ފިރިމީހާ އާއްމު ގޮތެއްގައި ރަނގަޅަށް ކަންތައްތައްކުރިޔަސް އޭނާއަކީ އިންސާނަކަށްވާތީ އޭނާއަށް ވެސް ގޯސް ހެދޭނެއެވެ. ނަމަވެސް މިއީ އޭނާގެ ނަފުސު ދަށްކޮށްލައި، އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލެވޭ ކަހަލަ ގޮތަކަށް އޭނާ އިސްލާހުކުރަން ލިބޭ ފުރުސަތެއް ކަމަށް ނުބަލާށެވެ.
ބިނާކުރަނިވި ގޮތަކަށް، އިހުތިރާމާއެކު، ލޯތްބާއި ވަގުތުގެ ހާލަތާއި އޭނާއަށް ތަރުހީބު ދެވޭ މަގަކުން އޭނާ އިސްލާހުކުރެވިދާނެއެވެ. އެ ގޮތުން މި ފާހަގަކޮށްލަނީ އޭނާގެ އަގުވައްޓާނުލައި އޭނާ އިސްލާހުކުރެވިދާނެ 14 ގޮތަކަށެވެ:
- ތިބާގެ އަޑުމަޑުކުރާށެވެ. މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާށެވެ. އޭނާއާ ދިމާއަށް ހަޅޭއްނުލަވައިށެވެ. އޭނާއާމެދު ކުޑަކުއްޖަކާ ދޭތެރޭ ކަންތައްކުރާ ގޮތަށް އޭނާއާމެދު އަމަލުނުކުރާށެވެ. އޭނާއަކީ ތިބާގެ ދަރިއެއް ނޫނެވެ. ބައެއް ފަހަރަށް އޭނާ ކުޑަކުއްޖެއްހެން އުޅުނަސް އޭނާއާ މަޑުމައިތިރިކޮށް މުހާތަބުކުރާށެވެ.
- ލޯތްބާއެކު މުއާމަލާތްކުރާށެވެ. އޭނާގެ ކުށްތައް އިސްލާހުކުރެވޭނީ އޭނާގެ ވިސްނުމާއި ޝަހުސިއްޔަތާއި އަމަލުތައް ހުންނަ ގޮތް ތިބާއަށް ފަހުމްވެގެންނެވެ.
- އާއްމު ތަންތާނގައި އޭނާއަށް ފާޑުނުކިޔާށެވެ. އެ ގޮތުން އޭނާގެ އާއިލާ އާއި ރަހްމަތްތެރިންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާނުލާށެވެ. އެއީ އޭނާއަށް އިހުތިރާމްނުކުރާކަމުގެ ނިޝާނެކެވެ. އެ ކަމުން ނުކުންނާނެ ނަތީޖާއަކީ އޭނާގެ ނަފުސަށް ނަފުސާނީ ގޮތުން އަނިޔާވުމެވެ.
- އެކުގައި އެއް ހަމައެއްގައި ނިންމުންތައް ނިންމާށެވެ. ތިބާއަކީ އޭނާގެ ވަޒީފާގެ މާހައުލުގައި އޭނާއަށް ގޮތް ކިޔަން ހުންނަ ބޮހެއް ނޫނެވެ. އެހެންކަމުން ދެމަފިރިންނާއި އާއިލާގެ ކަންތައްތައް ރާވައި ނިންމުންތައް ނިންމަން ވާނީ ޓީމެއްގައި އުޅޭހެން ދެ މީހުން އެކަތިގަނޑަކަށް ވެގެން އެއްބަސްކިޔައިގެންނެވެ.
- އޭނާ ހޯދާ ކާމިޔާބީތަކަށް ތައުރީފުކުރާށެވެ. ކިތައްމެ ކުޑަ ކަމެއް ނަމަވެސް ބަލައިގަންނާށެވެ. އެއިރުން އޭނާ ވެސް ހުންނާނީ ރަނގަޅު އަދި "ޕޮޒިޓިވް" މޫޑެއްގައެވެ.
- ދަރިން ކުރިމަތީގައި އޭނާއަށް ފާޑުނުކިޔާށެވެ. އެ ގޮތަށް ކަންތައްކޮށްފި ނަމަ އާއިލާގެ މައްޗަށް ހިނގާ އޭނާގެ ބާރު ނިކަމެތިވާނެއެވެ. އަދި އެ ކަމުން ދަރިންނަށް ދަސްކޮށްދެވޭނީ އެ ކުދިންގެ ބައްޕައަށް އިހުތިރާމް ނުކުރުމަށެވެ.
