ބޮޑުވަމުން އަންނަ ދަރިންނަށް ދުނިޔެއަކީ މުޅިން އާ ތަނެކެވެ. ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ކުރިމަތިވާނެއެވެ. އަންހެނަކަށް ވީތީ ވެސް ދިމާވާނެ ކަންތައްތައްވެއެވެ. އެ ގޮތުން މި ބަލައިލަނީ އަންހެން ދަރިންނަށް ދެވިދާނެ މުހިންމު 40 ފިލާވަޅަށެވެ.
- ފައިސާއަކީ ޖިންސެއް ހުންނަ އެއްޗެއް ނޫނެވެ. ފިރިހެނުން ވެސް މަސައްކަތްކޮށްގެން ފައިސާ ހޯދާ ގޮތަށް އަންހެނުންނަށް ވެސް މަސައްކަތްކޮށްގެން ފައިސާ ހޯދޭނެއެވެ. އަދި ފިރިހެނުންނަށްވުރެ ގިނައިންވެސް ފައިސާ ހޯދިދާނެއެވެ.
- ފައިސާ ހޯދަން ދަނޑަށް ނުކުންނާށެވެ. އެ ކަމުގައި ޝަރަފު ލިބިގެންވެއެވެ. ފައިސާ ހޯދާނީ އެނދަކުން ނޫނެވެ. އެ ކަމުން ހަށިގަނޑަށް ވަންނާނީ ޖިންސީ ބަލިބައްޔެވެ.
- ފައިސާ ހޯދާނީ ސިކުނޑި ބޭނުންކޮށްގެންނެވެ. ލަދުވެތި ގުނަވަން ބޭނުންކޮށްގެނެއް ނޫނެވެ.
- މުއްސަންޖެއްގެ އަނތްބަކަށްވުމަށް ދުއާ ނުކުރާށެވެ. މުއްސަނދި އަންހެނަކަށްވާން މަސައްކަތްކުރާށެވެ.
- ގަވަރުނަރަކަށްވުމަށް އެދި ދުއާނުކުރާށެވެ. ދުއާކުރާނީ ރައީސްއަކަށްވުމަށެވެ.
- ފައިސާ ހޯދޭނެ އާލާތް އޮތީ އަޅައިގެން ހުރި ތޮފި ދަށުގައެވެ. ލައިގެން ހުރި ސްކާޓް ދަށަކު ނޫނެވެ.
- ފިރިހެނުން ހޯދަން މަސައްކަތްނުކުރާށެވެ. އެ މީހުން ތިބާ ހޯދަން މަސައްކަތްކުރުވާށެވެ.
- މާތްﷲ އަށްވުރެ ބޮޑަށް ތިބާ ދެކެ ލޯބިވާ ފަރާތެއް ނުވާނެއެވެ. އެހެންކަމުން ފިރިހެނަކާ ދެމެދު އޮންނަ ގުޅުމަށްޓަކައި މާތްﷲއާ ދެމެދުވާ ތިބާގެ ގުޅުން ގުރުބާން ނުކުރާށެވެ.
- އިންޓަނެޓުގައިކުރާ ކަންތައްތަކަކީ މައާފު ލިބޭނެ ނުވަތަ ހަނދާން ނެތޭނެ ކަންތައްތަކެއް ނޫނެވެ. މިހެންވެ، ކުރެވޭ މޮޔަކަމަކުން މާދަމާ ވަޒީފާ ގެއްލިދާނެއެވެ.
- ވަގުތަކީ އެއްވެސް ފިރިހެނަކަށް މަޑުކުރާ އެއްޗެއް ނޫނެވެ. މޮޔަ ފިރިހެނަކާއެކު ވަގުތު ބޭކާރުކޮށްފި ނަމަ ކޮންމެވެސް ދުވަހަކުން ހޭލެވޭނީ އަނދިރިކަމެއްގެ ތެރެއަށެވެ.
- ދިރިއުޅުމުގައި އަނބުރާ ލިބޭނީ ތިބާ ދިރިއުޅުމަށް ދިން އެއްޗެކެވެ. ނުބައި އަމަލުތައް ކުރި ނަމަ ނުބައި ނަތީޖާ ލިބޭނެއެވެ.
- ރީތިކަމަކީ ބަރަހަނާ ދެއްކުމެއް ނޫނެވެ. ނަލަކަމަކީ ރަނިކަމަނާއެއް ފަދައިން ހެދުން އެޅުމެވެ.
