Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގިނަ ލޯބިވެރިން ގެންގުޅުނު އަންހެނަކާ ކައިވެނިކުރަންވާނެތަ؟

ބައެއް ފަހަރު ހިތަށް އަރާފާނެއެވެ؛ ގިނަ ލޯބިވެރިން ގެންގުޅެފައިވާ އަންހެނުންގެ ތަޖުރިބާ ގިނަ ވާނެ ނޫން ހެއްޔެވެ؟ ނަމަވެސް އެ ފަދަ އަންހެނަކާ ކައިވެނިކުރަން ބަލާއިރު އޭނާއަކީ ތިބާއަށް އެންމެ އެކަށޭނަ އަންހެނަކަށް ނުވެދާނެއެވެ. މި ބަލައިލަނީ ލޯބީގެ ގޮތުން ގިނަ މީހުންނާ ގުޅިގެން އުޅުނު އަންހެނަކާއެކު ޒަވާޖީ ހަޔާތެއް ފަށައިފި ނަމަ ކުރިމަތިވެދާނެ ނުވަ މައްސަލައަކަށެވެ.

  1. އޭނާ އަބަދުވެސް ތިބާ އެހެން ފިރިހެނުންނާ އަޅާބަލާނެއެވެ. މި ވާނީ ނުނިމޭ ކުޅިވަރަކަށެވެ. ތިބާއަށް މި ގޭމުން މޮޅެއް ނުވެވޭނެއެވެ. ތިބާ ކިތައްމެ ރަނގަޅު ގޮތަކަށް ކަންތައް ކުރިއަސް އޭނާ އެ ކަމެއް އަޅާކިޔާނީ އޭނާ ރައްޓެހިވެގެން އުޅުނު ކޮންމެސް އެހެން ފިރިހެނަކު ކަންތައްކުރިގޮތާއެވެ. ނަތީޖާއަކަށްވާނީ ތިޔަ ދެމަފިރިންގެ ކައިވެނީގެ ބިންގަލުގައި ރެނދުލުމެވެ.
  2. އޭނާ ހުންނާނީ އޮޅުން އަރައިފައެވެ. އޭނާ ބޭނުންވަނީ ހަގީގަތުގައި ކޮން ކަންތައްތަކެއްތޯ އޭނާއަކަށް ނޭނގޭނެއެވެ. ފިރިހެނެއްގެ އަގާއި އެ ފިރިހެނަކާ ދެމެދު އޮންނަ ގުޅުން ގެންދަން އެންމެ ރަނގަޅު މަގެއް ނޭނގޭނެއެވެ. މުހިންމީ ކޮން ކަންތައްތަކެއް ކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. ދިރިއުޅުން ގެންދާނެ މިސްރާބު އޮޅޭނެއެވެ. ކުރިން ރައްޓެހިވެގެން އުޅުނު ހުރިހާ އެންމެންގެ ފަރާތުން ލިބިފައިވާނީ ޖަޒުބާތީ ގޮތުން ފުށުއަރާ ކަހަލަ އެކިއެކި މެސެޖުތަކެވެ. މިހެންވެ އެއް ފިރިހެނަކަށް ހުސްވާކަށް ނޭނގޭނެއެވެ.
  3. އޭނާގެ ޖިންސީ އެދުން ތިބާއަށް ފުރިހަމަކޮށެއް ނުދެވޭނެއެވެ. އޭނާ އަބަދުވެސް ބޭނުންވާނީ ތަފާތު ތަޖުރިބާތައް ކުރާށެވެ. އާ ކަންތައްތައްކޮށްލާށެވެ. ނަތީޖާއަކަށްވާނީ އެކަކާއެކު ދިގު މުއްދަތެއްގެ ގުޅުމެއް ކުރިއަށްގެންދަން ނޭނގުމެވެ. ތިބާގެ ފަރާތުން ލިބޭ ޖިސްމާނީ ހިތްހަމަޖެހުން އޭނާއަށް ނުފުދުމުން އޭނާ ހުށަހެޅޭނީ ބޭވަފާތެރިކަމާއި ވަރީގެ ތުންފަތްމައްޗަށެވެ.
