Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އެއްގޯސްވުމުގެ ސަބަބުން އަޅައިނުގަންނަ 15 ތަކެތި

އެއްޗެއް އަބަދު ފެންނަން ހުރުމަކީ އަހަރެމެން އެއަށް އެއްގޯސްވާ ކަމެކެވެ. މިހެންވެ އެ ފަދަ ތަކެތީގައި ހުންނަ ބައެއް ސިފަތަކުގައި އަޅައިނުގަތްފާނެއެވެ. އެ ގޮތުން މި ބަލައިލަނީ އަހަރެމެންނަށް އަބަދު ފެންނަން ހުންނަ ނަމަވެސް އެ ތަކެއްޗާމެދު ވިސްނައިނުލާތީ އެ ތަކެތީގެ ގޮތް ނޭނގޭ 15 އެއްޗަކަށެވެ.

  1. ތިބާ ލައިގެން ހުރި ޖީންސްގައިވާ "ރިވެޓް" ނުވަތަ ކުދި ގޮށްތަކަކީ ތިބާގެ ހަރަކާތްތައް ހުންނަ ގޮތުން ޖީންސް ވީދައިގެން ގޮސްފާނެ ތަންތަން ވީދުނަ ނުދިނުމަށް އެ ދިމާލުގައި ހަރުކޮށްފައި ހުންނަ ގޮށެވެ.
  2. ހައިންޒް ބްރޭންޑް ކެޗަޕް ފުޅީގައި އެމްބޮސްކޮށްފައިވާ ނަންބަރު "57″ އަކީ މި ސޯސްގެ ބްރޭންޑް ލޭބަލްއާ ގުޅިފައިވާ އެއްޗެއް ނޫނެވެ. މިއީ ތިބާގެ ތައްޓަށް ސޯސް އޮހޭނެ އެންމެ ފަސޭހަ ގޮތް އަންގައިދިނުމަށް އެމްބްސްކޮށްފައިވާ އަދަދެކެވެ. އެހެންކަމުން މީގެ ފަހުން ސޯސް އަޅަން ފުޅީގެ ފުލުގައި ތެޅުމުގެ ބަދަލުގައި 57 މި އަދަދު އެމްބޮސްކޮށްފައިވާ ތަނުގައި ޖަހައިލައިށެވެ. މި މައުލޫމާތު އެގެނީ އެންމެ 11 ޕަސެންޓް މީހުންނަށް ކަމަށް ހައިންޒް ކުންފުނިން ބުންޏެވެ.

  1. ޖޯޑުގެ ދަށް ފުށުގައި ގްރޫވް ނުވަތަ އަޑިގުޑަންތަކެއް ކަނޑައިފައި ހުންނަނީ ޑިޝް ވޮޝާ ނުވަތަ ތަށި ދޮންނަ މެޝިނަށް ލައިގެން ތަށި ދޮންނައިރު އެކޮޅުކޮޅުން ޖަހައިފައި ހުންނައިރު ފެން ހަރުނުލާނެ ގޮތް ހެދުމަށެވެ. އެހެން ނޫނީ ތަށި ސެޓު ނެރޭއިރު ފުލުގައި ފެން ހަރުލައިފައި ހުންނަ ނަމަ އެ ފެން ފައިބައިގެން ދާނީ ތިބާގެ ގަޔަށެވެ. މީގެ އިތުރުން ހޫނު ބުއިންތައް އެޅިއަސް ޖޯޑުގެ ފުލުގައި ވައި ދަތުރުކުރެވޭ ގޮތަށް ހުންނާތީ ޖޯޑު ހޫނުވެގެން ގޮސް ރެނދެއް ނުލާނެއެވެ.

  1. ކައްކަން ބޭނުންކުރާ ތެލި ތަވާ ފަދަ ތަކެތީގެ އަތްގަނޑުގައި އިންނަ ލޯވަޅަކީ އެ ތަކެތި ފާރުގައި ނުވަތަ ކޮންމެވެސް އެހެން ތަނެއްގައިވެސް ހަމައެކަނި އަޅުވަން ބޭނުންކުރާ ލޯވަޅެއް ނޫނެވެ. މީގެ ބޭނުމަކީ އެ ކައްކާ އެއްޗެއްގެ ތެރެއަށް ސަމްސާ ނުވަތަ އުނދުޅި ފަދަ ތަކެތި ލައިގެން ހަލުވައި ކަންތައްތައްކޮށްފައި ހޫނުވެފައިވާ އެ ސަމްސާ ނުވަތަ އުނދުޅި ވަކި އެއްޗެއްގެ ތެރެއަށް ލުމުގައި ބަދަލު އެ ލޯވަޅަށް ވައްދައިލައި ކޮޅަށް ބޭންދުމަށެވެ. އެއީ އަނެއްކާވެސް އެ ސަމްސާ ނުވަތަ އުނދުޅި ބޭނުންކުރަން ޖެހެންދެނެވެ.

