ތީނި (އިނގިރޭސި ބަހުން "ފިގް") ގަހަކީ ގުދުރަތީ އަޖައިބެކެވެ. ތީނިއަކީ ކެވޭ އެއްޗެކެވެ. އޭގެ ފަތުން ސައި ބޮވެއެވެ. އޭގެ އޮށުން ތެޔޮ ހާނައެވެ. އޭގެ ކިރު ބޮވެއެވެ. އަދި އެ ކިރުން ޗީޒު ހެދެއެވެ. މި ބަލައިލަނީ ތީނި ގަހުގެ ކިރުން ލިބޭ ފައިދާތަކަށެވެ.
ތީނީގެ ކިރަކީ ކޮބާ؟
މިއީ ބަނބުކެޔޮ ގަހެއްގައި ކަތިވަޅި އެޅުމުން އޭގެން ނުކުންނަ ކިރު ގޮތަށް ހުންނަ ކިރެކެވެ. ގަސްގަހުން ނުކުންނަ މި ފަދަ ކިރަށް އިނގިރޭސި ބަހުން ކިޔަނީ "ސެޕް"އެވެ.
ތީނި ގަހުގެ ކޮންމެ އެއްޗަކުން ވެސް ކިރު ލިބޭނެއެވެ. މޭވާ، ފަތް އަދި ގޮފިތަކުން ވެސްމެއެވެ. ރަހައިގައި ހުންނާނީ ކުޑަ ހިތިކަމަކާއެކު ފޮނިކަމެކެވެ. އޭގައި ހުންނަ މާއްދާތަކަކީ ޕްރޮޓީން، އެންޒައިމް، ލެޓެކްސް އަދި ބެކްޓީރިއާ މަރައިލައި އެއްޗެއްސެވެ.

ތީނީގެ ކިރުގެ ބޭނުންތަކަކީ ކޮބާ؟
ސަގާފީ މައުލޫމާތުންނާއި ސައިންސްގެ އަލީގައި ފާހަގަކުރެވިފައިވާ ގޮތުން ތީނީގެ ކިރުގައި ފައިދާތަކެއްވެއެވެ.
- ކެލްސިއަމް އާއި ވިޓަމިން ޑީ ލިބުމުން މީހާގެ ކަށިތައް ވަރުގަދަވެ، ކަށީގައި އާ ސެލްތައް އުފައްދައިދެއެވެ.
- ހަމުގައި ނަގާ ކުޑަދޮޅު ("ވޯޓް")ގައި ތީނީގެ ކިރު އުނގުޅުމުން ރަނގަޅުވާކަމަށް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ.
- މޫނުގައި ނަގާ ގޮށް ނުވަތަ ފާރު ("އެކްނީ") ފަދަ ބެކްޓީރިއާ އާއި ފަންގަހުން ޖެހޭ މައްސަލަތައް ތީނީގެ ކިރުން ރަނގަޅުކޮށްދެއެވެ.
- "ރިންގްވޯމް" މައްސަލަ ވެސް ހައްލުކޮށްދެއެވެ. މިއީ ގައިގައި ޖެހޭ ފަންގަސްގެ ސަބަބުން ވާ ބައްޔެކެވެ. މިބަލީގެ ސަބަބުން ގައިގައި ވަށްކޮށް ރަތްވެ، ފިއްސާ، ދިރުވާ ތަންތަން ފެނެއެވެ. މިބަލި ގިނައިން ޖެހެނީ ބޯ، މޫނު، ކަރު، އަތް އަދި ފައިގައެވެ. މިއީ ފަސޭހައިން ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. ރިންގްވޯމް ފަރުވާ ކުރުމަށް ބޭނުންކުރަނީ އެންޓި-ފަންގަލް ބޭސްތަކެވެ. މިބަލިން ރައްކާތެރިވުމަށް އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަލި ޖެހިފައިވާ މީހުންނާއި ޖަނަވާރުންނާ ގުޅުން ބޭއްވުމުން ދުރުހެލިވުން މުހިންމެވެ.
- ތީނީގެ ކިރަކީ ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދޭ އެއްޗެކެވެ. ނަމަވެސް މިއީ ހަންގަނޑު ކަހާ އެއްޗަކަށްވާތީ ސީދާ ހަމުގައި ނުއެއް އުނގުޅޭނެއެވެ. އެހެންކަމުން ކުރަންޖެހޭނެ ކަމަކީ ތީނީގެ ކިރުން އުފައްދައިފައިވާ "މޮއިސްޗަރައިޒާ" ބޭނުންކުރުމެވެ.
- ތީނީގެ ކިރުން އުފައްދާ ޗީޒުގައި ފައިބަރާއި ވިޓަމިން ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ޕްރޮޓީން ވެސް ހުރެއެވެ.
ތީނީގެ ކިރަކީ ގިނަ ފަހަރަށް ބޭނުންނުކޮށް ދޫކޮށްލެވޭ އެއްޗެކެވެ. ނަމަވެސް އެއީ ކެއުމުގަ އާއި ސިއްހީ ދުޅަހެޔޮކަމަށް މުހިންމު އެއްޗެކެވެ.