- ތިބާއަކީ ޝެހެޒާދާއެކެވެ. ނާސިއެއް ނޫނެވެ. އެހެންކަމުން ޕްރިންސަސްއެއްހެން ހެދުން އަޅާށެވެ.
- އެހެން މީހެއްގެ ފިރިއަކާ ޖިންސީ ގުޅުން ހިންގުމަކީ ބޮޑުވެގެންވާ ނުބައި ކަމެކެވެ.
- އެހެން މީހެއްގެ ފިރިއަކު ތިބާ ދެކެ ލޯތްބެއް ނުވާނެއެވެ. އެ މީހުންނަށް ތިބާއަކީ ހަމައެކަނި އެ މީހުންނަށް ލިބެން އޮތް ޖިންސީ އެދުން ފުއްދައިދެވިދާނެ އާލާތެކެވެ.
- ތިބާގެ ބެސްޓް ފްރެންޑް ނުވަތަ އެންމެ ގާތް ރަހްމަތްތެރިޔަކީ މާތްﷲއެވެ. އެ ކަލާނގެ ތިބާއަށް ދެރައެއް ނުދެއްވާނެއެވެ.
- ބުއްދިއެއް ނެތް ރީތި އަންހެނެއްގެ މިސާލަކީ ޖަރީކޮށްފައިވާ އޫރެއްގެ މިސާލެވެ.
- އަމިއްލަ ނަފުސަށް އިތުބާރުކުރާށެވެ. ތިބާގެ ގާބިލިއްޔަތު ހުރި ކަމަށް ގަބޫލު ކުރާ ކަންތައްތައް ތިބާއަށް ކުރެވޭނެއެވެ.
- މުއްސަނދިކަމަކީ ޖިންސީ އެދުމުން ހަށިގަނޑަށް އަރާ ކަހަލަ ބައްޔެއް ނޫނެވެ. މަހުޖަނުންނާ ޖިންސީ ގުޅުން ހިންގުމުން ތިބާ ވާނީ ނާސިއަކަށެވެ.
- ސިފަ ރީތިވުމަކުން އެ ފިރިހެނަކީ ރަނގަޅު މީހެއް ނޫނެވެ. ހަށިގަނޑުގައި ހަ "ޕެކް" ހުއްޓަސް އެއީ ތިބާއަށް ދުއްތުރާކުރާ "ޕެކުތަކެއް"ކަމަށް ވެދާނެއެވެ.
- "ރަން" ނުވަތަ ޖިންސީ އެދުން ފުއްދަން "ދުވާ" އަންހެން ކުއްޖަކަށް ވެއްޖެ ނަމަ ތިބާ ދުވާނީ މައްސަލަތަކާ ދިމާއަށެވެ.
- މާތްﷲއާ ދެމެދު ގާތް ގުޅުމެއް ބޭއްވުމަކީ މަޝްވަރާއަށް ހުޅުވާލެވޭނެ ކަމެއް ނޫނެވެ. މުޅި ހަޔާތުގެ އުސޫލަކަށް ވާން ޖެހޭނީ ދީންވެރިވުމެވެ.
- ވަގުތަކީ ހަލުއިކޮށް ހިނގާ އެއްޗެކެވެ. އެއްވެސް މީހަކަށް މަޑެއް ނުކުރާނެއެވެ. ބޭކާރުކޮށްލެވިދާނެ ވަގުތުތަކެއް އެބައޮތް ކަމަށް ހީނުކުރާށެވެ. ކަންތައްތައް ކުރުމަށްޓަކައި، ލަސްވުމުގެ ކުރިން، އަވަހަށް ތެދުވާށެވެ.
- މައްސަލަ ބޮޑު ޒިންމާއަކާ ކައިވެނިކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
- އާމްދަނީ ލިބޭ މަސްދަރުތަކެއް އޮންނަންވާނެއެވެ. ތިބާއަކީ އާމްދަނީ ލިބޭ އަމިއްލަ ގޮތްތަކެއް ނެތް މީހެއް ނަމަ ތިބާއާމެދު ފިރިމީހާ، ދަރިން އަދި އާއިލާގެ އެހެނިހެން މީހުން ވެސް ލަދުގަންނާނެއެވެ.
