ޒަވާޖީ ހަޔާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް މުއާމަލާތްކުރުމާއި ނަފުސުގެ ތަރައްގީ އާއި އެކަކު އަނެކަކަށް އިހުތިރާމްކުރުން މުހިންމެވެ. މި ބަލައިލަނީ ދުޅަހެޔޮ އަދި ހިތްހަމަޖެހޭ ގުޅުމެއް ދަމަހައްޓަން ކުރެވިދާނެ 18 ކަމަކަށެވެ.
- ރުޅި އަޔަސް އެކަކު އަނެކަކާ ވާހަކަ ނުދައްކާ ގިނައިރު ނުހުންނާށެވެ. ހިމޭނުން ހުރުމަކީ މުއާމަލާތް ކުރުމުގެ ދޮރު ބަންދުކޮށްލުމެވެ. ނަތީޖާއަކަށްވާނީ ޖަޒުބާތީ ގުޅުމުގައި ދުރުކަމެއް އުފެދުމެވެ. މީގެ ބަދަލުގައި ޖެހުނު މައްސަލައާމެދު މަޝްވަރާކޮށް، ވީ އެންމެ އަވަހަކަށް މައާފުކުރާށެވެ.
- ނަފުސު ތަރައްގީކުރުމަށް އިޖުތިމާއީ ހަޔާތްވެސް ބާއްޖަވެރިކުރާށެވެ. ފިރިމީހާއަށް ނުކަތާ ވަރަށް ޖަޒުބާތީ މައްސަލަތައް ނުއޮއްސާލާށެވެ. ތިބާގެ ވަށައިގެން ހެޔޮވިސްނޭ އަދި ތިބާގެ ކަންތައްތަކަށް ތަރުހީބު ދޭ ރަހްމަތްތެރިން ގެންގުޅޭށެވެ.
- ޒާތީ ކަންތައްތައް ތިބާއާ ހިއްސާކުރުމުން ފިރިމީހާ ދެކެ ރުޅި ނާންނާށެވެ. އެހެން ނޫނީ އޭނާގެ ކަންތައްތައް އޭނާ ސިއްރުކުރަން ފަށާފާނެއެވެ. ނަތީޖާއަކަށްވާނީ ޒަވާޖީ ދިރިއުޅުމުގެ އިތުރު މައްސަލަތައް އުފެދުމެވެ.
- އަދަބު ދިނުމުގެ ގޮތުން ޖިންސީ އެދުމާ ދުރުނުވާށެވެ. ޖިންސީ އެދުން ނުފުއްދައިދިނުމުން ޒަވާޖީ ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވާނެއެވެ.
- ދުރު މީހުންގެ ނުފޫޒުން ސަލާމަތްވެ، ފިރިމީހާ ދޭ ނަސޭހަތުގައި ހިފާށެވެ. އެހެން މީހުންގެ އިރުޝާދަށް އިސްކަން ދެންޏާ ފިރިމީހާއަށް އޮޅުން އަރާ، ދެމަފިރިންގެ ގުޅުމުގައި މައްސަލަ ޖެހެން ފަށާނެއެވެ.
- ދެމަފިރިންގެ ޒާތީ މައްސަލަތައް ސިއްރުކޮށްފައި ބާއްވާށެވެ. އެހެން މީހުންނާ މި ފަދަ ކަންތައްތައް ހިއްސާކުރުމުން ނުވަތަ ފިރިމީހާއާމެދު ބަދުބަސް ބުނުމުން އޭނާ ތިބާއަށްކުރާ އިތުބާރާއި އިހުތިރާމް ގެއްލޭނެއެވެ.
- ބޭރު ފުށުން ފެންނަ އަސަރުތަކަށް ބެލުމުގެ ބަދަލުގައި މައްސަލައިގެ އަސްލު ހޯދައިގަންނާށެވެ. މިސާލަކަށް ކަމަކާ ސްޓްރެސްވުން ނުވަތަ އެއްޗަކަށް ދެވިހިފުމެވެ. ކަމުގެ ސަބަބު ނޭނގި މައްސަލަ ހައްލެއް ނުކުރެވޭނެއެވެ.
- ނަލަ ހެދި، ރީތިކޮށް ހެދުން އަޅާނީ ހަމައެކަނި ބޭރަށް ދާންވީމައެއް ނޫނެވެ. ފިރިމީހާއަށް ރީތިވާނެ ގޮތަށް ހުންނާށެވެ. ތިބާގެ ޖިސްމާނީ ރީތިކަން އޭނާއަށް ފެންނަ ގޮތް ދަމަހައްޓާށެވެ.
- ތިބާގެ ހުވަފެންތައް ހަގީގަތަށް ހެދުމުގައާއި އަމިއްލަ ނަފުސު ތަރައްގީ ކުރުމުގައި ކުރިއަށްދާށެވެ. ތިބާގެ ޒާތީ އަމާޒުފަތްގަނޑުތަކަށް ވާސިލުވުމަށް މަސައްކަތް ނުކުރާ ނަމަ ދުރު ކުރިމަގެއްގައި ޒަވާޖީ ހަޔާތްވެސް އެހާ ހިތްހަމަޖެހޭ އެއްޗަކަށް ނުވާނެއެވެ.
- ތިބާގެ ފިރިމީހާ އެހެން ފިރިހެނުންނާ އަޅާނުކިޔާށެވެ. މި ގޮތަށް ކަންތައްތައް ކޮށްފި ނަމަ އޭނާ އޭނާއާމެދު ދެކޭ ގޮތް ނުރަނގަޅު ގޮތަކަށް ބަދަލުވެ، އޭނާ އޭނާގެ ނަފުސަށްކުރާ އިތުބާރު ގެއްލޭނެއެވެ.
