ކައިވެނިކުރަނީ ހަމަޖެހޭ ދިރިއުޅުމެއް ދެމަފިރިން އެކުގައި ހޭދަކުރާށެވެ. ނަމަވެސް ވަކި ހިސާބަކުން ބައެއް ފަހަރު ބައިވެރިޔާ ކެހިދެއެވެ. މި ބަލައިލަނީ މި ކަން ދިމާވެދާނެ ހަތް ސަބަބަކަށެވެ.
- މާބޮޑަށް އަވަސްއަރުވައިލައިގެން ކުރާ ކައިވެނިތައްވެސް ރޫޅުން ގާތެވެ. ރަނގަޅު ނޫން ސަބަބުތަކަށްޓަކައި ކުރާ ކައިވެނިތައްވެސް ވެގެންދާނީ ވަރަށް ނިކަމެތި ގުޅުމަކަށެވެ. މިސާލަކަށް، މުޖުތަމައު ނުވަތަ އާއިލީ ބާރުއެޅުމުގެ ސަބަބުން ބޭނުންނުވެ ހުރެ ކުރާ ކައިވެންޏެވެ. މި ފަދަ ކައިވެނިން ދެމަފިރިންގެ ދެމެދުގައި ޖަޒުބާތީ ގޮތުން ގާތް ގުޅުމެއް ނުއުފެދޭނެއެވެ. ދެމަފިރިން އެކުގައި ގުޅުން ރަނގަޅުކުރަން މަސައްކަތްނުކުރެވުމުގެ ނަތީޖާއަކަށް ވާނީ ބައިވެރިޔާ ބޭވަފާތެރިވުމެވެ.
- ޖަޒުބާތީ ގޮތުން ދެމަފިރިން އެކަކު އަނެކަކަށް އިހުމާލުވެއްޖެ ނަމަ ބައިވެރިޔާ އެ ޖަޒުބާތީ ގުޅުން ހޯދާނީ އެހެން މީހުންގެ ފަރާތުންނެވެ. އެހެނީ ދެމަފިރިންގެ ގުޅުމަކީ ޖަޒުބާތީ ގާތްކަމާއި އެކުވެރިކަންމަތީގައި ބިންގާއަޅަންޖެހޭ ގުޅުމެކެވެ. ރަނގަޅަށް މުއާމަލާތްކުރުމާއި އެކަކު އަނެކަކަށް ފުރިހަމައަށް ސަމާލުކަންދިނުމުން ދެމަފިރިންގެ ދެމެދުގައި ޖަޒުބާތީ ހުސްކަމެއް ނުއުފެދޭނެއެވެ.
- ދެމަފިރިންގެ ގުޅުމާމެދު މާބޮޑު ސަމާލުކަމެއް ނުދީ އެއީ އާދައިގެ އެހެން ގުޅުންތައް ފަދަ ގުޅުމެއްގެ ގޮތުގައި ދެމަފިރިން ދެކެން ފަށައިފި ނަމަ ބައިވެރިޔާ ބޭވަފާތެރިވުން އޮންނާނީ ގާތުގައެވެ. މީގެ ތެރޭގައި ޖިންސީ އެދުމާމެދު އަޅާލުން ކުޑަވުންވެސް ހިމެނެއެވެ. މާޒީގައި ހައްލުނުކޮށް ހުރި މައްސަލަތައްވެސް ދެމަފިރިންގެ ގުޅުމަށް ހިޔަނިއަޅާނެއެވެ. މި ފަދަ މައްސަލަތައް ދެނެގަނެ، މިއީ ކަށީގައި ހިފައިފައިވާ ނުބައި އާދަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަތަކެއް ނަމަ، މި ފަދަ އާދަތައް ނައްތައިލުން މުހިންމެވެ.