- ވިދާބަބުޅާ ކޮންމެ އެއްޗަކީ ރަނެއް ނޫނެވެ. ބައެއް ފަހަރަށް އެއީ އަލިފާންގުޅައެކެވެ.
- ތިބާގެ ހަށިގަނޑަކީ ސޭލް އަޅުވައިފައި ވިއްކަން ބަހައްޓައިފައި ހުރި އެއްޗަކަށް ނުހަދާށެވެ. ކައިވެނިކޮށް، ތިބާގެ ހަށިގަނޑު ލިބެން ޖެހޭ މީހާއަށް ތިބާގެ ހަށިގަނޑު ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭށެވެ.
- ފޭލިވުމަކީ ހުރިހާ ކަމަކަށް އަންނަ ނިމުމެއް ނޫނެވެ. އެއީ ދަތުރުކުރާ ސީދާ މަގު ވަގުތީ ގޮތުން ކުޑަކޮށް ކަތިވުމެކެވެ.
- ކެރިގެން ކުރިމަތިލައިފި ނަމަ ނޭރޭނެ އުސްމިނެއް ނޯންނާނެއެވެ.
- ހިތާވިޔަސް ކައިވެނިކުރާކަށް މަޖުބޫރެއް ނޫނެވެ. ރަނގަޅު ނޫން ސިފަތަކެއް ހުރި މީހެއް ކަމަށް ޝައްކު ކުރެވޭ ނަމަ އެ މީހާއާ ވަކިވާށެވެ.
- ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅެފައި ރުޅިވުމަކީ ވަރިވުމެއް ނޫނެވެ. ކައިވެނި ކުރުމުގެ ކުރިން ވެސް އެ ގުޅުން ކަނޑައިލެވިދާނެއެވެ.
- ތިބާއަކީ ރީތި ކުއްޖެކެވެ. އެހެން މީހަކު އެހެން ބުންޏަސް، ބައްޕަ ވެސް އެހެން ބުނި ކަމަށް ބުނާށެވެ.
- ނާސިއަކަށް ވެއްޖެ ނަމަ ތިބާގެ ކުރިމަގު ސުންނާފަތިވާނެއެވެ.
- ޒަވާޖީ ހަޔާތަކީ ކައިވެނި ހަފުލާއަށްވުރެ މުހިންމު އެއްޗެކެވެ. ކައިވެނި ހަފުލާއަށް ތައްޔާރުވުމަށްވުރެ ގިނަ ވަގުތު ހޭދަކުރަންވާނީ ޒަވާޖީ ދިރިއުޅުމަށް ތައްޔާރުވާށެވެ.
- ޒަވާޖީ ދިރިއުޅުމަށް ހަމައެކަނި ލޯތްބެއް ނުފުދެއެވެ. ދެމަފިރިންގެ ގުޅުމުގައި އަޅާލުމާއި ވަފާތެރިކަމާއި އުފާވެރިކަމާއި ރަނގަޅަށް މުއާމަލާތްކުރުން ފަދަ ކަންތައްތައް ހުންނަންވާނެއެވެ.
- ރީތި ސިފައެއް ހުރުމަށްވުރެ ރަނގަޅު ވިސްނުމެއް ހުރުން މާ ބުއްދިވެރިއެވެ.
- ތޯހިރު ދިރިއުޅުމެއް އުޅުމުން މާތްﷲ ހެޔޮ ރަހްމަތްލައްވައެވެ.
- ކިޔަމަންވާންވާނީ ފިރިމީހާއަށެވެ. އެހެން ފިރިހެނުންނަކަށް ނޫނެވެ.
- ކައިވެނި ކުރާނެ މީހާ ކަނޑައަޅާ ގޮތަކުން ފައިދާ ވެސް ނުވަތަ ގެއްލުން ވެސް ލިބިދާނެއެވެ.
- ތިބާ ދެކެ ލޯބިވާ ކަމަށް ބޭރު ފުށުން ބުނާއިރު އެތެރެ ފުށުން އެ ބުނަނީ އޭނާ ބޭނުންވަނީ ހަމައެކަނި ޖިންސީ އެދުން ފުއްދުންކަމަށްވެދާނެއެވެ.
މި 40 ކަމަކީ ވިސްނުންތެރިކަމާއެކު އަމަލުކުރެވިދާނެ ކަންތައްތަކެވެ. މި ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމުން ތިބާއަށް ނުބައި މަގަކުން ނުހިނގޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