  1. އެހެން ހިޔާލެއްގައި އިނދެ ބޭނުންކުރަމުން އަންނަ ގަލަމުގެ ދޯރި އަނގައަށް ލައިގެން ހަފަނީ ހަމައެކަނި އުމުރުން ހަ އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެއް ނޫނެވެ. މި ދޯރީގެ ކުރީކޮޅުގައި ލޯވަޅެއް އިނދެއެވެ. މިއީ ގަލަމާއި ގަލަމުގެ ދެއްޔާ ގުޅުމެއް ހުރި ލޯވަޅެއް ނޫނެވެ. މީގެ ބޭނުމަކީ ނުވިސްނާ އިނދެ އަނގައަށް ލައިގެން އުޅެނިކޮށް ދޯރި ދިރުވައިލެވިއްޖެ ނަމަ އެ ލޯވަޅުން ވައި ހިނގާނެތީ ނޭވާ ހާސްވިޔަ ނުދިނުމަށެވެ.

  1. ބޮލުގައި އަޅާ ބީނީގެ މަތީގައި ޕޮމްޕޮމްއެއް ހަރުކޮށްފައި އިންނަނީ ހަމައެކަނި ރީއްޗަކަށް ނޫނެވެ. މިއީ ފްރާންސްގެ ސީމަނުން ދަތުރުކުރާ ބައެއް މަނަވަރުގެ ފަންގިފިލާ ތިރިކަމުން އެ މީހުންގެ ބޯ ޖެހޭތީ ބީނީއަށް ތައާރަފުކުރި ޕޮމްޕޮމްއެކެވެ. އޭގެ ފަހުން ސިފައިންގެ ބީނީތަކަށްވެސް ޕޮމްޕޮމް ލާން ފެށިއެވެ. އަދި މިހާރު އާއްމުންވެސް އަޅާ ބީނީގައި ޕޮމްޕޮމް ލައިފައިހުރެއެވެ.

  1. ފޫޓުފީތާގެ ކުރީކޮޅުގައި އިންނަ ދަގަނޑު ސްޓަބްގައި ލޯވަޅެއް ނުވަތަ ސްލޮޓެއް އިނދެއެވެ. މިއީ ތިބާ އެއްޗެއްގެ މިން އަޅަމުން އަންނައިރު އަތްގާތްކޮށްދޭނެ މީހަކު ނެތް ނަމަ އިސްކުރެއް ޖަހައިލައިފައި ސްލޮޓްގެ ތެރެއަށް އިސްކުރުގެ ބޯ ލައިފައި، ފޫޓުފީތާއިން މިން އަޅަން ބޭނުންވާ އެތީގެ ނުވަތަ ތަނުގެ މިން އެޅުމަށް މަގުފަހިކޮށްދޭން ލައިފައި އިންނަ ސްލޮޓެކެވެ.

  1. ކުޑަކުދިންނަށް ނުހުޅުވޭ ގޮތަށް "ޗައިލްޑްޕްރޫފް"ކޮށްފައިވާ ބޭސް ފުޅިތައް އެކޮޅުކޮޅުން ޖަހައިފި ނަމަ ކުޑަކުދިންނަށް ވަރަށް ފަސޭހައިން ހުޅުވޭނެއެވެ. އެހެންކަމުން މި ފަދަ ޕްލާސްޓިކް ފުޅިތައް އެކޮޅުކޮޅުން ބަހައްޓަން ވާނީ ކުޑަކުދިން ނޫޅޭ ތަންތަނުގައެވެ.

  1. މޮނީޓަރަށް ނުވަތަ ސްކްރީނަށް ނުބަލާ ލެޕްޓޮޕުން ނުވަތަ ކޮމްޕިއުޓަރުން ހަލުއިކަމާއެކު ޓައިޕްކޮށްލެވެނީ "އެފް" އަކުރާއި "ޖޭ" އަކުރުގައި އުސް ތަންކޮޅެއް ނުވަތަ ރިޖެއް ލައިފައި ހުންނާތީއެވެ. "އެފް"ގައި ޖެހޭނީ ވައަތުގެ ޝަހާދަތް އިނގިއްޔެވެ. "ޖޭ"ގައި ޖެހޭނީ ކަނާތުގެ ޝަހާދަތް އިނގިއްޔެވެ. މިހެންވެ ކީބޯޑަށް ނުބަލައި ސިކުނޑީގެ ހަނދާނުގައިވާ ގޮތަށް ކީބޯޑުގެ އަކުރުތަކުގައި އެ އަކުރުތައް ޓައިޕްކުރާ އިނގިލިތަކުން ނިކަން ފަސޭހައިން ހަލުއި ދުވެއްޔެއްގައި ޓައިޕްކޮށްލެވޭނެއެވެ.