- ނުރަނގަޅު ރަހްމަތްތެރިންގެ ފަރާތުން ނޭދެވޭ ނުފޫޒުތައް ދެމަފިރިންގެ ގުޅުމަށް ފޯރަން ފަށާފާނެއެވެ. އެ ގޮތުން ބޭވަފާތެރިވުމަށް މި ފަދަ އެކުވެރިން ބާރުވެސް އަޅާފާނެއެވެ. މި ފަދަ ރަހްމަތެރިންނަކީ ބޭވަފާތެރި ގުޅުންތައް ބާއްވާ މީހުންނަށްވެސް ވެދާނެއެވެ. ތިޔަ ދެމަފިރިންގެ ރަހްމަތްތެރިންގެ ގޮތުގައި ބައިތިއްބަންވާނީ ދެމަފިރިކަމުގެ ގުޅުމުގެ ޒިންމާ ނަގަން ހިތްވަރު ދޭ، އަދި ތިޔަ ދެމަފިރިންގެ ވަފާތެރި ގުޅުމަށް ތަރުހީބު ދޭ ބައެކެވެ.
- ޖިންސީ އެދުން ނުފުއްދާ ނަމަ ދެމަފިރިންގެ ޒަވާޖީ ހަޔާތް ބޭވަފާތެރިކަމަށް ހުށަހެޅިދާނެއެވެ. މިހެން ދިމާވެދާނެ ސަބަބަކީ ޖިންސީ އެދުމަށް އޮތް ޝައުގުވެރިކަން ނެތިގެންދިއުން ނުވަތަ ރަނގަޅަށް ދެމަފިރިން މުއާމަލާތްނުކުރުމެވެ. ދެމަފިރިންގެ ދެމެދުގައި ހުޅުވާލެވިފައިވާ ގޮތަކަށް މުއާމަލާތްކޮށް، އެކަކު އަނެކަކުގެ ޖިސްމާނީ އެދުންތައް ފުއްދައިދިނުމަށް ދެ މީހުންނަށް އެކުގައި މަސައްކަތްކުރެވިދާނެއެވެ.
- ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުނުކޮށް ދިގުލައިގެން ދިއުމަށް ދޫކޮށްލައިފި ނަމަ ދެމަފިރިންގެ ދެމެދުގައި ދުރުކަމެއް އުފެދޭނެއެވެ. މިހެން ދިމާވުމުން ބައިވެރިޔާ ހިތްހަމަޖެހުން ހޯދާނީ އެހެން މީހުންގެ ފަރާތުންނެވެ. ދެމަފިރިންގެ ގުޅުމަށް ބުރޫނާރާ، ހަރުދަނާކޮށް އޮންނާނީ މައްސަލަތައް އަބަދުވެސް އަވަހަށް ހައްލުކުރުމުންނެވެ.
- ވަޒީފާގެ މާހައުލުގައި އުޅޭ މީހުންނާއެކު ޖިސްމާނީ ގޮތުން ގާތް، އަދި ޖަޒުބާތީ ގޮތުން ގުޅުމެއް އުފެދި، ގިނަ ވަގުތު އެކުގައި ހޭދަކުރާ ނަމަ ފާހިޝް ގުޅުންތައް އުފެދޭނެއެވެ. މިހެންވެ، މަސައްކަތުގެ މާހައުލުގައި ޕްރޮފެޝަނަލްކޮށް އުޅުން ބަހައްޓައި، ކޮލީގުންނާ ދެމެދު އިން ކަނޑައަޅަން ޖެހޭނެއެވެ. އަދި ޒަވާޖީ ހަޔާތުގެ ބައިވެރިޔާއާއެކު ހޭދަކުރާ ވަގުތު އިތުރުކުރުމަކީވެސް އެހެން މީހުންގެ ފަރާތުން ނަފުސާނީ އަދި ޖިސްމާނީ ހިތްހަމަޖެހުން ހޯދުމަށް އެނބުރިނުގަންނާނެ ސަބަބެކެވެ.
މި ފަދަ ކަންތައްތަކާމެދު ވިސްނައިލައިގެން އުޅުމުން ތިބާ ބޭވަފާތެރިކަމަށް ހުށަހެޅޭ މަގަކާ ދިމާއަށް މިސްރާބުޖަހާ މީހަކަށް ނުވާނެއެވެ. ބޭނުންވަނީ ދެމަފިރިންނަކީވެސް އެކަކު އަނެކަކަށްޓަކައި ގުރުބާންވާ، އިހުލާސްތެރި، ތެދުވެރި، އަދި އިހުތިރާމްކުރާ ބައިވެރިންނަށްވުމެވެ.
ނޯޓު: ތަރުޖަމާއެއް
