Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ގާނޫނީ ވަކީލާއި ކުރެހުންތެރިޔާ

އެއް ސަހަރެއްގައި ގާނޫނީ ވަކީލަކާއި ކެރުހުންތެރިޔެއެއް އުޅުނެވެ. އެ ދެ މީހުންނަކީ އަވަށްޓެރިންނެވެ. އެތައް އަހަރެއް ވަންދެން އުޅުނީ އެއް އަވަށެއްގައެވެ. އެ ދެ މީހުންނަކީ ގާތް ރަހްމަތްތެރިންކަމަށް ނުވިޔަސް ދެ މީހުން ދެ މީހުންނާ ކޮންމެ ދުވަހަކު ބައްދަލުވެއެވެ. އަދި ސަލާންގަލާންކުރެއެވެ.

އެއް ދުވަހަކު ގާނޫނީ ވަކީލު، ކުރެހުންތެރިޔާއަށް ޒިޔާރަތްކުރިއެވެ. އަދި ބުންޏެވެ: "އަޑުއަހާށެވެ. އަހަރެން ވަކާލާތުކޮށްދޭ މީހަކު ތިބާއާ ބެހޭ ގޮތުން ވަރަށް ނުބައި ވާހަކަތަކެއް ދައްކައިފިއެވެ. އޭނާ ބުނީ ތިބާއަކީ އެއްގޮތަކަށް ވެސް ކަމުދާ ކުރެހުންތެރިއެއް ނޫންކަމަށެވެ. ތިބާގެ ގިނަ ކުރެހުންތައްވެސް ސަކަރާތްކަމަށެވެ. ތިބާގެ ކުރެހުމެއް ގަންނަ ކޮންމެ މީހަކީ މޮޔައެއްކަމަށް އޭނާ ބުންޏެވެ. ތިބާގެ ގާތުގައި އަހަރެން ބުނަން ލަދުގަންނަ ޒާތުގެ އެއްޗެހިވެސް އޭނާ ތިބާއަށް އަމާޒުކޮށް ކިޔެވެ. އޭނާއަކީ ތިބާގެ ދުޝްމަނެކެވެ!"

ކުރެހުންތެރިޔާ ފުން ނޭވާއެއްލިއެވެ. އަދި ބުންޏެވެ: "އާނއެކެވެ. އޭނާއަކީ އަހަރެންގެ ދުޝްމަނެކެވެ! އޭނާއަކީ ހަގީގަތުގައި ވެސް އަހަރެންގެ ދުޝްމަނެކެވެ!"

ޖެހިގެން އައި ދުވަހު ގާނޫނީ ވަކީލު އަނެއްކާވެސް ކުރެހުންތެރިޔާގެ ގާތަށް ޒިޔާރަތްކުރިއެވެ. އަދި ބުންޏެވެ: "އަޑުއަހާށެވެ. ރެސްޓޯރަންޓަކުން އަހަރެންނާ މީހަކު ދިމާވިއެވެ. ތިބާއާ ބެހޭ ގޮތުން އިހާނެތި ވާހަކަތަކެއް އޭނާ އަހަރެންގެ ގާތުގައި ދެއްކިއެވެ. އޭނާ ބުނީ ތިބާއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްކަމަށެވެ. މަސްތުވާތަކެއްޗަށް ވަރުގަދައަށް ދެވިހިފައިފައިވާ މީހެއްކަމަށެވެ. އަދި ބަނގުރާވެސް ހެސްކިޔައިފައި ބޯ މީހެއްކަމަށެވެ. އޭނާ ބުނީ ތިބާއަކީ ކުރިން ހަތިޔާރު ހިފައިގެން ވައްކަންކުރަން އުޅުނު މީހެއްކަމަށެވެ. އަދި ކުރިން ކާރުވެސް ވަގަށް ނަގައި އުޅުނު މީހެއްކަމަށެވެ. އޭނާ މި ވާހަކަތައް ބުނީ ހަމައެކަނި އަހަރެންގެ ގާތުގައެއް ނޫނެވެ. ނަމަވެސް ރެސްޓޯރަންޓްގައި ތިބި އެންމެންގެ ގާތުގައެވެ. އޭނާއަކީ ވެސް ތިބާގެ ދުޝްމަނެކެވެ! ތިބާގެ ދެ ދުޝްމަނުން އެބަތިއްބެވެ!"

ކުރެހުންތެރިޔާ ފުން ނޭވާއެއްލިއެވެ. އަދި ބުންޏެވެ: "އާނއެކެވެ. އޭނާއަކީ އަހަރެންގެ ދުޝްމަނެކެވެ! އަހަރެންގެ ދެ ދުޝްމަނުން އެބަތިއްބެވެ!"

