ތިބާގެ ބައިވެރިޔާއަށް ލޯތްބާއި ސަމާލުކަން ދިނުމުން ތިބާގެ އުދާސްތައް ފިލައިގޮސް، ސިކުނޑިއަށް ލުއިކަމެއް އިހުސާސްކުރެވޭނެއެވެ. ތިބާ ދޭ އެއްޗަކީ ތިބާއަށް އަނބުރާ ލިބޭނެ އެއްޗެކެވެ. ތިބާގެ ބައިވެރިޔާ އުފާކޮށްދިނުމަކީ ފަސޭހަކަމެކެވެ. ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ. މި ބަލައިލަނީ ތިބާގެ ބައިވެރިޔާއަށް އުފާވެރިކަން ގެނެސްދެވިދާނެ ހަ ކަމަކަށެވެ.
- ބައިވެރިޔާ އުފާކޮށްދޭން ހަރަދު ބޮޑު ޑޭޓަކަށް ދާކަށް ނުޖެހެއެވެ. ގޭގައި އޭނާގެ އެކުވެރިއެއްހެން އޭނާއާއެކު އުޅެލުމުން ވެސް ރަނގަޅު ނަތީޖާ ފެންނާނެއެވެ. ދެމަފިރިން ކާން ތިބޭއިރު އެކަކު އަނެކަކާ ވާހަކަދައްކާށެވެ. އެކުގައި ޓީވީ ބަލާށެވެ. ބޭނުމަކީ އެކަކު އަނެކަކަށް ވަގުތު ދޭކަން އިހުސާސްކޮށްދިނުމެވެ.
- ކޮންމެ ދުވަހަކު ސަޕްރައިޒެއް ނުދެވިދާނެއެވެ. ނަމަވެސް ކުދިކުދި ކަންތައްތައް ކޮށްލުމުން ވެސް ފުދޭނެއެވެ. މިސާލަކަށް، ބައިވެރިޔާއަށް ކޮފީ ތަށްޓެއް ހަދައިލަދޭށެވެ. އޭނާއަށް އެންމެ މީރު ކެއުން ގެނެސްދޭށެވެ. ނުވަތަ ނުވިސްނާ ހުއްޓާ ގައިގައި ބައްދާލާށެވެ. މިއީ ކުދިކުދި ކަންތައްތަކެވެ. ނަމަވެސް ނަތީޖާ ބޮޑުވާނެއެވެ.
- ބައިވެރިޔާއަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ވާހަކަ އޭނާ ތިބާއަށް ކިޔައިދޭއިރު އެނގުން މުހިންމީ އޭނާ އެ އުޅެނީ ވަގުތުން ވަގުތަށް ހައްލެއް ހޯދުމަށް ނޫންކަމެވެ. އޭނާ ހަމައެކަނި އެދެނީ އޭނާ ދައްކާ ވާހަކަ ތިބާ އަޑުއަހައިލުމެވެ. ބައެއް ފަހަރަށް ތިބާގެ ބައިވެރިޔާ އެ ބޭނުންވަނީ އޭނާ ދައްކާ ވާހަކަ އަޑުއަހައިލާނެ މީހެކެވެ.
- ޝުކުރުވެރިވާށެވެ. އަދި ތައުރީފުކުރާށެވެ. ކޮންމެހެން ޅެމެއް ހަދާކަށްނުޖެހެއެވެ. "ތިބާއަކީ އާދަޔާ ހިލާފު މީހެއް" ނުވަތަ "ތިބާ ކޮށްދޭ ހުރިހާ ކަމަކަށް އަހަރެން ޝުކުރުވެރިވަން" މި ފަދަ ސާދާ އިބާރާތްތަކެއް ފާޅުކޮށްލުމުން ވެސް ބައިވެރިޔާގެ މޫނުމައްޗަށް ހިނިތުންވުން އަންނާނެއެވެ. ބައިވެރިޔާ އެ ކޮށްދޭ ކަންތައްތައް ބަލައިގަތުމުން އޭނާ އުފާވާނެއެވެ. ހާއްސަކޮށް ގޭތެރޭގައި ނުވަތަ ވަޒީފާގައި އުޅޭ ބުރަ ގޮތަށް ތައުރީފާއި ޝުކުރު އަދާކުރުމުންނެވެ.
- ތިބާގެ ހިތްހަމަޖެހުމާއި ނަފުސުގެ ތަރައްގީއަށް ވެސް މަސައްކަތްކުރާށެވެ. ތިބާ ހިތްހަމަޖެހުމުން އޭނާ އަދި ތިބާއަށްވުރެ ބޮޑަށް ހިތްހަމަޖެހޭނެއެވެ. އެހެންކަމުން ހަމަޖެހިލައި ތިބާ އުފާވާ ކަންތައްތައް ކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
- ވިސްނުންތެރިކަމާއެކު ކަންތައްތައްކުރާށެވެ. އެނިވާސަރީތައް ހަނދާންކުރުން ކަހަލަ އާދައިގެ ކަންތައްތަކުން ވެސް ބައިވެރިޔާ އުފާވާނެއެވެ. އެ ވަރުން ވެސް އޭނާއަށް ފުދޭނެއެވެ. ސީދާސާދާ ކަންތައްތަކާމެދު ތިބާ ވިސްނާކަން އޭނާއަށް އެނގުމުން އޭނާއަކީ ތިބާއަށް މުހިންމު މީހެއްކަން އޭނާއަށް އިހުސާސްކުރެވޭނެއެވެ.
މި ހަ ކަންތަކުން އެނގޭ ގޮތުގައި ބައިވެރިޔާ އުފާކުރަން މާބޮޑެތި ކަންތައްތަކެއް ކުރާކަށް ނުޖެހެއެވެ. ބައެއް ފަހަރު ކުޑަކުޑަ ކަމަކުން އަދި އަމަލުތައް ވަކި އުސޫލަކަށް ދެމެހެއްޓުމުން ވެސް ފުދެއެވެ. އޭނާއަކީ ތިބާއަށް މުހިންމު މީހެއްކަން އޭނާއަށް ވިސްނައިދޭށެވެ. މި ގޮތަށް އަމަލުކުރުމުން ތިބާ ތިޔަ ހޯދާ ލޯބި އޭނާގެ ފަރާތުން ލިބޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