  1. އެސްކެލޭޓަރުގެ ދުވާ ސިޑިތަކުގެ ދެ އަރިމަތީގައި ބުރުސް ނަރުތަކެއްހެން ހުންނަނީ ތިބާގެ ބޫޓު ސާފުކުރާ އާލާތެއް ނޫނެވެ. ހަގީގަތުގައި އެ ހުންނަނީ ތިބާގެ ރައްކަލަކަށެވެ. ބޭނުމަކީ އެސްކެލޭޓަރުގެ އަރިމަތީގައި ތިބާގެ ހެދުން ނޯޅުމެވެ. ނުވަތަ އެސްކެލޭޓަރުގެ އަރިމަތި ކައިރީގައި ދަބަސް ފޮށި ފަދަ ތަކެތި ބެހެއްޓުމާ ދުރުވެ، ތަފާތު ހާދިސާތަކުން ތިބާ ސަލާމަތްވުމެވެ. މިއީ ނަފުސާނީ ގޮތުން އަޅައިފައިވާ ފިޔަވަޅެކެވެ. މި ބުރުސް ނަރުތައް ފެންނަން ހުރުމުން މީހުން އެއާ ގާތެއް ނުވެއެވެ.

  1. އިސްކުރު އަނބުރާ ކަށިގަނޑެއް ރެންޗެއްހެން ވެސް ބޭނުންކުރެވިދާނެއެވެ. އެ ގޮތުން ޝިފްޓަރެއްގެ ތެރެއަށް ލައިގެންހެން އިސްކުރު އަނބުރާ ކަށިގަނޑު އަނބުރާލެވޭނެއެވެ.

  1. ގޭސް ގޯޖްގެ ތެޔޮ ޓޭންކް ދައްކައިދޭ ނިޝާން ކައިރީގައި ތީރު އިންނާނީ ކާރުގެ ތެޔޮ ޓޭންކް ހުންނަ ފަރާތަށް މިސްރާބު އިންނަ ގޮތަށެވެ. ކުއްޔަށް ނަގައިގަން ބޭނުންކުރާ ކާރެއް ނަމަ ތެޔޮ އަޅާ ތަނަކަށް ދިއުމުން މި ކަމުގެ ފަސޭހަ ފެންނާނެއެވެ.

  1. ތިބާގެ އެޕަލް ބްރޭންޑްގެ ލެޕްޓޮޕް ޗާޖަރުގައި ދެ ފަރާތަށް ވާ ގޮތަށް އިންނަ "ފިޔަގަނޑެއް" ކަހަލަ އެއްޗެއްގައި ކޭބަލް ނުވަތަ ވާގަނޑު އޮޅާލާށެވެ. ދެން ލެޕްޓޮޕް ދަބަހަށް ލިޔަސް ވާގަނޑު އެގޮތްމިގޮތަކަށް ނޯޅޭނެއެވެ.

  1. އައިފޯންގެ ކެމެރާ ކައިރީގައި އިންނަ ޑޮޓަކީ ފްލޭޝްއެއް ނޫނެވެ. އެއީ ފޯނުގެ ފަހަތުގައިވާ ކެމެރާ ބޭނުންކުރާއިރު އަޑު ރެކޯޑުކުރަން ބޭނުންކުރާ މައިކްރޮފޯނެކެވެ.

  1. ގިނަ ތަޅުގައި ތަޅުދަނޑީގެ ލޯވަޅު ކައިރީގައި ކުޑަ އެހެން ލޯވަޅެއް އިނދެއެވެ. މިއީ ގެއިން ބޭރުގައި އުޅޭއިރު ވިއްސާރަވެ ނުވަތަ އެ ނޫން ވެސް ގޮތަކުން ތަޅަށް ފެން އެޅިއްޖެ ނަމަ ތަޅުން ފެން ބޭރުކުރަން އިންނަ ލޯވަޅެކެވެ. މި ލޯވަޅު ނެތް ނަމަ ތަޅުގެ ތެރޭގައި ފެން ޖަމާވެ ތަޅުގެ އެތެރޭގައި ދަބަރު ޖަހާނެއެވެ. މީގެ އިތުރުން މި ލޯވަޅު ތެރެއަށް ތެޔޮ ފޮނުވައިގެން ތަޅުގެ ހިންޖުތައް ސާފުކޮށް ބެހެއްޓޭނެއެވެ.

.