ތިންވަނަ ދުވަހު ގާނޫނީ ވަކީލު އަނެއްކާވެސް ކުރެހުންތެރިޔާގެ ގާތަށް ޒިޔާރަތްކުރިއެވެ. އަދި ބުންޏެވެ: "އަޑުއަހާށެވެ، އަހަރެމެންގެ އަވަށުން މީހަކު އަހަރެން ހުއްޓުވިއެވެ. އަދި ތިބާއާ ބެހޭ ގޮތުން ވަރަށް ސަކަރާތް ވާހަކަތަކެއްދެއްކިއެވެ. އޭނާ ބުނީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެއް ތިބާގައި ހުރިކަމަށެވެ. ތިބާއާ ކައިރިވާ ކޮންމެ މީހަކަށް އެ ބަލިޖެހޭނެކަމަށެވެ. އޭނާ އެންމެންގެ ގާތުގައި ބުނަމުންދަނީ ތިބާއާ ދުރުގައި ހުރުމަށެވެ. އޭނާއަކީ ވެސް ތިބާގެ ދުޝްމަނެކެވެ! ތިބާގެ ތިން ދުޝްމަނުން އެބަތިއްބެވެ!"

މި ފަހަރު ކުރެހުންތެރިޔާ ބޯހޫރައިލިއެވެ. އަދި ބުންޏެވެ: "ނޫނެކެވެ. މި ފަހަރު ތިބާ ތިޔަ ބުނީ ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ހަތަރު ދުޝްމަނުން އެބަތިއްބެވެ!"

ކުރެހުންތެރިޔާ އެ ބުނި ބަހަށް ގާނޫނީ ވަކީލު ދެކޮޅުހެދިއެވެ. އަދި ބުންޏެވެ: "ނޫނެކެވެ. ތިބާގެ ހުރީ ތިން ދުޝްމަނުންނެވެ!"

ކުރެހުންތެރިޔާ ދެން ހިނިތުންވެލިއެވެ. އަދި ގާނޫނީ ވަކީލުގެ ކަންފަތްބުޑުގައި މަޑުމަޑުން ބުނެލިއެވެ: "ނޫނެކެވެ. އަހަރެންގެ ހުރީ ހަތަރު ދުޝްމަނުންނެވެ! އޭގެ ތެރޭގައި ތިބާ ހިމަނަން ތިބާ ހަނދާންނެތުނީއެވެ. އަޑުއަހާށެވެ، އެ މީހުން އަހަރެންގެ އަބުރު ކަތިލިއިރު އަހަރެންގެ ރީތި ނަން ދިފާއުކުރަން ތިބާ އެއްވެސް މަސައްކަތެއް ނުކުރަމުއެވެ. ތިބާ ހަމައެކަނި ކުރިހާވެސް ކަމަކީ އަވަސްއަވަހަށް އަހަރެންގެ ގާތަށް އައިސް ހަމައެކަނި އަހަރެންގެ ގާތުގައި އެ ވާހަކަދެއްކުމެވެ. މީގެ މާނައަކީ ތިބާއަކީވެސް އަހަރެންގެ ދުޝްމަނެއްކަމެވެ. ހަގީގަތުގައި، ތިބާއަކީ އަހަރެންގެ އެންމެ ބޮޑު ދުޝްމަނެވެ!"

ގާނޫނީ ވަކީލަށް ލިބުނީ ސިހުމެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓުންއެރިއެވެ. އޭނާ ކުރެހުންތެރިޔާގެ ގެއިން ނުކުމެގެންދިޔައެވެ. ލަދުގަތްފައިވާ ކުޑަކުއްޖެއްހެން އިސްދަށަށްޖަހައިގެންނެވެ.

މި ކުރު ވާހަކައިން ލިބޭ އިބުރަތާއި ފިލާވަޅަކީ މިއެވެ: ތިބާގެ ދުޝްމަނުންގެ އަދަދު ގުނާއިރު، ތިބާގެ ޝަހުސު ކަތިލާ މީހުންގެ ކުރިމަތީގައި ތިބާގެ ރީތި ނަން ދިފާއުކުރަން މަސައްކަތް ނުކުރާ މީހާ ވެސް ތިބާގެ ދުޝްމަނުންގެ ތެރޭގައި ހިމަނަން ހަނދާން ނައްތައިނުލައިށެވެ. ތިބާއަކީ ރަނގަޅު މީހެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެހެން މީހުން ތިބާގެ ނުބައި ވާހަކަދައްކާ އަޑު އިވޭއިރު އޭނާ އެ ހަނުހުންނަނީއެވެ. އޭނާއަކީ ވެސް ތިބާގެ ދުޝްމަނެކެވެ! ތިބާ ވިސްނުންތެރިވާށެވެ. އަދި ފަރުވާތެރިވެސްވާށެވެ!

ނޯޓު: ތަރުޖަމާއެއް