަޑުކުރުމަށްޓަކައެވެ. އެ ގޮތުން ހަށިގަނޑުން ނުކުންނަ ފެން ޖަރާސީމާ މަސްހުނިވެ، އަދި އާތްވަށް ވެގެންދެއެވެ.
  2. ޑައެޓް ނުވަތަ ކާބޯތަކެތިން ވެސް ހަށިގަނޑުގެ ވަސް ނުވަތަ "ބޮޑީ އޮޑާ"އަށް އަސަރުކުރެއެވެ. ތަފާތު ބާވަތްތަކުގެ ތެލާއި ލޮނުމެދާއި ފިޔާގެ މާއްދާތައް ހަށިގަނޑުގެ ހަމުގައި ހުންނަ "ޕޯ" ނުވަތަ ލޯވަޅުތަކުން ހަށިގަނޑުން ބޭރުވަނީ ވަރުގަދަ ވަހާއެކުއެވެ.
  3. މޫސުން ހޫނުވުމުން އަބަދުމެ ހުންނާނީ ދާހިއްލަހިއްލައެވެ. ހަށިގަނޑު ފިނިކުރުމަށްޓަކައެވެ.
  4. ހަށިގަނޑުގެ ވަސް ގަދަވެދާނެ އިތުރު ސަބަބުތައް ތެރޭގައި ފަލަވުމާއި ހޯމޯނަށް ބަދަލު އައުމާއި ބައެއް ކަހަލަ ބޭހާއި އަދި ސިއްހީ މައްސަލަތައް ވެސް ހިމެނެއެވެ.

ހަށިގަނޑުގެ ވަސް ރަނގަޅު ކުރެވިދާނެ ގޮތްތައް:

  1. ހަށިގަނޑުގެ އާއްމު ސާފުތާހިރުކަން ނުވަތަ "ހައިޖީން" ދެމެހެއްޓުމާއި "އެންޓައި-ބެކްޓީރިއަލް ސޯޕް" ނުވަތަ ޖަރާސީމު ނައްތާލާ ސައިބޯނި ބޭނުން ކުރާއިރު މަދުވެގެން 30 ސިކުންތު ވަންދެން ކިހިލިފަތްދޮށުގައި އުނގުޅާށެވެ. މިހެން ހެދުމުން ހަށިގަނޑުން ވަސް ދުވާ މެދުވެރިއެއްކަމަށްވާ ބައެއް ޖަރާސީމު މަރުވާނެއެވެ.
  2. ކިހިލިފަތްދޮށުގައި ހުންނަ އިސްތަށި ގަވައިދުން ބާލާށެވެ. އިސްތަށްޓަކީ ޖަރާސީމަށް ރައްކާތެރިކަން ދޭ އެއްޗެކެވެ. ކިހިލިފަތްދޮށުން އިސްތަށި ބޭލުމުން ޖަރާސީމާ ދާ މުއާމަލާތްކުރާ މިންވަރު ދަށްވާނެއެވެ. އަދި މިހެންވެ ދާ ހިކުން އަވަސްވާނެއެވެ.
  3. ސާފު ތާހިރު އަދި ގަޔަށް ދޫ ހެދުން ލާށެވެ. ދާވެފައިވާ ހެދުން އަލުން ނުލާށެވެ. ހާއްސަކޮށް، ކަސްރަތު ކުރަމުން ލި ހެދުމެވެ. "ފެބްރިކް" ނުވަތަ ފޮއްޗަށް ވެސް ސަމާލުކަން ދޭށެވެ. ކޮޓޮން ނުވަތަ ލިނަން ރަނގަޅުވާނެއެވެ. މިއީ ހަށިގަނޑު ތެތްކޮށް ނުބަހައްޓާނެ ކަހަލަ ފޮއްޗެވެ.
  4. އެންޓި-ޕާސްޕިރަންޓެއް ބޭނުންކުރާށެވެ. ދާ ބޭރުކުރާ ގްލޭންޑްތަކަށް ފުރިފައިވާކަމުގެ އިހުސާސް ކުރެވޭ ނަމަ އިތުރަށް ދަލެއް ބޭރު ނުކުރާނެއެވެ.
  • ތަރުޖަމާއެއް