Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަދުގެ މާއްދިއްޔަތުން ހިތްހަމަޖެހުން ލިބޭބާ؟

މީގެ 2،400 އެއްހާ އަހަރު ކުރިން ގްރީސްގައި އުޅުނު ފައިލަސޫފު އެރިސްޓޮކްލްސް ނުވަތަ އާއްމު ނަމުން ނަމަ ޕްލެޓޯގެ ގާތުގައި ދެ ސުވާލެއް ކުރެވުނެވެ.

ފުރަތަމަ ސުވާލަކީ މިއެވެ: "ތިބާ އެންމެ ހައިރާންކޮށްލާ އިންސާނުންގެ އަމަލުތަކަކީ ކޮބައި ހެއްޔެވެ؟"

ޖަވާބުގައި ޕްލެޓޯ ބުންޏެވެ:

"އެ މީހުންގެ ކުޑައިރު ދެކެ އެ މީހުން ފޫހިވެއެވެ. އަވަހަށް ބޮޑުވާން ބޭނުންވެއެވެ. އެކަމަކު ބޮޑުވުމަށް ފަހު އުޅެނީ ކުޑައިރުގެ ދިރިއުޅުން ގެއްލުމުން އެ ކަމާ ހެދި ދެރަވެގެންނެވެ.

ފައިސާ ހޯދުމަށްޓަކައި އެ މީހުންގެ ސިއްހަތު ގުރުބާންކޮށްލައެވެ. އެކަމަކު އެ ސިއްހަތު އަލުން ހޯދައިގަތުމަށް ފައިސާ ހަރަދުކުރެއެވެ.

މާދަމާގެ ފިކުރުތަކާހުރެ އަދުގެ ކަންތައްތައް ހަނދާންނައްތައިލައެވެ. އެންމެ ފަހުން ވާ ގޮތަކީ އެ މީހުންނަކަށް މިއަދުގެ އަދި މާދަމާގެ ފޮނިކަމެއްވެސް ނުލިބެއެވެ.

އެ މީހުން ދިރިއުޅެނީ ދުވަހަކުވެސް މަރުނުވާނެ ކަހަލަ ހިޔާލެއްގައެވެ. އެކަމަކު އެ މީހުން މަރުވެގެންދަނީ ދުވަހަކުވެސް ދިރިނޫޅުނު ފަދައިންނެވެ."

ޕްލެޓޯއާ ކުރެވުނު ދެވަނަ ސުވާލަކީ މިއެވެ: "ތިޔަ ބުނި ކަންތައްތަކަށް އޮތް ހައްލަކީ ކޮބައިހެއްޔެވެ؟"

އޭނާ ޖަވާބު ދިނެވެ:

"އެހެން މީހުންގެ ރުހުން ހޯދަން ނޫޅޭށެވެ. އެހެން މީހުން ތިބާ ދެކެ ލޯބިވާން ތިބާގެ ނަފުސު ދޫކޮށްލާށެވެ.

އަދި ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ގިނަ އެއްޗެހިތަކެއް އަތުގައި ހުރުމެއް ނޫނެވެ. ނަމަވެސް ވީހާވެސް މަދު އެއްޗެއްސަށް ބޭނުންވުމެވެ."

ޕްލެޓޯ ލިޔުނު ފޮތް "ޑައެލޮގްސް"އިން އެނގޭ ގޮތުގައި އަދުގެ ތަހުޒީބުވެފައިވާ ދުނިޔޭގައި އިންސާނުންނަށް ކުރިމަތިވެފައިވާ ނަފުސާނީ މައްސަލަތަކަކީ މީގެ ދެ ސާސްކަފު ކުރިން ޕްލެޓޯ އުޅުނު މުޖުތަމައުގައިވެސް ކުރިމަތިވެފައިވާ ކަންތައްތައްކަމެވެ. އެހެންކަމުން ސުވާލަކީ މިއެވެ: "ވޭތުވެދިޔަ 2،000 އެއްހާ އަހަރުގެ ތެރޭގައި އަހަރެމެންނަށް ނަފުސާނީ ގޮތުން ތަރައްގީއެއް ލިބިފައިވޭ ހެއްޔެވެ؟"

ވޭތުވެދިޔަ 400 އަހަރުގެ ތެރޭގައި އުމްރާނީ ގޮތުން އިންސާނުން އިންގިލާބީ މިންވަރަކަށް ތަރައްގީވެފައިވެއެވެ. ނަމަވެސް ނަފުސާނީ ގޮތުން ތަރައްގީވެފައިވާކަމަކަށް ބުނެވޭކަށް ނެތެވެ.

ޕްލެޓޯގެ ފަލްސަފާއިން ދޭހަވާ ގޮތުގައި މިހާރުގެ އިންސާނުންނަށްވެސް ކުރިމަތިވެގެން މި އުޅެނީ މާއްދިއްޔަތުން ހިތްހަމަޖެހުން ލިބޭތޯ ކުރެވޭ ސުވާލެވެ. މި ކަމާ ގުޅޭ ގޮތުން ފިލާވަޅެއް ތަޖުރިބާކުރަން ދާދި އަވަހަށް އަހަރެމެންނަށް ޖެހިދާނެއެވެ.