- ނުދަންނަ މީހުންގެ ކުރިމަތީގައި ވެސް ފިރިމީހާގެ ކުށްތައް ރަނގަޅުކުރަން ނޫޅޭށެވެ. އެ ކަމުގެ ސަބަބުން އޭނާގެ ނަފުސަށް އޭނާކުރާ ލޯބި ގެއްލޭނެއެވެ. އަދި އަނެއްކޮޅުން ތިބާއާ އޭނާއާ ދެމެދު އޮންނަ ގުޅުމާމެދު ވެސް އެހެން މީހުން ދެކޭނީ ނުބައި ގޮތަކަށެވެ.
- ރުޅި އައިސްފައި ހުންނަ ވަގުތު އޭނާ އިސްލާހުކުރުމުގެ ގޮތުން އޭނާއާ ދިމާއަށް އެއްޗެހި ނުބުނާށެވެ. އޭގެ ބަދަލުގައި ތިބާއަށް ހަމަޖެހުން އައިސް، މަޑުމައިތިރި މޫޑެއް އައުމުން ދެން އެ ޖެހުނު މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރަން އޭނާއާ މަޝްވަރާކުރާށެވެ.
- އޭނާއާ އެހެން މީހުންނާ އަޅާނުކިޔާށެވެ. އެ ކަމުގެ ސަބަބުން އޭނާގެ ހިތުގައި ހަސަދަ އުފެދޭނެއެވެ. އޭނާ ހިތްހަމަނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެހެން މީހުންނާ ތަފާތު، އޭނާގެ ހާއްސަ ސިފަތަކަށް ސަމާލުކަން ދޭށެވެ.
- މާޒީއަށް އަލުން ވާސިލުނުވާށެވެ. ވީ ކަމެއް ވީއެވެ. އެއީ މިހާރު ހައްލުކޮށްފައިވާ މައްސަލަތަކެއް ނޫން ހެއްޔެވެ؟ އެހެންކަމުން މިހާރު ސަމާލުކަން ދޭންވާނީ މިހާރު ކުރިމަތިވާ މައްސަލަތަކަށެވެ.
- އޭނާގެ ފިރިހެންވަންތަކަމަށް ހަމަލާނުދޭށެވެ. އެއީ އޭނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ގެއްލުން ދޭނެ ކަމެކެވެ. އޭގެން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެވެ. އެހެންކަމުން އޭގެ ބަދަލުގައި ލޯތްބާއެކު ދެމަފިރިންގެ ގުޅުން ހަރުދަނާކުރަން މަސައްކަތްކުރާށެވެ.
- އޭނާގެ ނަފުސުގެ އަގަށް އިހުތިރާމްކުރާށެވެ. އޭނާއާއެކު ސުލްހަވެރިކަމާއެކު ދިރިއުޅުމަށެވެ. އަދި ދަރިންނަށް ރަނގަޅު މިސާލަކަށްވުމަށްޓަކައެވެ.
- އޭނާ އިސްލާހުކުރުމުގެ ގޮތުން އޭނާއާ ވާހަކަދައްކަންވާނީ އަބަދުވެސް ދެމަފިރިން ހިމޭނުން ހަމަޖެހިލައިގެން ތިބޭ ވަގުތުތަކުގައެވެ. ރަނގަޅަށް މުއާމަލާތްކުރެވޭނީ ވެސް މި ފަދަ މަޑުމައިތިރި ވަގުތުތަކުގައެވެ.
- އޭނާއަށް އެކި ކަންކަމުގައި އެހީތެރިވެދޭށެވެ. ޓީމެއްގައި އުޅޭ ފަދައިން އޭނާއާ ގުޅިގެން މަސައްކަތްކުރާށެވެ. އޭނާއަށް އިހްތިރާމްކުރާށެވެ. އަދި އޭނާކުރާ ކަންތައްތައް ބަލައިގަންނާށެވެ.
މި 14 ކަންތަކުން އެނގޭ ކަމަކީ ޒަވާޖީ ދިރިއުޅުން ކުރިއަށްގެންދިއުމުގައި އިހުތިރާމާއި ލޯތްބާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އިސްލާހުކުރުމުގެ ބޭނުމަކީ ދެމަފިރިންގެ ގުޅުން ހަރުދަނާކުރުމެވެ.
ބާރުވެރިކުރެވިފައިވާ ހަގީގީ އަންހެނުންނަކީ ފިރިހެނުންނަށް އިހުތިރާމްކުރަން އެނގޭ އަންހެނުންނެވެ. ތިބާގެ ގަނޑުވަރުގައި އިހުތިރާމް ލިބިގެންވާ ރަސްކަލަކަށް ފިރިމީހާވުމަށް އެދޭ ނަމަ، ތިބާ ފުރަތަމައިން ވެސް ކުރަންޖެހޭ ކަމަކީ ތިބާގެ ގަނޑުވަރަކީ ހަމަޖެހުން އޮތް ތަނަކަށް އެ ގަނޑުވަރު ހެދުމެވެ.
ނޯޓު: ތަރުޖަމާއެއް
