Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ރާމާމަކުނާއި މަސް

ކޯރެއްގެ ކައިރީގައިވާ ގަހެއްގައި ރާމާމަކުނެއް އުޅުނެވެ.

އެއް ދުވަހަކު ކޯރުގައި މަހެއް ފަތަމުން އައި މަންޒަރު ރާމާމަކުނަށް ފެނުނެވެ. މަހުގެ ހަރަކާތްތައް ހުރި ގޮތުން ރާމާމަކުނަށް ހީވީ މަސް މަރަށް ތެޅެނީހެންނެވެ.

ރާމާމަކުނުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަދި މަސް ސަލާމަތްކުރަން ނިންމިއެވެ.

ރާމާމަކުނު އަވަސްއަވަހަށް ގަހުން ފޭބިއެވެ. ކޯރަށް އަތް ބާނާލާފައި މަސް ހިފިއެވެ. އަދި ފެންގަނޑުން މައްޗަށް މަސް ނެގިއެވެ.

ރާމާމަކުނު ދެން ގަހަށް އެރިއެވެ. އަދި ގަހުގެ ގޮތްޕެއްގެ މަތީގައި މަސް ބޭއްވިއެވެ.

މަސް ތެޅިގަތެވެ. އަދި ދާދި އަވަހަށް މަސް މަރުވިއެވެ.

ރާމާމަކުނަށް ލިބުނީ ހައިރާންކަމެވެ. ސަބަބަކީ އެ ސޮރު ހަމައެކަނި ބޭނުންވީ މަސް ސަލާމަތްކުރަން ކަމަށްވާތީއެވެ.

މި ވާހަކައިން ފާހަގަކުރެވެނީ ތަފާތު ހިޔާލުތަކާއި މާހައުލުތަކާއި ކުށްހީއަކީ މި ދުނިޔޭގެ އުސޫލުކަމެވެ.

ރާމާމަކުނަކީ އެއްގަމުގައި އުޅޭ މަހުލޫގެކެވެ. މިހެންވެ ރާމާމަކުނަށް މަސް ފެނުގައި ފަތާފައި އުޅޭއުޅުން ފެނުނީ މަސް މަރަށް ތެޅޭހެންނެވެ. ނުވަތަ އެ މަސް ކޮންމެވެސް ވޭނެއްގައި އުޅޭހެންނެވެ. ރާމާމަކުނަށް މި ގޮތަށް ހީވީ އެ ސޮރު އުޅޭ މާހައުލާއި އެ ސޮރަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައެވެ. އެ ސޮރަށް ހީވީ ފެނުއަޑީގައި މަހަށް ނޭވާ ނުލެވޭނެ ކަމަށެވެ. ރާމާމަކުނަށް ވެސް ފެނު އަޑީގައި ނޭވާ ނުލެވޭނެ ފަދައިންނެވެ. މިހެންވެ ރާމާމަކުނަށް ހީވީ މަސް ވަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށެވެ. ރަނގަޅު ނިޔަތެއްގައި އެ މަހަށް އެހީވުމަށްޓަކައި ރާމާމަކުނު ކުރި ކަމަކީ މަސް އޭގެ ގުދުރަތީ މާހައުލުން ނެގީއެވެ. އަދި ރާމާމަކުނުގެ މާހައުލަށް ލީއެވެ. ނަތީޖާއަކަށްވީ މަސް މަރުވުމެވެ.

މި ވާހަކައިން ލިބޭ އިބުރަތްތެރި ފިލާވަޅަކީ އެކަކަށް ރަނގަޅު ގޮތަކީ ނުވަތަ އެކަށީގެންވާ މާހައުލަކީ އަނެކާއަށް ރަނގަޅު އެއްޗަކަށް ވެދާނެ ކަމަށް ހީނުކުރުމަށް ފަރުވާތެރިވުމެވެ. އަހަރެމެން ދެކޭ ގޮތާއި އަހަރެމެން ދިރިއުޅޭ ގޮތް، ރަނގަޅަށް ވިސްނާނުލައި، އެހެން މީހުންގެ މައްޗަށް ކަންކަން ހިންގުމުގެ ނުރައްކަލެވެ. އަނެކާގެ ބޭނުންތަކާއި ޝަހުސިއްޔަތާއި މާހައުލު ދެނެނުގަނެ އަހަރެމެން ބޭނުންވާ ގޮތަށް އަނެކާ ބައްޓަން ނުކުރަން ލިބޭ އިންޒާރެކެވެ.

މި ވާހަކައިން އަހަރެމެންނަށް ހިތްވަރު ދެނީ އެހެން މީހުންގެ ތަފާތު ވިސްނުންތަކާއި ބޭނުންތައް ފުންކޮށް ފަހުމްވުމާއި އެ މީހުންނަށް ހަމްދަރުދީވުމުގެ މުހިންމުކަމެވެ. ކޮންމެ ފަރުދަކުވެސް ދުނިޔޭގައި އުޅޭނީ އެ މީހުންނަށް ހާއްސަ ގޮތެއްގައިކަން ދެނެގަތުމުގެ މުހިންމުކަމެވެ.

ނޯޓު: ތަރުޖަމާއެއް