  4. އިހުތިރާމް އަދާކުރުމުގެ ގޮތުން އޭނާ އަދިވެސް އޭނާގެ ކުރީގެ ލޯބިވެރިންނާ މުއާމަލާތްކުރުންމަތީ ދެމިހުރެދާނެއެވެ. ފަހަރުގައި ކުރީގެ ފޮނި ހަނދާންތައް ދަމަހައްޓަން ބޭނުންވަނީ ކަމަށް ވެސް ވެދާނެއެވެ. މި ކަހަލަ ވަކި ހައްލެއް ގެނެސް ނިންމައިލެވިފައި ނުހުންނަ ގުޅުންތަކުގެ ސަބަބުން ތިބާއާ ދެމެދު އޮންނަ ގުޅުމަކީ އިތުބާރެއް ނެތް އެއްޗެއް ކަމަށް ވެދާނެއެވެ. އަނެއްކޮޅުން އޭނާ ގެންގުޅުނު ހުރިހާ ލޯބިވެރިންގެ "ރޫހާ" ތިބާ ވާދަކުރަންވެއްޖެ ނަމަ ތިބާއަށް ވަރުބަލިކަން ލިބޭނެއެވެ. ތިބާގެ ސިއްހަތަށް އެ ކަމުން ނޭދެވޭ އަސަރުކުރާނެއެވެ.
  5. "ޕެއާ ބޮންޑް"ވުމަށް އޭނާއަށް ދަތިކަމަކަށް ވެދާނެއެވެ. މިއީ ހަމައެކަނި ދެ މީހެއްގެ ދެމެދުގައި އޮންނަ ފުން ގުޅުމެކެވެ. އެހެން ގިނަ މީހުންނާ ޖިންސީ ގުޅުން ހިންގައިފައިވާ ނަމަ، އޭނާއަށް ތިބާއަށް ހުސްވެ، ހާއްސަ ގުޅުމަކުން ތިބާއާ ނުގުޅެވޭނެއެވެ. ތިބާއާ ޕެއާ ބޮންޑެއްވުމަށް ނުކުޅެދޭނެއެވެ. އެހެނީ ކޮންމެ ގުޅުމެއް ނިންމައިލުމުން، ދެން ޖެހޭ މީހާއާއެކު އެހާ ވަރުގަދަ ގުޅުމެއް ނުއުފެއްދޭނެއެވެ. މި ގޮތަށް ދަމުން ދަމުން ތިބާއާ ޖެހޭއިރު އޮންނާނީ މި ފަދަ ގުޅުމެއް ނުބޭއްވޭނެ ވަރަށް އޭނާ ޖަޒުބާތީ ގޮތުން ނިކަމެތިވެފައެވެ.
  6. ކޮންމެ ގުޅުމަކުން ވެސް ޖަޒުބާތީ ކުނިބުންޏަށް އެ މީހަކު ހުށަހެޅޭނެއެވެ. ގިނަ މީހުންނާ ރައްޓެހިވެގެން އުޅެފައިވާ އަންހެނެއްގެ ޖަޒުބާތީ ކުނިބުނި ގިނަވާނެއެވެ. އޭގައި އެ ލިބުނު ވޭނާއި ހިތާމަ ހިމެނޭނެއެވެ. އޭނާގެ ސިކުނޑިއަށް އެ ކަންތައްތައް އުނދަގޫކުރާނެއެވެ. އަދި ތިބާއާ ގުޅޭ ހިސާބުން ތިބާގެ ބޮލަށް ވެސް އެ ކުނިބުނި ފޯރާނެއެވެ. އެ ހިސާބުން ތިބާއަށް އެ ޖެހުނީ ހަމައެކަނި އޭނާގެ ޖަޒުބާތީ "އެކްސެސް ބެގެޖް" ނަގާކަށް ނޫނެވެ. ނަމަވެސް އޭނާ ކުރިން ރައްޓެހިވި ހުރިހާ އެންމެންގެ ޖަޒުބާތީ އެކްސެސް ބެގެޖަށް ވެސް އަގުދައްކާށެވެ.
  7. އެއް ފުޅައް މަތިން ފުއްމައިލި ބަކަރި އަނެއް ފުޅައް މަތިން ވެސް ފުއްމައިލައިނެއެވެ. ކަށީގައި ހިފައިފައިވާ އާދައެއް ދޫކޮށްލަން އުނދަގޫވާނެއެވެ. އެއް ގުޅުމަކުން އަނެއް ގުޅުމަކަށް ފުއްމާލަންޏާ ތިބާއާ ކައިވެނިކުރުމަށްފަހު ވެސް އެ އާދައަކަށް ބަދަލެއް ނާންނާނެއެވެ. ކިރިޔާ ވެސް ކަމެއް އުނދަގޫ ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ ކަމަކުން ބޯދަމައިގަންނާނެއެވެ. ސަބަބަކީ އޭނާއަށް ދަސްވެފައި އޮންނާނީ އެއް މީހަކު އެއްލައިލައިފައި އެހެން މީހަކު ލިބިގަނެވޭނެ ކަމަށެވެ. އެ ފަދަ ވިސްނުމެއް އެއީ އެއް ރެއަކުން ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.