- ދަރިން ލިބުނަސް ފިރިމީހާއާމެދު އަޅާލުން ކުޑަނުކޮށްލާށެވެ. ތިބާގެ އަމަލުތައް ބެލެންސްކުރަން ޖެހޭނެއެވެ. ދެ ރޯލަކީ ވެސް އެއްވަރަކަށް މުހިންމު ދެ ރޯލެވެ. އެ ކަމުގައި ދެމަފިރިން ޓީމެއްހެން މަސައްކަތްކުރުން މުހިންމެވެ.
- އެހެން މީހުންގެ ޒަވާޖީ ހަޔާތާ ތިޔަ ދެމަފިރިންގެ ދިރިއުޅުން އަޅާނުކިޔާށެވެ. އެހެން ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އަޅާބަލަން ފަށައިފި ނަމަ ތިޔަ ދެމަފިރިންނަށް ލިބޭނީ ހިތްހަމަނުޖެހުމެވެ. އަމިއްލަ އާއިލާއަށްކުރާ އިތުބާރު ގެއްލޭނެއެވެ. ތިޔަ ދެމަފިރިންގެ ކައިވެނީގެ ދަތުރަކީ ތިޔަ ދެމަފިރިންނަށް ހާއްސަ ލައިފްސްޓައިލެއްގައި ކުރިއަށްގެންދާ ދިރިއުޅުމެއްކަން ހަނދާނުގައި ބަހައްޓާށެވެ.
- ބަދަލު ގެންނާނީ ލޯބީގެ ޒަރީއާއިންނެވެ. ގަދަބާރަކުން ނޫނެވެ. ކަންތައްތަކުގައި ފިރިމީހާއަށް ހިތްވަރުދޭނީ ފަނާކުރަނިވި ފާޑުކިޔައިގެނެއް ނޫނެވެ.
- ފިރިމީހާގެ ރަނގަޅު ކަންތައްތަކަށް ނުބަލައި ހަމައެކަނި ނުރަނގަޅު ސިފަތަކަށް ބަލާ ނަމަ އޭނާގެ ހިތްވަރު ދެރަވާނެއެވެ. އަދި މި ކަމުގެ ނޭދެވޭ އަސަރު ދެމަފިރިންގެ ގުޅުމަށް ހިޔަނި އަޅާނެއެވެ.
- އާއިލީ ޒިންމާތަކާ އެއްވަރަށް ދީނީ ކަންތައްތަކަށްވެސް ސަމާލުކަންދޭށެވެ.
- ފިރިމީހާއަށް ކިޔަމަންވުމުގެ މާނައަކީ ކަމެއް ނުކޮށް މަޑުމަޑުން ހުރުމެއް ނޫނެވެ. ކަންތައްތަކާ އިސްނަގާށެވެ. ހިޔާލު ހުށަހަޅާށެވެ. ލޯބި ހިއްސާކުރާށެވެ. ކަންތައްތައް ރާވާ ހަދާށެވެ.
- ހުޅުވައިލެވިފައިވާ ގޮތަކަށް މުއާމަލާތް ކުރާށެވެ. ޖަޒުބާތުތަކުގައި މަތިޖަހައިގެން އުޅުމުން ނަފުރަތު އުފެދޭނެއެވެ. ހޫނު މައްސަލަތައް އުފެދޭނެއެވެ. ކަންބޮޑުވާ ކަންތައް ހައްލުކުރުމުގައި ލޯތްބާއި އިހުތިރާމްގެ ބޭނުން ހިފާށެވެ.
- ވަރިވާނެކަމަށް ބުނެ ބިރުނުދައްކާށެވެ. ވަރިވާނެކަމަށް ބިރުދައްކާ ނަމަ އެ ދެއްކެނީ ދެމަފިރިންގެ ގުޅުމުގެ އަގެއް ނެތް ކަމެވެ. މައްސަލަތައް ހައްލުކުރަންވާނީ ބިނާކުރަނިވި ގޮތަކަށް އަމަލުތައް ބަހައްޓައިގެންނެވެ.
މި 18 ކަންތަކުން ދޭހަވަނީ ދެމަފިރިންގެ ގުޅުން ދެމެހެއްޓޭނީ ލޯތްބާއި އިހުތިރާމާއި އެކަކު އަނެކަކަށް ތަރުހީބު ދީގެން ކަމެވެ. ފާހަގަ ކުރެވުނު މި ކަންތައްތަކުން އެނގޭ ގޮތުގައި މި ފަދަ މައްސަލަތަކާ ދުރުވުމުން ފިރިމީހާއާއެކު އޮންނަ ގުޅުން ވަރުގަދަވާނެއެވެ. އަދި ފުދުންތެރި ޒަވާޖީ ހަޔާތެއް ލިބޭނެއެވެ. ސަމާލުކަން ދޭން ޖެހޭ މައިގަނޑު މުހިންމު ކަންތައްތަކަކީ ރަނގަޅު ގޮތުގައި މުއާމަލާތް ކުރުމާއި އެކަކު އަނެކަކުގެ ކަންތައްތައް ފަހުމްވުމާއި ކައިވެނީގެ ތެރޭގައި ވެސް ދެ ފަރުދުންގެ ގޮތުގައި ދެ މީހުންގެ ވެސް ނަފުސު ތަރައްގީވަމުން އައުމުގެ މުހިންމު ކަމެވެ.
ނޯޓު: ތަރުޖަމާއެއް
