Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޓިބެޓް މަތިން މަތިންދާބޯޓު ދަތުރުނުކުރަނީ ކީއްވެ؟

ފަރުބަދަ މަތިން އުދުހުމުގައި އޭގެ ޒާތުގައި މައްސަލަތަކެއް ކުރިމަތިވެއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ހުންނަ ހިމާލިޔާ ސަރަހައްދުގައިވާ ޓިބެޓުގެ މަތިން މަތިންދާބޯޓުފަހަރު ދަތުރުނުކުރަނީ ސަބަބެއް އޮތީމައެވެ.

ދުނިޔޭގައި މަތިންދާބޯޓު ދަތުރުކުރާ މަގުތަކަށް ބަލައިލުމުން ފާހަގަކުރެވޭނީ ޗައިނާއިން ހިފައިފައިވާ ޓިބެޓްގެ މަތިން ވަރަށް މަދު މަތިންދާބޯޓެއް ނޫނީ ދަތުރުނުކުރާކަމެވެ. ނަމަވެސް މިއީ ސިޔާސީ ސަބަބަކާ ހުރެއެއް ނޫނެވެ.

އެވަރެސްޓްގެ އެއް ފަޅި އޮންނަނީ ނޭޕާލުގައެވެ. އަނެއް ފަޅި ޓިބެޓުގައެވެ. ނަމަވެސް ނޭޕާލަށްވުރެ ޓިބެޓު ފަޅިން އެވަރެސްޓަށް އަރަން އުނދަގުލެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ 29،000 ފޫޓު އުސް އެވަރެސްޓް ޓިބެޓް ފަޅިން ފެންނަ ގޮތް

އެވަރެސްޓުގެ އުސްމިނަކީ 29،000 ފޫޓެވެ.

ޓިބެޓްގެ "ޓެރެއިން" ނުވަތަ ބިމުގެ ސިފަ ނުވަތަ ބިމުގެ ވައްތަރަށް ބަލާއިރު ބިމުގެ އުސްމިނަކީ އެހެން ގައުމުތަކަށްވުރެ އުހުގައިވާ ބިމެކެވެ. އަދި ގިނަ އަދަދަކަށް ފަރުބަދަވެއެވެ.

މީގެ އިތުރުން ޓިބެޓްގައި "ޕްލެޓޯ" ނުވަތަ ހަމަހަމަކޮށް އޮންނަ ބޮޑެތި ބިންގަނޑުތަކަކީ ވެސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އުސް ތަންތަނެވެ.

ވިޔަފާރި އުސޫލުންކުރާ ދަތުރު ނުވަތަ "ކޮމާޝަލް" މަތިންދާބޯޓުތަކުގެ ފްލައިޓްތަކަށް ދަތުރުކުރެވޭ އެންމެ އުސް މިނަކީ 42،000 ފޫޓެވެ. މިހެންވެ ޓިބެޓް މަތިން ދަތުރު ނުކުރެވެންވީ ސަބަބެއް ނެތެވެ.

ހަގީގަތުގައި މަތިންދާބޯޓުފަހަރު ޓިބެޓް މަތިން ދަތުރުނުކުރަނީ ހިމާލިޔާ ފަރުބަދަތަކުގެ ސަބަބުން އުފެދޭ "ޓާބިއުލަންސް" ނުވަތަ ވައިގެ ހަލަބޮލިކަމާހުރެއެވެ.

"އެންމެ އާދައިގެ ގޮތަކަށް ވިސްނައިލުމުން، ޓާބިއުލަންސަކީ ވައި ހަލަބޮލިވުން. ރާޅާއި އޮއިވަރު ހުންނަ ގޮތުން ކަނޑުގައި ވެސް އުފެދޭ ހަލަބޮލިކަން ހުންނަ ގޮތަށް. މިސާލަކަށް، ތޮށިގަނޑެއް ކަހަލަ ހުރަހެއްވާ ނަމަ ރާޅު ވެގެންދާނީ ހަލަބޮލި އެއްޗަކަށް،" އިނގިރޭސި ވިލާތުގެ ސެންޓްރަލް ލެންކަޝިއާ ޔުނިވާސިޓީގެ ސްޕޭސް އެންޑް އޭރޯސްޕޭސް އިންޖިނިއަރިންގެ އިލްމްވެރިޔާ ޑެރަން އެންސަލް ބުންޏެވެ.

މި މިސާލު ތަފުސީލުކޮށްދެމުން ޑެރަން ބުނީ ފަރުބަދަ ކަހަލަ ގުދުރަތީ ހުރަހެއް، ނުވަތަ އިންސާނުން ބިނާކޮށްފައިވާ ހުރަހަކާ ކުރިމަތިވުމުން ވެސް ވައި ހަލަބޮލިވާނެކަމަށެވެ. މީގެ ސަބަބުން އެ ހުރަހުގެ މަތީގައާއި ވަށައިގެންވާ ވައި ހަލަބޮލިވާނެއެވެ.

"މިހެންވެ ފަރުބަދަތަކެއް ހުންނަ ހިސާބެއްގައި، ނުވަތަ ފަރުބަދަތަކެއް ހުންނަ ޓެރެއިންއަކުން މަތިންދާބޯޓު ނައްޓައިލައި އަދި ޖައްސާއިރު، ޓާބިއުލަންސް ނުވަތަ ވައިގެ ހަލަބޮލިކަމުގައި ލައިގަންނާނެ،" އޭނާ ބުންޏެވެ.

ޓިބެޓް މަތިން އުދުހުމަކީ ކުރެވޭނެ ކަމެއް ކަމަށް ވިޔަސް އެ ފަދަ ދަތުރެއް ވާނީ ހަލަބޮލި ދަތުރަކަށެވެ.

އަނެއް މައްސަލައަކީ ޓިބެޓްގެ ކައިރިން އުދުހޭ މަތިންދާބޯޓު ދަތުރުކުރަނީ 16،400 ފޫޓު މަތިން ކަމަށް ވިޔަސް މަތިންދާބޯޓުގެ އެތެރެ "ޑިޕްރެޝަރައިޒް"ވެދާނެތީއެވެ. މިއީ މަދުން ނޫނީ ދިމާނުވާނެ ކަމެކެވެ. އެ ގޮތުން މަތިންދާބޯޓުގެ "ކެބިން"ގެ ވައިގެ ޕްރެޝަރު ދަށްވެއްޖެ ނަމަ، ނޭވާ ލެވޭނެ ހިސާބު ކަމަށްވާ 10،000 ފޫޓަށް މަތިންދާބޯޓު ތިރިކުރަން ޖެހިދާނެއެވެ. ނަމަވެސް ހިމާލިޔާ ފަރުބަދަތައް މަތިން މި ކަހަލަ ހާލަތެއް ދިމާވެއްޖެ ނަމަ މި އުސްމިނުގައި ވެސް ވުން އެންމެ ގާތް ގޮތަކީ މަތިންދާބޯޓު ފަރުބަދައަކަށް އުރުމެވެ.

އެހެންކަމުން ޓިބެޓު ކައިރީގައި އެމަޖެންސީކޮށް ނުވަތަ ކުއްލި ހާލަތުގައި ޖެއްސޭނެ މާ ގިނަ ފުރުސަތުތަކެއް ނެތުމުން، ޓިބެޓް ސަރަހައްދުގައި އޮންނަ އެއާޕޯޓްތަކަށް ޖައްސާ މަތިންދާބޯޓުތައް ފިޔަވާ އެހެން މަތިންދާބޯޓުފަހަރު ޓިބެޓް މަތިން ދަތުރެއް ނުކުރެއެވެ.