  8. އޭނާއަށް ހީވާނީ ތިބާ އެއްލައިލުމުން ތިބާގެ ބަދަލުގައި ތިބާއަށްވުރެ ރަނގަޅު މީހަކު ލިބޭނެ ކަމަށެވެ. އޭނާއަށް ހީވެފައި އޮންނާނީ އޭނާއާ ރައްޓެހިވާން ބޭނުންވާ ފިރިހެނުން ގުނާއަދަދު ނުކުރެވޭނެކަމަށެވެ. މި ގޮތަށް ހީވެފައި އޮތުމުން ތިބާއާ ޖެހޭ މައްސަލަތައް ހައްލުކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. ތިބާއާއެކު އޮންނަ ގުޅުމުގެ އަގެއް އޭނާއަކަށް ނޯންނާނެއެވެ. އޭނާ އަބަދުވެސް އިންތިޒާރުކޮށްގެން ހުންނާނީ ދެން ލިބޭ މީހަކަށެވެ. އަދި ހީވެފައި އޮންނާނީ ދެން ލިބޭ މީހާ ކުރިން ލިބުނު މީހާއަށްވުރެ ރަނގަޅުވާނެކަމަށެވެ. މިހެންވެ، މި ފަދަ އަންހެނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. އަދި ބަރޯސާއެއް ވެސް ނުކުރެވޭނެއެވެ.
  9. ގިނަ މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަ، ތިބާ އޭނާއަށް ކިތައްމެ އިހުލާސްތެރިކަމާއެކު ކަންތައްތައް ކޮށްދިނަސް އެ ކަން ބަލައިގަނެ، އެ ކަމަށް ޝުކުރުވެރިވާކަށް އޭނާއަކަށް ނޭނގޭނެއެވެ. ތިބާ ކޮށްދޭ އެއްވެސް ކަމެއް އޭނާއަކަށް ނުފުދޭނެއެވެ. އޭނާއަށް އަބަދުވެސް ހީވާނީ އޭނާއަށް ލިބެންޖެހޭ އެއްޗެހި ގިނަވާންޖެހޭނެހެންނެވެ. ޝުކުރުވެރިވުމަކީ ޒަވާޖީ ދިރިއުޅުމެއްގެ ބިންގަލެވެ. ނަމަވެސް މި ކަން އޭނާ ނުދަންނާނެއެވެ.

އެއްވެސް މީހެއްގެ މާޒީއަކީ ފުހެވިގެންދާ އެއްޗެއް ނޫނެވެ. މާޒީގެ ތަޖުރިބާތަކުން ތިބާގެ އަނބިމީހާގެ ޝަހުސިއްޔަތާއި ވިސްނުމާއި އަމަލުތަކަށް ނުފޫޒު ފޯރާނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިގުމުއްދަތުގެ ޒަވާޖީ ދިރިއުޅުމެއް އުޅެނީ މަދު ބަޔަކާއެކު ޖިންސީ ގުޅުން ބޭއްވި އަންހެނުންނެވެ. އެއާ ހިލާފަށް، ގިނަ ލޯބިވެރިން ގެންގުޅުނު އަންހެނުންގެ މެދުގައި ވަރި ގިނައެވެ. މިހެންވެ، ތިބާ ކައިވެނި ކުރާއިރު ވިސްނަން ޖެހޭނެ ކަމަކީ ޒަވާޖީ ދިރިއުޅުމަކީ ކުޅިވަރު ކުޅެން ހެޔޮނުވާނެ ކަމެއްކަމެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ދެން ނޭނގެ މި ކަހަލަ އެއްޗެހި ދެން ލިޔެފަ ހުންނާނީ ކޮންމެވެސް ވަރެއްގެ ރިސާރޗެއްވެސް ހަދާފަ ކަމަށް ބެލެވެނީ އިނގޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *