Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބޭޖައު ބާގައިގެ ވާހަކަ

ބޭޖައު ބާގައަކީ އިންޑޮނޭޝިއާ، ބުރުނާއީ، މެލޭޝިއާ އަދި ފިލިޕީންސްގެ އައްސޭރިފަށުގައި އުޅޭތާ އެތައް ގަރުނެއްވެފައިވާ ވަކި ނަސްލެއްގެ ބައެކެވެ. އިނގިރޭސި ބަހުން އެ މީހުންނަށް "ސީ ޖިޕްސީސް" އަދި "ސީ ނޯމެޑްސް" ކިޔައެވެ. އެ މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކަނޑާ ގުޅިފައިވާތީއެވެ.

ކަނޑުގައި އަޅާފައިވާ ގެތަކުގައި ދިރިއުޅޭތީ ޒަމާނީ ތަހުޒީބާ ދުރުގައި އެ މީހުންނަށް އުޅެވެއެވެ. މިހެންވެ، ބަވަނަވެފައިވާ ދުނިޔޭގައި ވެސް ބޭޖައު ބާގައިގެ މީހުންނަށް އެ މީހުންގެ ތާރީހާއި ސަގާފަތާއި އާދަކާދަ އާއި ތަރިކަ ރައްކާތެރިކުރެވިފައިވެއެވެ.

މި ބަލައިލަނީ އިންޑޮނޭޝިއާގެ ބޭޖައު ގަބީލާގެ ދިރިއުޅުން ހުންނަ ގޮތަށެވެ.

އިންޑޮނޭޝިއާގެ ބޭޖައު މީހުން އުޅެނީ ފަޅުގައި ހަދާފައިވާ ލަކުޑި ގެތަކުގައާއި އޮޑިތަކުގައެވެ. ގިނަ ކަންތައްތައްކުރަނީ އޮޑި މަތީގައެވެ.

ކަނޑަށް ނުކުމެ މަސް ބާނައެވެ. ކެއުމަށާއި އާމްދަނީ ހޯދުމަށް މަސް ބޭނުންކުރެއެވެ.

ކަނޑުމަތި ދަންނަލެއް ބޮޑުކަމުން އެންމެ ގަދަ އޮއިވަރާއި ރާޅުބާނިތަކުގައި ވެސް އެ މީހުން ވަނީ އުޅެން ދަސްކޮށްފައެވެ.

އެކި ކަންތަކަށް ބޭނުންކުރާ އާލާތްތައް ބަހައްޓަނީ ގެތަކާއި އޮޑިތަކުގައެވެ.

ދެރަކަމަކީ ކަނޑުމަތީގައި ދިރިއުޅޭ ބަޔަކަށް ވާތީ އާއި އަމިއްލަ 10 ވަރަކަށް ބަހުރުވަ ގެންގުޅޭތީ އިންޑޮނޭޝިއާގެ އިތުރުން ފިލިޕީންސް، މެލޭޝިއާ، އަދި ބުރުނާއީން ވެސް އެ ގައުމުތަކުގެ ސަރުކާރުތަކުން ބޭޖައު މީހުންނަކީ އެ ގައުމުތަކުގެ ރައްޔިތުންކަމަށް ބަލައިނުގަންނާތީއެވެ. ބައެއް ފަހަރަށް އެއްގަމަށް އެރުމުން އެ ހިސާބެއްގައި އުޅޭ ރައްޔިތުން ބޭޖައު މީހުން ފަހައިލައެވެ.

ބޭޖައު މީހުންގެ ދިރިއުޅުން މަސްވެރިކަމަށް ބިނާވެފައިވާތީ އެ މީހުންނަކީ ފީނުމުގައި ކުޅަދާނަ ބައެކެވެ. މިހެންވެ ދުނިޔޭގެ އެހެން ހިސާބުތަކުގައި އުޅޭ މީހުންނަށްވުރެ ބޭޖައު ނަސްލުގެ މީހުންގެ ނޭވާ ދިގެވެ.

ކޮންމެ ދުވަހަކު ފެތުމުގައާއި ފީނުމުގައި އުޅޭތީ އެ މީހުންނަށް "ކަނޑު މީހުން" ވެސް ކިޔައިއުޅެއެވެ. މި ނަން ހަރުވެފައިވާ އަނެއް ސަބަބަކީ އެ މީހުން އުފަންވެ އަދި މަރު ވަނީ ވެސް ކަނޑުމަތީގައި ކަމަށްވާތީއެވެ. އެ މީހުންގެ ތެރެއިން މަރުވާ މީހުން އެއްގަމުގައި ވަޅުލާން ހުއްދަ ދީފައިވެއެވެ.

އިންޑޮނޭޝިއާގެ ބޭޖައު ގަބީލާގައި ގިނައީ މުސްލިމުންނެވެ. އަންދާޒާ ކުރެވިފައިވަނީ ގާތްގަނޑަކަށް 95 ޕަސެންޓަކީ މުސްލިމުންކަމަށެވެ. އިސްލާމް ދީން އެ މީހުންނާ ހިސާބަށް ފޯރީ މެލޭޝިއާ އަދި ބުރުނާއީއަށް ޒިޔާރަތްކުރި ދަތުރުވެރިންގެ ފަރާތުންނެވެ.

އެއް ތަނެއްގައި މަޑުނުކޮށް، އަބަދު ދަތުރުވަރިއެއްގައި ދިރިއުޅުނަސް، ބޭޖައު މީހުންނަކީ ތަފާތު ބާވަތުގެ "އާޓް"ތައް ގެންގުޅޭ މީހުންނެވެ. އޭގެ ތެރޭގައި ކައިވެނި ހަފުލާތަކުގައި ނަށާ ހާއްސަ ނެށުންތަކާއި ތަފާތު ބާވަތުގެ މިއުޒިކް އާލާތްތައް ވެސް ހުނަރުވެރިކަމާއެކު ކުޅެލައެވެ.

އިންޑޮނޭޝިއާގެ ބޭޖައު މީހުންނަށް ލިޔަންކިޔަން ނޭނގެއެވެ. މިހެންވެ އެ މީހުންނަށް އެ މީހުންގެ އުމުރުވެސް ބަލަހައްޓަން ނޭނގެއެވެ. އަދި އިންޑޮނޭޝިއާ ބަހަށް ވުރެވެސް އެ މީހުން މޮޅީ މެލޭޝިއާ ބަހަށެވެ. މީގެން ދައްކައިދެނީ އިންޑޮނޭޝިއާގެ ބޭޖައު ރައްޔިތުން މެލޭޝިއާގެ ރައްޔިތުންނާ ސަގާފީ ގޮތުން ގާތްކަމެވެ.